
12/15/2025
ދާދިފަހުން ކުރެވުނު ހޫނު ބަހުސެކެވެ. ރުޅި އައިސްގެންހުރެ ކުރާ ވަރިއަކީ ވަރިއަކަށް ނުވާނެކަމަށް ފެމިލީ ކޯޓުން ނިންމެވި ނިންމެވުމަކާ ގުޅޭ ބަހުސެކެވެ. ފެމިލީ ކޯޓުގެ އެ ނިންމުމަށް ފާޑުކިޔައި، އެ ނިންމުމަށް ތާއީދުކުރުމާއި ނުކުރުމަކީ، ކޮންމެ މީހެއްގެވެސް އަސާސީ ޙައްޤެކެވެ. ނަމަވެސް، ހަރުދަނާ ފާޑުކިޔުމަކަށްވާނީ، އެ ނިންމުމުގެ ސަބަބުން ދިމާވާނެކަމަށް ފެންނަ އިޖްތިމާޢީ، އިޤްޠިޞާދީ އަދި ދީނީ މައްސަލަތަކާބެހޭ ގޮތުން ޖުމްލަގޮތެއްގައި ޙައްލު ލިބޭނޭފަދަ ވިސްނުމެއް ނެރެވޭތޯ ބެލުމެވެ. އެ މަގުގައި، އަޅުގަނޑުގެ ކޮށި ވިސްނުމަށް އައި ބައެއް ކަންކަން، މި ބަހުސްގެ ތެރެއަށް ދޫކޮށްލާނަމެވެ.
ފެމިލީ ކޯޓުގެ ނިންމެވުމާއި އެނިންމެވުމާމެދު ސުވާލުއުފެދޭ ސަބަބު
ނޫސްތަކުގައި ރިޕޯޓުކޮށްފައި އޮތީ، "ތިއިނީ ވަރިކޮށްފައި" ކަމަށް ބުނެ، އަނބިމީހާ ވަރިކުރަން ޢިބާރާތް ބޭނުން ކުރެވުނީ އަމިއްލަ ނަފްސަށް ކޮންޓްރޯލް ނޯންނަ މިންވަރަށް ރުޅިއައިސްގެން ހުރެކަމަށް ޝަރީޢަތުގެ މަޖިލީހުގައި ހުވާކުރުމުން، އެ ވަރި ސާބިތުނުވާކަމަށް ފެމިލީ ކޯޓުން ނިންމެވި ކަމަށެވެ. މިއީ ކޯޓުން ބޭރުގައި ކުރި ވަރިއެކެވެ. އެބުނެވުނު ބަހުގެ ސަބަބުން ވަރިވާނެތޯ ނުވަތަ ނޫންތޯ ބަލައި، ވަރި ސާބިތުކުރުމުގެ މައްސަލަ ހުށަހެޅީވެސް "ބޭއިޚްތިޔާރުގައި" ވަރީގެ ލަފުޒު ބޭނުންކުރި ފިރިހެން މީހާއެވެ. މިމައްސަލައިގެ ޙުކުމުގައި، އިސްލާމީ ޝަރީޢަތުގައި ރުޅި އައިސްގެން ކުރެވޭ ކަންކަމާމެދު އޮތް ރައުޔުތަކަށް ފަނޑިޔާރު ބައްލަވާފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. މިމައްސަލައާބެހޭ ގޮތުން ރައުޔު ފާޅުކުރައްވާ ޚިޔާލު ފާޅުކުރެއްވި އަޅުގަނޑުގެ އަޚް، އަލްއުސްތާޛު ޢަލީ ސަމީރު ދެކިވަޑައިގަންނަވަނީ، މިކަމުގެ ސަބަބުން މީހެއްގެ ޙައްޤަކަށް އުނިކަން ނާންނާތީ، ރުޅިއައިސްގެން ކުރެވޭ ވަރި ބަލައި ނުގަތުމަކީ އެންމެ ރަނގަޅުކަމެއް ކަމަށެވެ.
