12/30/2025

ވާނުވާގެ މައްސަލަ މާރޗް މަހާ ހަމައަށް ޙައްލުވާނީ ކޯޓުތައް ޖަވާބުދާރީ ކުރުވައިގެން!

ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި އަބަދުވެސް މީހުން ކަންބޮޑުވާކަމަށް ފެންނަ އެއްކަމަކީ، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލައެވެ. ޢާންމު ބަހުންނަމަ، "ވާނުވާ" ބަންދެވެ. "ވާނުވާ ބަންދު" ގެ މައްސަލަ "ޙައްލު" ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ. ރައީސް މުޢިއްޒު، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާއެކު 21 ޑިސެމްބަރ 2025 ދުވަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ޝަރީޢަތް ނިމެންދެން ބަންދުގައި އަހަރަކަށްވުރެ ގިނަ ދުވަހު ތިބި މީހުންގެ މައްސަލަތައް 2026 މާރިޗު މަހަށް ނިމޭނެކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ. ނަމަވެސް، އަޅުގަނޑު ހިސާބު ޖެހިއިރު، އެ މައްސަލަތައް، އޭގެ ޒާތުގައި އިތުރު ބާރެއް ނެތި، މާރިޗު މަހަށް ނިމޭނެ ގޮތެއް ނުވިސްނުނެވެ. ސަބަބު ދަންނަވާލާނަމެވެ.

އެންމެ ފުރަތަމަ، މި ސަރުކާރުން "ވާނުވާ" ބަންދާބެހޭގޮތުން ވާހަކަ ދައްކައި، އެ ވާހަކަ ބަދަލުވަމުން އައި ގޮތުގެ މައްޗަށް އަލި އަޅުވާލާނަމެވެ. އެއަށްފަހު، ވާނުވާ، ވާނުވާއަކަށްވާ ސަބަބާއި، އެމައްސަލަތައް މާރިޗު މަހަށް ނުނިމިދާނެ ސަބަބު ލިޔާނަމެވެ. އޭގެ ކުރިން، ވާނުވާއަކީ ވާނުވާއެއް ނޫންކަމަށް އަޅުގަނޑު ލިޔެފައިވާނެއެވެ. އެލިޔުމުގައި ހުރި ކަންކަން އަދިވެސް ހުރީ އެމަގަށެވެ. ކޮންޓެކްސްޓް ބޭނުންފުޅު ބޭފުޅުން އެ ލިޔުން ވިދާޅުވެލައްވާށެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒު ވިދާޅުވަމުން ގެންދެވީ "ވާނުވާގެ ސިސްޓަމް ރާއްޖެއިން ފޮހެލާނެ" ކަމަށާއި "ޙަޤީޤީ މާނައިގައި އަނިޔާވެރިކަން ނިމުމަކަށް އަންނާނެ" ކަމަށެވެ. އެއީ ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ކުރިންނެވެ. ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ދެއްވި ޚިޠާބުގައި ބަންދުގެ ވާހަކައެއް ދައްކަވާފައެއް ނުވެއެވެ. ޝަރީޢަތްތަކާބެހޭ ގޮތުން ވިދާޅުވީ، ޝަރްޢީ ދާއިރާއަށް ނުފޫޒު ފޯރުވުން އެހިނދުން އެ ހިނދަށް ނިމުނީކަމަށެވެ. އޭގެ ފަހުން، ތަފާތު އެކި މަޙައްލުތަކުގައި ވާނުވާ ބަންދުގެ މައްސަލަ ޙައްލުކުރުމުގެ ވާހަކަ ރައީސްގެ ވާހަކަފުޅުގައި ދައްކަވާފައިވެއެވެ.

