10/14/2023

ފޯނަށް ޖަވާބު ދިނުން: ވަކި ނިޒާމެއްގެ ތެރެއަށް

ޓެލެފޯނަކީ މުޅި ދުނިޔޭގެ މުވާޞަލާތީ ނިޒާމު އެފުށް މިފުށަށް ޖަހައިލި މޮޅު އުފެއްދުމެކެވެ. ޓެލެފޯނުގެ ރަސްމީ ޕޭޓަންޓު، އެލެގްޒެންޑަރ ގްރެހަމް ބެލްއަށް 1876 ގައި ލިބުނަސްވެސް، ޓެލެފޯނު އީޖާދުކުރި މީހަކާމެދު ތާރީޚު ދިރާސާކުރާ މީހުންގެ މެދުގައި ދެބަސްވުން އޮވެއެވެ. އެކަން ކޮންމެ ގޮތަކަށް އޮތަސްވެސް، ޓެލެފޯނަކީ އެއައި ނުލައި ދިރިނޫޅެވޭ އެއްޗަކަށް މިއަދު ވަނީ ވެފައެވެ. ދެން އޮތީ، ޓެލެފޯން ބޭނުންކުރާގޮތާބެހޭ ގޮތުން އޮތް ޚިޔާލެކެވެ.

 

ޓެލެފޯނާގުޅޭ ތަޖުރިބާތައް

ޓެލެފޯނާގުޅޭ ތަފާތު ތަޖުރިބާތައް އަޅުގަނޑަށްވެސް ހުރީ ކުރެވިފައެވެ. ދާދިފަހުން ކްލިނިކަކަށް ޑޮކްޓަރަކަށް ދައްކަން މަސައްކަތްކުރީމެވެ. އެތަނަށް ގޮސްގެނެއް އެކަމެއް ނުވެއެވެ. ޖެހެނީ، ރޭގަނޑު 8 ޖަހާއިރު ފޯނުކުރާށެވެ. ފޯނުކުރީމާ، ކްލިނިކުން ފޯނު ނަގައިފިއްޔާ، ވަކި ގަޑިއެއްގެ ކުރިން ނަންބަރުނަގައި މެމޯ ހަދަންޖެހެއެވެ. އެހިސާބުން ޖެހެނީ އެތަނަށް ދާށެވެ. އެންމެ ފުރަތަމަވެސް އެތަނަށް ގޮސް، ނަންބަރު ނުނެގޭގޮތެއް އަޅުގަނޑަކަށް ނުވިސްނުނެވެ.

 

އެހެން ކްލިނިކެކެވެ. އެތަނުން ނަން ނޯޓުކޮށްފައި މާދަމާ ގުޅާނެކަމަށް ބުންޏެވެ. އަނެއް ދުވަހު، ކްލިނިކުން ގުޅާނެކަމަށް ފޯނު އަތަށް ލައިގެން ހުރެފައި، ފާޚާނާއަށް ވަތް ވަގުތު ގުޅައިފިއެވެ. ކޯލް މިސްވީއެވެ. ދެން ގުޅީމާ، އެތަނަކުން ގުޅި މީހަކު ނޭނގުނެވެ. އެދުވަހަކު އެކަމެއްވެސް ނުވިއެވެ. ބީއެމްއެލްއިން ތަޢާރަފުކޮށްފައިވާ ކޯލް ސެންޓަރުގެ މަސައްކަތް ނިކަން ރަނގަޅެވެ. އެތަނަށް މެސެޖެއް ކުރީމާ، ފަހުން ގުޅައެވެ. ގުޅާނެ ގަޑިއެއް ނޭނގޭތީ ދަތިވެއެވެ.

 

އެހެން އޮފީހެކެވެ. "ތިޔަ ފަރާތުގެ ކޯލްވަނީ ކިޔުއެއްގައި. ތިޔަ ފަރާތުން ގުޅުއްވަން އުޅުއްވާކަން އެފަރާތަށް އެނގޭ" ކަމަށް ބުނާ މެސެޖެއް، ހުއްޓައިނުލާ ކިޔަކިޔާ ހުރެއެވެ. "ފަރާތް"ތައް ގިނަކަމުން ބޮލަށް އުނދަގޫވެގެން ދެން ދުވަހަކުވެސް އެތަނަކަށް ނުގުޅާނަމޭ ހިތައި އެފޯނު ބާއްވައިފީމެވެ.

