
12/2/2025
ދާދި ފަހުން ޚަބަރެއްގައި އޮތް ވާހަކައެކެވެ. ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވާ މީހުން 20 އަހަރަށް ޖަލަށް ލެވޭގޮތަށް ސަރުކާރުން، ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީއެވެ. އެއްގަމު އުޅަނދު ނުރައްކާތެރިކޮށް ދުއްވުމަކީ މިހާރުވެސް ޢަމަލުކުރަމުންދާ ޤާނޫނުތަކުން އަދަބު ކަނޑައެޅިފައިވާ ކަމަކަށްވާތީ، ސަރުކާރުން ހުށަހަޅުއްވާ ޙަޤީޤީ ބަދަލަކީ ކޮބައިތޯ ބަލައިލަން އެ ބިލު އަޅުގަނޑު ކިޔައިލީމެވެ. އެ ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު މުޙައްމަދު ޝާމިން ޙަބީބެވެ. އެ ބިލުގެ ސަބަބުން ވާނީ ރަނގަޅަށްވުރެ ގޯސް ކަމަށް ފެންނާތީ، އެކަންކަން ތާރީޚަށްޓަކައާއި، ޢިއްޒަތްތެރި މެމްބަރު މުޙައްމަދު ޝާމިން ޙަބީބުގެ މަޢުލޫމާތަށްޓަކައި ލިޔެލީމެވެ. ކިޔުއްވާނެކަމުގެ އުއްމީދުގައެއް ނޫނެވެ. އަޅުގަނޑުގެ ޒިންމާ އަދާކުރިކަމުގެ ހިތްހަމަޖެހުން ލިބިގަތުމަށްޓަކައެވެ. އެ ބިލު ގޯހީ އެންމެ ގޮތަކުން ނޫނެވެ. އެތަށް ގޮތަކުންނެވެ.
ކުށް ބަޔާންކުރާ ޤާނޫނަކީ ޤާނޫނުލްޢުޤޫބާތެވެ. ގިނަ ޤާނޫނުތަކުގައި ކުށް ބަޔާންކުރުމުން ތުރާ ބޮޑުވެއެވެ.
ދިވެހިރާއްޖޭގައި ކުށާއި އަދަބާބެހޭ ޤާނޫނެއް އެންމެ ފުރަތަމަ ލިޔުނީ 1968 ގައެވެ. ޕީނަލް ކޯޑުގެ 4 ޗެޕްޓަރެއް އެ ޒަމާނުގައި ލިޔުނެވެ. އޭގެ ފަހުން އެ ޤާނޫނަށް އިޞްލާޙެއް ނުގެނެސް، ތަފާތު އެކި ޤާނޫނުތަކުގައި ކުށް ބަޔާންކުރާ މާއްދާތައް ދިޔައީ ލިޔަމުންނެވެ. މިހެން ގޮސް، 2004 ވަނަ އަހަރު، ރައީސް މައުމޫން އިޢުލާނުކުރެއްވި އިޞްލާޙީ އެޖެންޑާގެ ދަށުން، ޖިނާއީ ޢަދުލުގެ ނިޒާމު ދިރާސާކުރިއިރު، ތަފާތު 130 އަށްވުރެ ގިނަ ޤާނޫނުގައި ކުށް ބަޔާންކުރާ މާއްދާތައް އޮތީ ލިޔެފައެވެ. މިކަމުގެ ސަބަބުން ޢާންމު ރައްޔިތުންނަށް އުފުލަންޖެހޭ ތުރާލަކީ، ޢާންމު ދިރިއުޅުމެއްގައި ކުށެއް ނުކޮށް އުޅުމަށްޓަކައި، ތަފާތު 130 ޤާނޫނު އެއްކޮށް ކިޔައި ދަސްކުރަންޖެހުމެވެ. މިއީ ރަނގަޅު، ތަހުޒީބު ގޮތެއްކަމަށް ނުފެންނާތީ، ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމަށް