8/2/2022
ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމަށް، 2008 އިން ފެށިގެން މިދަނީ އިންޤިލާބީ ބަދަލުތަކެއް އަންނަމުންނެވެ. ވޭތުވެދިޔަ 18 ވަރަކަށް އަހަރުގެ ތެރޭގައި، މިދާއިރާގައި މަސައްކަތްކުރަން ފުރުޞަތު ލިބުނު މީހެއްގެ ހައިސިއްޔަތުން، މިބަދަލުތައް ވަރަށް ގާތުން އަޅުގަނޑަށް ފެނިފައިވެއެވެ. ހަމައެކަނި ޤާނޫނުތަކުގެ ޢަދަދަށް ބެއްޔަސް، މިކަން ސާފެވެ. 1998 އިން 2007 އަށް ހިނގި 10 އަހަރު، ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ ޖުމްލަ 17 ޤާނޫނެވެ. ނަމަވެސް، 2008 އިން 2017 އާ ދެމެދު ހިނގި 10 އަހަރު، ރައްޔިތުންގެ މަޖިލީހުން ޖުމްލަ 213 ޤާނޫނު ފާސްކުރައްވާފައިވެއެވެ. މިއީ، 1152% ގެ އިތުރުވުމެކެވެ.
މިމަޢުލޫމާތު ނަގާފައިވަނީ، އަލަށް ފާސްކުރާ ހުރިހާ ޤާނޫނުތަކެއް ޝާއިޢުކުރުމަށް ބަންޑާރަ ނައިބު އޮފީހުން ބަލަހައްޓަވާ www.mvlaw.gov.mv އިންނެވެ. އެއީ، ވަރަށް ބޭނުންތެރި ވެބްސައިޓެކެވެ. ނަމަވެސް، އެވެބްސައިޓުގައި ހުންނަނީ ޕީޑީއެފް ފައިލްކަމުން، ޤާނޫނެއްގެ ވަކި މާއްދާއެއް ނުވަތަ ވަކި ލަފުޒެއް ހޯދުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. މީގެ އިތުރުން، ޤާނޫނަކަށް ނުވަތަ ޤާނޫނެއްގެ ވަކި މާއްދާއަކަށް އައިސްފައިވާ ބަދަލުތަކާއި، އެބަދަލުތަކަށް ޢަމަލުކުރަން ފެށުނު ދުވަސް އެނގުމަކީ އޭގެ ސަބަބުން ޢަމަލީ ނަތީޖާތަކެއް ނުކުންނަ ކަމެކެވެ. މިމަޢުލޫމާތުތަކެއް އޭޖީ އޮފީހުން ބަލަހައްޓަވާ ވެބްސައިޓަކުން ފަސޭހައިންނެއް ލިބޭކަށް ނުހުރެއެވެ. މީގެ އިތުރުން، ކަމާބެހޭ ގަވާއިދުތަކާއި، ޤަރާރުތަކާއި، އުޞޫލުތަކެއްވެސް އެވެބްސައިޓަކު ނުހުރެއެވެ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ބަންޑާރަ ނައިބު އޮފީހުން، ހުރިހާ ޤާނޫނީ ލިޔުންތަކެއް އެއްތަނަކުން ލިބޭ ޑާޓާބޭހެއްގެ މަސައްކަތް އެބަކުރައްވައެވެ. އެޑާޓާބޭހާއެކު، މިދެންނެވި މައްސަލައަށް ޙައްލެއް އަންނާނެއެވެ. އަމިއްލަ ބައެއް ފަރާތްތަކުންވެސް، މިބާވަތުގެ ވެބްސައިޓުތައް އެބަ ހިންގަވައެވެ. އެވެބްސައިޓުތަކުގައިވެސް، ގިނަގުނަ މަޢުލޫމާތުތައް އެބަހުއްޓެވެ.
ނަމަވެސް، ޖިނާއީ ޢަދުލުގެ ނިޒާމުގައި ޢަމަލުކުރާ ޤާނޫނުތަކާއި، ގަވާއިދުތަކާއި، އުޞޫލުތަކާއި، އިރުޝާދުތައް ފަސޭހައިން ލިބެން ހުރުމަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތަށްވެސް އޮތް ގޮންޖެހުމަކަށްވާތީ، މިކަމަށް ތަސައްލީ އެއް ހޯދުމަށް www.lethun.pgo.mv ގެ ނަމުގައި ވެބްސައިޓެއް މިހާރު ވާނީ ތަޢާރަފުކޮށްފައެވެ. މިވެބްސައިޓުގައި، ޖިނާއީ ޢަދުލުގެ ނިޒާމުގައި މިހާރު ބޭނުންކުރާ ހުރިހާ ޤާނޫނަކާއި ގަވާއިދެއް ސަރޗް ކުރެވޭ ގޮތަށް ލިބެން ހުންނާނެއެވެ.
