12/4/2025

ފީފާގެ ފައިސާގެ މައްސަލަ ރާއްޖޭގައި ބެލޭނެތަ؟

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް، އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ތުހުމަތުކުރެވޭ މައްސަލައަކީ އަޅުގަނޑު ޕްރޮސިކިއުޓަރ ޖެނެރަލް ކަމުގައި ހުރިއިރު ތަޙްޤީޤުކޮށް، ދަޢުވާ އުފުލުނު މައްސަލައެކެވެ. އެމައްސަލައިގެ ޝަރީޢަތުގައި މިހާރު ކުރެވޭ އެއް ސުވާލަކީ ފީފާގެ ފައިސާގެ މައްސަލަ ދިވެހިރާއްޖޭގެ އިދާރާތަކަށް ބެލޭނެތޯ ނުވަތަ ނޫންތޯއެވެ. އެ މައްސަލަ ބަލައިފިއްޔާ ފީފާއިން ރާއްޖެ ސަސްޕެންޑްކުރާނެ ކަމުގެ ވާހަކައެވެ. މިޚަބަރުތައް ކިޔާފައި، މިކަން ޙަޤީޤަތުގައި އޮންނަ ގޮތާބެހޭ ގޮތުން އަޅުގަނޑަށް ފެންނަ އެއްޗެއް ލިޔެލީމެވެ. ބައްސާމް އަދީލް ޖަލީލުގެ ފަރާތުން ނެގިކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފައި އޮތް ކޮންމެ ނުކުތާއަށް ވަކިވަކިންނެވެ. އޭގެ ކުރިން، މިމައްސަލައިގެ ފަސްފަހަތަށްވެސް އަވަސް ގޮތަކަށް ބަލައިލާނަމެވެ.

 

ތަޙްޤީޤުކުރުމުގެ އަމުރު

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ޕްރޮސިކިއުޓަރ ޖެނެރަލަށް ވަރަށް އާދަޔާ ޚިލާފު ބާރެއް ދީފައިވެއެވެ. ޤާނޫނުއަސާސީގެ 223 ވަނަ މާއްދާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތާއި ބާރުތައް) ގެ (ޅ) ގައި އޮންނަނީ؛ "ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫންގޮތަކުންވެސް މިފަދަ ކަމެއްގެ މަޢުލޫމާތު ލިބިއްޖެ ހިނދެއްގައި، އެ ކަމެއް ތަޙުޤީޤުކުރުމުގެ އަމުރު ނެރުން ރަނގަޅުކަމަށް އޭނާއަށް ފެންނަ ކަންކަމުގައި އެ އަމުރު ނެރުން" އެއީ ޕީޖީގެ ބާރެއްކަމަށެވެ. މި ބާރު ބޭނުންކުރާނެ ގޮތާބެހޭ ގޮތުން، އަޅުގަނޑު ދަރިވަރުވި ކުރީގެ ޕީޖީ އަޙްމަދު މުޢިއްޒުގެ ދައުރުގައި ސުވާލު އުފެދުނެވެ. އޭރުގެ ނިންމުމަކަށްވީ، މިއީ ޚާއްޞަ ބާރަކަށްވާތީ، އަމުރުގެ ލަފްޒު ބޭނުންކޮށްގެން ކަންކަން ތަޙްޤީޤުކުރަން އަމުރުކުރާނީ، އެކަމުގެ ޙައްސާސްކަމުން ޤައުމުގެ ނިޒާމަށް ލޮޅުން އަރާވަރުގެ، ނުވަތަ ނިޒާމުތަކާމެދު މީހުންގެ އިތުބާރު ގެއްލިދާނެފަދަ، ބޮޑެތި ކަންކަމުގައި އެކަނިކަމަށެވެ. އަޙްމަދު މުޢިއްޒުގެ ޕީޖީކަމުގެ ހައެއްކަ އަހަރު ކުރީ އެފަދަ އެންމެ އަމުރެކެވެ. އެއީ، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރި މައްސަލައާ ގުޅިގެން ހިޔުމަންރައިޓްސް ކޮމިޝަނަށް ފޮނުވި އަމުރެއް އެކަންޏެވެ.