ނަމަވެސް، ވާނުވާ ބަންދުގެ މައްސަލައިގެ ޙަޤީޤަތް ރައީސަށް އެނގިވަޑައިގެން، އެވާހަކަ ދެއްކެވީ 4 ޑިސެމްބަރ 2025 ދުވަހު މާފަންނުގެ ރައްޔިތުންނާއެކު، ތާޖުއްދީން ސްކޫލުގައި ބޭއްވި ބައްދަލުވުމުގައެވެ. ފަސްމިނިޓުން ބަންދުގައި ތިބި މީހުން ދޫކޮށްނުލެވޭނެކަމަށާއި، ބަންދުގައި ތިބީ ނުރައްކާތެރި ކުށްވެރިން ކަމަށާއި، އެމީހުން މުޖްތަމަޢަށް ދޫކޮށްލުމަކީ ރައީސަށް ލިބިވަޑައިގެންފައިވާ ޙައްޤެއް ނޫންކަމަށްވެސް ވިދާޅުވިއެވެ. މީގެ ކުރިން މައްސަލަތައް ނުބެލި ހުރީ ވަޞީލަތްތައް ނެތީމާކަމަށްވެސް ވިދާޅުވިއެވެ. މިއީ، މިކަން ޙަޤީޤަތުގައިވެސް އޮތް ގޮތެވެ. ވޭތުވެދިޔަ ފަސްއަހަރުވެސް ދައްކަމުން އައި ވާހަކައެވެ. މިވާހަކަތައް ތަފްޞީލުކޮށް، އަޅުގަނޑުގެ ޕްރޮސިކިއުޓަރ ޖެނެރަލްކަމުގެ ދައުރުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވި (އަދި ޢާންމުކޮށް ޝާއިޢުކޮށްފައިވާ) ޕީޖީ އޮފީހުގެ އަހަރީ ރިޕޯޓުތަކުގައި ލިޔެފައި ހުންނާނެއެވެ. ކިޔާ މީހުންނާއި ވިސްނާ ފިކުރުކުރާ މީހުން ކިޔައި، ބަލައި ހެދުމަށެވެ.

6 ފެބްރުވަރީ 2025 ގައި ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި، އޮގަސްޓު މަހުގެ ކުރިން ހުޅުމާލޭގައި ޑްރަގް ކޯޓާއި ކްރިމިނަލް ކޯޓު ހިންގަން ފެށުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ނިންމައިލެވޭނެ ކަމަށާއި، ނަތީޖާއެއްގެ ގޮތުން، ނުހިނގާ ހުރި ގިނަ މައްސަލަތައް ހިނގަން ފަށާނެ. އަދި އޭގެ އިތުރު ނަތީޖާއެއްގެ ގޮތުން، ވާނުވާގައި ތިބި އެތައް ބަޔަކަށް އިންސާފު ލިބި، ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތަށް ބޮޑު ކުރިއެރުމެއް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ ކަމަށް އުންމީދު ކުރަން." ކަމަށް ވިދާޅުވެފައިވެއެވެ.

ކޯޓުތަކުގެ ޖާގައިގެ މައްސަލައަކީ ޝަރީޢަތްތައް ނުހިނގާން އޮތް ޙަޤީޤީ މައްސަލައެކެވެ. ޝަރީޢަތްތައް ނުހިނގައެއް ބަންދުގައި ތިބި މީހުންގެ މައްސަލަތަކެއް ނުނިމޭނެއެވެ. ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލުކޮށްދެއްވުމަށް ހުޅުމާލޭގައި ހުރި ކޮވިޑް ފެސިލިޓީ، ކޯޓުގެ ޢިމާރާތަކަށް ބަދަލުކުރުމަށް ކުރީ ސަރުކާރުން ނިންމެވިއެވެ. ނަމަވެސް، ތަފާތު އެކި މަސައްކަތްތައް ކޮށްގެންވެސް އެ ތަނުގެ ޢަމަލީ މަސައްކަތެއް އޭރަކު ނުފެށުނެވެ. މިސަރުކާރުން، އެތަނުގެ ޢަމަލީ މަސައްކަތްތައް ނިންމަވައި، މިއަހަރުގެ ޖުލައި 27 ގައި ކޯޓު ހުޅުވިކަމީ މިސަރުކާރުން މިމައްސަލަ ޙައްލުކުރަން އެޅި މުހިންމު، ބޭނުންތެރި ފިޔަވަޅެކެވެ. ޝުކުރު ޙައްޤު މަސައްކަތެކެވެ. އެޖާގައިގައި ޑްރަގް ކޯޓަށްވުރެ ކުޑަ ޖާގައެއް ކްރިމިނަލް ކޯޓަށް ދެއްވި ޙިކުމަތެއް އަޅުގަނޑަކަށް ނުވިސްނެއެވެ. މަސައްކަތާއި މައްސަލަތަކާއި މުވައްޒަފުންނާއި ފަނޑިޔާރުންވެސް ގިނަވާނީ، އަދި ވާނުވާ ބަންދުގެ މީހުންގެ މައްސަލަތައް އޮތީވެސް ކްރިމިނަލް ކޯޓުގައެވެ. ޑްރަގް ކޯޓަކު ނޫނެވެ.

