11/28/2021

ދުނިޔޭގެ ފެންވަރުގެ ދިވެހިން – ދުނިޔޭގެ ފެންވަރުގެ ޚިދުމަތް

ދައުލަތުގެ އެކި މަޤާމުތަކުގައި މަސައްކަތްކުރާ އިރު ހިތަށް އަރައެވެ. އަޅުގަނޑުމެން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ޚިދުމަތަކީ ކޮން ފެންވަރެއްގެ ޚިދުމަތެއް ތޯއެވެ؟ އަޅުގަނޑު ބޭނުންވަނީ ދުނިޔޭގެ ފެންވަރުގެ މަސައްކަތް ކުރާށެވެ. އަޅުގަނޑު އެދެނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީވެސް ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދޭ ތަނަކަށްވުމެވެ. މުޅި ދައުލަތަކީވެސް ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ދައުލަތަކަށްވުމެވެ. މިއީ ނުކުރެވޭ ވަރު ކަމެއް ނޫނެވެ. އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑު މިވާހަކަ ދެއްކީމާ މީހުން ގާތަށް އަންނާނީ ލާނެއް ހިންޏެކެވެ. ނަމަވެސް، ވިސްނާވަޑައިގަންނަވާށެވެ.

 

ދިވެހިރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަސް އަޅުގަނޑުމެން ފާހަގަ ކުރީ، މިނިމުނު ހަފްތާގެ ހޮނިހިރު ދުވަހެއެވެ. 26 ޑިސެމްބަރ 2020 ގައެވެ. އެދުވަހުގެރޭ ބޭއްވި ރަސްމިއްޔާތެއްގައި، ކޮންމެ އަހަރަކު ސަރުކާރުން ދެއްވާ އިނާމުތައް ދެއްވުން އޮތެވެ. ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުންނެވެ.

ސަރުކާރުން ދެއްވާ އިނާމުތައް

ސަރުކާރުން ތަފާތު 11 އިނާމެއް ދެއްވައެވެ[1]. އެއީ؛

1.    ދިވެހި ދައުލަތުގެ އެންމެ މަތިވެރި ޢިއްޒަތް (2013)

2.    ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް (2011، 2013، 2017، 2019)

3.    ދިވެހި ދައުލަތުގެ ޢިއްޒަތް (2011، 2013، 2020)

4.    ޤައުމީ އިނާމު – ޝަރަފުވެރިކަމުގެ ޤައުމީ އިނާމު (2009 އިން 2020)

5.    މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު (2012 އިން 2020)

6.    ޢާންމު ޚިދުމަތުގެ އިނާމު – ޝަރަފު (1979 އިން 1983އަށް، 1986 އިން 1989އަށް، 1991، 1994 އިން 1996 އަށް، 1998، 2000، 2002 އިން 2007 އަށް)

7.    ޢާންމު ޚިދުމަތުގެ އިނާމު – ހިތްވަރު (1979 އިން 2007 އަށް)

8.    ޤައުމީ އިނާމު – ހިތްވަރުދިނުމުގެ ޤައުމީ އިނާމު (2009 އިން 2020 އަށް)

9.    ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު (2013 އިން 2020 އަށް)

10. ޢާންމު ޚިދުމަތުގެ ޚާއްޞަ އިނާމު (2007)

11. ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު (1985 އިން 1991އަށް، 1993 އިން 2007 އަށް)

 

އޭގެ އިތުރުން، އިނާމު ދިނުމާބެހޭ ގޮތުން ރާއްޖޭގައި ޤާނޫނެއްވެސް ފާސްކޮށްފައި އޮވެއެވެ. އެއީ، ޤާނޫނު ނަންބަރު 91/1 (ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނު)[2] އެވެ. މި ޤާނޫނުގެ ދަށުން ދެވެނީ ދައުލަތުން ދޭ އެންމެ މަތީ ލަޤަބާއި ޢިއްޒަތެވެ.

 

މީގެ ތެރެއިންވެސް "ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު" ގެ ނަމުގައި ދެއްވަނީ ވަރަށް މުހިންމު އިނާމެކެވެ. މިއިނާމުގެ ނަން، ފަހުން، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުގެ ނަމަށް ބަދަލުވެފައި އޮތްކަމަށް ބެލެވެއެވެ. މިއީ، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ޔުނިވަރސިޓީތަކާއި ކޮލެޖުތަކުން ކިޔަވާ ދިވެހި ދަރިވަރުންގެ ތެރެއިން މަތީ ވަނަތައް ޙާޞިލުކުރާ ދަރިވަރުންނަށް، އެކަމުގެ އަގު ވަޒަންކޮށް، ހިތްވަރު ދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ.