އަޅުގަނޑުގެ ޕީޖީ ކަމުގައި ކުރީ 3 އަމުރެވެ. އެއީ، ކޮވިޑް19 އާ ގުޅިގެން ކުރި އަމުރަކާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކޮޓަރިކޮޅު ބަގްކުރިކަމަށް ކުރެވުނު ތުހުމަތަކާ ގުޅިގެން ކުރި އަމުރަކާއި، އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކުރި އަމުރެކެވެ. އިތުރަށް ދިރާސާ ކުރައްވަން ބޭނުންފުޅު ބަޔަކަށް، މި ތިން އަމުރުގެ ތަފްޞީލުތަކާއި އަމުރު ކުރި ސަބަބާއި އޭގެ ނަތީޖާތައް، ޕީޖީ އޮފީހުގެ އަހަރީ ރިޕޯޓުތަކުގައި ޝާއިޢުކޮށްފައިވާނެއެވެ. އަމުރުގެ ވާހަކަ މިތަނުގައި މި ގެނައީ، ކަމުގެ ސީރިއަސްކަން ބަޔާންކޮށްދިނުމުގެ ގޮތުންނެވެ.

އެފްއޭއެމްގެ މައްސަލައަކީ އަޅުގަނޑު ކުރި އަމުރަކާ ގުޅިގެން ފުލުހުން ބެލި މައްސަލައެކެވެ. އަމުރު ކުރުމުގެ ކުރިން، އެމައްސަލައިގައި އެހައިތަނަށް ލިބިފައިވާ ހެކިތަކާއި ހުރި މަޢުލޫމާތުތައް ދިރާސާކޮށްފައިވާނެއެވެ. ދިވެހިރާއްޖެއަށް މައްސަލަ ބެލުމުގެ އިޚްޠިޞާޞް ލިބޭތޯ ބަލާފައިވާނެއެވެ.

 

ޖުރިސްޑިކްޝަން ނުވަތަ އިޚްޠިޞާޞް ނުލިބުން

ބައްސާމް އަދީލް ޖަލީލްގެ ފަރާތުން ޝަރީޢަތުގައި ނަގާ ދިފާޢެއްކަމަށް ނޫސްތަކުގައި އޮތީ، މިމައްސަލަ ބެލުމުގެ އިޚްޠިޞާޞް ދިވެހިރާއްޖެއަށް ނުލިބޭނެ ކަމަށެވެ. އެއީ، ފީފާގެ ފައިސާއެއްގެ މައްސަލައެއް ރާއްޖޭގެ އިދާރާތަކަށް ނުބެލޭނެތީކަމަށް އޭނާ ބުނެއެވެ.

މި ސުވާލުގެ ޖަވާބު، ޤާނޫނުލްޢުޤޫބާތުގެ 13 ވަނަ މާއްދާ (ޤާނޫނުގެ ބާރު ހިނގާ ދާއިރާ) އިން ލިބެއެވެ. އެމާއްދާގައި ބުނާގޮތުން ކުށެއްގެ ރުކުނެއް ކަމުގައިވެދާނެ ޢަމަލެއް ދިވެހިރާއްޖޭގައި ހިނގާ ހިނދު އެ ކުށަކަށް ރާއްޖޭގެ ޤާނޫނުގެ އިޚްޠިޞާޞް ލިބެއެވެ. މިޙާލަތުގައި، ޚިޔާނާތުގެ ޢަމަލު ހިނގީ ރާއްޖޭގައިކަމަށްވާތީ، ޢަމަލުގެ ރުކުނުގެ ތެރެއިން ރާއްޖެއަށް ބާރުލިބެއެވެ. އެމާއްދާގެ (3) އަދި މާ ސާފެވެ. އެއަކުރުގައި އޮންނަނީ، ކުށްކުރީ ކޮންމެ ތަނެއްގައިކަމަށްވީނަމަވެސް ދިވެހިރައްޔިތަކު ނުވަތަ ދިވެހިރާއްޖޭގައި ދިރިއުޅުން ބިނާވެފައިވާ މީހަކު ކުރާ ކުށް ބެލުމުގެ ބާރު ދިވެހިރާއްޖޭގެ އިދާރާތަކަށް ލިބެއެވެ.

