5/6/2023
2008 ވަނަ އަހަރު ފާސްކުރި 'ފެހި' ޤާނޫނުއަސާސީއާއެކު ދިވެހިރާއްޖޭގެ ސިޔާސީ އަދި ވެރިކަން ހިންގުމުގެ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް އައެވެ. އެކަންކަމުގެ ތެރޭގައި، އެބަދަލުތައް ރަނގަޅުކަން ނުވަތަ ނޫންކަމާމެދު ބަހުސްކުރެވޭ ވަރުގެ ބަދަލުތައް ބައިވަރެވެ. ނަމަވެސް، މީގެ ތެރެއިން، ދިވެހިރާއްޖޭގެ އިންތިޚާބުގެ ކަންކަމަށް އައި އިންޤިލާބީ ބަދަލަކީ، ދުނިޔޭގެ ފެންވަރުގެ ބަދަލެކެވެ. ފެހި ޤާނޫނުއަސާސީއާއެކު ދިވެހިރާއްޖެއަކީ، ދުނިޔޭގެ ފެންވަރުގައިވެސް މޮޅަށް އިންތިޚާބު ބާއްވާ ޤައުމަކަށް ވަނީ ބަދަލުވެފައެވެ.
ތާރީޚު
ފެހި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ރާއްޖޭގައި އިންތިޚާބުގެ ކަންކަން ބަލަހައްޓަން ހުންނަނީ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައި ހުންނަ އިލެކްޝަންސް ކޮމިޝަނަރެކެވެ. މިއީ، ސަރުކާރުގެ އޮފީހެކެވެ. އިންތިޚާބުގެ ކަންކަމަށް މުވައްޒަފުން ނަގަނީ ސަރުކާރުގެ ތެރެއިންނެވެ. 2008 ވަނަ އަހަރުގެ ޤާނޫނުއަސާސީ ފާސްކުރިއިރު، އިލެކްޝަންސް ކޮމިޝަނަރަކަށް ހުންނެވީ އަލްމަރްޙޫމް ކދ އަހްމަދު މަނިކެވެ.
އޭރު، އިންތިޚާބު ބާއްވަމުން ގޮސްފައިވަނީ ހުކުރު ދުވަހެއްގައެވެ. ހުކުރު ވަގުތަށް ވޯޓުލާ މަރުކަޒު ބަންދުކޮށް، ހުކުރުން އަވަދިވުމުން އަލުން ވޯޓުލުމުގެ ޙަރަކާތްތައް ފަށައެވެ. ވޯޓުލާ ނިމުމުން، ފޮށި ބަންދުކޮށްގެން ގެންނަނީ މާލެއަށެވެ. ފޮއްޓާއެކު ދަތުރު ކުރަނީ ޢާންމު ގޮތެއްގައި ރަށު ކަތީބު ނުވަތަ ކަމުވޮށިގެގެންވާ މީހެކެވެ. ކަތީބަކީ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރާ މީހެކެވެ. ހުރިހާ ރަށެއްގެ ފޮށިތައް މާލެއަށް ޖަމާކޮށް، ވޯޓު ގުނަން ފަށައެވެ. އަޅުގަނޑު ހަނދާން ހުންނަން ފެށިއިރު، މިކަން ކުރަނީ ދަރުބާރުގޭގައެވެ. އިލެކްޝަންސްގެ ކަވަރޭޖުގައި ޓީވީން ދައްކާނީ، ފޮށިތައް މާލެއަށް ޖަމާވާތަނެވެ. މިވެނި ރަށެއްގެ ފޮއްޓެއް ހިފައިގެން، މިވެނި ކަތީބަކު މިހާރު ދަރުބާރުގެއަށް ވަންނަވައިފިކަމަށް ގޮވާނެއެވެ. ދަތުރުފަތުރުގެ ކަންކަން އޭރު ހުރި ގޮތުން، ފޮށިތައް އެއްކޮށް ދަރުބާރުގެއަށް ޖަމާވެ، ވޯޓު ގުނައި، ނަތީޖާއަކާ ހަމައަށް ދިއުމަށް އެންމެ އަވަހަށްވެސް ހަފްތާއެއްހައި ދުވަސް ނަގައެވެ. މިއީ، އޭރު އޮތް ޤާނޫނީ ނިޒާމުގައި މިކަން ކުރަން ހަމަޖެހިފައި އޮތް ގޮތެވެ.
