9/29/2025

ކޮރަޕްޝަން ހުއްޓުވުމަށް، އޭސިސީގެ ސިޔާސަތުތައް ބަދަލުކޮށް، ހަލުއިވާންޖެހޭ!

ދިވެހިރާއްޖެއަކީ މުއްސަނދި، ތަނަވަސް، ވަޞީލަތްތައް ގިނަ ޤައުމެކެވެ. ނަމަވެސް، ކޮރަޕްޝަނަށް ކަނޑާ ބައިގެ ސަބަބުން ފަޤީރުވެފައިވާ، ނިކަމެތި ޤައުމެކެވެ. ކޮރަޕްޝަން ނައްތާލުމާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަކީ ދިވެހި ދައުލަތުގެ އަސާސީ ސިފައެކެވެ. އެކަން އެނގެނީ، ޤާނޫނުއަސާސީގައި ކޮރަޕްޝަން ނައްތާލަން މަސައްކަތް ކުރާ ނިޒާމުތައް އެކަށައަޅާފައިވާތީއެވެ. ނަމަވެސް، ކޮރަޕްޝަން ނައްތާލަން އުފެއްދި ނިޒާމުގައި ހިމެނޭ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ސިޔާސަތުތަކާހެދި، ކޮރަޕްޝަނަށް މަގުފަހިވާނަމަ، މިއީ އަދި އެއްފަހަރު ވިސްނާލަންޖެހޭ ކަމެކެވެ.

 

ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަންގެ މައްސަލައެއްގައި، އެ ކުންފުނީގެ ކުރީގެ އެމް.ޑީ އަޙްމަދު ސަޢީދު، 4 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ނިންމެވިއެވެ. މިއީ، ބޭރުފުށުން ބަލާއިރު، ކޮރަޕްޝަނަ ދެކޮޅަށް ކުރިއަށް އެޅުނު ފިޔަވަޅެކެވެ. ކާމިޔާބެކެވެ. ނަމަވެސް، މައްސަލައިގެ ފުނަށް ފީނާ، އެ މައްސަލައިގައި ކަން ހިނގައިފައިވާ ގޮތަށް ބެލުމުން ފެންނަނީ އެހެން މަންޒަރެކެވެ. އޭސީސީގެ ނާޤާބިލްކަމާއި ބަރުހެލިކަމެވެ. 

 

އަޙްމަދު ސަޢީދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ޙާދިސާ ހިނގީ 2018 ވަނަ އަހަރާއި 2019 ވަނަ އަހަރުއެވެ. އެމައްސަލައިގައި ހިމެނޭ ސެޓްލްމަންޓް އެގްރީމެންޓުގައި ސޮއިކޮށްފައި އޮތީ 25 އެޕްރިލް 2019 ގައެވެ. އެމައްސަލައިގައި ހިމެނޭ ކިތާބީ (ލިޔެކިޔުމުން ހުރި) ހެކިތަކުގައި ހުރީ 2017 ގެ 4 އިޢުލާނަކާއި 2018 ގެ 3 ލިޔުމަކާއި 2019 ގެ 10 ލިޔުމަކާއި 3 މެއި 2023 ގެ ތާރީޚެއް އޮތް ސިޓީއެކެވެ. އޭގެ ފަހުން ތަޙްޤީޤަށް އެއްވެސް ލިޔުމެއް ހޯދާފައިވާކަމެއް އެނގޭކަށް ނެތެވެ. ވީމާ، 2019 ގައި ހުށަހެޅި، 2023 ވަނަ އަހަރުގެ މެއި މަހު، ތަޙްޤީޤަށް ބޭނުންވާ ހުރިހާ ލިޔުމެއް ހަމަވުމުންވެސް، އެމައްސަލަ ޕްރޮސިކިއުޝަނާ ހަމައަށް ފޮނުވަން 1 އަހަރާއި 7 މަސްދުވަސް ނަގާފައިވާކަން އެނގެއެވެ. 2023 ގައި އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވިނަމަ، ޕީޖީ އޮފީހަށް ޤާނޫނުން ލިބިދޭ 15 ދުވަސް ތެރޭގައި އެމައްސަލައިގައި ދަޢުވާ އުފުލުމުން، 2023 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެމައްސަލަ އޮތީހީ ކޯޓަށް ހުށަހެޅިފައެވެ.

