3/9/2024

ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދުން ފަސޭހަކޮށްދިނުން

ދިވެހިރާއްޖެއަކީ، ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކަންތައްތަކެއް ކުރާ ޤައުމެކެވެ. ދިވެހިރާއްޖޭގެ އިންތިޚާބުގެ ތަރުތީބުތަކަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ނިޒާމެކެވެ. ރާއްޖޭގެ ޓުއަރިޒަމަކީ ދުނިޔޭގެ އެއްވަނައެވެ. ވާދަވެރިއެއް ކައިރި ހިސާބަކުވެސް ނެތެވެ. ނަމަވެސް، މިއިން އެއްވެސް ކަމެއްގައި ދުނިޔޭގެ ފެންވަރުގައި "ޚިޔާލާއި ފިކުރުގެ ލީޑަރަކީ" ދިވެހިންނަށް ނުވުމަކީ އަޅުގަނޑު ދެރަވާ ކަމެކެވެ. މިކަންކަމުން ތަޖުރިބާ ލިބިގެން، އަޅުގަނޑުމެން ޤަޞްދުކުރަނީ، މިކަމާބެހޭ ދައުލަތުގެ އިދާރާތައް ގުޅިގެން، ކުށުގެ ޝިކާރައަށްވާ މީހުންނަށް ލިބޭ ޚިދުމަތްތަކުގެ (ވިކްޓިމް ސަޕޯޓް) ދާއިރާއިން ދުނިޔެއަށް އެކްސްޕޯޓު ކުރެވޭނެ ފެންވަރުގެ ޚިދުމަތެއް އުފައްދާށެވެ.

 

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މިހިނގާ 2024 ވަނަ އަހަރުގެ އެއް އަމާޒަކީވެސް، ކުށުގެ ޝިކާރައަކަށްވާ މީހުންނަށް، ދައުލަތުގެ އިދާރާތަކުން އަޅައިލާ މިންވަރު ރަނގަޅުކޮށް، ދުނިޔޭގެ ފެންވަރުގެ ވިކްޓިމް ސަޕޯޓް ސަރވިސްއެއް އުފެއްދުމެވެ. މިކަމާބެހޭ ގޮތުން 4 ޑިސެމްބަރ 2023 ދުވަހު، ކަމާބެހޭ ހުރިހާ ދާއިރާއެއް ހިމެނޭ މަސައްކަތު ބައްދަލުވުމެއް ބާއްވައި، މިދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި، މަޝްވަރާ ކުރެވިފައިވެއެވެ. މިއަހަރު އޮތީ، އެ މަސައްކަތު ބައްދަލުވުމުގައި ނިންމި ކަންކަން ތަންފީޒުކުރުމެވެ. މިހާރު މިކުރަނީ އެ މަސައްކަތެވެ.

 

މައްސަލަތަކުގައި އަނިޔާ ލިބޭ މީހުންނަށް، އެމީހުންގެ މައްސަލަތައް ކުރިއަށްދާ ގޮތް ނޭނގޭ މައްސަލަ ޙައްލުކުރުމަށްޓަކައި، މައްސަލައެއްގައި ވިކްޓިމެއްގެ ގޮތުގައި ހިމެނޭ ހަމަ ކޮންމެ މީހަކަށް، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލްގެ ތެރެއިން އެމީހެއްގެ މައްސަލަ ހިނގާގޮތް މިހާރު ބަލައިލެވޭނެއެވެ. އެޕޯޓަލުގެ ތެރެއިން ޕީޖީ އޮފީހާ ރައްކާތެރިކަމާއެކު މުޢާމަލާތުވެސް ކުރެވޭނެއެވެ. ޤާނޫނީ ދާއިރާގައި ވިކްޓިމުންނަށް އޮތް ޤާނޫނީ ފަރުވާތަކަކީ ކޮބައިކަން، ދިވެހި ބަހުން ލިޔެ، ފެންނާން ނުހުންނަ މައްސަލަ ޙައްލުކުރުމަށް، ޕީޖީ އޮފީހުގެ ވެބްސައިޓުގައި އެތަފްޞީލުތައް ލިޔެ ޝާއިޢުކޮށްފީމެވެ.


4 ޑިސެމްބަރު 2023 ދުވަހު އޮތް މަސައްކަތު ބައްދަލުވުމުގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއިން ހުށަހެޅުއްވީ، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭއިރު ދައްކަންޖެހޭ 25 ރުފިޔާގެ ފީ ކަނޑާލެވޭނޭ ގޮތެއް ހެދުން މުހިންމު ކަމަށެވެ. އެކަމާބެހޭ ގޮތުން ފެމިލީ ކޯޓާ މަޝްވަރާ ކޮށްގެން، އެކަންތައް އެކޯޓުން ކޮށްދެއްވައިފިއެވެ. މިކަމާބެހޭ ގޮތުން، 20 ޖަނަވަރީ 2024 ދުވަހު އަޅުގަނޑު ޝާއިޢުކުރި ލިޔުމުގައި، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު ފުރުން ފަސޭހަކޮށްދޭނެ ވާހަކައެއް ލިޔެފައިވާނެއެވެ. މިހާރު އެކަންވެސް މިއޮތީ ޙާޞިލުކުރެވިފައެވެ.