 

ދިވެހި ދަރިވަރުން ދުނިޔޭގެ އެންމެ ބޮޑު، އެންމެ މަޝްހޫރު ޔުނިވަރސިޓީތަކުގައި ކިޔަވާފައި އެބަހުއްޓެވެ. ތަފާތު އެކި ދާއިރާތަކުން، ތަފާތު އެކި ޤައުމުތަކުގެ ރަންވަނަތައް ދިވެހި ދަރިވަރުން ވަނީ ހޯއްދަވާފައެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނަށް ބައްލަވާލައްވާށެވެ. 1985 ގައި، އެންމެ ފުރަތަމަ މިއިނާމު ލިބިވަޑައިގެތް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، އޭޝިއަން ކަލްޗަރަލް ސެންޓަރ ފޮރ ޔުނެސްކޯގެ ފަރާތުން ޓޯކިޔޯގައި ބޭއްވި 7،8، 9 އަދި 10 ވަނަ ފޮޓޯ މަޢުރަޟުތަކުން ޚާއްޞަ އިނާމުތައް ހޯއްދަވާފައިވާ 4 ބޭފުޅެކެވެ. އޭގެ ފަހުން އައި އަހަރު ތަކުގައި ތަފާތު އެކި ދާއިރާތަކުން އިނާމު ދެއްވާފައިވެއެވެ. މީގެ ތެރޭގައި، ރާއްޖެއިން ބޭރުގެ އެކިއެކި މިލިޓަރީ އެކަޑަމީތަކުގައި ކިޔަވާ ވިދާޅުވެ، މަތީ ވަނަތައް ހޯއްދަވާ މީހުންނާއި، ސައިންސާއި، ޓެކްނޮލޮޖީއާއި، ތަޢުލީމާއި، ޤާނޫނީ ދާއިރާއާއި، ޑަކްޓަރީކަމާއި، އާޓްސްއާއި، ފޮޓޯގްރަފީއާއި، މިއުޒިކާއި، ޑިޒައިނާއި އާކިޓެކްޗަރާއި، ކުޅިވަރާއި، މެރިން އިންޖިނައިރިންގާއި، ނަރސިންގާއި، މިހެންގޮސް ދިވެހި އެއްވަނަ ނުހޯދާ ހަމަ އެއްވެސް ދާއިރާއެއް ނެތޭވެސް ދެންނެވިދާނެއެވެ.

 

ދިވެހިން ވަނަ ހޯދާފައިވާ ޤައުމުތަކުގެ ތެރޭގައި، އިނގިރޭސިވިލާތާއި، އޮސްޓްރޭލިއާއާއި، ނިއުޒީލަންޑާއި، ޤަޠަރާއި، ސައުތު އެފްރިކާއާއި، އެމެރިކާއާއި، އިންޑިޔާއާއި ސްރީލަންކާއާއި، މެލޭޝިއާއާއި، ސިންގަޕޫރާއި، މޯލްޓާއާއި، ގްރީހާއި، މިޞްރާއި، ފީޖީއާއި، ނޭޕާލާއި، ބަންގްލަދޭޝްއާއި، ބޫޓާން ހިމެނެއެވެ.

 

ވަރަށް ތަފާތު ދާއިރާތައްވެސް ހިމެނެއެވެ. މިސާލަކަށް، އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ސްޓަރލިންގައި 2002 އިން 2003 އަށް ހިންގެވި ބެޗްލަރ އޮފް އާޓްސް އިން އިންގްލިޝް ލޭންގުއޭޖް ޓީޗިންގ ކޯހުން އެއްވަނަ ހޯއްދެވީ ދިވެހި އަންހެން ބޭފުޅެކެވެ[3]. އޮސްޓްރޭލިއާގެ ލަ ޓްރޯބް ޔުނިވަރސިޓީގައި ޖަނަވަރީ 2000 އިން ޑިސެމްބަރ 2002 އަށް ހިންގެވި ބެޗްލަރ އޮފް ކޮމްޕިއުޓަރ ސައެންސް ކޯހުން އެއްވަނަ ހޯއްދެވީ ދިވެހި ޒުވާން ފިރިހެން ބޭފުޅެކެވެ[4]. ޕޮޕިއުލޭޝަން ސްޓަޑީޒްގެ ދާއިރާއިން އިންޑިއާގައި އޮތް ޑިޕްލޮމާ ފެންވަރުގެ ކޯހަކުން އެއްވަނަ ހޯއްދެވީ ދިވެހި އަންހެން ބޭފުޅެކެވެ.