ރަށްރަށުން، ވޯޓުފޮށިތައް މާލެއަށް ކުރާ ދަތުރުގައި ފޮށިތަކަށް ބައެއް ބަދަލުތައް އަންނަ ވާހަކައަކީ އޭރު ޢާންމު ޝަކުވާއެކެވެ. އެއަށްފަހު، ދަރުބާރުގޭގައި ވޯޓު ގުނުމުގެ ކަންކަން ކުރިއަށްދާއިރު، ދޭތެރެ ދޭތެރެއިން ދަރުބާރުގެއިން ކަރަންޓު ދާކަމަށްވެސް މީހުން ކިޔައެވެ. ކަރަންޓު ގޮސްފައި އަންނައިރު، ކުރިން އޮތް ގޮތަށް ބައެއް ކަންކަން ނުހުންނަކަމުގެ ޝަކުވާއަކީވެސް މަދުނޫން ބަޔަކު ދައްކާ ވާހަކައެކެވެ.
ޙައްލު – ޤާނޫނުއަސާސީގެ 171 ވަނަ މާއްދާ
ޤާނޫނުއަސާސީ ޑްރާފްޓްކުރިއިރު، މިމައްސަލަ ޙައްލުކުރާނެ ގޮތަކާމެދު ވާހަކަ ދެކެވުނެވެ. ޑްރާފްޓިން ކޮމިޓީގެ ޖަލްސާއަކަށް، އޭރުގެ އިލެކްޝަންސް އޮފީހުގެ ވެރިޔާ ކދ އަޙްމަދު މަނިކު ހާޒިރުކޮށް، ކުރެވުނު ސުވާލަކީ، ވޯޓުލާ މަރުކަޒުގައި ވޯޓު ގުނުމުގެ ކަންކަން ކުރުމަކީ، ކުރެވިދާނެ ކަމެއްތޯ ނުވަތަ ނޫންތޯއެވެ. އެކަމަކީ ކުރެވިދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިކަމަށްވެއެވެ.
އެއާއެކު، ޤާނޫނުއަސާސީގެ 171 ވަނަ މާއްދާގައި ލިޔުނީ
"ކޮންމެ ވޯޓެއް ނަގައި ނިމުމާއެކު، ވޯޓުލާ ކޮންމެ މަރުކަޒެއްގައިމެ، އިލެކްޝަންސް ކޮމިޝަނުން އެ މަރުކަޒެއް ޙަވާލުކޮށްފައިވާ މީހަކު، ކުރިމަތިލީ ކެނޑިޑޭޓުން ނުވަތަ ކެނޑިޑޭޓުން ކަނޑައަޅާ މީހުން ތިބިނަމަ، އެ ބައެއްގެ ހާޒިރުގައި އަދި އެ ވޯޓެއް ގުނުމުގެ ކަންތައްތައް ބެލުމަށް ޤާނުނު ހުއްދަކުރާ އެނޫންވެސް ބައެއްގެ ހާޒިރުގައި އެ މަރުކަޒެއްގެ ވޯޓު ގުނައި، ކޮންމެ ކެނޑިޑޭޓަކަށް އެ މަރުކަޒަކުން ލިބުނު ވޯޓުގެ ޢަދަދު ނުވަތަ ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ވޯޓަށް ހުށަހެޅިފައިވާ ސުވާލަށް ލިބިފައިވާ ވޯޓުގެ ޢަދަދު ލިޔެ، ބަލަހައްޓައި، އެ މަރުކަޒެއްގައި ނެގުނު ވޯޓުގެ ނަތީޖާ އެ މަރުކަޒެއްގައި އިޢުލާނުކުރަންވާނެއެވެ." މިހެންނެވެ.