އެކުލަވާލި އައު ޕީނަލް ކޯޑުގައި، ހުރިހާ ޤާނޫނެއްގައި ހުރި ހުރިހާ ކުށެއް އެއް ޤާނޫނަކަށް ގެންނަން ނިންމިއެވެ. މަދު، ފަންނީ ގޮތުން އުނދަގޫ ޤާނޫނުތައް ފިޔަވައި (މިސާލަކަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނާއި ޓެރަރިޒަމާބެހޭ ޤާނޫނުތައް، އޭރުގެ ސިޔާސީ އަދި ޢަމަލީ ސަބަބުތަކަކަށްޓަކައި އިސްތިސްނާކުރުމަށްފަހު) އެހެން ހުރިހާ ޤާނޫނުތަކެއްގައި ހުރި ކުށާއި އަދަބު ބަޔާންކުރާ މާއްދާތައް އައު ޕީނަލް ކޯޑަށް ގެނައެވެ. ނަތީޖާއަކީ، ކުށަކަށް ވަނީ ކޮން ކަމެއްތޯ ދެނެގަތުމަށް ބަލަންޖެހޭނީ ހައެއްކަ ޤާނޫނަށްވުމެވެ. މިގޮތަކީ، ޤާނޫނުއަސާސީގެ 61 ވަނަ މާއްދާ (ޤާނޫނުތަކާއި ގަވާއިދުތައް ޢާންމުކޮށް ޝާއިޢުކުރުން) ގެ (ށ) ގައި އޮތް "ޤާނޫނެއް ނުވަތަ ޤާނޫނަކުން ބާރު ލިބިގެން ހަދާ ޤަވާޢިދެއްގެ ދަށުން ވިޔަސް އެއްވެސް މީހަކަށް އަދަބެއް ދޭންވާނީ، އެ ޤާނޫނެއް ނުވަތަ އެޤަވާޢިދަކީ ޢާންމުކޮށް ޝާއިޢުކޮށްފައިވާ އެއްޗަކަށް ވާނަމައެވެ. އަދި މަނާ ކުރެވޭ ކަންތަކާއި، އެއިން ކަމެއް ކޮށްފި މީހަކަށް ދެވޭނޭ އަދަބު ސާފުކޮށް ބަޔާން ކޮށްފައި އޮވެގެން" ކަމަށް ބުނާ އުޞޫލާވެސް ފައިހަމަކުރެވޭ ގޮތެކެވެ.
މިހެން އޮއްވާ، މިހާރު ހުށަހަޅުއްވާފައިވާ ބިލުގައި ކުށާއި އަދަބުގެ ބައިގައި، ޖިނާއީ ކުށް ބަޔާންކުރަން އޮތީ 2 މާއްދާއެވެ. އެއީ، 88 އަދި 89 ވަނަ މާއްދާއެވެ. މި ދެމާއްދާގައި ހުރި ކަންކަން ޤާނޫނުލްޢުޤޫބާތުން މާ ފުރިހަމައަށް ކަވަރު ކުރެއެވެ. އެކަން އެހެން ނުވާކަމަށް ޢިއްޒަތްތެރި މެންބަރަށް ފެނިވަޑައިގަންނަވާނަމަ، އެ ތަފްޞީލުތައް، ޤާނޫނުލްޢުޤޫބާތަށް ގެންނަ އިޞްލާޙަކުން ޙައްލުކުރެވިދާނެއެވެ. މި ޤާނޫނަށް އެ ވާހަކަތައް ގެނައުމުން، ޢާންމު މީހާ، އެއްގަމު އުޅަނދު ދުއްވުމާބެހޭ ގޮތުން އޮތް ކުށްތަކަކީ ކޮބައިތޯ ބެލުމަށް 151 ޞަފްޙާގެ މި ބިލުން 2 ޞަފްޙާ ހާވަން ޖެހޭގޮތް މެދުވެރިވެއެވެ. ޤާނޫނުލްޢުޤޫބާތުގައި އެކްސިޑެންޓުގެ މައްސަލަތައް ތަޖުރީމުކޮށްފައި އޮތް ގޮތް، މީގެ ކުރިން އަޅުގަނޑު ލިޔެފައިވާނެއެވެ.
