
1/7/2026
އަޅުގަނޑުގެ ޕްރޮސިކިއުޓަރ ޖެނެރަލްކަމުގެ ދައުރުގައި ދަޢުވާކޮށް، ކޯޓަށް ހުށަހެޅި ބައެއް މައްސަލަތައް މިދިޔަ ޑިސެމްބަރު މަސްތެރޭގައި ކްރިމިނަލް ކޯޓުން ނިމުނުއިރު، ހަނީސަކްލް ޙުސައިން ޝިފާޢުގެ މައްޗަށް 159 އަހަރުގެ ޖަލު ޙުކުމަކާއި ޙަސަން މަމްދޫޙުގެ މައްޗަށް 397 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ. މިއީ ކިހިނެތް ވާކަމެއްތޯއާއި މިހައި ދުވަހު މީހަކު ޖަލުގައި ހުންނަން ޤާނޫނީ ނިޒާމު ތަޞައްވަރު ކުރަނީތޯ މީހުން އަޅުގަނޑާ ސުވާލުކުރާތީ، މިކަން، ޤާނޫނީ ގޮތުން އޮންނަ ގޮތް ސާފުކޮށްދެވޭތޯ ލިޔެލީމެވެ.
1981 ވަނަ އަހަރު ފާސްކުރި، (މިހާރު އުވާލެވިފައިވާ)، ޤާނޫނު ނަންބަރު 81/1 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 16 ވަނަ މާއްދާގައި އޮންނަނީ؛ "ޢުމުރުދުވަހަށް ޖަލަށްލުމަކީ ނުވަތަ އުމުރަށް އަރުވާލުމަކީ ފަންސަވީސް އަހަރުކަމަށް ހިމެނޭނެއެވެ. އަދި މި ޤާނޫނުގެ ދަށުން އެއްކުށަކަށް ދެވޭ އެއްވެސް އަދަބެއް ފަންސަވީސް އަހަރަށްވުރެ ގިނަވެގެން ނުވާނެ" ކަމަށެވެ. ޖަލު އަދަބު 25 އަހަރަށް ލިމިޓުކުރުމުގެ މަފްހޫމް އައިސްފައި އޮތީ މި ޤާނޫނުންނެވެ.
9 ޖޫން 2004 ގައި، އިސްލާމީ މަރުކަޒުގައި އޮތް ޖަލްސާއެއްގައި، ރައީސް މައުމޫން އިޢުލާންކުރެއްވި އިޞްލާޙީ އެޖެންޑާގައި، ޖިނާއީ ޢަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަވަން ނިންމަވާފައި އޮތެވެ. އޭގެ 10 އަހަރު ފަހުން، 2014 ވަނަ އަހަރު ޢަމަލުކުރަންފެށި އައު ޤާނޫނުލްޢުޤޫބާތާއެކު، ދައުވާކުރުމާއި އަދަބު ދިނުމުގެ ބައެއް އުޞޫލުތަކަށް ބަދަލު ގެނެސްފައިވެއެވެ.
ކުރީގައި ޢަމަލު ކުރަމުންދިޔަ ޤާނޫނީ ނިޒާމުގައި، އެއް ހާދިސާއެއްގައި ކިތަންމެ ގިނަ ކުށުގެ ޢަމަލުތަކެއް ހިމެނުނު ނަމަވެސް، ދަޢްވާ ކުރަނީ އެކަންތައްތަކުގެ ތެރެއިން އެންމެ ބޮޑު ކުށެއްގެ މައްޗަށެވެ. އައު ޤާނޫނުލްޢުޤޫބާތުން ގެނައި އެއް ބަދަލަކީ، އެއް ހާދިސާއެއްގައި ހިމެނޭ ގިނަ ކުށުގެ މައްޗަށް، އެއް މައްސަލައެއްގެ ތެރެއިން ދައުވާކުރެވޭނޭ ގޮތް ވުމެވެ.
މިސާލަކަށް، މީހަކު، ރާވައިގެން، ދުރާލާ ތައްޔާރުވެގެން، ވަގަށް ގެއަކަށް ވަދެ، އެގޭގައި އޮތް މީހެއްގެ ގައިގާ ޖަހައި، މާރާމާރީ ހިންގުމަށްފަހު، އެގޭގައި ހުރި ތިޖޫރީއެއް ފަޅާލައިގެން ވައްކަންކޮށްފިނަމަ، ކުރިން ޢަމަލުކުރަމުން ދިޔަ ޤާނޫނުގެ ދަށުން އެމީހެއްގެ މައްޗަށްކުރާނީ ވައްކަންކުރުމުގެ ކުށުގެ ދައުވާ އެކަންޏެވެ. އެއީ، އެ ޙާދިސާގައި އެންމެ ބޮޑު ކުށަކީ ވައްކަން ކުރުންކަމަށްވާތީއެވެ. އެއްވެސް ސަބަބަކާހުރެ (މިސާލަކަށް، ހެކިންގެ ހެކިބަސް ނުލިބުންފަދަ ކަމެއް ދިމާވެގެން) ވައްކަންކުރުމުގެ ކުށް ސާބިތުނުވެއްޖެނަމަ އެމީހާ ސަލާމަތްވާނެއެވެ. ވަގަށް ގެއަށް ވަނުމާއި، ނިދާފައި އޮތް މީހާގައި ޖެހުމާއި ތިޖޫރީ ފަޅާލުމުގެ ޢަމަލުތައް ހިންގިކަން ފެނި، ސާބިތުވިޔަސްވެހެވެ. އެކަންކަމަށް ދައުވާކުރެވިފައި ނެތުމުން، އަދަބު ކަނޑައެޅޭނެ ގޮތެއް ނެތީއެވެ. ވައްކަން ފިޔަވައި ދެން ކުރު ކުށްތައް އެމީހާ ނުކުރާ ފަދައެވެ.