ވެބްސައިޓު އުފައްދަން ޚިޔާލު އައި ގޮތް
އަޅުގަނޑު، މަޤާމުގެ ހައިސިއްޔަތުން އަތޮޅުތަކަށް ކުރާ ދަތުރުތަކުގައި، އަތޮޅުތަކުގައި މަސައްކަތްކުރައްވާ ފުލުސް އޮފިސަރުންނާ ބައްދަލުކޮށް، އެބޭބޭފުޅުންގެ ޚިޔާލުފުޅުތައް އަޑުއަހަމެވެ. އިންވެސްޓިގޭޓަރުންގެ އެއް ކަންބޮޑުވުމަކީ، ޤާނޫނުގައި ވަކި ކަމެއް ކުރާނެ މާބޮޑު ތަފްޞީލުތަކެއް ނޯންނަ ޙާލަތުގައި، ފުލުހުން ވަކި ގޮތަކަށް ޢަމަލުކުރައްވަމުން ދަނިކޮށް، އެގޮތް ރަނގަޅުނޫންކަމަށް، މަތީ މަރްޙަލާއެއްގެ ކޯޓަކުން ނިންމައިފިނަމަ، އެކަމުގެ މަޢުލޫމާތު އަތޮޅުތަކުގައި ތިއްބަވާ ފުލުހުންނަށް ނުލިބޭ މައްސަލައެވެ. އެބޭފުޅުންނަކީ، މަތީ މަރްޙަލާގެ ކޯޓުތަކުގެ ނިންމުންތައް ވިދާޅުވާނެ ވަގުތު ލިބޭ ބަޔަކަށް ނުވާތީ، އަޅުގަނޑުމެން، އެ ޙުކުމްތައް ކިޔައި، އޭގައި އޮތް އެއްޗެއްގެ ޚުލާޞާއަކާއެކު މިހާރު ޢަމަލުކުރަންވީ ގޮތެއް އަންގައިދޭނަމަ، ފުލުހުންގެ މަސައްކަތަށް ލުއިވާނެކަމަށް އެބޭފުޅުން ދެކެވަޑައިގަންނަވައެވެ.
އޭގެ ފަހުން، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާބެހޭ ޤާނޫނާއި ގަވާއިދުތައް ހޯދުމަށް އަޅުގަނޑު މަސައްކަތެއް ކޮށްލިއިރު، އެދާއިރާގައި 2 ޤާނޫނަކާއި 13 ގަވާއިދެއް އޮތްކަން އެނގުނެވެ. ނަމަވެސް، އެތަކެތި ހޯދުމަށް، އަޅުގަނޑަށް އެއް ދުވަސް ނެގިއެވެ. އެއީ، އެކި އިދާރާތަކުގެ ވެބްސައިޓުތަކުން އެކި ގަވާއިދު ހޯދަން ޖެހުމުންނެވެ. ރަށެއްގައި ހުންނަ ފުލުސް އޮފިސަރަކަށް، މިޙާލަތުގައި ދިމާވާނެ ގޮންޖެހުން އަޅުގަނޑަށް އިހުސާސް ކުރެވުނެވެ. ފުލުހުންގެ ތަޙުޤީޤުތައް ނިންނަންޖެހޭ ވަކި މުއްދަތުތަކެއް ޤާނޫނުގައި އޮވެއެވެ. އެމުއްދަތަށް މަސައްކަތް ނިންމަން އުޅެމުން، އޭގެން އެއް ދުވަސް، ޤާނޫނާއި ގަވާއިދު ހޯދަން ހޭދަކުރަން ޖެހުމަކީ އިންތިހާއަށް ދަތި ކަމަކަށްވާނެކަން އަޅުގަނޑަށް އެނގުނެވެ.
ޢިލްމު ފެތުރުން
މިމަސައްކަތަށް އަޅުގަނޑުމެން ފަށައިގަތްއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެކި ބޭފުޅުން، އެކި ދާއިރާތަކުގެ އެކި ޤާނޫނުތައް އެއްފަސް ކުރައްވައިގެން ގެންގުޅުއްވާކަން އެނގުނެވެ. ބައެއް ބޭބޭފުޅުން، އެބޭފުޅުން ޝައުޤުވެރިވާ ދާއިރާތަކުގެ މަތީ މަރްޙަލާގެ ކޯޓުތަކުގެ ނިންމުންތައްވެސް އެއްފަސް ކުރައްވައިގެން އެބަ ގެންގުޅުއްވައެވެ. ޢިލްމަކީ ފަތުރަންޖެހޭ އެއްޗެކެވެ. އެހެންކަމުން، އެހުރިހާ ޢިލްމެއް، އެއްތަނަކުން، ގިނަ މީހުންނަށް ލިބޭނޭ ގޮތް ހެދުމަކީ، އެޢިލްމުގެ ނަފާ އެންމެންނަށް ލިބޭނޭ ކަމެއްކަމަށް އަޅުގަނޑަށް ޤަބޫލުކުރެވުނެވެ.