މިމައްސަލައިގައި ފަނޑިޔާރު ނިންމެވި ގޮތުގައި ވިސްނުން ގެންގުޅުއްވިގޮތްކަމަށް ނޫސްތަކުގައި ލިޔެފައި އޮތްގޮތް އަޅުގަނޑަށް ކަމަކުނުދެއެވެ. އަޞްލަކީ ރުޅި ނައުމެވެ. ރުޅިއައިސްގެން ކިޔޭ ނުކިޔޭ ނޭނގޭ ހިސާބަށް ނުދިއުމެވެ. އެނޫންގޮތަކަށް އެކަން ހިނގާފައި އޮތްނަމަ، އެކަމެއް ސާބިތުކޮށްދިނުމަކީ އަޞްލާ ޚިލާފު ޙާލަތު އޮތްކަމަށް ބުނާ މީހާގެ ކަމެކެވެ. އޭނާ އެކަން ސާބިތުކޮށްދޭންޖެހޭނީ އެކަމުގެ މައްޗަށް މެޑިކަލް ރެކޯޑު ފަދަ، ހަރުދަނާ ހެއްކާއެކުއެވެ. އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ނެތި، ހަމައެކަނި އޮތް ޙުއްޖަތަކީ އޭނާ އެކަމުގެ މައްޗަށް ހުވާކުރުން ކަމަށްވުމަކީ މިބާވަތުގެ މައްސަލަތަކުގައި ރަނގަޅު ގޮތެއްކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. ވަރީގެ ސަބަބުން ދިމާވާ އިޖުތިމާޢީ، އިޤްޠިޞާދީ އަދި ޢާއިލީ ނަތީޖާތަކުގެ ސަބަބުން، ވަރިއަކީ ކުޅޭކުޅޭ، ނުވަތަ ޒިންމާއުފުލަން ނުޖެހޭފަދަ ކަމެއްގެ ގޮތުގައި އޮތުން އަޅުގަނޑަށް ރަނގަޅުނޫނީއެވެ. ނަމަވެސް، މައްސަލައިގެ ހުރިހާ ޙަޤީޤަތްތަކެއް ނޭނގޭތީ، ކަނޑައެޅިގެން ފަނޑިޔާރުގެ ނިންމެވުން ގޯހޭ ބުނެވޭކަށްވެސް ނެތެވެ. ނަމަވެސް ހަމައެކަނި ހުވައިގެ މައްޗަށް ކަންކަން ނިންމުމަކީ މިޒަމާނުގައި ރައްކާތެރިގޮތެއް ކަމަކަށް ނުފެނެއެވެ.
ރުޅިއައިސްގެންކުރާ ވަރިއާމެދު ދީނީ އަދި ޤާނޫނީ މަރުކަޒު
ރުޅިއައިސްގެން ކުރެވޭ ވަރިއަކީ ބަލައިގަނެވޭނެ ވަރިއެއްކަން ނުވަތަ ނޫންކަމާބެހޭ ގޮތުން އިސްލާމީ ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވުން އެބައޮތެވެ. އެމައުޟޫޢުގެ ދެކޮޅަށްވެސް ބޮޑެތި މަޝްހޫރު ޢިލްމުވެރިން ބަސްފުޅު ވިދާޅުވެ، ދަލީލު ދައްކަވާފައިވެއެވެ. ކުރީގެ ޢިލްމުވެރިންނާއި މިޒަމާނުގެ ޢިލްމުވެރިންވެހެވެ. ވީމާ، މިދެގޮތަކީވެސް އިސްލާމްދީން މަނާކުރާ، ވަކި ކޮޅެއްގެ މައްޗަށް ޢިލްމުވެރިންގެ އިޖުމާޢެއް އޮތްކަމެއް ނޫންކަން އެނގެއެވެ.