މިވަގުތު "ވާނުވާ" ބަންދުގައި ތިބި މީހުންގެ ސާފު ޢަދަދު، ރިއަލްޓައިމްގައި ސާފުކުރެވޭނެ ގޮތެއް ޢާންމުކޮށް ފެންނާކަށް ނެތެވެ. ނަމަވެސް، ސަރުކާރުގެ ރަސްމީ ލިޔުންތަކާއި ތަޖުރިބާގެ އަލީގައާއި، ރައީސްގެ ވާހަކަފުޅުގެ އަލީގައި އެ ޢަދަދު 300 އަށްވުރެ ގިނަވާނެކަމަށް ފެނެއެވެ. ގައިމުވެސް އެއަށްވުރެ މަދެއް ނުވާނެއެވެ. މީގެ ތެރެއިން 145 މީހުންގެ މައްސަލަ އޮތީ އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގައިކަމަށް، ދާޚިލީ ވުޒާރާއިން ވިދާޅުވެއެވެ.

ކޯޓުތަކުގައި ހުރި މައްސަލަތައް ނިމެމުންދާގޮތުގެ ތަފާސްހިސާބު ކޯޓުތަކަކުން ޢާންމެއް ނުކުރައްވައެވެ. އެއާ އެންމެ ގާތްކުރާ މަޢުލޫމާތު ލިބެނީ ޕީޖީ އޮފީހުގެ އާމަހި ވެބްސައިޓުންނެވެ. އެ ވެބްސައިޓުން މާލެއަތޮޅާއި ޑްރަގް ކޯޓުން ނިންމެވި މައްސަލަތައް ފިލްޓަރކޮށްފައި ބެލުމުން، 2024 ވަނަ އަހަރު އަތޮޅުތަކުގެ ކޯޓުތަކުން ނިމުނީ ޖުމުލަ 487 (އެވްރެޖް މަހަކަށް 40) ޖިނާއީ މައްސަލައެވެ. 2025 ވަނަ އަހަރު ނިމުނީ ޖުމުލަ 540 (އެވްރެޖް މަހަކަށް 45) ޖިނާއީ މައްސަލައެވެ. މިއީ، ކުދި ކުދި މައްސަލަތައްވެސް ހިމަނައިގެން، އަތޮޅުތަކުގެ ކޯޓުތަކުން ނިންމެވި ހުރިހާ މައްސަލައެއްގެ ޖުމުލަ ތަފާސް ހިސާބެވެ. މި ތަފާސް ހިސާބު، ރައީސް މިމައްސަލަތައް ނިންމަވަން އަމާޒުކުރައްވާ އަހަރުގެ ފުރަތަމަ 3 މަސްދުވަހަށް ބެލުމުން، 2024 ވަނަ އަހަރު އެ މުއްދަތުގައި ނިންމީ 106 (އެވްރެޖް މަހަކަށް 35) މައްސަލައެވެ. 2025 ގައި އެ ޢަދަދު ހުރީ 89 (އެވްރެޖް މަހަކަށް 29) މައްސަލައިގައެވެ. 2024 ވަނަ އަހަރުގެ ޢަދަދުތައް 2025 އަށްވުރެ ރަނގަޅީ ސްކޫލް ޗުއްޓީއާއި ރަމަޟާން މަސް އައީ އެ މުއްދަތުގެ ތެރޭގައިކަމުގައި ނުވާތީއެވެ.

ރައީސްގެ އަމާޒާ އެއްގޮތަށް، 2026 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި އަތޮޅުތަކުގައި އޮތް ވާނުވާ ބަންދުގައި މީހުން ތިބި 145 މައްސަލަ، (ރަމަޟާން މަހާއި ސްކޫލް ޗުއްޓީ ދުވަސްވަރާ އެއްކޮށް ދިމާވުމުން) ނިންމޭނީ މަހަކަށް މަދުވެގެން 48 މައްސަލަ ނިންމައިގެންނެވެ. މިއީ، ވޭތުވެދިޔަ 2 އަހަރުގެ ތާރީޚުގައި، އަތޮޅުތަކުގެ މުޅި ހުރިހާ ކޯޓުތަކެއްގައި ހުރި ހުރިހާ ޖިނާއީ މައްސަލައެއް ނިންމި ޢަދަދުގެ އެވްރެޖަށްވުރެ މަތީ ޢަދަދެކެވެ.