ލެތުން – ވެބްސައިޓު
ޑާޓާބޭސްއެއް، އަދި ޚާއްޞަކޮށް، ޤާނޫނީ ދާއިރާގެ ފަންނީ ޑާޓާބޭހެއް އުފެއްދުމަށް ދެ ގޮންޖެހުމެއް އޮވެއެވެ. އެއް ގޮންޖެހުމަކީ ފަންނީ ގޮތުން ވެބްސައިޓް/ޑާޓާބޭސް ޑިޒައިންކޮށް، އައިޓީއާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުމެވެ. ނަޞީބު ކަން ދިމާކުރި ގޮތުން، ޕީޖީ އޮފީހުގެ އައިޓީ ސެކްޝަނަކީ، މިކަމުގެ ފަންނީ ޤާބިލުކަން ފުރިހަމައަށް އޮތް ސެކްޝަނަކަށްވާތީ، އިސާހިތަކު، އެމަސައްކަތް އެބޭފުޅުން ކޮށް ނިންމަވައި ދެއްވައިފިއެވެ.
ދެވަނަ ގޮންޖެހުމަކީ، ޑާޓާ އެންޓަރކުރުމެވެ. ޚާއްޞަކޮށް ޤާނޫނީ ދާއިރާގެ މަޢުލޫމާތު އަޅަންޖެހޭތީ، އެކަމަށް ފަންނީ މީހުން ބޭނުންވާނެތީއެވެ. މިކަމަށް ޙައްލެއް ހޯދަން ބެލީ ތަފާސް ހިސާބަށެވެ. ތަފާސް ހިސާބު ދައްކާގޮތުން މުޅި ރާއްޖޭގައި ދުވާލަކު އެވްރެޖްކޮށް، 180 އާއި 210 އާ ދެމެދުގެ ޖިނާއީ މައްސަލަތަކުގެ އަޑުއެހުން ބާއްވައެވެ. ނަމަވެސް، ރަމަޟާންމަހު، އެ ޢަދަދު އެވްރެޖްކޮށް 75% ދަށްވެއެވެ. މާނައަކީ، ޕްރޮސިކިއުޓަރުން ކޯޓަށް ޙާޟިރުވާންޖެހޭ މިންވަރު 75% މަދުވެއެވެ. އެހެންކަމުން، ރަމަޟާން މަހަކީ ޑާޓާ އެންޓްރީ ކުރަން ރަނގަޅު ދަނޑިވަޅެކެވެ. މިމަސައްކަތް ކޮށްދެއްވީ ޕްރޮސިކިއުޓަރުންނެވެ. މިވެބްސައިޓަކީ ޚުދު އަޅުގަނޑުމެންގެ މަސައްކަތަށްވެސް ފަސޭހަވާނެ އެއްޗަކަށްވާތީ، ޑާޓާ އެންޓަރކުރުމުގެ މަސައްކަތް، އެބޭފުޅުން ޓީމުތަކަށް ބެހިގެން، ވަރަށް ޝައުޤުވެރިކަމާއެކު، ހަލުއިކޮށް، ފަރުވާތެރިކަމާއެކު، ރަމަޟާން މަހުގެ ތެރޭގައި ނިންމަވައިފިއެވެ.
ލިބޭންހުރި މަޢުލޫމާތު
ލެތުން ވެބްސައިޓުގައި، ޖިނާއީ ޢަދުލުގެ ނިޒާމުގައި ޢަމަލުކުރާ ތަފާތު 37 ޤާނޫނަކާއި، 64 ގަވާއިދަކާއި، 9 ފޮތާއި، 2 ކޮމެންޓްރީއަކާއި، (ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރުމަށް) ސުޕްރީމް ކޯޓުން ނެރުއްވާފައިވާ 19 އިރުޝާދެއް ފެންނަން އޮންނާނެއެވެ. 184 ޓެގް ބޭނުންކުރެވިފައިވާނެއެވެ. ޤާނޫނުތަކަށް ގެނެވިފައިވާ އިޞްލާޙުތަކާއި، އިޞްލާޙުތަކަށް ޢަމަލުކުރަން ފަށާ ތާރީޚާއެކު ފެންނަން ހުންނާނެއެވެ. ކޮންމެ ބަހެއް، ވަކިން ސަރޗް ކުރެވޭނެއެވެ. ޤާނޫނެއް ދިރާސާކުރަމުންދާއިރު، އަމިއްލަފުޅަށް ނޯޓެއް ލިޔުއްވަން ބޭނުންފުޅުނަމަ، އެމާއްދާއަކާ ގުޅުވައިގެން ނޯޓު ލިޔުއްވައި، ވަކިވަކި މާއްދާތައް ބުކްމާކް ކުރެއްވޭނެއެވެ. ކަޓް ޕޭސްޓް ކުރެވޭ ގޮތަށާއި، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޝެއަރ ކުރެވޭނޭ އިންތިޒާމުވެސް ހަމަޖެހިފައި ހުންނާނެއެވެ.