 

ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަންގެ މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި ތަޙްޤީޤު ފެށީ، އެމް.ޑީ.ޕީގެ ވެރިކަމުގައި އޮތް އިރުއެވެ. އޭރު، އެމައްސަލައިގައި ތުހުމަތުކުރެވޭ އަޙްމަދު ސަޢީދު ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމުގައެވެ. އެމައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން، އެމައްސަލައިގައި ހޯދަންޖެހޭ ހެކިންގެ ހެކިބަސްތައްވެސް އެމްޑީޕީ ވެރިކަމުގައި، އޭރުވެސް ލިބެންހުރިކަން އެނގެއެވެ. ތަޙްޤީޤުގައި އިތުރު ލިޔުންތަކެއް ހޯދާފައިވާކަމެއް، އަދި އެއިން ލިޔުމަކަށް ޝަރީޢަތުން އާދަޔާ ޚިލާފު ބަރުދަނެއް ދީފައިވާކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް، އެ މައްސަލަ ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވުނީ، އެމް.ޑީ،ޕީގެ ވެރިކަން ނިމި، މިހާރު މި އޮތް ސަރުކާރުގެ ވެރިކަމަށްވެސް އަހަރެއްހައި ދުވަސްވީ ފަހުންނެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅިފައި އޮތީ 24 ޑިސެމްބަރ 2024 ގައެވެ.

 

އެމް.ޑީ.ޕީއިން 2018 އިން 2023 އާ ހަމައަށް ވެރިކަން ކުރިއިރު ގެންގުޅުނު ސިޔާސަތަކީ، ސިޔާސީ ގޮތުން ޢައްޔަންކުރެވޭ މަޤާމެއްގައި ހުރި މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލައިފިނަމަ، އެމީހަކު އެ މަޤާމަކުން ސަސްޕެންޑްކުރުމެވެ. (ސަސްޕެންޑް ނުކުރާ އެއްވެސް މީހަކު ނެތެވެ. ސަސްޕެންޑް ކުރި ބައެއް މީހުންގެ ސަސްޕެންޝަން އެކި ސަބަބުތަކާހެދި އުވާ ނުލައެކޭ ނޫނެވެ.) އެ މީހަކު މަޤާމުން ސަސްޕެންޑް ކުރުމަށްފަހު، އެމައްސަލައެއްގެ ޝަރީޢަތް ކުރިއަށް ގެންދަން ވަގުތު ދެއެވެ. އޭސީސީއިން މިމައްސަލައިގެ ތަޙްޤީޤު ނިންމައި، އެމްޑީޕީ ވެރިކަމުގައި އޮއްވާ، ޕީޖީ އޮފީސް މެދުވެރިކޮށް މިމައްސަލަ ކޯޓަށް ހުށަހެޅިނަމަ، އަޙްމަދު ސަޢީދު ސަސްޕެންޑް ކުރީހެވެ. އެކަން އެމަގަށް ހިންގުންނަމަ، އެ ހިނދަށް، އަޙްމަދު ސަޢީދުގެ ޢަމަލުތަކުގެ ސަބަބުން ފެނަކައަށް ލިބެމުން ދިޔަ ގެއްލުންތައްކަމަށް ޚާއްޞަ އޮޑިޓް ރިޕޯޓުގައި ހުރި ގެއްލުންތައް ކުޑަވެސް ކުރެވުނީހެވެ.

 

މީގެ އިތުރުން، އަޙްމަދު ސަޢީދުގެ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން، އޭސީސީގެ ތަޙްޤީޤުގެ މިސްރާބުގައި ނުކިއްސަރުކަމެއް ހުރިކަން ސާފުވެއެވެ. މުޅި މައްސަލައިގެ ވަށައިގެންވާ ކަންކަން ބެލުމުގެ ބަދަލުގައި އޭސީސީއިން ބެލީ އެމްޑީޕީ ވެރިކަމުގައި ހިނގި ބައި ނިންމައި، އެމްޑީޕީ ވެރިކަން ނިމުމުން، އެމައްސަލަ ދައުވާ ކުރަން ފޮނުވާށެވެ. އެމައްސަލައިގައި ހާދިސާ ހިނގައިފައިވަނީ 2018 ވަނަ އަހަރުކަމަށްވާތީ، އޭރު އެމްޑީ ކަމުގެ މަޤާމުގައި ހުރި މީހާގެ މައްސަލަ ބަލާކަށް އޭސީސީއަކުން ނޫޅުނެވެ. މިކަން، މިމައްސަލަ ބެއްލެވި ފަނޑިޔާރު، އަލްއުސްތާޛު އާދަމް މުޙައްމަދު، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 63 އަދި 64 ވަނަ ނުކުތާގައި ލިޔުއްވާފައިވެއެވެ.

