9/11/2023

އަނިޔާލިބޭ މީހާ ބާރުވެރިކުރުވުން: އެމީހާގެ މައްސަލަ ހިނގާގޮތް ފެންނަގޮތް ހެދުން

ޖިނާއީ ޢަދުލުގެ ނިޒާމެއް އުފެދި ހިނގަމުންދަނީ ޢަދުލް އިންޞާފު ޤާއިމުކޮށްދިނުމަށެވެ. އިންޞާފު ޤާއިމުކޮށްދޭންޖެހެނީ ކުށް ކުރި މީހާއަށާއި އަނިޔާ ލިބުނު މީހާއަށެވެ. އަނިޔާ ލިބުނު މީހާ، ޖިނާއީ ކުށުގެ ނިސްބަތުން ދެބަޔަކަށް ބެހެއެވެ. އެއީ، ޙަޤީޤަތުގައި އަނިޔާ ލިބުނު އިންސާނާއާއި، އެކުށުގެ ސަބަބުން މުޖްތަމަޢުގެ އަމަން އަމާންކަމާއި ޞުލްޙަ މަސަލަސްކަން ގެއްލުނުކަމަށްޓަކައި، މުޅި މުޖްތަމަޢެވެ. މީހުން އިތުބާރުކުރާ، ދުނިޔޭގެ ފެންވަރުގެ ޖިނާއީ ޢަދުލުގެ ނިޒާމެއް ހިންގުމަށްޓަކައި، އެނިޒާމުގެ ތެރޭގައި އެޅޭ ފިޔަވަޅުތަކާއި، އެފިޔަވަޅުތައް އެޅޭ ގޮތާއި، އޭގެ ނަތީޖާތައް، މިދެންނެވި ތިން ބައި މީހުން (ކުށްކުރި މީހާ، އަނިޔާ ލިބުނު މީހާ އަދި މުޅި މުޖްމަތަޢު) އަށް، ހާމަކަމާއެކު ލިބިލިބި އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ.

 

ކުށްކުރާ މީހުންނަށާއި، ކުށުގެ ސަބަބުން އަނިޔާ ލިބޭ މީހުންނާމެދު އިންޞާފުވެރިކޮށް ޢަމަލުކުރުމަކީ މާތްވެގެންވާ އިސްލާމްދީންވެސް ބާރު އަޅާފައިވާ ކަމެކެވެ.

 

އަނަސްގެ ފާނުންގެ ކިބައިން ރިވާވެ، ޞަޙީޙް ބުޚާރީގައި އޮންނަ ރަސޫލުﷲ (ޞ) ގެ (ނަންބަރު 6952) ޙަދީޘުގައި އޮތީ، انصر ނަޞްރުދޭށޭވޭ، أخاك ކަލޭގެ އަޚާއަށް، ظالما އެމީހާ އަނިޔާކުރާއިރުއާއި،أو مظلوما ނުވަތަ އަނިޔާ ލިބޭއިރު. فقال رجل އެހިނދު މީހަކު ސުވާލު ކުރެތޭ يا رسول الله ރަސޫލުﷲ އޭވޭ أنصره ނަޞްރުދޭހުށީމޭ إذا كان އެމީހާ ހުރީ مظلوما އަނިޔާލިބޭ ޙާލަތުގައިނަމަ. فرأيت ކަލޭގެފާނު ވިދާޅުވެދެއްވާށޭވޭ إذا كان އެމީހާއަކީ ظالما އަނިޔާދޭމީހާނަމަ كيف ކިހިނެތްހޭ أنصره؟ އެމީހާއަށް ތިމާ ނަޞްރުދޭނީ. قال: ރަސޫލާ ޙަދީޘްކުރެއްވިއޭ تحجزه އެމީހާ ހުއްޓުވާށޭވޭ أو ނުވަތަ تمنعه މަނާކުރާށޭވޭ من الظلم އަނިޔާކުރުމުން فإن ހަމަކަށަވަރުން ذلك އެއީއޭ نصره އެމީހާއަށް ނަޞްރުދޭނޭ ގޮތަކީ.»

