12/30/2025
"ވާނުވާ ބަންދު" ގެ މައްސަލަ "ޙައްލު" ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ. ޝަރީޢަތް ނިމެންދެން ބަންދުގައި އަހަރަކަށްވުރެ ގިނަ ދުވަހު ތިބި މީހުންގެ މައްސަލަތައް 2026 މާރިޗު މަހަށް ނިމޭނެކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ. އެއީ، ކޯޓުތަކުން އެވްރެޖްކޮށް މަހަކު 100 މައްސަލަ ނިންމައިގެން ޙާޞިލުކުރެވޭނެ ނަތީޖާއެވެ. އަތޮޅުތަކުގެ ކޯޓުތަކުން ވޭތުވެދިޔަ 2 އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ނިންމުނީ އެވްރެޖްކޮށް 32.5 މައްސަލައެވެ. އެމުއްދަތުގައި މާލޭގެ ކޯޓުތަކަށް ނިންމުނީ އެވްރެޖްކޮށް މަހަކު 24 މައްސަލައެވެ. އަމާޒު އޮތީ، އޭގެ 4 ގުނަ އިތުރަށް 100 އަށް ގެންދިއުމަށެވެ. މިކަމަށް، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބާރެއް އަޅާންޖެހޭނެއެވެ.
12/15/2025
ދާދިފަހުން ކުރެވުނު ހޫނު ބަހުސެކެވެ. ރުޅި އައިސްގެންހުރެ ކުރާ ވަރިއަކީ ވަރިއަކަށް ނުވާނެކަމަށް ފެމިލީ ކޯޓުން ނިންމެވި ނިންމެވުމަކާ ގުޅޭ ބަހުސެކެވެ. މިނިންމުމުގެ ސަބަބުން ނުކުމެދާނެ އިޖުތިމާޢީ، ޤާނޫނީ އަދި އިޤްޠިޞާދީ މައްސަލަތައް މަދެއް ނޫނެވެ. މިމައްސަލަ ޙައްލުކުރުމަށް، އަޅުގަނޑަށް ފެންނަ ގޮތަކީ، ކޯޓުން ބޭރުގައި ކުރާ ވަރިއަކީ ވަރިއެއް ނޫންކަމަށް ޤާނޫނުގައި ކަނޑައެޅުމެވެ. ކާވެންޏެކޭ އެއްގޮތަށް، ވަރި، ވަރިއަކަށްވާނީ ކޯޓުގައި ކުރީމައެވެ. އޭރުން، ވަރީގެ ޤަޟިއްޔާގެ ތެރެއިން، ވަރީގެ ސަބަބުން ތަރުތީބުވާ އިޖުތިމާޢީ، އިޤްޠިޞާދީ މައްސަލަތައް ޙައްލުކުރަން ބާރު އެޅޭނެއެވެ.
12/4/2025
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް، އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ތުހުމަތުކުރެވޭ މައްސަލައަކީ އަޅުގަނޑު ޕްރޮސިކިއުޓަރ ޖެނެރަލް ކަމުގައި ހުރިއިރު ތަޙްޤީޤުކޮށް، ދަޢުވާ އުފުލުނު މައްސަލައެކެވެ. އެމައްސަލައިގެ ޝަރީޢަތުގައި މިހާރު ކުރެވޭ އެއް ސުވާލަކީ ފީފާގެ ފައިސާގެ މައްސަލަ ދިވެހިރާއްޖޭގެ އިދާރާތަކަށް ބެލޭނެތޯ ނުވަތަ ނޫންތޯއެވެ. އެ މައްސަލަ ބަލައިފިއްޔާ ފީފާއިން ރާއްޖެ ސަސްޕެންޑްކުރާނެ ކަމުގެ ވާހަކައެވެ. މިޚަބަރުތައް ކިޔާފައި، މިކަން ޙަޤީޤަތުގައި އޮންނަ ގޮތާބެހޭ ގޮތުން އަޅުގަނޑަށް ފެންނަ އެއްޗެއް ލިޔެލީމެވެ.
12/2/2025
ދާދި ފަހުން ޚަބަރެއްގައި އޮތް ވާހަކައެކެވެ. ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވާ މީހުން 20 އަހަރަށް ޖަލަށް ލެވޭގޮތަށް ސަރުކާރުން، ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީއެވެ. އެއްގަމު އުޅަނދު ނުރައްކާތެރިކޮށް ދުއްވުމަކީ މިހާރުވެސް ޢަމަލުކުރަމުންދާ ޤާނޫނުތަކުން އަދަބު ކަނޑައެޅިފައިވާ ކަމަކަށްވާތީ، ސަރުކާރުން ހުށަހަޅުއްވާ ޙަޤީޤީ ބަދަލަކީ ކޮބައިތޯ ބަލައިލަން އެ ބިލު އަޅުގަނޑު ކިޔައިލީމެވެ. އެ ބިލުގެ ސަބަބުން ވާނީ ރަނގަޅަށްވުރެ ގޯސް ކަމަށް ފެންނާތީ، އެކަންކަން ތާރީޚަށްޓަކައާއި، އެބިލު ހުށަހެޅުއްވި ޢިއްޒަތްތެރި މެމްބަރު މުޙައްމަދު ޝާމިން ޙަބީބުގެ މަޢުލޫމާތަށްޓަކައި ލިޔެލީމެވެ. ކިޔުއްވާނެކަމުގެ އުއްމީދުގައެއް ނޫނެވެ. އަޅުގަނޑުގެ ޒިންމާ އަދާކުރިކަމުގެ ހިތްހަމަޖެހުން ލިބިގަތުމަށްޓަކައެވެ. އެ ބިލު ގޯހީ އެންމެ ގޮތަކުން ނޫނެވެ. އެތަށް ގޮތަކުންނެވެ.