މީގެ އިތުރުން، ހައިކޯޓުގެ 49 ނިންމުމާއި، ސުޕްރީމް ކޯޓުގެ 14 ނިންމުން މިވަގުތު ފެންނަން އޮންނާނެއެވެ. އަޅުގަނޑުމެންގެ އަމާޒަކީ، މިއަހަރު ނިމެންވާއިރަށް، ޖިނާއީ އަދުލުގެ ނިޒާމާ ގުޅިގެން މަތީ މަރްޙަލާގެ ކޯޓުތަކުން ނިންމަވާފައިވާ ހުރިހާ ނިންމުމެއް ވެބްސައިޓެއް އަޅައި ފުރިހަމަކުރުމެވެ. މަތީ މަރްޙަލާގެ ނިންމުންތައް އަޅާއިރު، އެމައްސަލައެއް ނިންމެވި ފަނޑިޔާރުންގެ ބެންޗާއި، އެފަނޑިޔާރަކު ނިންމަވާފައިވާ ވަކިވަކި މައްސަލަތައްވެސް ޓެގުކުރެވޭނެއެވެ. ކޮންމެ ޓެގަކަށް ކުލިކް ކުރެއްވުމުން، އެޓެގާ ގުޅިގެން ހުރި ޤާނޫނުތަކާއި، ގަވާއިދުތަކާއި، ކޮމެންޓްރީގެ ބަޔާއި، ކޯޓުތަކުގެ ނިންމުންތަކާއި، ފޮތްތަކުގައި ހުރި މަޢުލޫމާތުތައްވެސް އެއްތަނަކުން ފެންނާނެއެވެ.
ވެބްސައިޓު ފުރިހަމަކޮށް، އަދާހަމަކުރުމަކީ އަބަދުމެ ކުރާންޖެހޭނެ ކަމަކަށްވާތީ، ޕީޖީ އޮފީހުގައި ވެބްސައިޓު އަޕްޑޭޓް ކުރާނެ މުވައްޒަފުންނާ، އެމަސައްކަތް މިހާރު ރަސްމީކޮށް ހަވާލުކުރެވިފައިވާނެއެވެ. މިވެބްސައިޓުގައި އޮތް ކަމަކާމެދު ޚިޔާލުފުޅެއް އޮތްނަމަ، lethun@pgoffice.gov.mv އަށް ލިޔުއްވުމަކީ އަޅުގަނޑު އެދޭ ކަމެކެވެ.
އަޅުގަނޑުގެ އެދުމަކީ، މިމަސައްކަތަކީ، ޕީޖީ އޮފީހުން (އަޅުގަނޑު ނެތަސް) އަބަދުމެ ކުރައްވާނެ މަސައްކަތަކަށްވުމެވެ. މީގެ ސަބަބުން، ޤާނޫނީ ދާއިރާގައި މަސައްކަތްޕުޅުކުރައްވާ ޕްރޮސިކިއުޓަރުންނާއި، ދިފާޢީ ވަކީލުންނާއި، ފުލުހުންނާއި، ކިޔަވާކުދިންނާއި، ދިރާސާކުރާ މީހުންނާއި، ނޫސްވެރިންނާއި، ފަނޑިޔާރުންނާއި، ޤާޟީންނާއި، މެޖިސްޓްރޭޓުންނާއި ޢާންމުންނަށް، ލުއިފަސޭހަތަކެއް ލިބިގެން ދިއުމެވެ. މިމަސައްކަތަކީ، މިމަސައްކަތް ކުރައްވާ ބޭފުޅުންގެ ހެޔޮކަންތައްތަކުގެ މީޒާނުގައި ލިޔުއްވާނެ މަސައްކަތަކަށް ވުމެވެ.
މިފުރުޞަތުގައި، މިމަސައްކަތް މިހާ ހިސާބަށް ގެނެސްދެއްވުމުގައި އެހީތެރިކަން ދެއްވި ހުރިހާ ބޭފުޅުންނަށް، އަޅުގަނޑުގެ އަމިއްލަ ނަމުގައާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަމުގައި، އިޚްލާޞްތެރިކަމާއެކު، ހިތުގެ ޢުމުޤުން ޝުކުރު ދަންނަވަމެވެ.
The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author