ދިވެހިރާއްޖޭގެ ޢާއިލާއާބެހޭ ޤާނޫނުގައި ވަރި ސާބިތުކުރުމުގައި ބަލާނެ ވަކި މިންގަނޑެއް ނެތެވެ. ގަވާއިދުތަކުގައިވެސް ވަކި މިވެނި ގޮތެއް ކަނޑައަޅާފައެއް ނުވެއެވެ. ވީމާ، ފަނޑިޔާރުގެ އިޖުތިހާދަށް، ފަނޑިޔާރު ބުރަވާ ގޮތަކަށް މައްސަލަ ނިންމެވުމަކީ އޭގެ ޒާތުގައި ޤާނޫނާ ޚިލާފު ކަމެކޭ ބުނެވޭކަށް ނެތެވެ. ފަނޑިޔާރުގެ ނިންމުން ބިނާވާނީ، އެ ފަނޑިޔާރެއްގެ ޢިލްމާއި ޙިލްމާއި ދުނިޔަވީ ތަޖުރިބާއާއި ޤާނޫނީ އަދި ޝަރުޢީ ނައްޞުތައް މާނަކުރުމުގެ ކުޅަދާނަކަމާއި، މިނޫންވެސް ބައިވަރު ކަންކަމުގެ މައްޗަށެވެ. އެސަބަބަށްޓަކައި، ހަމަ މިމައްސަލައިގައި އެކި ފަނޑިޔާރުން އެކި ގޮތްގޮތަށް ނިންމުމުގެ ފުރުޞަތު އޮންނާނެއެވެ. އެމައްސަލައެއް ބައްލަވާ ޤާޟީއެއްގެ ގޮތުން، ހަމަ އެއް މައްސަލައެއްގައި ތަފާތު ދެގޮތަކަށް ނިންމުމުގެ ފުރުޞަތު އޮތުމަކީ ޤާނޫނާ މެދު އޮންނަ ޔަޤީންކަން ގެއްލޭނެކަމެކެވެ. ވީމާ، ފެމިލީ ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފޭ ބުނެވެން ނެތަސް، އެކި ފަނޑިޔާރުން އެކި ގޮތަށް ނިންމުމުގެ ފުރުޞަތު އުފެދިފައިވާތީ، އެއީ ހައްލުކުރަންޖެހޭނެ މައްސަލައެއްކަމަށް އަޅުގަނޑަށް ފެނެއެވެ.
މައްސަލައިގެ ޙައްލު
އެކަން ޙައްލުކުރާނެ ގޮތަކީ، ކޯޓުން ބޭރުގައި ކުރާ ވަރިއަކީ ވަރިއެއް ނޫންކަމަށް ޤާނޫނުގައި ކަނޑައެޅުމެވެ. އޭރުން، ވަރި ކުރެވޭނީ މިހާރުވެސް އޮންނަ ގޮތަށް ކޯޓަށް ހުށަހަޅައިގެންނެވެ. މިހާރު އޮންނަނީ ކޯޓުން ބޭރުގައި ވަރިކޮށްފައި، ކޯޓަށް ހުށަހަޅައިގެން ވަރި ސާބިތުކުރުމެވެ. އެ ބައި، ޤާނޫނުން އުވާލާނީއެވެ. އޭރުން ކޯޓުން ބޭރުގައި ކުރެވޭ ވަރިއެއް ނޯންނާނެއެވެ. ވަރި، ވަރިއަކަށްވާނީ ކޯޓުގައި ކުރީމައެވެ. ކާވެންޏާމެދުވެސް އަޅުގަނޑުމެން މިތިބީ އެގޮތަށް ނިންމައިގެންނެވެ. ކާވެނި ކާވެންޏަކަށްވަނީ، އަދި އެމައްޗަށް ޤާނޫނީ ނަތީޖާތައް ތަރުތީބުވަނީ ޝަރުޢީ ކޯޓެއް މެދުވެރިކޮށް ކާވެނިކުރީމައެވެ. ކޯޓުން ބޭރުގައި، ނުވަތަ ޤާނޫނީ ނިޒާމުން ބޭރުގައި ކާވެނިކުރުމަކީ ޤާނޫނު ބަލައިގަންނަ ކަމެއްނޫނެވެ. އަދި ކިއެއްތަ، ކޯޓުން ބޭރުގައި ކާވެނިކުރުމަކީ ބޮޑު ޖިނާއީ މައްސަލައެއްގެ ގޮތުގައި ބަލާ ކަމެކެވެ. ދައުވާކޮށް އަދަބުދީފައިވެސް އޮތް ކަމެކެވެ. ކާވެނި އެއީ ކޯޓުގައި ކުރާ ކަމަކަށް ހަދައި، އެކަމަށް އެންމެން އެއްބަސްވެ، ވަރިއަކީ ބޭނުން ގޮތަކަށް، ބޭނުން ތަނަކު، ރުޅިއައިސްގެންނާއި ރުޅިނައިސްވެސް ކުރެވޭން އޮންނަ ކަމަކަށް ހަދައިގެން ތިބުމުގައި އޮތް ޙިކުމަތެއް އަޅުގަނޑަކަށް ނުވިސްނެއެވެ.