ވައްކަން ސާބިތުވާ ޙާލަތުގައިވެސް އަދަބު ދެވޭނީ ވައްކަމުގެ ޢަމަލަށް އެކަންޏެވެ. އެކަން ކުރުމަށްޓަކައި އޭނާ ކުރި އެހެން ކަންކަން ވަޒަންކުރެވި، ޒިންމާދާރުކުރެވި، އަދަބުދެވޭނެ ގޮތެއް ނެތެވެ. އެހެން ގޮތަކަށް ބުނާނަމަ، ޖިނާއީ ޢަދުލުގެ ނިޒާމުން ބުނަނީ، ކުށެއްކުރާނަމަ، ފިސާރި ރަނގަޅަށް އެ ކުށްކުރާށޭއެވެ. ކިތަންމެ ބޮޑުކޮށް، ކިތަންމެ ރާވައިގެން ކުރިއަސްވެސް އަދަބުދޭނީ އެންމެ ޢަމަލަށެވެ. އަދަބުގެ ލިމިޓަކީވެސް 25 އަހަރެވެ.
މިކަން، ޢަމަލީ ގޮތުން ފެނި ތަޖުރިބާ ކުރެވުނީ 1988 ގެ ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާގެ ޝަރީޢަތުގައެވެ. ދިވެހިންގެ ތެރެއިން 19 މީހުން ޝަހީދުކޮށްލި، އަނިޔާވެރިކަމާއެކު ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލި މައްސަލައިގައިވެސް އަދަބަކީ 25 އަހަރުގެ ޖަލު ޙުކުމެކެވެ. ބާޣީ ހަނގުރާމަވެރިން އެދުވަހު ލޫޓުވި ފިހާރަތަކާއި، މީހުންނަށް ދިން އަނިޔާއާއި، ކިޑްނެޕްކުރި މީހުންނާއި، އެމީހުންނަށް ދިން އަނިޔާތަކާއި، ހައިޖެކްކުރި ދޯންޏާއި، އެދޯންޏަށް ދިން ގެއްލުމާއި، ބަޑިއާއި ގޮވާތަކެތި ބޭނުންކޮށްގެން މީހުންގެ މުދަލާއި ޢިމާރާތްތަކަށް ދިން ގެއްލުންތަކާއި، އޮޕަރޭޝަން ކެކްޓަސްގައި ޙަރަކާތްތެރިވި ގޯދާވަރީއިން ފިލައިގެން ދިޔަ ބާޣީން އަތުލައިގަތުމާ ހަމައަށް ހިނގައިދިޔަ ހުރިހާ ކަމެއްގެ އަދަބަކީ އެންމެ 25 އަހަރުގެ ޖަލު ޙުކުމެކެވެ. އޭގެ 37 އަހަރު ފަހުން، މިއަދު އެކަމާ ގުޅިގެން އަދަބެއް ތަންފީޒުކުރާ މީހަކު ނެތެވެ. ޝަހީދުވި 19 މީހުންނާއި، ޝަހީދުނުވެ، އެކި ވަރުވަރުގެ އަނިޔާލިބުނު މީހުންނާއި، މީހުންގެ މުދަލަށް ލިބުނު ގެއްލުމުގެ ޖިނާއީ ޒިންމާ އުފުލާނެ މީހަކު ނެތެވެ. ކުރިން ދެންނެވި، ކުށެއް ކުރަންޏާ ފިސާރި ރަނގަޅަށް، ފިސާރި ބޮޑަށް ކުށްކުރަން ބާރުއަޅާ ނިޒާމެކެވެ. ތިމާގެ ކުރީގެ ފިރިމީހާގެ ފަރާތުން އަނިޔާލިބޭތީ، އެ އަނިޔާ ތަޙައްމަލުނުކުރެވިގެން، ދިމާވި ކުރިމަތިލުމެއްގައި ވަޅިއަކުން ޒަޚަމްކޮށްލުމުން ކުރީގެ ފިރިމީހާ މަރުވި ޙާދިސާގައިވެސް 25 އަހަރެވެ. ނޮވެމްބަރ 3 ގައި، ޤަޞްދުގައި ރާވައިގެން ބަޑިހިފައިގެން އައިސް، މާލެއިން ޖެހުނު ތަނެއް ލޫޓުވާ، މީހުންނަށް ބިރު ދައްކާ، ކިޑްނެޕްކޮށް، ހައިކެޖްކޮށް، ޙައްޤުން ކަމަކާނުލައި މުޅި ޤައުމުގެ އަމަން ނަގާލައި، ބިރުވެރިކަން ފަތުރައި، އެހުރިހާ ކަމެއްގެ މައްޗަށް، ކުށެއްނެތް ދިވެހި 19 މީހުން ޝަހީދުކޮށްލީމާވެސް 25 އަހަރެވެ.