ދެން އޮތީ މާލޭގެ ކޯޓުތަކުގައި އޮތް 155 މައްސަލައެވެ. މިމައްސަލަތައް އޮތީ ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުގައެވެ. ކްރިމިނަލް ކޯޓުވެ ވޭތުވެދިޔަ 2 އަހަރުގެ ތަފާސްހިސާބު ދައްކާގޮތުން، 2024 ވަނަ އަހަރު ނިންމުނީ 414 މައްސަލަ (އެވްރެޖް މަހަކަށް 34.5 މައްސަލަ) އެވެ. 2025 ވަނަ އަހަރު ލިބުނު ޖާގައިގެ ތަނަވަސްކަމާއެކު 701 މައްސަލަ (އެވްރެޖް މަހަކަށް 58 މައްސަލަ) ނިންމެވިއެވެ. 2024 ވަނަ އަހަރު ޖުވެނައިލް ކޯޓުން ނިންމެވީ ޖުމުލަ 19 މައްސަލަ (އެވްރެޖް މަހަކަށް 1.5 މައްސަލަ) އެވެ. 2025 ވަނަ އަހަރު މުޅި އަހަރު، 4 ފަނޑިޔާރުން މަސައްކަތްޕުޅު ކުރައްވައިގެން 4 މައްސަލަ ނިންމެވިއެވެ.

މި ތަފާސް ހިސާބު، ހަމައެކަނި އަހަރުގެ ފުރަތަމަ ތިން މަސްދުވަހަށް (ވޭތުވެދިޔަ 2 އަހަރަށް ބެލުމުން) ކްރިމިނަލް ކޯޓުން 2024 ވަނަ އަހަރު ފުރަތަމަ ތިންމަހު ނިންމެވީ 24 މައްސަލަ (އެވްރެޖް މަހަކަށް 2 މައްސަލަ) އެވެ. 2025 ވަނަ އަހަރުގެ ފުރަތަމަ ތިންމަހު 121 މައްސަލަ (އެވްރެޖް މަހަކަށް 60 މައްސަލަ) އެވެ. ޖުވެނައިލް ކޯޓުން 2024 ވަނަ އަހަރުގެ ފުރަތަމަ 3 މަހު ނިންމެވީ 7 މައްސަލަ ނިންމެވިއެވެ. ނަމަވެސް 2025 ވަނަ އަހަރު އެ މުއްދަތުގައި ނިންމެވުނީ އެންމެ މައްސަލައެކެވެ.

ރައީސްގެ އަމާޒަށް ވާޞިލުވުމަށްޓަކައި، އަތޮޅުތަކުގެ ކޯޓުތަކުން ކުރިއަށް އޮތް 3 މަސްދުވަހު، (ރަމަޟާންމަހާއި ސްކޫލް ޗުއްޓީ އޮތަސްވެސް) މަހަކު އެވްރެޖްކޮށް 48 މައްސަލަ ނިންމަންޖެހޭނެއެވެ. މާލޭގެ މައިގަނޑު ދެކޯޓު (ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުން) އިން މަހަކު 52 މައްސަލަ ނިންމަންޖެހޭނެއެވެ. އެއީ، ވޭތުވެދިޔަ 2 އަހަރުގެ އެ މުއްދަތުގައި ނިންމެވި މައްސަލަތަކަށްވުރެ ގާތްގަނޑަކަށް 50% އިތުރު ޢަދަދެކެވެ. މިއީ ކުޑަނޫން މަސައްކަތެކެވެ.

އަޅުގަނޑުގެ ތަޖުރިބާގައި، މިމައްސަލަތައް އަވަހަށް ނިންމުމަށް ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރަންވާ ކަންކަން އެ އިދާރާތަކަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އެއިދާރާތަކުން އެމަސައްކަތްތައް އެގޮތަށް ކުރައްވާނެއެވެ. މީގެ އިތުރުން، ރައީސްގެ އަމާޒަށް، 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް، ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތައް ނިންމޭނީ، އެޓަރނީ ޖެނެރަލް ހިމެނިވަޑައިގަންނަވާ ގޮތަށް، ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިމައްސަލަތަކުގެ ޢަދަދުތައް ނަންގަވައިގެން، މައްސަލަތައް އަވަހަށް ނިންމަވަން ޚާއްޞަ މަސައްކަތްތަކެއް ކުރައްވައިގެންނެވެ. މިއީ، މީގެ ކުރިން އުޅެ އުޅެ ކާމިޔާބު ކުރެވިފައި ނެތް ކަމެކެވެ. ނަމަވެސް، މިކަމަކީ ރައީސްގެ ރިޔާސީ ވަޢުދުފުޅަކަށްވާތީއާއި، މިކަން ކުރެވިއްޖެނަމަ، މިއީ ޑރ މުޢިއްޒުގެ ލެގަސީއަކަށްވާނެތީ، އެމަގަށް މަސައްކަތްކުރުމުގެ ރޫޙު ޖުޑީޝަލް ސަރިވިސް ކޮމިޝަނުގައި އޮންނާނެކަމީ އަޅުގަނޑު ޝައްކުކުރާ ކަމެއް ނޫނެވެ. 

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author