1/27/2024

މޯލްޑިވްސް: ލަގްޒަރީ ޕަބްލިކް ސަރވިސް

ދިވެހިރާއްޖޭގެ ޓުއަރިޒަމްއަކީ، ދުނިޔޭގެ އެއްވަނައެވެ. ޓުއަރިޒަމްގެ އެއްވަނައިގައި ދިވެހިރާއްޖެ ހިފަހައްޓަނީ، ހަމައެކަނި ރާއްޖޭގެ ރީތިކަން ވިއްކައިގެންކަމަށް، ބަޔަކަށް ޤަބޫލުކުރެވޭނަމަ، އެމީހުންނަށް އަދި ރާއްޖޭގެ ޓުއަރިޒަމް ހިނގާ ގޮތެއް ނޭނގެއެވެ. ރާއްޖޭގެ ޓުއަރިޒަމްގެ އެންމެ ބޮޑު ރައުސްމާލަކީ، އަދި ރާއްޖެއިން ވިއްކާ ޙަޤީޤީ ޕްރޮޑަކްޓަކީ ދިވެހިންގެ ހިނިތުންވުމާއި މެހެމާންދާރީއެވެ. ދުނިޔޭގެ ފެންވަރުގެ ޚިދުމަތެވެ. އެއާއެކު، ރާއްޖޭގެ ރީތިކަން މި 'ޕްރޮޑަކްޓަށް' އިތުރުކުރުމުން، ރާއްޖެއާ ވާދަކުރެވޭނެ ބަޔަކު ނެތީއެވެ.

 

އަޅުގަނޑުގެ މަސައްކަތް މިވަގުތު އޮތީ ޓުއަރިޒަމަކު ނޫނެވެ. ނަމަވެސް، ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ދިވެހިރާއްޖޭގެ ޓުއަރިޒަމް 'ޕްރޮޑަކްޓް' ވިއްކާ ގޮތާމެދު އަބަދުވެސް ހިތުގައި ޝައުޤުވެރިކަން އޮވެއެވެ. އެކަން، އަޅުގަނޑު ކުރާ މަސައްކަތަށް ގެންނާނެގޮތާމެދު އަބަދުވެސް ވިސްނަމެވެ.

 

ޓުއަރިޒަމްގައި ދިވެހިރާއްޖެއިން ވިއްކާ ޕްރޮޑަކްޓަކީ، ދިވެހިރާއްޖެއަކީ ލަގްޒަރީ ބްރޭންޑެއްކަމެވެ. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙައްމަދު ސަޢީދު ވިދާޅުވީ ރަނގަޅަށެވެ. ދިވެހިރާއްޖެއަކީ ޓުއަރިޒަމްގެ ލުއިވިޓޯންއެވެ. ދިވެހިރާއްޖެ ލަގްޒަރީ ބްރޭންޑަކަށް ވުމަށްޓަކައި، ރާއްޖެއިން ދޭ ލަގްޒަރީ ޚިދުމަތް ބޮޑު ރޯލެއް ކުޅެއެވެ.

 

ޚިދުމަތް، ލަގްޒަރީވާގޮތުގެ މިސާލެއް ދަންނަވާލާނަމެވެ. އަޅުގަނޑު ދާދިފަހުން ރިސޯޓަކަށް ދިޔައިމެވެ. ހެނދުނުގެ ސަޔަށް، ރެސްޓޯރަންޓަށް ދިއުމުން، މީގެ އަށްމަސް ކުރިން އަޅުގަނޑު އެ ރިސޯޓުގައި ދެދުވަހަކު ހުރިއިރު އޯޑަރު ކުރި ބްރޭކްފަސްޓް އަޅުގަނޑަށް ގެނެސްދީފިއެވެ. ވެއިޓަރު ވިދާޅުވީ، މިއީ މީގެ ކުރިން އަޅުގަނޑު އޯޑަރު ދިން ކާއެއްޗެހި ވީމާ، އަދިވެސް އެކެއުން ބޭނުންވެދާނެއަތީ ގެނެސްދިނީކަމަށެވެ. އިތުރު އެއްޗެއް ބޭނުންތޯ އެއްސެވެ. އަޅުގަނޑު ކުރިން އޯޑަރު ކުރި އެއްޗެއް އަޅުގަނޑު ހަނދާނެއްވެސް ނެތެވެ. ނަމަވެސް، ވެއިޓަރު ހަނދާން ހުއްޓެވެ. އަޅުގަނޑު މެންދުރު ކެއުމާއެކު ގެނައި ސްމޯކް ސެމަން، އަޅުގަނޑު ނުބުނަނީސް ގެނެސްދީފައި ހުއްޓެވެ. ފަތިހު އަޅުގަނޑު ކަސްރަތުކުރާނެތީ، އެކަމަށް ބޭނުންވެދާނެ ސާމާނު ކޮޓަރީގައި ހުއްޓެވެ. އަޅުގަނޑުގެ ދަރިފުޅު ބައިސްކަލް ދުއްވާ ހިތްވެދާނެތީ، އަޅުގަނޑު ކައިރި އެހުމަކާ ނުލައި، ބައިސްކަލެއްވެސް ގެނެސްފައި ހުއްޓެވެ. މިއީ ރާއްޖެއިން ވިއްކާ ލަގްޒަރީ ޚިދުމަތެވެ. ރާއްޖޭގެ ހަމަ ކޮންމެ ރިސޯޓަކުންވެސް މިފަދަ ޚިދުމަތް ލިބެއެވެ. އެކަން ކުރަނީވެސް ހަމަ ދިވެހިންނެވެ.