 

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފޯނަށް ޖަވާބުދިނުމުގެ ނިޒާމު

އަޅުގަނޑު ދެން ގުޅީ ޕީޖީ އޮފީހަށެވެ. ކުރެވުނީ އެއްގޮތް ތަޖުރިބާއެކެވެ. ފޯނު ނެގި މީހާ، ފޯނު ޕާސްކުރަން އުޅުމުގެ ތެރޭގައި ކެނޑިއްޖެއެވެ. ދެން އަނެއްކާ ގުޅާފައި، ކުރިން ދެއްކި ހުރިހާ ވާހަކައެއް އެހެން މީހަކަށް ކިޔައިދޭން ޖެހިއްޖެއެވެ. އެމީހާ، ފަހުން ޖަވާބެއް ދޭނަމޭ ބުނެފައި ނުއެއް ގުޅިއެވެ. މިގޮތް އަޅުގަނޑަކަށް ކަމަކު ނުދެއެވެ. މިމައްސަލަ ޙައްލުކުރަން، މަހެއްހައި ދުވަހުގެ ދިރާސާއަށްފަހު ނިޒާމެއް އެކަށައަޅައިފީމެވެ.

 

ދައުލަތުގެ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ދޭނެ ހަރުދަނާ ނިޒާމުތައް ހަމަޖެހިފައި ހުންނަންވާނެއެވެ. އެކަންކަން، ހާމަކަމާއެކު ޢާންމުންނަށް އެނގިފައިވެސް އޮންނަންވާނެއެވެ. އަޅުގަނޑު އުފެއްދީ، ޕީޖީ އޮފީހުގެ ފޯނަށް ޖަވާބުދޭ ނިޒާމެވެ.

 

ޕީޖީ އޮފީހަށް މީހަކު ގުޅައިފިއްޔާ، ކައުންޓަރުން އެމީހެއްގެ މަޢުލޫމާތު ހޯދާނެއެވެ. ކޮންމެ ކޯލަކީވެސް މުހިންމު ކޯލަކަށްވާތީ، އެކޯލު ކިއުއަކަށް ނުލާނަމެވެ. ގުޅި މީހާގެ ނަމާއި، އައިޑީކާޑު ނަންބަރާއި، ގުޅާ ބޭނުމާއި ގުޅޭނެ ނަންބަރު ނެގުމަށްފަހު، އެދުވަހުގެ މެންދުރު 12:30 އާއި 13:00 އާ ދެމެދު ގުޅާނެކަމަށް ބުނެ، ކައުންޓަރުން ފޯނު ބާއްވާނީއެވެ. މެންދުރު 12 ގެ ފަހުން ގުޅާ ކޯލުތަކަށް، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9:00 އާއި 9:30 އާ ދެމެދު ގުޅާނެކަމަށްވެސް މަޢުލޫމާތު ދޭނެއެވެ. އެއަށްފަހު، އެކޯލުތަކުގެ މަޢުލޫމާތު ވަކި ލިސްޓެއްގައި އަދާހަމަކުރެވެމުންދާނެއެވެ.

 

12:30 އާއި 13:00 އާ ދެމެދު ފޯނަށް ޖަވާބުދޭނެ ކުޑަ ޓީމެއް ތައްޔާރަށް އޮންނާނެއެވެ. އެޓީމުގައި އިދާރީ މީހުންނާއި ޤާނޫނީ މަސައްކަތްކުރާ