ދިފާޢުތަކާއި ކުށާގުޅޭ ޢާންމު އުޞޫލުތައް ނުހިނގުން
ޤާނޫނުލްޢުޤޫބާތަކީ ހަމައެކަނި ކުށް ބަޔާންކުރާ ޤާނޫނެއް ނޫނެވެ. އެ ޤާނޫނުގެ ފުރަތަމަ ބައިގައި އޮތީ ކުށާ ގުޅޭ ޢާންމު އުޞޫލުތަކެވެ. ކުށުގެ ނިޔަތާގުޅޭ ރުކުންތައް ދެނެގަންނާނެ ގޮތާއި، ނިޔަތާ ގުޅިގެން އަދަބަށް ބަދަލު އަންނާނެ ޙާލަތުތަކާއި، ކުށުގެ ދިފާޢުތަކާއި އެ ދިފާޢުތައް ލިބޭނެ ނުވަތަ ނުލިބޭނެ ގޮތްތަކެވެ. މިއިން އެއްވެސް ކަމެއް، މިބިލުގައި އޮތް ކުށްކުރާ މީހާއަކަށް ނުލިބެއެވެ.
މިސާލަކަށް، ނުރައްކާތެރިކޮށް ދުއްވައިގެން މީހަކު މަރުވި ޙާދިސާގައި އުޅަނދު ދުއްވި މީހާގެ ފަހަތުގައި، ވަޅިއެއް ޖައްސައިގެން، ބިރު ދައްކައި، ނުވަތަ މަޖުބޫރީ ޙާލަތެއްގައި ހުރެގެން ދުއްވައިފިނަމަ، އޭނާއަށް ލިބޭނެ ލުޔެއް ނެތެވެ. ވަޅި ޖައްސައިގެން ސައިކަލު ދުއްވަން މަޖުބޫރު ކުރުމަކީ ރާއްޖޭގައި ހިނގައިފައިވާ ކަމެކެވެ. އެހެން ގޮތަކަށް ބުނާނަމަ، ވަޅި ޖައްސައިގެން މީހަކު ލައްވާ ސައިކަލެއްގައި ގޮސް އެހެން މީހެއްގެ ގައިގައި ޖައްސުވައިގެން އަނިޔާވި މީހާ މަރުވާ ޙާލަތުގައި، މަޖުބޫރީ ޙާލަތުގައި ސައިކަލު ދުއްވި މީހާ، މުޙައްމަދު ޝާމިން ޙަބީބުގެ ބިލުގެ ސަބަބުން 20 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ލިބެއެވެ. ނަމަވެސް، މަޖުބޫރި ކުރުވި މީހާ މި ބިލަކަށް ނުފެތެއެވެ. އޭނާއަށް ދައުވާއެއް ކުރެވޭނީ ޤާނޫނުލްޢުޤޫބާތުގެ ދަށުންނެވެ.
އަދަބުގެ ދަރަޖަތައް އޮޅުން ބޮޅުންވެ، ހަމަހަމަކަން ގެއްލުން
މިބިލުގައި އޮތް ދެ ކުށުގެ އަދަބުތައް ބިލުގައި ހިމަނާފައި އޮތް ގޮތުން، އެ އަދަބުތައް ޤާނޫނުލްޢުޤޫބާތާ އަޅައި ބަލާއިރު ހަމައެއް ނުޖެހެއެވެ. ޤާނޫނުލްޢުޤޫބާތުގައި އޮތީ އަދަބުގެ ދަރަޖަ ބަޔާންކުރާ ތާވަލެކެވެ. އެއްވައްތަރެއްގެ، އެއް މިންވަރެއްގެ ނުރައްކާތެރި ކުށްތަކަށް އެއްހަމައެއްގެ އަދަބު ދެވޭ ގޮތަށެވެ. އަދަބު ދިނުމުގައި ފަނޑިޔާރުގެ ބާރުވެސް ވަކި ގޮތަކަށް ތަރުތީބުކުރެވި، ތަފްޞީލުކުރެވިފައެވެ.