އައު ޤާނޫނުލްޢުޤޫބާތާއެކު ދައުވާކުރުމުގެ ނިޒާމަށް ގެނައި ބަދަލަކީ، ކޮންމެ ޢަމަލަކާ ގުޅިގެން ވަކިން ދައުވާކުރުމެވެ. އެއީ، ކޮންމެ ޢަމަލަކަށް ވަކިން ޖިނާއީ ޒިންމާ އުފުލަންޖެހޭކަމަށް ނިޒާމު ޤަބޫލުކުރާތީއެވެ. އެމީހެއްގެ ނުރައްކާތެރިކަމަށް ބަލައިގެންނާއި، އެމީހާ ކުށްކުރި ގޮތަށް ބަލައިގެން އަދަބުދެވޭނީ އޭރުންނެވެ. ނޮވެމްބަރ 3 ގެ ޙާދިސާގައި، ހަމައެކަނި 19 މީހުންގެ މަރުގެ ޒިންމާ އުފުލަންޖެހޭ މީހަކު ނަމަ، ޖުމްލަ 475 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ. އޭގެ އިތުރުން، ފޭރުމާއި ލޫޓުވުމާއި، މީހުންނަށް ދިން އަނިޔާއާއި ކިޑްނެޕްކުރުމާއި ހައިޖެކްކުރުމުގެ ކުށްތަކަށްވެސް ދައުވާކުރެވި އަދަބު ދެވުނީހެވެ. އެމީހުން އެދުވަހު ކުރި ކަންކަމަށް ކޮންމެވެސް ވަރެއްގެ ހަމަޖެހޭ އިންޞާފުވެރި ގޮތަކަށް ޒިންމާދާރުކުރެވުނީހެވެ.
ޤާނޫނުލްޢުޤޫބާތާބެހޭ ގޮތުން އޭރު އޮތް އެއް ފާޑުކިޔުމަކީ އަދަބުތައް ކުޑަކޮށްފައި ހުރުމެވެ. އެއީ ތެދެކެވެ. ޖުމްލަކޮށް، ވަކި ކުށްތަކަށް ހުރި އަދަބުތައް ކުޑައެވެ. ނަމަވެސް، މުޅި ނިޒާމު ބައްޓަންކުރެވިފައި އޮތީ، އެއް ޙާދިސާއެއްގައި ގިނަ ޢަމަލު ހިމެނޭނަމަ، އެ ކަންކަމަށް ވަކިން ދައުވާކުރުމަށް ކަމަށްވާތީ، ހުރިހާ ކުށެއްގެ އަދަބުތައް އެއްކޮށްލުމުން، އަދަބު ކުޑަނުވާ ގޮތަށެވެ. ދާދިފަހުން ނިންމު މައްސަލަތަކަށް ބެލުމުން އެކަން އެބަ ސާފުވެއެވެ. އެތައް ސަތޭކަ އަހަރެއްގެ ޖަލު އަދަބު އިއްވަނީ، ކޮންމެ ކަމެއް ވަކިން ބަލައި އަދަބުދެވޭތީއެވެ. އެއިން ކޮންމެ ކަމަކީ، އެކަމެއް ވަކިން ކުރިނަމަވެސް ކުށެކެވެ.
މިހެން ދަންނަވާއިރު، ޤާނޫނީ ނިޒާމުގައި، އެހެން މީހަކަށް ގެއްލުމެއް ނުލިބޭ ގޮތަށް ކުށްކުރުމުގެ އާދަ އަށަގެންފައިވުމުގެ ސަބަބުން ކުރެވޭ ކުށްތަކަށް ދައުވާކުރުމުގައި ތަފާތެއް ގެންގުޅެންޖެހޭނެއެވެ. މިސާލަކަށް، މަސްތުވާތަކެތި އެންމެ ފަހަރަކު ބޭނުންކުރުމަކީވެސް ކުށެކެވެ. ނަމަވެސް، ދައުވާކުރާއިރު ބަލާނީ، ތަކުރާރުކޮށް މަސްތުވާތަކެތި ބޭނުންކުރިޔަސްވެސް، އެއް ކުށެއްގެ ގޮތުގައެވެ. އެއީ ޤާނޫނީ ފަންނުގެ މީހުން ބުނާ "ހެބިޗުއަލް" ކްރައިމަކަށްވާތީއެވެ. އަނިޔާވެރި ކުށްތަކާއި ބޮޑެތި އޮޅުވާލުންތަކާއި، އެހެން މީހުންނަށް ގެއްލުންވާ ޒާތުގެ ކުށްތައް އެ ދަރަޖައިގެ ތެރެއަކަށް ނުވަންނާނެއެވެ.
The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author