 

މިހާރު ޕީޖީ އޮފީހުގެ www.online.pgo.mv ވެބްސައިޓަށް، އެމީހެއްގެ އީފާސް ލޮގްއިން ބޭނުންކުރައްވައިގެން ވެންނެވުމުން، އެޕްލިކޭޝަންތަކުގެ މެނޫއިން "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދުން" ކިޔާ ޓެބެއް އޮންނާނެއެވެ. އެޓެބަށް ފިތާލުމުން އޮންލައިންކޮށް، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު ފުރޭނޭ ގޮތް ހަމަޖެހިފައި ހުންނާނެއެވެ. ފޯމުގައި ފުރަންޖެހޭ އަސާސީ ބައިތައް (މިސާލަކަށް، ނަމާއި އެޑްރެހާއި އީމެއިލާއި އެނޫންވެސް އީފާސްގައި ހުރި މަޢުލޫމާތު) ހުންނާނީ އޮޓޮމެޓިކުން ފުރާފައެވެ. އިތުރަށް ފުރަންޖެހޭނީ އެމީހަކަށް ދިމާވި ހާދިސާއާބެހޭ މަޢުލޫމާތެވެ. ގެވެށި އަނިޔާލިބޭ ޙާލަތެއްގައި ހުރި މީހަކަށް، ރައްކާތެރި މާޙައުލަކަށް (މިސާލަކަށް، ފުލުސް އޮފީހަށް ނުވަތަ އިޖްތިމާޢީ ޚިދުމަތްދޭ ތަނަކަށް) ދެވުމުން މިފޯމު އޮންލައިންކޮށް ފުރައިލެވޭނެއެވެ. އެމީހަކު އެ ފޯމު ފޮނުވަން ބޭނުންވާ ކޯޓުގެ ނަން ނެގުމުން، އެކޯޓެއްގެ އީމެއިލް އެޑްރެހަށް، އެކޯޓެއްގެ ލެޓަރ ހެޑުގައި، ފޯމު ފޮނުވައިލަދިނުމުގެ ޚިދުމަތް، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލުން ދޭނެއެވެ. އަނިޔާލިބޭ ޙާލަތެއްގައި ހުރި މީހާ، ފޯމު ހިފައިގެން ކޯޓު ދޮށަށް ހިނގަންޖެހުން މިހިސާބުން ނިމުމަކަށް އައީއެވެ.


އެފޯމު ކޯޓަށް ދާނީ ޕީޖީ އޮފީހުގެ އީމެއިލަކާއެކުއެވެ. އެއީމެއިލުގައި އޮންނާނީ، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލަށް ލިބުނު ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު، މިއީމެއިލާއެކު ފޮނުވި ކަމަށެވެ. މިއީ ޕީޖީ އޮފީހުން ދޭ އީމެއިލް ފޯވާޑުކޮށްދިނުމުގެ ޚިދުމަތެކެވެ. ފޯމުގައި ހުރި މަޢުލޫމާތެއްވެސް ޕީޖީ އޮފީހަކަށް ނޭނގޭނެއެވެ. އެނގެން ބޭނުމެއްވެސް ނޫނެވެ. ފޯމުގައި ހުރި ކަންކަމަކީ ފޯމު ފުރާމީހާއާ ކޯޓާ ދޭތެރޭ ކުރާ މުޢާމަލާތެކެވެ. ޕީޖީ އޮފީހުން ކޮށްދޭ ހަމައެކަނި ކަމަކީ، އެފޯމު ފުރައިލުމުގެ ކަންތައް ލުއި ފަސޭހަކޮށްދީ، ޢަދުލު އިންޞާފަށް ވާޞިލުވާން ހުރި މަގުތައް ފަސޭހަކޮށްދިނުމެވެ.

 

މީގެ އިތުރުން، ކޯޓުން އެފޯމު ޕްރޮސެސްކުރުމުގެ ކަންތައް ފަސޭހަކޮށްދިނުމުގެ ގޮތުން، ޕީޖީ އޮފީހުގެ ގަވަރމަންޓް ޕޯޓަލުގެ ތެރޭގައި ކޮންމެ ކޯޓަކަށް ހަދައިދީފައިވާ ލޮގްއިން އިން، އެކޯޓަށް ހުށަހެޅިފައި ހުރި ހުރިހާ ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު ބަލައިގަނެ، ޕްރޮސެސް ކުރެވޭނެއެވެ. އޮންލައިން ޕޯޓަލްގެ ތެރެއިން އެފޯމު ބަލައިގަތުމަށް، ނުވަތަ އިޞްލާޙުކުރުމަށް ނުވަތަ ބަލައިނުގަތުމަށް ނިންމައިފިނަމަ، އެކަން ސަބަބާއެކު ލިޔަންޖެހޭނެއެވެ. ކޯޓުން ނިންމާ ނިންމުމާއި އެނިންމުން ނިންމި ސަބަބު، އީމެއިލަކުންނާއި ފޯމު ހުށަހެޅި މީހާގެ އޮންލައިން ޕޯޓަލުގެ ތެރެއިން ފެންނާން ހުންނާނެއެވެ. ވީމާ، ފޯމު ހުށަހެޅި މީހާއާއި ކޯޓާ ކުރެވޭ މުޢާމަލާތުތައްވެސް ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލްގެ ތެރެއިން ކުރެވޭނެ އިންތިޒާމު އެހުރީ ހަމަޖެހިފައެވެ. ގަވަރމަންޓް ޕޯޓަލުގެ ތެރެއިން ފޯމު އިޞްލާޙުކުރަން ކޯޓުން އަންގައިފިނަމަ، އިޞްލާޙުކުރަން ޖެހޭ ތަންތަން ފާހަގަކޮށްދޭންޖެހޭނެއެވެ. އަދި އޮންލައިން ޕޯޓަލްގެ ތެރެއިން ފޯމު އިޞްލާޙުކޮށް އަލުން ހުށަހެޅުމުގެ ޚިދުމަތްވެސް ލިބޭނެއެވެ.