މިބިލުގައި އޮތް ގޮތުން، މީހަކު ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އުޅަނދެއް ދުއްވައިގެން މީހަކު މަރުވެއްޖެނަމަ، 20 އަހަރަށް ޖަލަށްލުމުގެ އަދަބު ނޫން އަދަބެއް ފަނޑިޔާރަކަށް ދެވޭކަށް ނޯވެއެވެ. އެކަން ކުރީ ޤަޞްދުގައި ރާވައިގެން، ވަކި މީހަކަށް އަމާޒުކޮށްގެން، ވަކި ނަތީޖާއެއް ނެރެން ކަމަށް ވިޔަސް، ނުވަތަ ހަމަ ޙަޤީޤަތުގައިވެސް، އެކްސިޑެންޓަކުން ކަމަށްވިޔަސް، އަދަބަކީ އެއް އަދަބެކެވެ. ވަޅި ޖައްސައިގެން އިން މީހާގެ ކުށް، ޤާނޫނުލްޢުޤޫބާތުގައި އޮތީ 140 ވަނަ މާއްދާ (ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން) ގައެވެ. އެކުށުގެ އެންމެ ބޮޑު އަދަބަކީ 8 އަހަރު ދުވަހަށް ޖަލަށްލުމެވެ. ޤާނޫނުލްޢުޤޫބާތުގައި، ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުމެވެ. އަދަބުގެ ދަރަޖަ 4 ދަރަޖަ މަތިވެގެން މެނުވީ 20 އަހަރަށްވުރެ އަދަބު ބޮޑެއް ނުވެއެވެ. މިއީ ޤަޞްދުގައި މެރުމުގެ އަދަބެވެ. ބިލުގައި އޮތީ އެކްސިޑެންޓަކުން މީހަކު މަރުވުމުގެ އަދަބު، ޤަޞްދުގައި މީހަކު މެރުމަށްވުރެ ބޮޑުކޮށްފައެވެ. ކުރި ޢަމަލާއި އެ ޢަމަލަށް އެހެން ޤާނޫނުތަކުގައި ހުރި އަދަބުތަކާ އެއްހަމަނުވާނަމަ، އަދަބުތަކުގެ ހަމަހަމަކަމާމެދު ސުވާލު އުފެދޭނެއެވެ. ޤާނޫނުލްޢުޤޫބާތުގެ އަދަބުތައް ކުޑަނަމަ، އެކަން އިޞްލާޙުކުރެވިދާނެއެވެ. ނަމަވެސް، އެ ޤާނޫނުގެ ބޭރުން، އެހެން ޤާނޫނުތަކުގައި ތަފާތު ބޮޑެތި އަދަބުތައް ލިޔާނަމަ، މުޅި ނިޒާމުގެ ހަމަހަމަކަމާމެދު ސުވާލު އުފެދޭނެއެވެ.
ގިނަ ކުށްތަކަށް އަދަބުދެވޭނެ ގޮތެއް ނެތުން . ކުށުގެ ނުރައްކާތެރިކަން ވަޒަން ކުރެވޭނެ ގޮތެއް ނެތުން
ޤާނޫނުލްޢުޤޫބާތުގެ އަދަބުތައް ކުޑައެވެ. ނަމަވެސް، އެ ގޮތަށް ހަދާފައި އެވަނީ ދެކަމެއް ޙާޞިލުކުރާށެވެ. ޤާނޫނުލްޢުޤޫބާތުގައި އަދަބުތައް ކުޑަކޮށްފައި އެވަނީ، ޤާނޫނުގެ ދަށުން އަދަބު ކަނޑައެޅޭ މީހުން އަދަބު ތަންފީޒުކުރާނެކަމަށް ބަލައިގެންނެވެ. ރައީސުލްޖުމްހޫރިއްޔާގެ މަޢާފާއި، ޕެރޯލާއި އެނޫންވެސް، ނިޒާމުން ބޭރުން ހިންގާ އަދަބު މަޢާފުކުރުމުގެ ސްކީމްތައް ނުހިންގާނެކަމަށް ބަލައިގެންނެވެ.