 

އަޅުގަނޑު ދޭ ޚިދުމަތަކީ ޕަބްލިކް ސަރވިސްއެއް ނުވަތަ ޢާންމު ޚިދުމަތެކެވެ. އަޅުގަނޑުގެ މަސައްކަތް މިވަގުތު އޮތީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައެވެ. ދިވެހިރާއްޖޭގެ ޓުއަރިޒަމް ލަގްޒަރީ ބްރޭންޑަކަށްވާ ގޮތަށް، ދިވެހިރާއްޖޭގެ ޕަބްލިކް ސަރވިސް ލަގްޒަރީ ބްރޭންޑަކަށް ނެހެދޭންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނެއެވެ. މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑު މިފަށައިގަންނަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޚިދުމަތްތައް ލަގްޒަރީ ޕަބްލިކް ސަރވިސްއަކަށް ބަދަލުކުރުމުގެ މަސައްކަތެވެ. މާތްﷲގެ އަމުރާ އިރާދަފުޅުން، މަޑުމަޑުން މަސައްކަތް ކުރަމުންގޮސް، ދާދި އަވަހަށް، ރިސޯޓަކުން ޓުއަރިސްޓަކަށް ލިބޭ ފެންވަރުގެ ޚިދުމަތެއް، ދިވެހިރާއްޖޭގެ ޕަބްލިކް ސަރވިސްދޭ އޮފީހަކުން ފޯރުކޮށްދޭނަމެވެ. މިއީ، ސިވިލް ސަރވިސްއަށްވެސް ފަސޭހައިން ކޮޕީކުރެވޭނެ ނިޒާމަކަށް ހެދުމަކީ އަޅުގަނޑުގެ ތަޞައްވުރެވެ.

 

މީހަކު، ޖިނާއީ މައްސަލައެއް ތަޙްޤީޤީ އިދާރާއަކަށް ހުށަހެޅުމުން، ތަޙްޤީޤީ އިދާރާއިން އެމައްސަލަ ބަލާގޮތާމެދު ހިތްހަމަނުޖެހޭނަމަ، އެކަން ބަލައިދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ޝަކުވާ ހުށަހެޅިދާނެކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އޮވެއެވެ. ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު އޮންނަ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލަކީ ތަޙްޤީޤީ އިދާރާތައް މަސައްކަތްކުރާގޮތް ބަލައި، ފާރަވެރިވުމުގެ ޒިންމާއެއް އޮތް މީހެކެވެ. މިއަދު އަޅުގަނޑުމެން މިތަޢާރަފުކުރަނީ، ތަޙްޤީޤީ އިދާރާއިން ކަންތައްކުރި ގޮތާމެދު ހުށަހަޅާ ޝަކުވާ އޮންލައިންކޮށް ފޮނުވޭ ނިޒާމެކެވެ. ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލުގައި ޝަކުވާ ހުށަހަޅާ ޓެބެއް އޮންނާނެއެވެ. ޝަކުވާއެއް ހުށަހަޅަން ފިތާލުމުން، ފޯމެއް ފެންނާނެއެވެ. އެފޯމުގެ ގިނަ، ޢާންމު ބައިބައި ހުންނާނީ ފުރާފައެވެ. ޝަކުވާ ހުށަހަޅާ މީހާ ކުރަންޖެހޭނީ ދެކަމެކެވެ. އޭނާގެ ޝަކުވާއަކީ ކޮބައިކަމާއި، އޭނާ ތަޙްޤީޤީ އިދާރާއަށް ހުށަހެޅި ލިޔުމުގެ ކޮޕީއެއް އަޕްލޯޑުކުރުމާ މިދެކަމެވެ. އެލިޔުން ބޭނުންވަނީ، މައްސަލައެއް ހުށަހެޅުނުކަން ޔަޤީންކުރަންޖެހޭތީއެވެ.