މީހުން ތިބޭނެއެވެ. ކައުންޓަރަށް އަންނަ ކޯލުތައް ލިސްޓަށް އަރަމުންދާ ވަރަކަށް، ފޯނަށް ޖަވާބުދޭ ޓީމަށް، ލިސްޓު ދާނީ ފެންނަމުންނެވެ. އެޓީމުން، ގުޅި މީހާ ބޭނުންވި ކަންކަމުގެ މަޢުލޫމާތު ދާނީ އެއްކުރަމުންނެވެ. އެއަށްފަހު، 12:30 ގައި ގުޅަންފަށާނެއެވެ. 12:30 ގެ ކުރިން ނުގުޅާނެއެވެ. އެއީ، އޭގެ ކުރިން ގުޅާނެކަމަށް މީހުން މަޑު ކޮށްގެން ތިބެން ނުޖައްސަންވެގެންނެވެ. ޕީޖީ އޮފީހަށް އެކި ކަންކަމުގައި ގުޅާ މީހުން، ކޯލް ރިޓަރންވާން އިންތިޒާރުކުރާނީވެސް ވަކި ގަޑިއެއްގައެވެ. އެގަޑީގައި، އެމީހަކު ބޭނުންވި ކަމެއް، އިތުބާރާއި ޔަޤީންކަމާއެކު ސާފުވާނެއެވެ. ޕީޖީ އޮފީހުން ގުޅާ މީހާ، އެމީހާގެ ފުރިހަމަ ނަމާއި މަޤާމްވެސް ބުނާނެއެވެ. އިތުރު ކަމެއް ބޭނުންނަމަ، އެ މަޢުލޫމާތެއްވެސް ސާފުކޮށްދެވެން އޮތް މިންވަރަކުން ސާފުކޮށްދޭނެއެވެ.

 

މިނިޒާމު ތަޢާރަފުވުމުގެ ކުރިން، ދުވާލަކު 60 އާއި 80 އާ ދެމެދުގެ ފޯންކޯލު ލިބެއެވެ. މިނިޒާމަށް ޢަމަލުކުރަން ފެށުމާއެކު، ދެބައިކުޅަ އެއްބަޔަށް ފޯނުކޯލު މަދުވެއްޖެއެވެ. އެއީ، ކުރިން ފޯނު ޕާސްކުރުމުގެ ތެރޭގައި ކެނޑިގެން އަލުން ގުޅާ މީހުންނާއި، ޖަވާބެއް ނުލިބިގެން ތަކުރާރުކޮށް ގުޅާ މީހުން މިހާރު ނުގުޅާތީއެވެ. މިނިޒާމާއެކު، އޮފީހުގެ މަސައްކަތަށްވެސް ލުއިވެއްޖެއެވެ. އެއީ، މުހިންމު މަސައްކަތެއްގައި މަޝްޣޫލުވެގެން، ފުން ވިސްނުމެއްގައި އިންދާ، ކުއްލިއަކަށް ފޯނަކަށް ޖަވާބުދާރީވާން ނުޖެހޭތީ، ހަމަޖެހިގެން މަސައްކަތްކުރުމަށް ފުރުޞަތު ލިބޭތީއެވެ.

 

ޕީޖީ އޮފީހަށް ފޯނުކުރާ މީހާ، ހަމަ ހުރެފައެއް ނުގުޅާނެއެވެ. ގުޅާނީ ކޮންމެވެސް ޚިދުމަތެއް ބޭނުންވެގެންނެވެ. އެޚިދުމަތް ލިބޭނޭ މަގެއް ސާފުކޮށް އެނގޭނަމަ، ތަކުރާރުކޮށް ނުގުޅާނެއެވެ. އެއީ، އެމީހަކު ޕީޖީ އޮފީހަށް ގުޅުމަށްވުރެ މުހިންމު އެތައް ކަމެއް ހުންނާނެތީއެވެ. ވީމާ، ފޯނަށް ޖަވާބުދިނުމުގެ ޚިދުމަތް ދޭނެ ސާފު އުޞޫލެއް އޮތުމަކީ ހުރިހާ އެންމެންނަށް ފަސޭހަވާނެކަމެކެވެ.

 

މިއުޞޫލުގެ އިސްތިސްނާ ހުރެއެވެ. އެއީ، މީހަކު މަރުގެ ތުންފަތްމަތީ ހުރެގެން ކުރާ ކޯލެވެ. އެޙާލަތުގައި، ވަގުތުން ވަގުތަށް އެމީހަކަށް ޖަވާބުދޭނެއެވެ. ނަމަވެސް، އީމެއިލެއް ލިބުނުކަން ނުވަތަ ނޫންކަން ކަށަވަރުކުރާ ކޯލާއި، ސިޓީގެ ޖަވާބު ލިބޭނެ ދުވަސް ބަލަންކުރާ ކޯލަކީ، މިއަދުގެ 12:30 ވަންދެން މަޑުކޮށްލެވޭނެ ކޯލެކެވެ.