ބައެއް މީހުން ބުނެފާނެއެވެ. ވަރިއަކީ ފިރިހެން މީހާގެ ޙައްޤެކެވެ. އެޙައްޤު ނިގުޅައެއް ނުގަނެވޭނެއެވެ. އަޅުގަނޑުވެސް އެއްބަހެވެ. ވަރިއަކީ ފިރިހެން މީހާގެ ޙައްޤެކެވެ. ހަމައެގޮތަށް ކާވެނިކުރުމަކީވެސް ޙައްޤެކެވެ. ތިމާގެ އަމިއްލަ މުދަލާއި، އަމިއްލަ ގޯއްޗާއި ފްލެޓުފަދަ ތަންތަން މީހުންނަށް ވިއްކައި، ދީ ހެދުމަކީވެސް ޙައްޤެކެވެ. ނަމަވެސް، އެ ޙައްޤުތައް، ޤާނޫނީ ނިޒާމުގެ ތެރެއިން، ކޯޓުގެ އެންޑޯޒްމަންޓަކާ އެއްކޮށް ކުރަން އަޅުގަނޑުމެން މިތިބީ ދޫކޮށްލައިގެން ނޫންތޯއެވެ.
ކުދިކުދި ވިޔަފާރީގެ މުޢާމަލާތްތަކާއި، ކުލީގެ އެއްބަސްވުންފަދަ، ނިސްބަތުން ނަތީޖާ ކުޑަ ކަންކަންވެސް ކޯޓަށް ގޮސްގެން މެނުވީ ބާޠިލުނުކުރެވޭ ގޮތަށް ޤާނޫނީ ނިޒާމެއް ހަދައިގެންތިބެ، ބޮޑެތި އިޖުތިމާޢީ ނަތީޖާތައް ނުކުންނަ، މުޖްތަމަޢުގެ އަސާސްކަމުގައިވާ ޢާއިލާ ރޫޅާލުމަކީ އެއަށްވުރެ މާފަސޭހައިން ކުރެވޭ ކަމެއްކަމަށް ހަމަޖައްސައިގެން ތިބޭންވީ ޙިކުމަތެއް އަޅުގަނޑަކަށް ނުވިސްނެއެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރައްވާ ރެއެއްގައި، އެކަނިވެރި މައިންނާއި، އެކަނިވެރި ފިރިން، ޢާއިލާ ރޫޅުމުގެ ސަބަބުން އެމީހުންނަށް ސަރުކާރުން ލިބިފައިވާ ފްލެޓާއި ގޯއްޗަށް ވާނެގޮތަކާބެހޭ ގޮތުން އޮޅުން އަރައިގެން ސުވާލެއް، ނުވަތަ ޝުއޫރެއް ފާޅުނުކުރާ ރެއެއް އަޅުގަނޑަކާ ދިމައެއް ނުވެއެވެ. އެ ސުވާލުތައް އެކުރަނީ ޙަޤީޤަތުގައިވެސް މިނިޒާމުގައި މައްސަލަ ހުރީމައެވެ. ސާފުނުވާކަންކަން ހުރީމައެވެ. މިހުރިހާ ކަމެއް، ވަރިކުރުމުގެ ކަންތައް ކޯޓުގައި ކުރާ ކަމެއްގެ ގޮތުގައި ހަމަޖެއްސުމުން ޙައްލުވެދާނެއެވެ. ވަރީގެ ޒަރީޢާއިން ޢާއިލާއެއް ރޫޅާލާނަމަ، އެކާވެންޏެއްގެ މަތީގައި ލިބިފައިވާ މުދަލާއި، ދަރިންގެ ކަންކަމާއި، ފްލެޓާއި ގޯއްޗާއި އެނޫންވެސް މުދަލާބެހޭގޮތުން ކޯޓުން ގޮތެއް ނިންމާނީއެވެ. އޭރުން ކޮންމެ މީހަކަށްވެސް އެމީހެއްގެ ޙައްޤުތަކާއި ޒިންމާތައް ސާފުވެ، އެމައްޗަށް، ތަންފީޒުކުރެވޭނެ ޝަރުޢީ ޙުކުމެއްވެސް ލިބިފައި އޮންނާނެއެވެ.
އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެ ތެރޭގައި ޢާއިލާ ރައްކާތެރިކޮށްދިނުން ހިމެނެއެވެ. ކާވެނިކުރުން އެއީ ކޯޓުގައި ކުރާ ކަމެއްގެ ގޮތުގައި ހަމަޖެއްސުމުގެ ޙިކުމަތާއި މަޤްޞަދު ގޮސް ގުޅެނީ ޢާއިލާ ރައްކާތެރިކޮށްދިނުމާއެވެ. ހަމަ އެމަޤްޞަދާއި ޙިކުމަތު، ވަރީގެ ޙާލަތުގައިވެސް އެބައޮތެވެ. ވީމާ، ވަރީގެ ސަބަބުން ދިމާވާ އިޖުތިމާޢީ، އިޤްޠިޞާދީ އަދި ދީނީ މައްސަލަތައް ޙައްލުކުރުމަށްޓަކައި، ކާވެންޏެކޭ އެއްގޮތަށް ވަރިއަކީވެސް ކޯޓުގައި ނުވަތަ ދައުލަތުގެ އިދާރާއެއްގައި ރަސްމީކޮށް ރަޖިސްޓަރީކޮށްގެން ކުރެވޭ، އެ ނިޒާމުން ބޭރުގައި ރުޅިއައިސްގެންނާއި ރުޅިނައިސް ނުކުރެވޭ ކަމެއްގެ ގޮތުގައި ހަމަޖެއްސުމަކީ އެންމެ ރަނގަޅު ގޮތެއްކަމަށް އަޅުގަނޑަށް ފެނެއެވެ.
ކީރިތި ޤުރުއާނުގައި ވަރީގެ އާޔަތްތަކުގައި (ބަޤަރާ ސޫރަތުގެ 229, 231, 232, 233, 234, 240) ގައި "މަޢުރޫފް" މިބަސް ތަކުރާރުކޮށް ގެންނަވާފައިވެއެވެ. ކާވެންޏާއި ވަރީގެ މައުޟޫޢުގައި "މަޢުރޫފް" ގެ މާނައަކީ، އެ މުޖްތަމަޢެއްގެ ނިސްބަތުން، ރަނގަޅު، ޢިއްޒަތްތެރި، އިންޞާފުވެރި ގޮތެއް ކަނޑައެޅުންކަމަށް ޢިލްމުވެރިން ލިޔުއްވާފައިވެއެވެ. ވީމާ، ކާވެންޏާއި ވަރީގެ ކަންކަން ކޯޓުގައި ކުރާ ގޮތަށް ހަމަޖެއްސުމަކީ އެކަން ދޫކޮށްލާފައި އޮތުމުން އުފެދޭ ބޭއިންޞާފު ނައްތާލެވޭ ކަމެއްނަމަ، އެކަމަކީ "މަޢުރޫފް" ގެ މަގުންކުރާ ކަމެއްކަމަށް ބަލަންޖެހެއެވެ.
The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author