ދެވަނަ ކަމަކީ، އެއްކުށަށްވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅޭ ގޮތް ހެދުމެވެ. މީހަކު މެރުމުގެ ދަޢުވާކުރާއިރު، އެ ޢަމަލު ފުރިހަމަކުރުމަށްޓަކައި އިތުރު ކުށް ކޮށްފައިވާނަމަ، އެ ކުށްތަކަށްވެސް ދައުވާކުރާނެއެވެ. ފޯޖު ލިޔުންތަކުގެ މައްސަލައިގައި ދައުވާކުރާއިރު، ކޮންމެ ލިޔުމަކާ ގުޅިގެން ވަކި ދައުވާއެއްކޮށް، ވަކި ނިޒާމެއްގެ ދަށުން އަދަބު ކަނޑައަޅާނެއެވެ. އޭގެ ބޭނުމަކީ، އޭނާ އެ ކުށް ކުރިއިރު ޢަމަލުކުރި ގޮތުގެ ނުރައްކާތެރިކަމާ އެއްވަރުގެ އަދަބެއް ލިބޭނެކަން ކަށަވަރުކުރުމެވެ. މިސާލަކަށް، ގެއަކަށް ވަގަށްވަދެ، އެގޭ ބިއްލޫރިގަނޑު ތަޅާލައި، އެގެއިން ވައްކަންކުރި މީހާއާއި، ގެއަކަށް ވަގަށް ވަދެ، ބިއްލޫރިގަނޑު ތަޅާނުލައި، ވައްކަންކޮށްގެން ނުކުތް މީހާއާ އަދަބު ތަފާތުކުރެވޭނެ މަގު ފަހިކުރާށެވެ.
މިހާރު ހުށަހެޅިފައިވާ ބިލު އޮތް ގޮތުން، ޖިނާއީ ދައުވާކުރެވޭގޮތަށް އޮތް ދެ ޙާލަތުގައި، އެ ޢަމަލު ފުރިހަމަކުރަން އިތުރަށް ކުރި އެހެނިހެން، ކުދިކުދި ކަންތައްތަކަށް އަދަބު ކަނޑައެޅުމުގައި ރިޢާޔަތްކުރެވޭކަށް ނެތެވެ. މިސާލަކަށް، މީހަކު މަރުވި އެކްސިޑެންޓެއްގައި ބޭނުންކުރި ސައިކަލުގެ ޗެސިސް ނަންބަރު ބަދަލުކޮށްފައި ނުވަތަ ލައިސަންސް ޕްލޭޓް ބަދަލުކޮށްފައި އޮވެފައި، ހަމަ އެކަހަލަ އެހެން ހާދިސާއެއްގައި، ޗެސިސް ނަންބަރު ބަދަލުނުކޮށް، ލައިސަންސް ޕްލޭޓް ބަދަލުނުކުރިޔަސްވެސް، އަދަބު ދެވެނީ އެއްވަރަކަށެވެ. އަދަބަކުންނެއް މީހާ ކުށްކުރިއިރު ވިސްނުން ގެންގުޅުނު ގޮތުގެ ނުރައްކާތެރިކަމަކަށް ރިޢާޔަތެއް ނުކުރެވެއެވެ.
