3/13/2022

އޮންލައިންކޮށް މައްސަލަ ފޮނުވުން . ތާރީޚީ ބަދަލެއް

އިއްޔެ (13 މާރިޗު 2022) އަކީ ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި ވަރަށް ތާރީޚީ ދުވަހެކެވެ. ފުރަތަމަ ފަހަރަށް، ކްރިމިނަލް ކޯޓަށް، އޮންލައިންކޮށް މައްސަލައެއް ހުށަހަޅައި، އެމައްސަލަ އެކޯޓުން ބަލައިގަތް ދުވަހެވެ.

 

އަޅުގަނޑު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމާ ޙަވާލުވީއްސުރެ، ޓެކްނޮލޮޖީއަށް އިންވެސްޓް ކޮށްގެން، އޮޓަމޭޓް ކުރުމަށް ބާރު އަޅައި، އިންސާނުން ކުރަންޖެހޭ މަސައްކަތްތައް މަދުކުރެވޭތޯ މިއައީ މަސައްކަތް ކުރަމުންނެވެ. މިއަށް އިންވެސްޓްމަންޓެކޭ މިކިޔަނީ، މީގެ ފޮނިމީރުކަން މިވަގުތު ނުލިބުނަސް، ފަހުން ލިބެން އޮތް މަންފާ ބޮޑުކަމުންނެވެ.


އެގޮތުން، ފުލުހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާ މައްސަލަތައް، އޮންލައިން ޕޯޓަލަކަށް އަޕްލޯޑު ކުރުމުން، އެލިޔުންތައް ޑައުންލޯޑް ކުރެވޭ ނިޒާމު ޤާއިމު ކުރެވިފައިވެއެވެ. ޑާޓާ އެންޓްރީގެ މަސައްކަތް މަދު ކުރެވިފައިވެއެވެ. އެއީ، ޕީޖީ އޮފީހުގައި އޮންނާނީ ފުލުހުން (ނުވަތަ ތަޙްޤީޤީ އެހެންވެސް އިދާރާއަކުން) ފޮނުއްވާ މައްސަލައެކެވެ. އެމައްސައެއްގައި، އެއިދާރާއަކުން އެންޓަރ ކުރައްވާ މަޢުލޫމާތު، އޭގެ ޒާތުގައި ޕީޖީ އޮފީހުގެ ކޭސް މެނޭޖްމަންޓް ސޮފްޓްވެއަރގެ ތެރެއަށް ނެގުމުން، ޕީޖީ އޮފީހުގެ މުވައްޒަފަކު، ނަމާއި އެޑްރެސްތައް އެންޓަރ ކުރަން އިންނަވާކަށް ޖެހިވަޑައެއް ނުގަންނަވައެވެ. މީގެ އިތުރުން، ފުލުހުން މަޝްވަރާ ބޭނުންފުޅުވާ މައްސަލަތަކުގައި މަޝްވަރާކުރެވޭނެ އޮންލައިން ޕޯޓަލެއްވެސް ޤާއިމުކޮށް، އެމަސައްކަތްވެސް އެބަ ހިނގައެވެ. މަޝްވަރާއަށް އެދި ފުލުހުން ޕޯޓަލްގައި ލިޔުއްވުމުން، އެކަމާބެހޭ މުވައްޒަފަކަށް އެސް.އެމް.އެސްއެއް ލިބިވަޑައިގަންނަވާނެއެވެ. އެއާއެކު، 24 ގަޑިއިރުގެ ތެރޭގައި، ފުލުހުން އެދިވަޑައިގެންނެވި ކަމާބެހޭ މަޝްވަރާ އަރުވަންޖެހޭނެއެވެ. މިކަމުގައި ޢަމަލުކުރަންޖެހޭ އުޞޫލެއް ލިޔެ، ފުލުހުންނާއި ޕްރޮސިކިއުޓަރުންނާ ޙިއްސާ ކުރެވިފައިވެއެވެ.