 

ފީފާގެ ފައިސާ

ފުރަތަމަ ނުކުތާގެ ޖަވާބު ލިބުނު ހިސާބުން، ޤާނޫނީ ސުވާލަށް އެއޮތީ ޖަވާބު ލިބިފައެވެ. ދެން އޮތީ، އެކަޑަމިކް ބޭނުމަށާއި، ބަހުސްގެ ބޭނުމަށް، ބައްސާމް އަދީލް ޖަލީލުގެ ފަރާތުން ނެގިކަމަށް ބުނާ ނުކުތާތަކުގެ ޖަވާބެވެ. ބައްސާމް އަދީލް ޖަލީލުގެ ދެވަނަ ނުކުތާއަކީ، މި ފައިސާއަކީ ފީފާގެ ފައިސާކަމަށްވާތީ، ފީފާގެ ހުއްދަނެތި މިމައްސަލަ ނުބެލޭނެކަމަށެވެ. މި ފައިސާއަކީ ފީފާގެ ފައިސާތޯ ނުވަތަ ނޫންތޯ އަދި ފަހުން ބަލައިލާނަމެވެ. މިނުކުތާގައި ފީފާއިން މި ފައިސާ އެފްއޭއެމްއަށް ދިން ސަބަބާމެދު ވިސްނާލަންޖެހެއެވެ. ފީފާގެ އަސާސީ ގަވާއިދުގެ 11 ވަނަ މާއްދާގެ 1 ވަނަ ނަންބަރު ބުނާގޮތުން، ފީފާގެ މެންބަރަކަށް ވެވެނީ ކޮންމެ ޤައުމަކުން އެންމެ ޖަމްޢިއްޔާއަކަށެވެ. އެޖަމްޢިއްޔާއަކީ އެ ޤައުމެއްގެ ފުޓުބޯޅަ ތަމްސީލުކުރާ ރަސްމީ އިދާރާއެވެ. ރާއްޖޭގައި އެ ދައުރު އޮތީ އެފްއޭއެމްއަށެވެ. އެފްއޭއެމަށް އެ ދައުރު ލިބުނީ ސަރުކާރުގެ ހުއްދައާއެކުއެވެ. ސަރުކާރުގެ ޝަރުޠަކީ ދިވެހިރާއްޖޭގައި ފުޓުބޯޅަ ތަރައްޤީކުރުމެވެ. ވީމާ، އެފްއޭއެމްއަށްލިބޭ ފައިސާއަކީ ޙަޤީޤަތުގައި ދިވެހިރާއްޖޭގެ ފުޓުބޯޅަ ތަރައްޤީކުރަން، ދިވެހި ރައްޔިތުންނަށް ލިބޭ ފައިސާއެވެ.