__________

63. މިމައްސަލައިގައި އެންމެ ފުރަތަމަވެސް ފެނަކައިން ބްލޭޒަންއާއެކު ހަދާފައިވާ އެއްބަސްވުމުގެ މަޤްސަދާމެދު ޝައްކުގެ ނަޒަރަކުންބަލައި ތުހުމަތުގެ އިނގިލި ދިއްކުރުމުގެ ފުރުސަތު އޮތްކަމަށް ދެކެމެވެ. މިމައްސަލައިގައި ހެކިބަސްދިން ޕްރޮސިކިއުޝަންގެ ހެކި (މުޙައްމަދު މަނިކުގެ) ހެކިބަހުންވެސް، ފެނަކައިގެ މީޑިއާ ޑިޕާޓްމަންޓުގައި މަނިކު އާއެކު އޭރު އިތުރު 7 މުވައްޒަފުން މަސައްކަތްކުރަމުން ދިޔަކަމާއި އަދި ބްލޭޒަންއާ ފެނަކައިން ހަވާލުކުރާ މަސައްކަތަކީ މީޑިއާ ޑިޕާޓްމަންޓްއަށް ކުރެވޭނެ މަސައްކަތެއްކަމަށް ތަކުރާރުކޮށް ފާޙަގަކުރަމުން ދަނިކޮށް، އެ ކަން ކުރުމަށްޓަކައި އަގުބޮޑުކޮށް، (ޖުމްލަ އަގު 1.3 މިލިއަން ރުފިޔާއަށްވުރެ ބޮޑު) އެހެން ބަޔަކަށް އައުޓްސޯސް ކޮށްފައިވަނީ އޭރުގެ ފެނަކައިގެ އެމްޑީ އަޙްމަދު ޝަރީފު (ތ. ތިމަރަފުށީ މާލޭގެ) ނުރަނގަޅު ނިޔަތެއްގައިކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.

64. މި ހާދިސާއާ ގުޅިގެން، މިމައްސަލައިގެ ތެރެއިން، އަޙްމަދު ޝަރީފްގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ފަރަތުން ތުހުމަތުކޮށް އަދި ޕްރޮސިކިއުޝަންގެ ފަރާތުން ދައުވާ ކުރެވިފައިނުވުމަކީ، މުޅި މައްސަލައިގެ ނިސްބަތުން ވަރަށް ބޮޑު އުނިކަމެއްކަން ފާހަގަކުރަމެވެ. މިކަން މިއަށްވުރެ ރަނގަޅަށް ކުރުމުގެ ފުރުޞަތު އޭސީސީއަށް އަދި ޕްރޮސިކިއުޝަންއަށް އޮންނާނެކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.

 __________


އެއްވެސް ވެރިކަމެއްގެ ތެރޭގައި، އެ ވެރިކަމެއްގައި ހިނގާ މައްސަލައެއް ނުބެލުމުގެ ސިޔާސަތަކީ، އޭސީސީގެ މިދައުރުގެ ރައީސް ޚާއްޞަ ސަމާލުކަމެއް ދެއްވާ ސިޔާސަތެކެވެ. ކުރީ ސަރުކާރާބެހޭ ގޮތުން ޢަމަލުކުރެއްވި ގޮތަށް، މިއަދުގެ ސަރުކާރާބެހޭ ގޮތުން ހުށަހެޅޭ މައްސަލަތަކުގައިވެސް އޭސީސީއިން ޢަމަލުކުރައްވަނީ ހަމަ މިއުޞޫލުންނެވެ. ނަމަވެސް، މިއީ، އޭސީސީ މަސައްކަތްކުރަންޖެހޭކަމަށް ޤާނޫނީ ނިޒާމު ތަޞައްވަރުކޮށްފައިވާ ހަމައެއް ނޫނެވެ. މިވަގުތު ފެންނަ މަންޒަރަކީ، ކޮރަޕްޝަންގެ މައްސަލަތައް އިތުރަށް ފުޅާވެ ކުރިއަރައިގެންދަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތްތައް ބަރުހެލިކަމުންނާއި، ކޮމިޝަންގެ ރައީސްގެ ޚާއްޞަ ސިޔާސަތުތަކުގެ ސަބަބުންކަމެވެ.