 

މިދެންނެވި ފޯމު ހުށަހެޅުމުން، އެފޯމު، އޮފީހުގެ ނިޒާމުގެ ތެރެއަށް އެންޓްރީވާނީ އޮޓޮމެޓިކުންނެވެ. ޝަކުވާ ފޯމު ސީދާ ގޮސް ލިބޭނީ އެމައްސަލައެއް ބެލުމާ ޙަވާލުވެ ހުރި ޕްރޮސިކިއުޓަރުގެ ސްކްރީނަށެވެ. އޭނާ އެޝަކުވާ ފޯމު ކިޔުމަށްފަހު، ޖަވާބުދޭނެކަމަށް އަންދާޒާކުރާ ދުވަހެއް ކަނޑައަޅަންޖެހޭނެއެވެ. އޭނާއަށް، އެ ސްކްރީނުން އެހެން ސްކްރީނަކަށް، ނުވަތަ އެހެން މަސައްކަތަކަށް ދެވޭނީ، ޖަވާބުދޭނެ ދުވަހެއް ލިޔުމަށްފަހުއެވެ. ޖަވާބުދޭނެ ދުވަހެއް ނޯޓުކުރާވަގުތު، ޝަކުވާ ހުށަހެޅި މީހާއަށް މެސެޖެއް ލިބޭނެއެވެ. މިވެނި ޕްރޮސިކިއުޓަރަކު، އޭނާ ހުށަހެޅި ޝަކުވާ ބަލަމުންދާކަމަށާއި، މިވެނި ދުވަހެއްގައި ޖަވާބެއް ލިބޭނޭކަމަށް އިންތިޒާރުކުރުމަށް، އެ މެސެޖުގައި އޮންނާނެއެވެ. އެމެސެޖުގައި ބުނާ ދުވަހުގެ ކުރިއަށް، އިރާދަކުރެއްވިއްޔާ ޖަވާބު ދޭނެއެވެ. ޖަވާބު ތައްޔާރުވުމާއެކުވެސް، ޝަކުވާ ހުށަހެޅި މީހާއަށް މެސެޖެއް ލިބޭނެއެވެ. ޝަކުވާ ހުށަހަޅާކަށްވެސް، ޖަވާބު ހޯދާކަށްވެސް އެއްވެސް ތަނަކަށް ދާކަށް ނުޖެހޭނެއެވެ. އޮންލައިން ޕޯޓަލްގެ ތެރެއިން، އެމީހަކު މިހާތަނަށް ޕީޖީ އޮފީހާ ކުރި ހުރިހާ މުޢާމަލާތުތަކެއް، ހުށަހެޅި ފޯމުތަކާއި އެފޯމުތަކަށް ދީފައިވާ ޖަވާބުތައްވެސް ފެންނަން ހުންނާނެއެވެ.

 

މިވަގުތު ހަމައެކަނި ޝަކުވާ ފޯމަށް މެސެޖު ދާގޮތް ހެދިޔަސްވެސް، ކައިރި މުސްތަޤްބަލެއްގައި، ޕީޖީ އޮފީހަށް ފޮނުވާ ކޮންމެ ސިޓީއަކަށްވެސް، އެސިޓީ ފޮނުވި މީހަކަށް، ސިޓީއާ ޙަވާލުވެހުރި މީހެއްގެ މަޢުލޫމާތާއި ޖަވާބުލިބޭނެކަމަށް އަންދާޒާކުރާ ދުވަހުގެ މަޢުލޫމާތު ފޯރުކޮށްދޭގޮތް ހަދާނަމެވެ. އެޓެކްނޮލޮޖީ އަޅުގަނޑުމެންގެ އަތުގައި މިހާރު އެބަހުއްޓެވެ.