ފީފާއަށް ފައިސާލިބޭ ގޮތްތަކުގެ ތެރެއިން، މުއްސަނދި ޤައުމުތަކުން، ކުދި ޤައުމުތަކުގެ ފުޓުބޯޅަ ތަރައްޤީކުރަންދޭ އެހީ ހިމެނެއެވެ. އެޤައުމުތަކުން ފައިސާ ދެނީ ފީފާ މެދުވެރިކޮށެވެ. މިސާލަކަށް، އޮސްޓްރޭލިއާ ސަރުކާރުން، އެ ޤައުމުގެ ދައުލަތުގެ ބަޖެޓުގައި ދިވެހިރާއްޖެއަށް އެހީގެ ގޮތުގައި ކަނޑައަޅާ ފައިސާ، ސަރުކާރަށް ދިނުމުގެ ބަދަލުގައި ބައެއް ފަހަރު، ފީފާ ނުވަތަ ޔޫއެންގެ ބައެއް ޖަމްޢިއްޔާތައް މެދުވެރިކޮށް ދިވެހިރާއްޖެއަށް ދޫކުރެއެވެ. ފައިސާ ދޫކުރަނީ ފީފާއަށް ނުވަތަ އެ ނޫންވެސް ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކަށެވެ. ދިވެހިރާއްޖެއަށް އެ ފައިސާ ދިނުން ޝަރުޠުކޮށްފައެއެވެ. މިގޮތުން ޤައުމުތަކުންދޭ އެހީގެ ފައިސާއަކީ، އެ ޤައުމެއްގެ ބަޖެޓުން ސީދާ ދިވެހި ރައްޔިތުންނަށް ކަނޑައަޅާފައި ހުންނަ ޢަދަދުތަކެކެވެ. ފީފާއަށް އެ ފައިސާ ދިނުމަށްފަހު، އެއްކަލަ ބަޖެޓުން ދިވެހިންނަށް ދިން ފައިސާކަމަށް ކަނޑައަޅައި، އެކައުންޓު ފޮތްތަކުގައި ޑޮކިއުމަންޓްކުރާނެއެވެ. ވީމާ، ފީފާ މެދުވެރިކޮށް ލިބުނަސް، ނުވަތަ އެނޫން ޖަމްޢިއްޔާއެއް މެދުވެރިކޮށް ލިބުނަސް، އެ ފައިސާއަކީ ޙަޤީޤަތުގައި ދިވެހި ރައްޔިތުންނަށް ލިބޭ ފައިސާއެވެ. އެފައިސާގެ އަމާނާތްތެރިއަކީ ފީފާއާއި އެފްއޭއެމްއެވެ. ޚިޔާނަތްތެރިވެވެނީ އެފައިސާއަށެވެ. އެއީ ދިވެހި ރައްޔިތުންގެ ޙައްޤަކަށެވެ.

 

ރާއްޖެއިން ބޭރުން ލިބޭ އެހީ މޮނިޓަރ ކުރުން

މަނީ ލޯންޑަރިންގާއި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމަކީ ދުނިޔޭގެ ފެންވަރުގައި ހިނގާ މަސައްކަތެކެވެ. 1989 ވަނަ އަހަރު ޕެރިހުގައި ބޭއްވި 15 ވަނަ ޖީ7 ސަމިޓުގައި ނިންމި މައިގަނޑު އެއް ކަމަކީ، މަނީ ލޯންޑަރިންގާއި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމާއި، އެކަމާބެހޭ ގޮތުން ބައިނަލްއަޤްވާމީ ފެންވަރެއްގައި މަސައްކަތްކުރަން، ފައިނޭންޝަލް އެކްޝަން ޓާސްކްފޯސް (އެފްއޭޓީއެފް) އުފެއްދުމެވެ. ދިވެހިރާއްޖެއަކީވެސް އެ ޓާސްކްފޯސްގެ މެންބަރު ޤައުމެކެވެ. ޤާނޫނު ނަންބަރު 2014/10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) އަކީ އެފްއޭޓީއެފްގެ ނުފޫޒާއެކު، އެފްއޭޓީއެފްގެ އުޞޫލުތަކާ ދާދި އެއްގޮތަށް އޮތް ޤާނޫނެކެވެ. އެ ޤާނޫނުގެ 4 ވަނަ ބާބު، 23 ވަނަ މާއްދާ (ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތަކާއި ފައިސާ ނުވަތަ ވެލިއު ޓްރާންސްފަރގެ ޚިދުމަތްދޭ ފަރާތްތަކާއި ކަނޑައެޅޭ މާލީނޫން ވިޔަފާރިތަކާއި ދާއިރާތައް) ގެ (ހ) ގައި، ފައިސާ ހޯދައި ލިބިގަތުމަކީ ނުވަތަ ފައިސާ ޓްރާންސްފަރކޮށް ހެދުމަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާޢަތެއްގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައިވާނަމަ، އެއިން ކޮންމެ ޖަމާޢަތެއް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ރަނގަޅަށް މޮނިޓަރކުރަމުންގެންދަންވާނެ" ކަމަށް އޮވެއެވެ. ވީމާ، ފީފާއިން ދޭ ފައިސާ، ރާއްޖޭގެ އެއްވެސް އިދާރާއަކަށް ނުބެލޭގޮތަށް ގެންގުޅެވޭނެކަމަށް ދެކުމަކީ، މަނީ ލޯންޑަރިންގ ހުއްޓުވުމާބެހޭ ޤާނޫނާވެސް އިދިކީލި މަފްހޫމެކެވެ. ރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ އެއްބަސްވުންތަކާވެސް ޚިލާފުވާނެ ވާހަކައެކެވެ.