 

ފުލުހުންނާއެކު އޮތް ފަދަ ގުޅުމެއް، ޝަރްޢީ ކޯޓުތަކާއެކުވެސް އުފެއްދޭތޯ ވަރަށް މަސައްކަތް ކުރެވިފައިވެއެވެ. އެގޮތުން، ކޮވިޑުގެ ދުވަސްވަރު މައްސަލަ ހުށަހެޅުން އަވަސް ކުރުމަށްޓަކައި، ކްރިމިނަލް ކޯޓަށް އޮންލައިންކޮށް މައްސަލަ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވުނެވެ. އެ މަޝްވަރާތަކުގެ ތެރެއިން، ޕީޖީ އޮފީހުގެ ކޭސް މެނޭޖްމަންޓް ސޮފްޓްވެއަރގެ އޭޕީއައި އަކުން ކޯޓާ ގުޅާލެވިފައިވެއެވެ. އެލިންކު މެދުވެރިކޮށް، ޕީޖީ އޮފީހުން މައްސަލައެއް އަޕްލޯޑް ކުރުމުން، ކޯޓުން އެމައްސަލައިގެ ލިޔުންތައް ބަލައިގަނެވެއެވެ. މިކަން، މީގެ 7 މަސްދުވަސް ކުރިން އޮތީ ނިމިފައެވެ. ޓެސްޓުވެސް ކުރެވިފައެވެ. ނަމަވެސް، ބޭނުން ނުކުރެވިއެވެ. ކުރިން އޮތް ގޮތުން، ރަސްމީކޮށް މައްސަލަ ބަލައިގަތްކަމަށް ބައްލަވަނީ، ކަރުދާސްތަކާއެކު މައްސަލައިގެ ލިޔުންތައް ފޮނުވުމުންނެވެ.

 

މިކަން މިހެން އޮއްވާ، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިސްނެންގެވުމަކާއެކު، އޮންލައިންކޮށް މައްސަލަ ބަލައިގަތުމުގެ ކަންތައް ރަސްމީކުރުމަށް ނިންމަވާފައިވެއެވެ. އެއާއެކު، މިދިޔަ ދެހަފްތާއެއްހައި ދުވަހުގެ ތެރޭގައި، އިތުރު ނިޒާމުތަކެއްވެސް ޤާއިމުކުރެވި، އެންމެ ފަހުން އިއްޔެ، އެކަން ރަސްމީކޮށް މިއޮތީ ފެށިފައެވެ.


މިހާރު މައްސަލަ ބަލައިގަންނަ ގޮތް

ޕީޖީ އޮފީހުން މައްސަލައެއް ކޯޓަށް ހުށަހެޅުމަށްޓަކައި، އެމައްސަލައެއްގައި ހިމެނޭ ހުރިހާ ލިޔުމެއް ހިމެނޭ ފައިލެއް، އޭޕީއައި މެދުވެރިކޮށް ކޯޓަށް ފޮނުވުން؛

ޕީޖީ އޮފީހުން މައްސަލަ އަޕްލޯޑު ކުރުމާއެކު، އެކަން އެނގޭނެ އެސް.އެމް.އެސްއެއް، ކްރިމިނަލް ކޯޓުގެ 4 މުވައްޒަފަކަށް ލިބިވަޑައިގަތުން؛

ކްރިމިނަލް ކޯޓުން، އެލިޔުންތައް ޑައުންލޯޑް ކުރެއްވުން؛ އަދި ލިޔުންތައް ޑައުންލޯޑް ކުރެއްވުމާއެކު، މައްސަލަ ބަލައިގަތުން، ނުވަތަ ބަލައިނުގަތުން، ނުވަތަ އިޞްލާޙް ކުރަން އެންގުމުގެ އިޚްތިޔާރު ލިބޭ ގޮތަށް ސިސްޓަމް ޑިޒައިން ކުރެވިފައިވުން؛

ކްރިމިނަލް ކޯޓުން، އެމައްސަލައަކާމެދު ނިންމަވާ ގޮތެއް (ބަލައިގަތުން، ބަލައިނުގަތުން ނުވަތަ އިޞްލާޙް ކުރަން އެންގުން)، ޕީޖީ އޮފީހުގެ އިދާރީ މުވައްޒަފަކަށް އެސް.އެމް.އެސްގެ ޒަރިއްޔާއިންނާއި، ސިސްޓަމް މެދުވެރިކޮށްވެސް އެނގުން؛ އެއާއެކު، އެކަމުގައި އިތުރަށް ފިޔަވަޅު އަޅަންޖެހޭނަމަ، އެކަމާބެހޭ މުވައްޒަފަކަށް އެމައްސަލަ ފޮނުވުން؛

މައްސަލައިގެ ލިޔުންތައް އޮންލައިންކޮށް ބަލައިގަތުމުން، މައްސަލައިގައި ނަގާފައިވާ ބަޔާންތަކާއި ލިޔުންތަކުގެ ކަރުދާސްތައް ފޮނުވުން.