 

ފޯނުކުރަން ހިތްވަރުދޭ ދެ ސަބަބު

މައިގަނޑު ދެ ސަބަބަކަށްޓަކައި، މެސެޖުކުރުމުގެ ބަދަލުގައި ފޯނުކުރުމަށް އަޅުގަނޑު ހިތްވަރުދެމެވެ. ފުރަތަމަ ސަބަބަކީ، ޓެކްސްޓް މެސެޖެއްގައި ލިޔާ ވާހަކައިގެ ޓޯން، ނުވަތަ ރާގު މެސެޖު ރައްދުވާ މީހާއަށް ނޭނގުމެވެ. މީހުން މުޢާމަލާތުކުރަނީ ހަމައެކަނި ބަހަކުން ނޫނެވެ. އަޑުގެ ރާގާއި، މޫނުމައްޗަށް އަރާ ފައިބާ ރުލާއި، އަތާއި ފަޔާއި ލޮލާއި ބޮލުގެ އިޝާރާތްތަކަކީ އެކަކު އަނެކަކާ މުވާޞަލާތުކުރުމުގައި ބޭނުންކުރާ ވަޞީލަތްތަކެކެވެ. ދައްކާ ވާހަކައިގެ ފުރިހަމަ މެސެޖު އަނެކާއަށް ވާޞިލުކޮށްދެވޭނީ މިހުރިހާ ވަޞީލަތްތަކެއްގެ އެހީގައެވެ. ބޮޑީ ލޭންގުއޭޖޭ ކިޔަނީ އެއަށެވެ. އެހުރިހާ ތަފްޞީލެއް ޓެކްސްޓް މެސެޖެއްގައި ނުހުންނާތީ ޙަޤީޤަތުގައި ބުނަން އުޅޭ އެއްޗެއް ފުރިހަމައަށް ސާފެއް ނުވެއެވެ.

 

ދެވަނަ ސަބަބަކީ، ޓެކްސްޓް މެސެޖެއް ފޮނުވުމަށްފަހު، އެއަށް ޖަވާބެއް ލިބޭތޯ އިރުކޮޅު ކޮޅާ ފޯނު ބަލަން ހުންނަންޖެހުމެވެ. އެކަމަށް ގިނަ ވަގުތު ހޭދަވުމެވެ. ފުންކޮށް ކަމެއްގައި މަޝްޣޫލުވެގެން އިންނަން ނުލިބުމެވެ. ކަމަކަށް ފޯކަސްކޮށް މަސައްކަތްކުރަން އިންދާ ފޯނުން މެސެޖެއް އައިސްގެން އެއަށް ޖަވާބެއްދީފިނަމަ، އަނބުރާ މަސައްކަތަށް ފުރިހަމައަށް ރުޖޫޢަވާން ވިއްސަކަށް މިނިޓު ނަގާކަމަށް ޢިލްމުވެރިން ލިޔެފައި ހުރެއެވެ. މިކަމުގެ ޙައްލަކީ ވަކި ގަޑިއެއްގައި ގުޅައިގެން ސާފުކުރަންޖެހޭ ކަންކަން އެއްފަހަރާ ސާފުކުރުމެވެ.

 

އަޅުގަނޑު ހިތުން، ދައުލަތުގެ ހުރިހާ އިދާރާތަކަކަށްވެސް، ފޯނަށް ޖަވާބުދޭނެ އުޞޫލެއް ކަނޑައަޅައިފައި އޮންނަންވާނެއެވެ. އެއުޞޫލު ކޮންމެވެސް ތަނެއްގައި ލިޔެފައިވެސް އޮންނަންވާނެއެވެ. "ތިޔަ ފަރާތުން ގުޅުއްވަން އުޅުއްވާކަން އެފަރާތަށް އެނގުނަކަސް" އަދިނުވާނެއެވެ. 

 

________

 

ދައުލަތުގެ އިދާރާއަކުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފޯނަށް ޖަވާބުދިނުމުގެ ނިޒާމުގެ ތަފްޞީލު މަޢުލޫމާތު ހޯއްދަވަން ބޭނުންނަމަ، އެކަމަށް އެދި ލިޔުއްވުމުން އެމަޢުލޫމާތު ހިއްސާކުރާނަމެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author