9/25/2025
އަޅުގަނޑު ބޮޑުވެގެން އައީ، ދިވެހިރާއްޖެއަކީ އިންސާނީ އަދި ޠަބީޢީ ވަޞީލަތްތައް މަދު، ފަޤީރު ޤައުމެއްކަމަށް، އަޅުގަނޑުމެންގެ ތަފާތު އެކި ފަންތީގެ ވެރިން ކިޔާ އަޑު އަހަމުންނެވެ. އެއީ ކިހާވަރެއްގެ ޙަޤީޤަތެއްކަމާމެދު އަބަދުވެސް އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދެއެވެ. ދިވެހިރާއްޖެ ފަޤީރު ޤައުމެކޭ ބުނާ މީހުން، ޚުދު އެ މީހުންގެ ވާހަކަތަކުގައި، ރާއްޖޭގެ ޖީޑީޕީ، މި ސަރަޙައްދުގެ އެހެން އެއްވެސް ޤައުމަކާ ނުބައްދަލު މިންވަރަށް މަތިކަމަށް އެއްބަސްވެއެވެ. ރާއްޖޭގެ ލިޔަން ކިޔަން ދަތުމުގެ ރޭޓު، ދުނިޔޭގެ ނިސްބަތުންވެސް މަތިކަމަށް ތަފާސް ހިސާބުތަކުން ދައްކާކަމަށް ބުނެއެވެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެކެވެ. އިސްލާމް ދީން ބާރުއަޅަނީ އިސްރާފު ކުޑަކުރާށެވެ. ނަމަވެސް، އަޅުގަނޑުމެންގެ ސިޔާސަތުތައް ހުރީ އެ މަގަކަށް ނޫނެވެ.
ދިވެހިރާއްޖެއަކީ ފަޤީރު ޤައުމެއް ނޫނެވެ. ރާއްޖެއަކީ ވަޞީލަތްތައް ގިނަ، އިސްރާފު ބޮޑު ޤައުމެކެވެ. އިންސާނީ ވަޞީލަތް ގިނަ، އެ އިންސާނުން އެކަށީގެންވާ ހަރުދަނާ، އިސްލާމީ ތަރުބިއްޔަތުގެ ބިންގަލެއްގެ މަތީގައި ބިނާ ނުކުރެވި، އެކަމުގައި ފެއިލްވެފައިވާ ޤައުމެކެވެ. ޚަރަދުކުރުމުގެ ސިޔާސަތުތަކުގައި ފެއިލްވެފައިވާ ޤައުމެކެވެ. ކޮރަޕްޝަންގެ ބޮޑުކަމުން ފަޤީރުވެފައިވާ ޤައުމެކެވެ.
އަޅުގަނޑު ދައްކަން މިއުޅެނީ، 400 މީހުން އުޅޭ ރަށްރަށުގައި ބިން ހިއްކަން މިލިއަނުން ޚަރަދުކުރާ ވާހަކައެއް ނޫނެވެ. 200 މީހުން ހަމަނުވާ ރަށަކަށް އެތައް މިލިއަން ރުފިޔާއެއްގެ ބަނދަރެއް ހެދި ވާހަކައެއްވެސް ނޫނެވެ. ދެ ގެ ދޭތެރޭގައި އެއަރޕޯޓު ހަދަން ޚަރަދުކުރާ ވާހަކައެއް ނޫނެވެ. 150 މީހުން ދިރިއުޅޭ ރަށެއްގައި ފުޓުބޯޅަ ދަނޑެއް އަޅަން މިލިއަނުން ޚަރަދުކޮށް، 3 އަހަރު ދުވަސް ވީއިރުވެސް އެ މަސައްކަތް ނުނިންމިގެން އުޅޭ ވާހަކައެއްވެސް ނޫނެވެ. ދައުލަތުގެ ތެރޭގައި، އެއް ބަޔަކު، ތަފާތު އެކި ކަންކަމަށް އެއް ޚަރަދެއް ކުރާ ވާހަކައެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން (12 އޮގަސްޓް 2025 ގައި އަދާހަމަކޮށް) ޢާންމުކޮށްފައިވާ "ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ ދަފްތަރު" ގައި، ޖިނާއީ ޢަދުލުގެ ނިޒާމުގެ އެކި ދާއިރާތަކުގެ އިންސްޓިޓިއުޓްތައް ލިސްޓުކޮށްފައިވެއެވެ. "ސަރުކާރުގެ ކޮލެޖުތައް" ބައިގައި "ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް" އެބައޮތެވެ. އެ އިންސްޓިއުޓްއަށް މިއަހަރުގެ ދައުލަތުގެ ބަޖެޓުން 107,982,97 (ގާތްގަނޑަކަށް ސަތޭކަ އަށް މިލިއަން) ރުފިޔާ ކަނޑައަޅައިފައިވެއެވެ. މިއީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުޅި ބަޖެޓާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މުޅި އަހަރު ދުވަހުގެ ބަޖެޓު އެއްކޮށްލުމުން ޖެހޭވަރާ އެއްވަރުގެ ބަޖެޓެކެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ނަމަށް ބެލުމުންވެސް، މިއީ ހަމައެކަނި ފުލުހުންނަށް ޚާއްޞަ ތަމްރީން ހިންގާން އުފެއްދި ތަނެއް ނޫންކަން އެނގެއެވެ. ލޯ އެންފޯސްމަންޓުގެ ހުރިހާ ދާއިރާއެއްގެ ތަމްރީން ދިނުމަކީވެސް މި އިންސްޓިޓިއުޓްގެ މެންޑޭޓުގައި އޮތް ކަމެކެވެ. އެވަރަށް ފައިސާ، އެ ތަނަށް ކަނޑައަޅާފައިވެއެވެ.
ނަމަވެސް، ހަމަ އެ ދަފްތަރުގައި "ސަރުކާރުގެ އިންސްޓިއުޓްތައް" ގެ ބައިގައި ތަފާތު 30 އިންސްޓިޓިއުޓެއް ލިސްޓު ކޮށްފައިވެއެވެ. މީގެ ތެރޭގައި، ލޯ އެންފޯސްމަންޓުގެ ދާއިރާގައި އެކަނި ޙަރަކާތްތެރިވާ ތަންތަނުން އުފައްދާފައިވާ އިންސްޓިޓިއުޓްތައްވެސް ހިމެނެއެވެ. މިސާލަކަށް، "މޯލްޑިވްސް އެންޓި ކޮރަޕްޝަން އެކަޑަމީ" އަކާއި، "ސެންޓަރ ފޮރ ކަސްޓަމްސް އެންޑް އެކްސަސައިޒް ސްޓަޑީޒް" އަކާއި "އިންސްޓިޓިއުޓް އޮފް މޯލްޑިވްސް އިމިގްރޭޝަން" އަކާއި "އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް" އަކާއި "އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް" އަކާއި "ޕްރޮސިކިއުޓަރ ޖެނެރަލްގެ އެކަޑަމީ" އެއް ހިމެނެއެވެ. މީގެ އިތުރުން، ރަޖިސްޓަރީ ނުކޮށް، "ޖުޑީޝަލް ޓްރެއިންގ އެކަޑަމީ" ގެ ނަމުގައިވެސް ތަނެއް ހިންގައެވެ.