 

ފީފާއިން ސަސްޕެންޑްކުރުން

މިމައްސަލަ ބަލައިފިނަމަ، ފީފާއިން ދިވެހި ފުޓުބޯޅަ ސަސްޕެންޑްކޮށްފާނެކަމުގެ ކަންބޮޑުވުން ބައްސާމް އަދީލް ޖަލީލުގެ އޮތްކަމަށް ކޯޓުގައި ބުނެއެވެ. މިކަމާ ގުޅިގެން ކޯޓުން ނިންމެވިކަމަށް ރިޕޯޓު ކޮށްފައި އޮތީ، ފީފާއިން ރާއްޖެ ސަސްޕެންޑުކޮށްފައިނުވާތީ، ފީފާގެ ޙައްޤު ދޫކޮށްލާފައިވާކަމަށް ބަލަންޖެހޭ ކަމަށެވެ.

ފީފާއިން ރާއްޖެ ސަސްޕެންޑްކުރުމުގެ ޙައްޤު ދޫކޮށްލިތޯ ނުވަތަ ނޫންތޯ ކޯޓަކަށް ނިންމޭނީ ފީފާއިން އެކަމާބެހޭ ގޮތުން ދެކޭގޮތެއް ސާފުކޮށްގެންނެވެ. ވީމާ، ފަނޑިޔާރުގެ އެ ނިންމެވުން އެއީ މުޅިން ހަމަޖެހޭ ނިންމެވުމެއްކަމަކަށް ނުފެނެއެވެ. ނަމަވެސް، މިމައްސަލައާ ގުޅިގެން ފީފާއިން ރާއްޖެ ސަސްޕެންޑް ކުރެވިދާނެތޯ ނުވަތަ ނޫންތޯ އެއީ ފީފާއިން ނިންމާނެ ކަމެކެވެ. ސަސްޕެންޑް ކުރިއަސްވެސް، އެކަމަކީ ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ހުށަހެޅި ހިނގަމުންދާ މައްސަލަ ނުބެލޭންވީ ސަބަބެއްނޫނެވެ. އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ތަބާވާންޖެހޭކަމަށް ޤާނޫނުއަސާސީއާއި ޤާނޫނުގައި އޮތް ކަންކަމުގެ ތެރޭގައި ފީފާއިން ނިންމާފާނެ ގޮތަކަށް ބެލުމަކީ އޮތް ކަމެއްވެސް ނޫނެވެ. ފީފާއާ ގުޅުވައިގެން ދައްކާ ވާހަކައަކީ ޚުރާފާތެކެވެ.