 

ކޯޓާ ހަމައަށް ފޯމު ލިބުމުން، ޕީޖީ އޮފީހުގެ ގަވަރމަންޓް ޕޯޓަލް ބޭނުން ނުކުރައްވަން ކޯޓުން ނިންމަވާ ޙާލަތުގައި، ފޯމު ހުށަހެޅި މީހާއާ ސީދާ ކޯޓުން މުޢާމަލާތު ކުރެއްވޭނެއެވެ. އެޙާލަތުގައި ފޯމު އިޞްލާޙުކުރުމުގެ ކަންކަން ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލްގެ ތެރެއިންނެއް ނުއެއް ކުރެއްވޭނެއެވެ. އޭރުން އެދިޔައީ، ކުރީގެ ނިޒާމަށެވެ. އެފުރުޞަތު ކޯޓުތަކަށް އެބައޮތެވެ. ނަމަވެސް، ކޯޓަށާއި ފޯމު ހުށަހަޅާ މީހާއަށް ފަސޭހަ ގޮތްވެސް ހަމަ ކޮންމެ ކޯޓަކަށްވެސް އެބައޮތެވެ.

 

މިޚިދުމަތް 7 މާރިޗު 2024 ވީ ބުރާސްފަތި ދުވަހު ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގައި ތަޢާރަފުކުރުމުގެ ފުރުޞަތު ލިބުމަކީވެސް އިއްތިފާޤެއް ނޫނެވެ. އެކޯޓަކީ، ޓެކްނޮލޮޖީއަށް އަހުލުވެރި، ގެވެށި އަނިޔާގެ ކަންކަމުގައި އަވަސް އަދި ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ރެކޯޑެއް އޮތް ކޯޓެކެވެ. އެކަމަށްޓަކައި، އެކޯޓުގެ މެޖިސްޓްރޭޓުންނާއި މުވައްޒަފުންނަށް އަޅުގަނޑު ޝުކުރާއި މަރްޙަބާ ދަންނަވަމެވެ. މިދާއިރާގައި އެކޯޓުގެ މަސައްކަތް ފަސޭހަކޮށްދިނުމަށް، އެހެން އިދާރާތައް ގުޅިގެން މަސައްކަތްކުރެވޭނެ މާޙައުލެއް ޤާއިމުކޮށްދިނުމަށް ޕީޖީ އޮފީހަށް ކުރެވެން ހުރި ކަންކަން އަޅުގަނޑުމެން ކޮށްދޭނަމެވެ. ކޯޓުތަކަށް ބޭނުންވާ މިކަހަލަ އިދާރީ ކަންކަން ކޮށްދެވެނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފުރިހަމަ އެހީތެރިކަމާވެސް އެކު ކަމަށްވާތީ، އެ ޑިޕާޓްމަންޓުގެ ވެރިޔާ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަލްއުސްތާޛާ ޢާއިޝަތު ރިޒްނާއާއި އެކަމަނާގެ ޓީމުގެ ފަރާތުން ލިބޭ އެއްބާރުލުންވެސް އަޅުގަނޑު ފާހަގަކުރަންޖެހެއެވެ.

 

އަޅުގަނޑުމެންގެ ދެކެނީ، އެންމެން ގުޅިގެން ކުރާ، މިހުރިހާ މަސައްކަތަކުން، ގެވެށި އަނިޔާ ތަޙައްމަލުކުރަމުންދާ އެންމެ މީހެއްގެ ޙަޔާތަށް ހެޔޮ ބަދަލެއް އަތުވެއްޖެނަމަ، އަޅުގަނޑުމެން މިކަމަށް ހޭދަކުރާ ފައިސާއާއި ވަގުތުގެ އަގު ލިބުނީ ކަމަށެވެ. ރާއްޖޭގެ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ހުއްޓަސްވެސް، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އަނިޔާލިބޭ މީހުންނަށް އާދަޔާ ޚިލާފު، ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއްދޭ ޤައުމެއްގެ ގޮތުގައި ރާއްޖޭގެ ނިޒާމު ހެދުމަކީ އަޅުގަނޑުމެން އެންމެންގެ އަމާޒެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author