މިބަދަލާއެކު، ބޮޑެތި ފައިލްތައްވެސް، ސިކުންތު ކޮޅެއްގެ ތެރޭގައި ފޮނުވޭނެއެވެ. ޕީޖީ އޮފީހުން މައްސަލަ ފޮނުވާނެތީ، ކޯޓުގެ އިދާރީ މުވައްޒަފުން އޮފީސް ބަންދުނުކޮށް ތިއްބަވާކަށްވެސް ޖެހިވަޑައެއް ނުގަންނަވާނެއެވެ. މައްސަލަ ފޮނުވާ ދުވަހާއި ބަލައިގަތް ދުވަހާއި ވަގުތު، ލޮގް ކުރެވި، ބެލެން ހުންނާނެއެވެ. މައްސަލަ ހުށަހެޅި ގޮތުގެ ތަރުތީބާބެހޭ ގޮތުން އެއްވެސް ސުވާލެއް ނުއުފެދޭނެއެވެ. މައްސަލަ ފޮނުވާ ގަޑި މުހިންމުވާ ސަބަބަކީ، ބައެއް މައްސަލަތަކަކީ، އެމައްސަލައެއްގެ ބާވަތުން ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމައި، ކޯޓަށް ހުށަހަޅަންޖެހޭ މައްސަލަތަކަކަށްވާތީއެވެ. ކޯޓުގެ މުވައްޒަފުންނަށް، މައްސަލައިގެ ލިޔުންތައް އަލުން ސްކޭން ކުރާކަށްވެސް ނުޖެހޭނެއެވެ. އެކަމަށް ހޭދަވާ އެތައް ވަގުތެއް ސަލާމަތްވާނެއެވެ.

 

މިބަދަލު ގެންނެވުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމެވީތީ، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް އަޅުގަނޑު ޝުކުރު ދަންނަވަމެވެ. މިކަމުގެ ސަބަބުން، ކްރިމިނަލް ކޯޓާއި ޕީޖީ އޮފީހުގެ މަސައްކަތްތައްވެސް ހަލުއި ވެގެންދާނެއެވެ. މިއީ، އޭގެ ޒާތުގައި ކުޑަ ބަދަލެއްކަމަށް ފެނިދާނެއެވެ. ނަމަވެސް، ކޮންމެ ދުވަހަކު، ދެއިދާރާގެ މުވައްޒަފުންގެ ވަގުތުން ގަޑިއެއްހައި އިރު ސަލާމަތް ކުރެވޭނަމަ، މުޅި އަހަރުގެ ތެރެއަށް އެ އެއްގަޑިއިރު ބަހާލުމުން ބޮޑު ބަދަލެއް އަންނާނެއެވެ. ރާއްޖޭގެ ހުރިހާ ކޯޓުތަކަށް މިގޮތަށް މައްސަލަ ހުށަހެޅޭގޮތް ވެއްޖެނަމަ، އެށްވުރެވެސް ބޮޑު ބަދަލެއް އަންނާނެއެވެ. ޕީޖީ އޮފީހުގެ ނިޒާމު އޮތީ، މުޅި ރާއްޖޭގައިވެސް މިކަން ކުރެވޭ ވަރަށް ތައްޔާރަށެވެ. ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންވެސް އެމަގަށް އެބަ މަސައްކަތްޕުޅު ކުރައްވައެވެ.


އަޅުގަނޑުގެ އުއްމީދަކީ، ދިވެހިރާއްޖޭގެ ހުރިހާ ކޯޓުތަކަށްވެސް އޮންލައިންކޮށް މައްސަލަ ހުށަހެޅޭނެ އިންތިޒާމު ވީހާވެސް އަވަހަކަށް ހަމަޖެހިގެން ދިއުމެވެ. ޓެކްނޮލޮޖީގެ ބޭނުން ފުރިހަމައަށް ހިފައި، އެކަމުގެ ތެރެއިން މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ދިއުމެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author