މިއިން ކޮންމެ ތަނަކީ ޚަރަދުތަކެއް ހިނގާނެ ތަނެކެވެ. ކޯސްތަކާއި ތަމްރީން ޕްރޮގްރާމްތައް ހިންގަން އެކަށީގެންވާ ޓްރޭނިންގ ހޯލްތައްވެސް ބޭނުންވާނެއެވެ. އެއް ވައްތަރެއްގެ ތަމްރީނުތައް ހިންގަންޖެހޭ މިންވަރުވެސް މަދެއް ނުވާނެއެވެ. މިތަންތަނުގެ ޚަރަދުތައް ހިނގާ ގޮތް ބެލިއިރު، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އަހަރީ ބަޖެޓުގައި ތަމްރީނަށް އޮތީ 1.1 މިލިއަން ރުފިޔާ (މިއީ، ފުލުހުންގެ އިންސްޓިޓިއުޓްގެ ބަޖެޓުގެ 1%) އެވެ. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ބަޖެޓުގައި ތަމްރީނަށް 1.5 މިލިއަން ރުފިޔާ އެބައޮތެވެ. މޯލްޑިވްސް ކަސްޓަމްސްގެ ބަޖެޓުގައި، އެކަޑަމީއަށް 1.7 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބަޖެޓަކު، އިންސްޓިޓިއުޓް/އެކަޑަމީ ހިންގަން ފައިސާއެއް ކަނޑައަޅާފައެއް ނެތެވެ. އެކަޑަމީ ހިންގަނީ މިހާރުވެސް ތިބި މުވައްޒަފުން ބޭނުންކޮށްގެންނަމަ، އެއީވެސް ޚަރަދެއްކަމަށް ބަލަންޖެހޭނެއެވެ. އެގޮތަށް ބަލައިގެންނާއި ބަޖެޓު ކަނޑައަޅައިފައި ހުރި ތަންތަނުގެ ބަޖެޓަށް ބެއްޔަސްވެސް، މިހުރިހާ އިދާރާތަކުން ކުރާނެ ޚަރަދު، ފުލުހުންގެ އަތުގައި ހުރި މާލީ އަދި އިންސާނީ ވަޞީލަތްތަކާ ގާތެއްވެސް ނުވާނެއެވެ. މުޅި ހުރިހާ ބަޖެޓެއް އެއްކޮށްލިއަސް، ފުލުހުންނަށް އޮތް 108 މިލިއަންގެ %5 ޕަސެންޓުވެސް ނުވާނެއެވެ. ފުލުހުންގެ ކޮލެޖު ހިންގަން، ހިންގުންތެރި، ޤާބިލު، ކުޅަދާނަ މީހުން އެބަތިއްބެވެ. ކޮލެޖު ހިންގުމުގެ ތަޖުރިބާއަށް ބެއްޔަސް، ވާދައެއް ކުރެވޭނަ ބަޔަކު، ލޯ އެންފޯސްމަންޓު ދާއިރާއަކުނެތެވެ.
ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން އެއްގޮތަކަށް ޤާނޫނު މާނަކޮށް، އެއްތަނެއްގައި ތިބެގެން ވާހަކަ ދެއްކުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. 2014 ވަނަ އަހަރު ޢަމަލުކުރަންފެށި ޤާނޫނުލްޢުޤޫބާތުގެ ތަމްރީންތައް ހިންގުމަށް އޭރު، އެޓަރނީ ޖެނެރަލްގެ އޮފީހުން ގެންގުޅުނީ އެއްފަސްކުރުމުގެ ސިޔާސަތެކެވެ. އެޓަރނީ ޖެނެރަލްގެ އޮފީހުގައި އޮތް ފަންނީ މީހުންގެ ޓީމަކުން، ހުރިހާ އިދާރާތަކަށް ތަމްރީންތައް ފޯރުކޮށްދިނެވެ. އެ ޓީމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި އެޓަރނީ ޖެނެރަލްގެ އޮފީހާއި ފުލުހުންގެ ފަންނީ މީހުން ތިއްބެވެ. ތަމްރީން ހިންގުމުގެ އެ މޮޑެލްގެ ސަބަބުން، ޤާނޫނުލްޢުޤޫބާތު މާނަކުރުމުގައި ދޭދޭ އިދާރާތަކުގެ މެދުގައި އޮޅުން ބޮޅުމެއް ނާރައެވެ.