މައްސަލަ ޙައްލުކުރާނެ ގޮތް: ހަދަންވީ ޤާނޫނަކީ، އޭސީސީއިން މައްސަލަ ނިންނަންޖެހޭ މުއްދަތު ކަނޑައަޅާ ޤާނޫނެއް

 

2016 ވަނަ އަހަރު ޢަމަލުކުރަންފެށި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި، ފުލުހުންގެ ތަޙްޤީޤު ނިންމަންޖެހޭ މުއްދަތުތަކެއް ކަނޑައަޅައިފައިވެއެވެ. މީހަކު ހައްޔަރުގައި ހުރިނަމަ 30 ދުވަހެވެ. ހައްޔަރުކޮށްފައި ދޫކޮށްލިނަމަ، 60 ދުވަހެވެ. ޖިނާއީ ބޮޑު މައްސަލައެއްނަމަ، ވަކި އުޞޫލަކުން މުއްދަތު އިތުރުކުރަމުން ދެވެއެވެ. ނަމަވެސް، އިމެއް ނެތިއެއް ނޫނެވެ. ވަކި މުއްދަތެއްގެ ތެރޭގައި ހެކި ނުލިބިއްޖެނަމަ، ދައުވާއެއް ނުކުރެވެއެވެ. މިނިޒާމަށް ޢަމަލުކުރާތާ 10 ވަރަކަށް އަހަރުވީއިރު، މުއްދަތަށް ނުނިންމިގެން ބޮޑު މައްސަލައެއް އަތުން ދޫވެފައެއް ނުވެއެވެ. އެފަދަ ކަމެއް ދިމާވެއްޖެނަމަ، ޖަވާބުދާރީ ކުރުވޭނެ ގޮތްތައްވެސް ފުލުހުންގެ އިދާރާގައި ހަމަޖެހިފައިވެއެވެ.


ނަމަވެސް، އޭސީސީގެ ތަޙްޤީޤެއް ނިންމަންޖެހޭ މުއްދަތެއް ޤާނޫނަކު ނެތެވެ. އޭސީސީއަށް ހުށަހެޅޭ މައްސަލައެއް އަރަނީ އުޑައްކަމެއް، ދަނީ ބިންފަޅާ އަޑިއަށްކަމެއް ނޭނގެއެވެ. މައްސަލަ ނިމޭނެ ދުވަހެއް އެނގޭ އިންސާނަކު ނުހުރެއެވެ. މިގޮތަށް ހުޅުވާލެވިފައި އޮންނަނަމަ، ތަފާތު އެކި ސިޔާސަތުތައް ބޭނުންކޮށްގެން، ކޮރަޕްޝަންގެ ޢަމަލުތަކަށް ފަހި މާޙައުލެއް ޤާއިމުކުރުމުގެ ފުރުޞަތު (މިހާރުވެސް މި އޮތް ގޮތަށް) އޮންނާނެވެ. ވީމާ، ކޮރަޕްޝަންގެ މައްސަލަތައް އަވަސްކުރަން ކުރަންވީ ކަމަކީ، މައްސަލަ ނިންމަންޖެހޭ މުއްދަތެއް ޤާނޫނުގައި ލިޔަންވީއެވެ. އޭސީސީއަށާއި، ޕީޖީ އޮފީހަށާއި ކޯޓަށްވެސް މެއެވެ. މިއީ، މިހާރުވެސް ފުލުހުން ކާމިޔާބުކަމާއެކު ތަންފީޒުކުރަމުން އަންނަ ނިޒާމެކެވެ. 

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author