ޕީޖީ އޮފީސް، ލަގްޒަރީ ޕަބްލިކް ސަރވިސްއަކަށް ހެދުމުގެ ރާސްތާގައި އެންމެ ފުރަތަމަ ބަދަލުކުރީ ފޯނަށް ޖަވާބުދޭގޮތެވެ. އެއަށްފަހު، ކުށުގެ ރެކޯޑު ސާފުކޮށްދިނުން އޮޓޯމޭޓްކޮށް، ވަގުތުން ލިބޭގޮތް ހަދައިފީމެވެ. މައްސަލައެއްގައި އަނިޔާ ލިބޭ މީހަކަށް، އެމީހެއްގެ މައްސަލައެއް ހިނގާގޮތް ކޮންމެ ވަގުތަކުވެސް ބެލޭނެއެވެ. ސިޓީބިޓީއަށް ޖަވާބުދޭނީ، ލިޔެފައި އޮތް ފަލްސަފާއެއްގެ ތަރަޙައިގެ ތެރެއިން، ސާފު ދިވެހި ބަހުންނެވެ. ޝަކުވާ ހުށަހެޅުމުގެ ނިޒާމާއެކު، ޕީޖީ އޮފީހުން ޢާންމުންނަށް ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް މިހާރު އޮންލައިންކޮށް ދެވޭނެއެވެ. އެއްވެސް ކަމަކު ޕީޖީ އޮފީހަށް ޢާންމުންގެ މީހަކު އަންނާކަށް ނުޖެހޭނެއެވެ. ކޯޓަށް ފޮނުވާ މައްސަލަ އޮންލައިންކޮށް ފޮނުވޭނެ ޓެކްނޮލޮޖީ އެބަހުއްޓެވެ.

 

ޕީޖީ އޮފީހުގައި ފޮރުވާނެ އެއްޗެއް ނޯންނާނެއެވެ. އޮފީހުގެ މަސައްކަތްތައް ކުރިއަށްދާގޮތާބެހޭ މަޢުލޫމާތު، ވަގުތުން ވަގުތަށް އަދާހަމަވާ ވެބްސައިޓެއް މިހާރު ހުންނާނެއެވެ. ނޫސްވެރިންނަށް ބޭނުންވެދާނެ ހުރިހާ މަޢުލޫމާތެއް ޢާންމުކުރާ ވަކި ވެބްސައިޓެއް އެބައޮތެވެ. ޖިނާއީ ހުރިހާ ޤާނޫނެއް ފެންނަ ޑާޓާބޭހެއް އެބައޮތެވެ.

 

ޓުއަރިޒަމް، ލަގްޒަރީ ބްރޭންޑެއްގެ ގޮތުގައި 50 އަހަރުވަންދެން އޮތީ، ކޮންމެ ދުވަހަކު ބަޔަކު އެކަމަށް ގަދައަޅައި މަސައްކަތް ކޮށްގެންނެވެ. އަޅުގަނޑުމެން ތަޢާރަފުކުރާ ލަގްޒަރީ ޕަބްލިކް ސަރވިސްގައިވެސް ވާނީ އެހެންނެވެ. ނިޒާމުތަކެއް ހެދިފައި ހުއްޓަސްވެސް، ކޮންމެ ދުވަހަކުވެސް އެވިސްނުމުގައި، އެރޫޙާއެކު މަސައްކަތް ނުކުރެވޭނަމަ، ލަގްޒަރީ ޕަބްލިކް ސަރވިސްގެ މި ތަޖުރިބާ ކާމިޔާބުނުކުރެވޭނެކަން އަޅުގަނޑަށް އެނގެއެވެ. މިހިނދު އޮތް ގޮންޖެހުމަކީ ދެމެހެއްޓެނިވި ގޮތަކަށް މިމަސައްކަތް އަބަދުމެ ކޮށް، ޢާންމުންގެ އިތުބާރު ހޯދުމެވެ. އެއީ ފަސޭހަ ކަމަކަށްނުވާނެއެވެ. ނަމަވެސް، ފަސޭހަނޫން ކަންކަން ކުރާ ހިތްވުމުގެ އާދަޔާ ޚިލާފު ޝައުޤުވެރިކަމެއް އަޅުގަނޑާއެކު މަސައްކަތްކުރައްވާ ބޭފުޅުންގެ ކިބައިން ފެނެއެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author