އަޅުގަނޑަށް ފެންނަނީ، މިބިލާމެދު ޢިއްޒަތްތެރި މެމްބަރު މުޙައްމަދު ޝާމިން ޙަބީބު އަދި އެއްފަހަރު ވިސްނާވަޑައިގަތުމެވެ. ވިސްނާވަޑައިގަންނަވަންވީ ކަންކަމުގެ ޚުލާޞާއެއް މިލިޔުމުގައި ހިމަނާލެވޭތޯ ބަލައިފީމެވެ. އެކްސިޑެންޓުގެ ޢަމަލުތައް ކުށްވެރިކޮށް އަދަބު ބޮޑުކުރުމަކީ ރަނގަޅުކަމެކެވެ. އެހެން ނަމަވެސް، އެކަން ކުރާއިރު، އެކަމުގެ ސަބަބުން މުޅި ނިޒާމުގެ ޢަދުލުވެރިކަމާއި ހަމަހަމަކަން ގެއްލުމަކީ ރަނގަޅު ގޮތަކަށް ނުވާނެއެވެ. ޤާނޫނު ތަންފީޒުކުރާ މީހުންނަށް ޤާނޫނެއް ދޭއިރު، އެއީ ފެންވަރު ރަނގަޅު ޤާނޫނަކަށް ހެދިގެން މެނުވީ ނަތީޖާއެއް ނުނެރެވޭނެއެވެ.
ބޯނަސް: ބިލުގެ 88 ވަނަ މާއްދާ މާނަކުރާނެ ގޮތާމެދު އަވަސް ނަޒަރެއް
މި ބިލުގައި ކުށް ބަޔާންކުރާ މާއްދާ ލިޔެފައި އޮތް ގޮތާބެހޭ ގޮތުން ލިޔަންހުރި ވާހަކަތައްވެސް މަދެއް ނޫނެވެ. ހަމައެކަނި 88 ވަނަ މާއްދާއަށް ބަލައިލާނަމެވެ. މި ބިލުގެ 88 ވަނަ މާއްދާގައި އޮތީ، "އެއްވެސް ފަރާތަކުން، އެއްގަމު ދަތުރުފަތުރު ނިޒާމުގެ ތެރޭގައި، ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އުޅަނދެއް ދުއްވުމަކީ ކުށެއް" ކަމަށެވެ. "ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އުޅަނދު ދުއްވުން" މާނަކޮށްދީފައި އޮތީ 127 ވަނަ މާއްދާ (މާނަކުރުން) ގެ (ޒ) ގައެވެ. އެ އަކުރުގައި އޮތް ޢިބާރާތާއި އެ ޢިބާރާތް އޮތް ގޮތުން ނުކުމެދާނެ ނުރަނގަޅު އަސަރުތަކާބެހޭ ކޮމެންޓު ތިރީގައި އެވަނީއެވެ.
(ޒ) ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުން" ކަމަށް ބުނެފައި އެވަނީ ތިރީގައި ބަޔާންކުރެވިފައިވާ ކަންތައްތަކަށެވެ.
(1) މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުމަށް ހުއްދަކުރާ ދުވެލީގެ ބާރުމިނަށްވުރެ އެތައް ގުނައެއް ބާރަށް އެއްގަމު އުޅަނދު ދުއްވުން:
-- މިއަކުރު އޮތް ގޮތުން، ކުށްވެރިވާނީ "މަގުތަކުގައި" ދުއްވައިގެންނެވެ. ދުވާރުގައި ނުވަތަ މަގެއް ނޫން ތަނެއްގައި ދުއްވުން އިސްތިސްނާވެއެވެ. މި އަކުރުގައި "މަގުތަކުގައި" ގެ ބަދަލުގައި ބިލުގެ 127 ވަނަ މާއްދާގެ (ނ) ގައި މާނަކޮށްދީފައި އޮތް "އެއްގަމު ދަތުރުފަތުރުގެ ނިޒާމު" މި ޢިބާރާތް ބޭނުންކުރެވުނީހެވެ. ނަމަވެސް، މުޙައްމަދު