 

މަތީ ވަނަތައް ހޯއްދަވައިގެން އިނާމު ލިބިވަޑައިގެންނެވި ބޭބޭފުޅުން މިހާރު ތިއްބެވީ ޒިންމާދާރު މަޤާމުތަކުގައެވެ. ފަނޑިޔާރުކަމާއި[5]، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމާއި[6]، ފުލުސް[7] އޮފީހުގެ މަތިފަޑީގައާއި[8]، އައިޖީއެމް ހޮސްޕިޓަލުގެ އިސް މަޤާމުތަކާއި، މިހެން ގޮސް ދައުލަތުގެ ހުރިހާ ދިމާލެއްގައިހެންވެސް ތިއްބެވީ މިދެންނެވި ފަދަ ދުނިޔޭގެ ފެންވަރުގެ ޔުނިވަރސިޓީތަކުން ދުނިޔޭގެ ފެންވަރުގެ ފާސްތައް ހޯއްދަވައިގެން ތިއްބެވި ބޭބޭފުޅުންނެވެ.

 

މިދެންނެވި ބޭބޭފުޅުންނާއެކު ކިޔަވާ ވިދާޅުވި އެހެން ޤައުމުތަކުގެ ބޭފުޅުން މިހާރު ތިއްބަވާނީ، އެބޭފުޅުން ނިސްބަތްވާ ޤައުމުތަކުގެ މަތީ މަޤާމުތަކުގައެވެ. އެޤައުމުތަކުގެ ކަންކަން ނިންމެވުމުގެ ބާރު އޮންނަ ހިސާބުގައެވެ. ކުރައްވާނީ ދުނިޔޭގެ ފެންވަރުގެ މަސައްކަތެވެ.

 

މިދެންނެވީ މަތީ ތަޢުލީމުގެ މަރްޙަލާގައި ކާމިޔާބު ހޯއްދަވައިގެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ލިބިވަޑައިގެންފައިވާ ބޭބޭފުޅުންގެ ވާހަކައެކެވެ. ސާނަވީއާއި މަތީ ސާނަވީގައި، އެކި މާއްދާތަކުންނާއި ހުރިހާ މާއްދާތައް އެއްކޮށް، ދުނިޔޭގެ އެއްވަނަ ހޯދާ ކުދިން އަދި އޮތީއެވެ. އެކުދިންނަށް އިނާމުދޭ ޖަލްސާގައި، ފަހަރަކު ކުއްޖަކަށް އިނާމު ނުދެވޭތީ، ކުދިން ސްޓޭޖަށް އަރުވަނީ ދިހަ ބާރަ ކުދިން އެއްފަހަރާއެވެ. އެހާ ގިނަ ކުދިންނަށް، ދުނިޔޭގެ ފެންވަރުގެ ވަނަތައް އެބަ ލިބެއެވެ. އެހުރިހާ ކުދިންނަކީވެސް މަތީ ތަޢުލީމުގެ ބަޔަށް ދާނެ ކުދިންނެވެ. އެކުދިންނަކީ މިހާރުވެސް، ދުނިޔޭގެ ފެންވަރުގައި ވިދާލުމުގެ ފުރުޞަތު ފަހިކޮށް، ތަނަވަސްކޮށް އޮތް ކުދިންނެވެ. މީގެ ތެރެއިން ދަރިވަރުން، ކޮމަންވެލްތު ސްކޮލަރޝިޕާއި އޮސްޓްރޭލިއާ އެއިޑާއި ޝީވްނިންގް ސްކޮލަރޝިޕާއި، މިނޫންވެސް ދުނިޔޭގެ މައިގަނޑު ހުރިހާ ސްކޮލަރޝިޕްތަކަށް ދުނިޔޭގެ ފެންވަރުގައި ވާދަކޮށްގެން ކާމިޔާބު ކޮށްފައި އެބަހުއްޓެވެ.