ނަމަވެސް، 2016 ވަނަ އަހަރު ޢަމަލުކުރަންފެށި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ތަމްރީނުތައް ހިންގީ ލާމަރުކަޒީކޮށް، އެއިދާރާއެއްގެ ބަޔަކު، އެ އިދާރާއެއްގެ ތަމްރީން ހިންގާ ގޮތަށެވެ. ނަތީޖާއަކަށްވީ، އެއް މާއްދާއެއް މާނަކުރާނެ ގޮތާބެހޭ ގޮތުން ތަފާތު އެކި ވިސްނުންތައް އެކި އިދާރާތަކުން ގެންގުޅެ، ތަންފީޒުކުރުމުގެ މަރްޙަލާގައި ކޮށިއެރުންތައް އެރުމެވެ. މިކަންކަން ހަމަ މަގަށް އެޅެން އެތައް އަހަރެއް ނެގިއެވެ. އެންމެ ފަހުން، ސުޕްރީމް ކޯޓާ ހިސާބުން މާނަ ކުރަންޖެހުނު ބައެއް އަސާސީ މާއްދާތައްވެސް މަދެއް ނުވާނެއެވެ. އޭގެ ފަންނީ މިސާލުތަކަށް ދާކަށް ނެތީމެވެ.
އަޅުގަނޑުގެ ނުކުތާއަކީ، ރާއްޖެފަދަ ޤައުމެއްގައި، ކޮންމެ އިދާރާއަކުން، އެއިދާރާއެއްގެ ވަށައިގެން ބޮޑު ފާރު ރާނައި، އެތަނުގެ ތެރޭގައި އެކަޑަމީތަކާއި، ކޮންފަރަންސް ހޯލްތަކާއި، ތަމްރީން ހޯލުތަކާއި ކަރިކިއުލަމްތައް އުފަދައިގެން ހިންގުމަކީ އާދަޔާ ޚިލާފަށް އިސްރާފު ބޮޑު ކަމެކެވެ. ޒިންމާދާރުކަން ކުޑަވެސް ކަމެކެވެ.
އޭގެ ބަދަލުގައި، ހުރިހާ ދެ ގެ ދޭތެރޭ އެކަޑަމީތައް، މޯލްޑިވްސް ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ދަށަށް ބަދަލުކޮށް، އެއްފަސްކޮށް، އެތަން އިތުރަށް ޙަރަކާތްތެރި ކުރަންވީއެވެ. ކޮންމެ އޮފީހަކުންވެސް، އަހަރު ފެށޭއިރު، އެ އޮފީހެއްގެ އެ އަހަރަކަށް ބޭނުންވާ ތަމްރީން ޕްރޮގްރާމް، ކޮލެޖުގެ ކަމާބެހޭ ވެރިއަކަށް ފޮނުވާނީއެވެ. ކޮލެޖުގެ ޒިންމާއަކީ، އެ އިދާރާއަކުން ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް، އެ އިދާރާއަކުން ބޭނުންވާ ގޮތަކަށް، އެ ފެންވަރަކަށް ހިންގައިދިނުމެވެ. ޓްރެއިނިންގ ރިކުއަޔަރމަންޓް ލިބުމުން، އެ ރިކުއަރމަންޓާ އެއްހަމައަށް ތަމްރީން ހިންގައިދޭނީ ކޮލެޖުން، ކޮލެޖުގެ ވަޞީލަތްތައް ބޭނުންކޮށްގެންނެވެ. އެކަމަށްޓަކައި ފަންނީ މީހުން އެކި ތަންތަނުން ހޯދުމަކީ ކޮލެޖުގެ ކަމެކެވެ. އިދާރީ އިންތިޒާމުތައް ހަމަޖެއްސުމާއި، ހޯލާއި، ސަޔާއި މިނޫންވެސް ކަންކަން ހަމަޖައްސާނީ ކޮލެޖުންނެވެ. މިގޮތަށް ބަދަލުކުރީމާ އިސްރާފު ކުޑަވާނެއެވެ. ވަޞީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެއެވެ. ޕޮލިސް ކޮލެޖު ހެދީކީ އެތަން ހުހަށް ބަހައްޓާކަށް ނޫނެވެ.
The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author