9/29/2025
ދިވެހިރާއްޖެއަކީ މުއްސަނދި، ތަނަވަސް، ވަޞީލަތްތައް ގިނަ ޤައުމެކެވެ. ނަމަވެސް، ކޮރަޕްޝަނަށް ކަނޑާ ބައިގެ ސަބަބުން ފަޤީރުވެފައިވާ، ނިކަމެތި ޤައުމެކެވެ. ކޮރަޕްޝަން ނައްތާލުމާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަކީ ދިވެހި ދައުލަތުގެ އަސާސީ ސިފައެކެވެ. އެކަން އެނގެނީ، ޤާނޫނުއަސާސީގައި ކޮރަޕްޝަން ނައްތާލަން މަސައްކަތް ކުރާ ނިޒާމުތައް އެކަށައަޅާފައިވާތީއެވެ. ނަމަވެސް، ކޮރަޕްޝަން ނައްތާލަން އުފެއްދި ނިޒާމުގައި ހިމެނޭ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ސިޔާސަތުތަކާހެދި، ކޮރަޕްޝަނަށް މަގުފަހިވާނަމަ، މިއީ އަދި އެއްފަހަރު ވިސްނާލަންޖެހޭ ކަމެކެވެ.
9/25/2025
ދިވެހިރާއްޖެއަކީ އިންސާނީ އަދި ޠަބީޢީ ވަޞީލަތްތައް މަދު، ފަޤީރު ޤައުމެއްކަމަށް،އެކި ފަންތީގެ ވެރިން ކިޔާ އަޑު އިވެއެވެ. ނަމަވެސް، އަޅުގަނޑުގެ ނަޒަރުގައި، ދިވެހިރާއްޖެއަކީ ވަޞީލަތްތައް ގިނަ، އިސްރާފު ބޮޑު ޤައުމެކެވެ. ކޮރަޕްޝަންގެ ސަބަބުން ފަޤީރުވެފައިވާ ޤައުމެކެވެ. އެއްކަމަށް އެތައް ތަނަކުން ފައިސާ ޚަރަދުކުރާ، ރޭވުންތެރިކަމެއް ނެތުމުގެ ސަބަބުން ފަޤީރުވެފައިވާ ޤައުމެކެވެ. ސަރުކާރުން ހިންގާ ބޮޑު ދެ ޔުނިވަރސިޓީއާއި ބަޖެޓު ހަމަޖެހިގެން ހިންގާ 30 އަށްވުރެ ސަރުކާރުގެ އިންސްޓިޓިއުޓް އޮތް ޤައުމެކެވެ. ކޮންމެ އިދާރާއަކުން އެކަޑަމީއެއް ހެދުމުގައި ބަދަލުގައި، ރަނގަޅަށް އެކަން ކުރެވޭ (ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް) ބަޔަކަށް ވަޞީލަތްތައް ދީގެން، ފެންވަރު ރަނގަޅު އެއް ތަން ހިންގުމަކީ އިސްރާފު ކުޑަކޮށް، ފެންވަރު ރަނގަޅުކުރުމަށް އެޅޭނެ ފިޔަވަޅެކެވެ. ދެ ގެ ދޭތެރޭ އެކަޑަމީތައް އުވާލައި، ހުރިހާ ތަނެއް އެއްފަސްކުރަންވީއެވެ.
9/24/2025
މަސްތުވާތަކެތީގެ މައްސަލައިގެ އަޞްލު ޙައްލެއްކަމަށް އަޅުގަނޑަށް ފެންނަނީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމާއި، ވިއްކާ ވިޔަފާރިކުރާ މީހުންގެ ފައިސާގެ ފަހަތުން ގޮސް، އެ ފައިސާ ހިފެހެއްޓޭގޮތަށް ސިޔާސަތު ބަދަލުކޮށް، ބައްޓަންކުރުމެވެ. އެކަމުގެ ނަތީޖާ ކުރިއަށް އޮތް ތަނުގައި ދާނީ ފެންނަމުންނެވެ.
3/20/2025
އަޞްލު އިންޞާފަކީ، ޤާނޫނުގައި އޮތް ދެލިގަނޑެއް ނޫނެވެ. އެ ޙާލަތެއްގައި އިންޞާފަކީ މުވައްކިލުގެ ސަލާމަތާއި ރައްކާތެރިކަމާއި، އޭނާގެ "ބެސްޓް އިންޓްރެސްޓް" ކަން ވަކީލު ދަންނަންވާނެއެވެ. މުވައްކިލަކީ، ތިމާއަށް ފައިސާދޭ މީހާ ނޫންކަމާއި، އެއީ، އެމީހެއްގެ ޙައްޤު ޙިމާޔަތްކުރެވެން އުޅޭ މީހާކަންވެސް ދަނެ، އެކަންކަމުގެ މައްޗަށް ވަކީލުގެ ވިސްނުމާއި ފިކުރު ހިންގާފައި އޮންނަންވާނެއެވެ. "އިންޞާފު ހޯދުމަށް" ހިނގާ މަގުން ގޮސް ވާޞިލުވެދާނެ ސީދާ އަދި ނުސީދާ ނަތީޖާތަކުގެ މަޢުލޫމާތު މުވައްކިލާ ޙިއްސާ ކުރަންވާނެއެވެ. ޤާނޫނަކީ މުޠްލަޤު އިންޞާފު ނޫންކަމާއި، ޤާނޫނަކީ އިންޞާފު ޤާއިމުކުރަން ބޭނުންކުރާ ވަޞީލަތެއްކަން ދަންނަންވާނެއެވެ.
The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author