 

އަޅުގަނޑުމެން ދިވެހިންނަކީ ނިކަން ކުޅަދާނަ ބައެކެވެ. ހުނަރުވެރި، މޮޅު، ތޫނުފިލި ބައެކެވެ. ދުނިޔޭގެ ފެންވަރުގެ ބައެކެވެ. ދިވެހިންނަށްވުރެ ވަކި ތޫނުފިލި ބަޔަކު ދުނިޔެއަކު ނޫޅޭނެއެވެ. އަޅުގަނޑުގެ ސުވާލަކީ، ދުނިޔޭގެ ފެންވަރުގެ ޔުނިވަރސިޓީތަކުން، ދުނިޔޭގެ ފެންވަރު މީހުންނާއެކު ކިޔަވައި، ދުނިޔޭގެ ފެންވަރުގެ ނަތީޖާ ނެރުއްވާފައިވާ ބޭބޭފުޅުން، ދުނިޔޭގެ ފެންވަރުގެ މަސައްކަތެއް ނުކުރާންވީ، ނުވަތަ ނުކުރެވޭންވީ ކީއްވެގެންތޯއެވެ؟

 

އަޅުގަނޑު ހިތުން، ދުނިޔޭގެ ފެންވަރުގެ މަސައްކަތް ކުރެވޭނީ، ތިމާއަކީ ދުނިޔޭގެ ފެންވަރުގެ މީހެއްކަމަށް އަމިއްލައަށް ޤަބޫލުކޮށްގެންނެވެ. އެފެންވަރުގެ މީހުން އުޅޭ ގޮތަށް އުޅެގެންނެވެ. ދުނިޔޭގެ ފެންވަރުގެ މީހުންނަކީ ގަވާއިދުން ކަސްރަތުކޮށް، ދުޅަހެޔޮކޮށް ތިބޭން މަސައްކަތްކުރާ ބައެކެވެ. ފޮތްކިޔައި، އަބަދުމެ ކަންކަން ދަސްކުރުމަށް މަސައްކަތްކުރާ ބައެކެވެ. ބުނާ ބަހުގެ އިތުބާރު ހުންނާނެއެވެ. ކޮރަޕްޓެއް ނުވާނެއެވެ. ގަޑިއަށް ފަރުވާތެރިވާނެއެވެ. މީގެ އިތުރުން، އެފެންވަރުގެ މަސައްކަތް ކުރެވޭނެ މާޙައުލެއްވެސް އުފެދިފައި އޮންނާންޖެހެއެވެ. މިއީވެސް، އެފެންވަރުގެ ބޭފުޅުންނަށް ނުކުރެއްވޭ ވަރުގެ ކަމެއްނޫނެވެ. ބޭނުމީ ކުޑަ ހިތްވަރެކެވެ.

 

އަޅުގަނޑުމެން ދިވެހިންގައި ތަޢުލީމު އެބަހުއްޓެވެ. ފާސް އެބައޮތެވެ. ފެންވަރު އެބަހުއްޓެވެ. މަދުވާ ތަންކޮޅެއްކަމަށް ފެންނަނީ އަމިއްލައަށް، ތިމާއަކީ ފެންވަރު ރަނގަޅު މީހެއްކަމަށް ޤަބޫލުކުރުމެވެ. އެކަހަލަ މީހުން އުޅޭ ގޮތަށް އުޅެވޭތޯ މަސައްކަތް ކުރުމުގެ އަޚްލާޤެވެ. އެބައި ރަނގަޅުކޮށްލަނިކޮށް، އަޅުގަނޑުމެންނަކީވެސް ހަމަ ދުނިޔޭގެ ފެންވަރުގެ މީހުންނެވެ. ފޯރުކޮށްދޭނީ ދުނިޔޭގެ ފެންވަރުގެ ޚިދުމަތެވެ.


[1] https://www.presidencymaldives.gov.mv/NationalAwards/Index/162

[2] https://www.mvlaw.gov.mv/pdf/ganoon/chapterII/1-97.pdf

[3] https://www.presidencymaldives.gov.mv/NationalAwards/Winner/761

[4] https://www.presidencymaldives.gov.mv/NationalAwards/Winner/762

[5] https://www.presidencymaldives.gov.mv/NationalAwards/Winner/603

[6] https://www.presidencymaldives.gov.mv/NationalAwards/Winner/613

[7] https://www.presidencymaldives.gov.mv/NationalAwards/Winner/629

[8] https://www.presidencymaldives.gov.mv/NationalAwards/Winner/628


---


މިލިޔުން ފުރަތަމަ ޝާއިޢު ކުރެވުނީ، 1 ޖަނަވަރީ 2021 ވީ ހުކުރު ދުވަހުއެވެ.


Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author