2015 ވަނަ އަހަރު އެމެރިކާގެ ޕްރޮސިކިއުޓަރުން، ފީފާއާއި ކޮންކާކަފްގެ އޮފިޝަލުންގެ މައްޗަށް ކޮރަޕްޝަންގެ ދައުވާއެއް އުފުލިއެވެ. ޕްރޮސިކިއުޓަރުން ތުހުމަތުކުރީ، 1991 އާއި 2015 އާ ދެމެދު، ފުޓުބޯޅައާ ގުޅުންހުރި ކަންކަމުގައި 150 މިލިއަން ޑޮލަރުގެ ކޮރަޕްޝަން ހިންގާފައި އޮތްކަމަށެވެ. އެހުރިހާކަމެއް ހިނގައި ނިމުނުއިރުވެސް އެމެރިކާގެ ފުޓުބޯޅައެއް ފީފާއަކުން ސަސްޕެންޑެއް ނުކުރެއެވެ. ވީމާ، ކޮރަޕްޝަންގެ މައްސަލައެއް ބަލައި ފިޔަވަޅު އެޅުމަކީ ފީފާއިން ޤައުމެއް ސަސްޕެންޑްކުރާނެ ކަމެއް ނޫނެވެ.

ފީފާއިން ޤައުމެއް ސަސްޕެންޑް ކުރަނީ، ތިންވަނަ ފަރާތެއްގެ ނުފޫޒެއްގެ ދަށުން އެޤައުމެއްގެ ނެޝަނަލް އެސޯސިއޭޝަން ހިންގުމުގެ ކަންކަމާ ބެހި ހަދާނަމައެވެ. ޕާކިސްތާނުގެ ފުޓުބޯޅަ އެސޯސިއޭޝަން ފީފާއިން ސަސްޕެންޑްކުރީ ލާހޯރުގެ ހައިކޯޓުން ޢައްޔަންކުރި އެޑްމިނިސްޓްރޭޓަރަކު ފުޓުބޯޅަ އެސޯސިއޭޝަން ހިންގުމާ ޙަވާލުވުމުންނެވެ. ހިންގުމުގެ ދާއިރާއަށް ވަނުމަކީ ފީފާއިން ނުރުހޭ ކަމެކެވެ. ނަމަވެސް، ކޮރަޕްޝަންގެ މައްސަލައެއް ބަލައިގެން ފީފާއިން އެއްވެސް ޤައުމެއް ސަސްޕެންޑެއް ނުކުރެއެވެ. ރާއްޖެއަށް ފީފާގެ ސަސްޕެންޝަނެއްގެ ބިރު ނެތީ އެ ސަބަބަށްޓަކައެވެ. ކޯޓުގައި އޮތް މައްސަލައަކީ އެފްއޭއެމްގެ ހިންގުމާބެހޭ މައްސަލައަކަށް ނުވާތީއެވެ.

 

ޕްރޮސިކިއުޓަރުންނާއި ޤާނޫނު ތަންފީޒުކުރާ މީހުންގެ ދައުރު

އެމެރިކާގެ ޕްރޮސިކިއުޓަރުން، ފީފާގެ ވެރިންގެ މައްޗަށް ދައުވާކުރީ ފުޓުބޯޅަ ސަލާމަތްކުރުމުގެ ނިޔަތެއްގައެއް ނޫނެވެ. ނަމަވެސް، އެމެރިކާގެ ފައިސާގެ ނިޒާމުތައް ބޭނުންކޮށްގެން ގިނަ ޢަދަދެއްގެ ފައިސާ، ނަހަމަ ގޮތުގައި ކޮރަޕްޝަން ހިންގާތީ، އެކަން ހުއްޓުވާށެވެ. އެފަދަ ކަމެއް ކުރާން ހިތަށް އަރާ އެހެން މީހުންނަށްވެސް ސާފު މެސެޖެއް ދޭށެވެ. ރާއްޖޭގައިވެސް އޮތީ ހަމަ އެ ވިސްނުމެވެ. ޕްރޮސިކިއުޓަރުންނަކީ ފުޓުބޯޅައިގެ "ސޭވިއަރުން" ނެއް ނޫނެވެ. ފުޓުބޯޅަ ސަލާމަތްކުރާނީ ފުޓުބޯޅައިގެ މީހުންނެވެ. ޕްރޮސިކިއުޓަރުން ކަށަވަރު ކޮށްދެނީ ކޮރަޕްޝަން ހިންގާނަމަ، ފިޔަވަޅު އަޅާނެކަމެވެ. ޕްރޮސިކިއުޓަރުންނެއް ފީފާއަކާ ކުރާނެ މަޝްވަރާއެއް، ދައްކަންޖެހޭ ވާހަކައެއް، ބާއްވަންޖެހޭ ބައްދަލުވުމެއް، ބޯންޖެހޭ ސައެއް ނޯންނާނެއެވެ.

އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލަ އަޅުގަނޑުގެ ސަމާލުކަމަށް ގެންނެވީ ފުލުހުންނެވެ. އެކަމުގައި އަމުރެއް ނެރުމުގެ ޚިޔާލުވެސް ދެއްވީ ފުލުހުންނެވެ. ފުލުހުންނާއެކު، މިމައްސަލަ ބެލުމާބެހޭ ގޮތުން އޮޑިޓަރ ޖެނެރަލްއާއި އެންޓިކޮރަޕްޝަން ކޮމިޝަނާވެސް މަޝްވަރާ ކުރެވުނެވެ. މިކަމުގައި ފުރިހަމަ އެއްބާރުލުން ލިބުނީ ފުލުހުންނާއި އޮޑިޓަރ ޖެނެރަލްގެ ފަރާތްޕުޅުންނެވެ. މުޅި މައްސަލައިގެ ތަޙްޤީޤު، ކާމިޔާބުކަމާއި ޙިކުމަތްތެރިކަމާއެކު ގެންދިޔައީ ފުލުހުންގެ އިންވެސްޓިގޭޓަރުންގެ ކުޅަދާނަކަމާއި ހުށިޔާރުކަމުންނެވެ. މިމައްސަލަ ބެލުމަށް ޢައްޔަންކުރެވުނު ޕްރޮސިކިއުޓަރުންގެ ލަފައާއި އިރުޝާދާއެކުއެވެ. މިކަމުގައި އުޅުނު މީހުންގެ ކެރުމާއި ޙިކުމަތު ޢަމަލީ ނެތްނަމަ، އެތައް ގޯޅިއަކުން ގޯޅިއަޅައިގެންގޮސް މައްސަލަ ކުރިއަށް ނުދެވޭނެ ނުފޫޒުތައް މިމައްސަލައަށް އަބަދުމެ ފޯރަމުން ދިޔައެވެ.

މިމައްސަލައިގެ ޙަޤީޤީ ކާމިޔާބަކަށްވާނީ، މިބާވަތުގެ ކަމެއް ތަކުރާރުނުވާނޭކަން ކަށަވަރުކުރާނެ ނިޒާމުތައް ރަނގަޅަށް ހިންގުމެވެ. އެކަމަށް ބޭނުންވާ ޤާނޫނުތައް އެބަހުއްޓެވެ. ކުޅިވަރު ޤާނޫނާއި މަނީ ލޯންޑަރިންގ ހުއްޓުވުމާބެހޭ ޤާނޫނުގެ ދަށުން، ކުޅިވަރު ޖަމްޢިއްޔާތަކުގެ ފައިސާ ބޭނުންކުރާގޮތް ހަމަ ރަނގަޅަށް މޮނިޓަރ ކުރެވޭނެ ޤާނޫނީ ނިޒާމުތައް އެބަހުއްޓެވެ. އެކަމަށް ޤާބިލު މީހުންވެސް އެބަތިއްބެވެ. ބޭނުންވަނީ، މަޑުމަޑުން، ވިސްނުންތެރިކަމާއއި، ކެތްތެރިކަމާއެކު، "ބިޒީ" ނުވެ، މިކަން ކުރަން ބޭނުންވާނެ ބައެކެވެ. 

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author