 

އިސްލާމްދީނުގައި އަނިޔާލިބޭ މީހާއަށާއި އަނިޔާކުރާ މީހާއަށްވެސް އިންޞާފުދިނުން ލާޒިމުވެގެންވާކަމެވެ. ކުށްކުރި މީހާއަށް ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އިންޞާފުލިބޭ ގޮތަކީ، އޭނާއާމެދު ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭކަން ކަށަވަރުކޮށްދިނުމެވެ. މިކަން ކުރާނީ ތަޙްޤީޤުކުރާ އިދާރާތަކާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ކޯޓުތަކުންނެވެ. ކުށެއް އަދި މީހަކު ކުރިއަސްވެސް، އެމީހަކާމެދު ޢަދާވާތްތެރިވެ، އެމީހަކާ ދެކޮޅަށް ހުރި ހެކިތައް ހާމަނުކޮށް، އެމީހާކުރިކަމަށް ތުހުމަތު ކުރެވޭ ކަމަކާމެދު ތަޙުޤީޤެއް ނުހިންގާ، އެމީހަކާމެދު ޤާނޫނާ ޚިލާފަށް ޝަރީޢަތެއް ހިންގުމަކީ އިންޞާފެއް ނޫނެވެ. ކޮށްގެންވާނެ ކަމެއްވެސް ނޫނެވެ. ދީނީ ގޮތުންވެސް، އިސްލާމް ދީނުގައި މަނާކުރައްވާފައިވާ ކަމެކެވެ.

 

ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅާ މައްސަލަތައް ސާބިތުނުވެ ނިމޭ ޙާލަތުގައި، އެމައްސަލައެއް ސާބިތުނުވި ސަބަބު އަޅުގަނޑުމެން ދިރާސާކުރަމެވެ. އެންމެ ގިނައިން މައްސަލަތައް ސާބިތުނުވާ ސަބަބަކީ، އެމައްސަލައެއްގައި ހިމެނޭ އަނިޔާ ލިބުނު މީހާއާއި ހެކިންގެ ފަރާތުން އެއްބާރުލުން ނުލިބޭތީއެވެ. އެކަން އެގޮތަށް ހިނގަނީވެސް ސަބަބުތަކެއް ހުރެގެންނެވެ. މިސާލަކަށް، މައްސަލައިގެ ޝަރީޢަތް ހިނގުން ލަސްވުމާއި، އެމައްސަލަ ނިޒާމުގެ ތެރޭގައި ހިނގާއިރު، އަޅުގަނޑުމެންގެ ފަރާތުން މީހަކު، ހެކިންނާއި ނުވަތަ އަނިޔާ ލިބުނު މީހުންނާ މުޢާމަލާތުކޮށް، ވާނުވާ އަންގައިނުދެވޭތީއެވެ. އަދި، އެމީހެއްގެ މައްސަލަ ހިނގާނުހިނގާ ގޮތް ހޯދައި ބެލޭނެ ގޮތެއްވެސް ނޯންނާތީއެވެ.

 