ޝާމިން ޙަބީބުގެ ފުޅާ ވިސްނުންފުޅާއެކު، "އެއްގަމު ދަތުރުފަތުރުގެ ނިޒާމު" ގެ ބަދަލުގައި "މަގުތަކުގައި" މި ޢިބާރާތް ލިޔެފައި އޮތީ، އެކަމުން ޚާއްޞަ މަޤަޞަދެއް ޙާޞިލުކުރަން ކަމަށް ބަލަންޖެހޭތީ، މަގު ނޫން ތަނެއްގައި ދުއްވައިގެން މި ކުށެއް ނުކުރެވޭނެއެވެ. މީގެ އިތުރުން، ކުށް ފުރިހަމަވުމަށްޓަކައި، ދުއްވަންޖެހޭނީ "އެތައް ގުނައެއް ބާރަށެ"ވެ. އެންމެ ގުނައެއް ބާރަށް ދުއްވައިގެން ކުށެއް ފުރިހަމައެއް ނުވެއެވެ. އެތައް ގުނައަކީ ދެ ގުނަ ނުވަތަ އެއަށްވުރެ ގިނަ ގުނައެވެ. މި ޢިބާރާތްވެސް ނުލިޔެ ފަރުޖެއްސުނީހެވެ. ނަމަވެސް، މުޙައްމަދު ޝާމިން ޙަބީބުގެ ޙިކުމަތު ޢަމަލީގެ މަތިން މި ޢިބާރާތް ލިޔެފައި އޮތުމުން، ކުށް ފުރިހަމަ ވާނީ "އެތައް ގުނައެއް" ބާރަށް ދުއްވިކަން ޕްރޮސިކިއުޝަނަށް ސާބިތުކޮށްދެވިގެންނެވެ.
(2) މަގުތަކުގައި ކަތިކައްޗަށް (ޒިގްޒެގްކޮށް) މަގު ހުރަސްވާގޮތަށް ބާރު ދުވެލީގައި އެއްގަމު އުޅަނދު ދުއްވުން"
މިއަކުރު އޮތް ގޮތުން، ޒިގްޒެކްގްކޮށް، ބާރު ދުވެލީގައި ދުއްވަންޖެހޭނީ މަގެއް މަތީގައެވެ. އެނޫން ގޮތަކަށް، އެނޫން ތަނެއްގައި (މިސާލަކަށް ދުވާރުގައި) ދުއްވައިގެން ކުށް ފުރިހަމައެއް ނުވެއެވެ. މިތަނުގައިވެސް "އެއްގަމު ދަތުރުފަތުރުގެ ނިޒާމު" މި ޢިބާރާތް ބޭނުންކުރެވެން އޮއްވާ، ހަމަ ޤަޞްދުގައި އެ ޢިބާރާތް ބޭނުން ނުކުރައްވައި، "މަގުތަކުގައި" ކަމަށް ލިޔުއްވާފައި އޮތީ އޮޅިގެން ނުވަތަ ނޭނގިގެންކަމަށް އަޅުގަނޑުމެން ބަލައިގެނެއް ނުވާނެއެވެ.
(3) ގޯޅިއަކަށް ނުވަތަ މަގަކަށް ނުކުންނައިރު ނުވަތަ މަގުތަކުގައި ދުއްވާއިރު ސްޕީޑްބްރޭކަރަށް މަޑުނުކޮށް ބާރު ދުވެލީގައި ދުއްވުން:
މި އަކުރު އޮތް ގޮތުން ސްޕީޑްބްރޭކަރަށް މަޑުނުކޮށް ދުއްވައިގެން މި ކުށް ފުރިހަމަވެއެވެ. ނަމަވެސް، ހިނގާމީހުން ހުރަސްކުރާ ދުވާރަށް މަޑު ނުކޮށް، ނުވަތަ ޓްރެފިކް ލައިޓަށް މަޑުނުކޮށް ދުއްވައިގެން މީހަކު މަރުވިޔަސް، މި އަކުރަކުން ކުށްވެރިއެއް ނުވެއެވެ. މިސާލަކަށް، ސިނަމާލެ ބްރިޖުގައި ހުރި ޓްރެފިކް ލައިޓަކީ "މަގަކަށް ނުކުންނައިރު" ހުންނަ ލައިޓެއް ނޫނެވެ. ވީމާ، އެ ލައިޓަށް މަޑުނުކޮށް ގޮސްގެން މި ކުށް ފުރިހަމައެއް ނުވެއެވެ.