މިކަން ޙައްލުކުރުމުގެ ގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އޮންލައިން ޚިދުމަތްތަކުގައި، ވިކްޓިމް ސަޕޯޓް ބައެއް މިހާރު ވާނީ ހިމަނާފައެވެ. އީފާސް މެދުވެރިކޮށް، ވެރިފައިވެގެން www.online.pgo.mv އިން ލޮގްއިން ކުރުމުން، (މިޚިދުމަތް، އީފާސް މޯބައިލް އެޕުންވެސް ލިބޭނެ)، އެމީހަކީ މައްސަލައެއްގެ ވިކްޓިމްއަކަށްވެފައިވާ މީހަކު ނަމަ*، އެމީހެއްގެ މައްސަލައާބެހޭ މަޢުލޫމާތު އަމިއްލައަށް ބެލޭގޮތަށް ފެންނަން ހުންނާނެއެވެ. އޭގެ ތެރޭގައި، އެމައްސަލައިގައި ދަޢުވާލިބުނު މީހާއާއި، އެމީހާއަށް ކުރާ ދަޢުވާއާއި ދަޢުވާ ކުރާ ސަބަބާއި، އެމައްސަލައެއް މިހާރު އޮތް ހިސާބު ފެންނާނެއެވެ. އެމައްސަލަ އޮތް ކޯޓާއި، އެކޯޓުގައި މައްސަލައިގެ ޝެޑިއުލްތައް ހިނގަމުންދާގޮތްވެސް ބަލައިލެވޭނެއެވެ. މައްސަލަ ތާވަލުކުރި ދުވަހކު ކަންހިނގައިދިޔަ ގޮތްވެސް ފެންނާނެއެވެ. އެމައްސަލައިގައި ސާފުނުވާ ކަމެއް އޮވެގެން ސިޓީއެއް ފޮނުވަން ބޭނުންވިޔަސް، އެސިޓީ ފޮނުވައި، ވެބްސައިޓުގެ ތެރެއިން އެސިޓީގެ ޖަވާބުވެސް ލިބޭނެއެވެ. ސިޓީ ހިފައިގެން ޕީޖީ އޮފީހަށް ދާކަށް ނުޖެހޭނެއެވެ.

 

މިކަމާ އިތުރު މީހަކަށް ނުވަތަ ތަނަކަށް ގުޅާކަށް ނުޖެހޭނެއެވެ. މިއީ، އަނިޔާލިބޭ މީހާ ބާރުވެރިކުރުވައި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އޭނާގެ މައްސަލަ ހިނގާކަން އޭނާއަށް އަންގައިދޭންކުރާ ކަމެކެވެ. އޭނާއަށް އިންޞާފު ހޯދައިދޭން ކުރާ މަސައްކަތުގައި ބައިވެރިވާން ދެވޭ ދައުވަތެކެވެ. ޖިނާއީ ޢަދުލުގެ ނިޒާމުގެ ހާމަކަން އިތުރުކޮށް، މިނިޒާމަށް މީހުން ކުރާ އިތުބާރު އިތުރުކުރުމަށް ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ. މިމަސައްކަތް ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާކޮށް، ކުށުގެ ޝިކާރައަކަށްވާ މީހާއަށް ދައުލަތުގެ ހުރިހާ ތަނަކުން ލިބޭނެކަމަށް ޤާނޫނުތަކާއި ގަވާއިދުތަކުގައިވާ ޚިދުމަތްތަކާބެހޭ މަޢުލޫމާތާއި، އެޚިދުމަތްތައް ހޯދަން ފުރަންޖެހޭ ފޯމުތަކާއި، ކުރަންޖެހޭ ކަންތައްތައްވެސް، މިދެންނެވި ވެބްސައިޓުގެ ތެރެއިން ލިބޭގޮތް އަޅުގަނޑުމެން ހަމަޖައްސާނަމެވެ. 


----

*މިމަޢުލޫމާތު އެއްކުރެވެން ފެށީ، މިއަހަރުގެ މެއި މަހުން ފެށިގެންނެވެ. ވީމާ، މެއި މަހުގެ ފަހުން ހުށަހެޅި ހިނގަމުންދާ ހުރިހާ މައްސަލައެއްގައި މިމަޢުލޫމާތު ވިކްޓިމްއަށް އޮޓޮމެޓިކުން ފެންނާނެއެވެ. ވިކްޓިމްއެއްކަމަށް ޕީޖީ އޮފީހުން ބަލަނީ ތަޙްޤީޤީ އިދާރާއިން އެއީ ވިކްޓިމްކަމަށް ކަނޑައަޅާ މީހާއަށެވެ. މިއީ، ޕީޖީ އޮފީހުން އިސްވެ ނިންމާ ނިންމުމެއްނޫނެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author