(4) މިނިސްޓްރީން ހުއްދަ ނުނަގައި، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ރޭސްޖަހަން ދުއްވުމާއި، ހުނަރު ދެއްކުމުގެ ގޮތުން އެއްގަމު އުޅަނދު ދުއްވުން
އެއްގަމު އުޅަނދެއް ދުއްވުމަކީ އާދައިގެ ވަރެއްގެ ހުނަރެއް ބޭނުންވާކަމެކެވެ. އެ އުޅަނދު ދުއްވަނީ މަގުމަތީގައިނަމަ، އޭނާ އެ ދުއްވަނީ އޭނާގެ ހުނަރު އެހެން މީހުންނަށް ދައްކަންކަން ސާބިތުކުރެވިދާނެއެވެ. އެއްވެސް މީހަކު ހުނަރެއް ދެއްކޭފަދަ ގޮތަކަށް މެނުވީ އުޅަނދެއް ނުދުއްވޭނެތީ، މި އަކުރުން އެކަނި، އެއްގަމު އުޅަނދު ދުއްވާ ހުރިހާ މީހުން ކަވަރު ކުރެއެވެ. މިއީ، މެމްބަރު މުޙައްމަދު ޝާމިން ޙަބީބުގެ ދުރުވިސްނުން ރަމްޒުކޮށްދޭ ކަމެކެވެ. ނަމަވެސް، ޢާންމުކޮށް ކުށް ބަޔާންކުރާ ޤާނޫނުގައި ހުންނަ ގޮތެއް ނޫނެވެ.
(5) މަގުތަކުގައި ދުއްވާ އެހެން އުޅަނދުތަކަށް ޖާގަނުދީ، ރައްކާތެރިކަމާއެކު ކުރިއަރައިގެންދާނެ ޖާގަނެތި ނުރައްކާތެރިކޮށް އޯވަރޓޭކްކުރަމުން ދުއްވުން:
މި ޢިބާރާތުގައި، ޖާގަނެތި އޯވަރޓޭކްކުރުން އެއީ ނުރައްކާތެރިކަމެއް ގޮތަށް ސިފަކުރާ ނަންއިތުރުގެ ސަބަބުން މި ޢަމަލު ފުރިހަމަވާގޮތް ސާފުވެއެވެ. ނަމަވެސް، ދެން އޮތް ލަފްޒުގައި އޯވަރޓޭކްކުރަމުން ދުއްވުން، އެއީ ވޭވޭހުރި ކަމެއް ގޮތަށް ލިޔުއްވާފައި އޮތުމުން، އޯވަރޓޭކްކުރުންވެސް އެއްފަހަރަށްވުރެ ގިނަ ފަހަރު ވާންޖެހޭކަން އެނގެއެވެ. ވީމާ، އެއްފަހަރު ނުރައްކާތެރިކޮށް އޯވަރޓޭކް ކުރިއަސް ކުށް ފުރިހަމައެއް ނުވެއެވެ. އޯވަރޓޭކް ކުރަމުން ދުއްވަންޖެހެއެވެ. އެއްފަހަރަށްވުރެ ގިނަ ފަހަރެވެ.
(6) މަސްތުގެ ޙާލަތުގައި ހުރެގެން ދުއްވުން
މި އަކުރުގައި އޮތް ވާހަކަ ސާފެވެ. މިއަކުރާއި، މި މުޅި ޤާނޫނުންވެސް ސާފުނުވަނީ، މަސްތުގެ ޙާލަތުގައި ނުވަތަ މިބިލުގައި ބުނާ "ނުރައްކާތެރިކޮށް" ދުއްވިއިރު، އަނިޔާ ލިބުނު މީހާގެ ޢަމަލުތަކުން، މި އެކްސިޑެންޓު ހިނގުމަށް ބާރު އެޅުނުނަމަ، ދެން ހަދާނެ ގޮތެކެވެ.
The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author