މިމާއްދާއާއެކު، އިންތިޚާބުގެ ކަންކަން ދިވެހިރާއްޖޭގައި އެފުށްމިފުށަށް ޖެހި، އިންތިޚާބެއްގައި އޮޅުވާލުމުގެ ފުރުޞަތު އެއްކޮށްހެން ނެތިގެން ދިޔައީއެވެ. ދިވެހިރާއްޖެ ކަހަލަ ޤައުމެއްގައި، ވޯޓުލާ މަރުކަޒުގައި ވޯޓު ގުނައި، ނަތީޖާ އިޢުލާނުކުރަން ޖެހުމުން، އެތަނުގައި ކެނޑިޑޭޓުންގެ މަންދޫބުން ކުރިމަތީގައި އޮޅުވާލުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ރާއްޖޭގެ ވޯޓުލާ ދާއިރާތައް ބެހިފައި އޮންނަ ގޮތުން، އެއް ފޮށްޓަކަށް ވޯޓުލާ މީހުންނަކީ ޢާންމު ގޮތެއްގައި އަވަށްޓެރިންނެވެ. މިވެނި މީހަކީ، މިވެނި މީހެއްގެ ދަރިއެއްކަން ޖެހިގެން ހުންނަ ގޭ މީހާއަށް އެނގޭނެއެވެ. ގޭ ދޮށުން ނުފެންނަ މީހަކު އެފޮއްޓަށް ވޯޓުލުމުގެ ފުރުޞަތު ހަންޏެވެ. ރަށްރަށުގައި މިކަން އަދި މާބޮޑެވެ. ދިވެހިރާއްޖޭގައި ވޯޓުލާ ދުވަހަކީ، ގިނަ ދުވަސްވަންދެން ބައްދަލުނުވާ އަވަށްޓެރިންނާ ބައްދަލުވެލާ އިޖްތިމާޢީ ޢީދެކެވެ.
މިބަދަލު ހިމެނޭ ގޮތުން، އިންތިޚާބުތަކަށް މީހުން ކުރާ އިތުބާރު ބޮޑުވުމުގައި، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކަންކަން ބެލުމަށް ޢައްޔަންކުރެވުނު އިންތިޤާލީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ދައުރު ބޮޑެވެ. ޝުކުރާއި ތަޢުރީފު ޙައްޤެވެ. އެމެންބަރުން އޭރު ކަނޑައެޅުއްވީ އިންތިހާއަށް އެތެރެފެންނަ ސިޔާސަތުތަކެކެވެ. އެސިޔާސަތުތަކަށްވުރެ ފަހަތަށް ދިއުން، ދެން އައި އިލެކްޝަންސް ކޮމިޝަންތަކަށް އޮތީ ދަތިކަމަކަށް ވެފައެވެ.
މިވަގުތު އިލެކްޝަންސް ކޮމިޝަންގެ ލީޑަރޝިޕަށް، ރައީސް އަލްފާޟިލް ފުއާދު ތައުފީޤާއި ނައިބް ރައީސް އަލްއުސްތާޛު އިސްމާޢީލް ޙަބީބާއި މެންބަރުންނަށް އޮތް އިތުބާރު ބޮޑެވެ. ދިވެހިރާއްޖޭގައި އިދާރާއަކަށް އިތުބާރެއް އޮތީވިއްޔާ، ޢާންމު ގޮތެއްގައި އިތުބާރު އޮތީ އެ އިދާރާއެއްގެ ވެރިއަކަށެވެ. ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބާއްވާ އިންތިޚާބުތަކުގައި، އިލެކްޝަންސް ކޮމިޝަނުގައި ކޮންމެ ބަޔަކު ތިއްބަސް، އިންޞާފުވެރި އިންތިޚާބެއް ބާއްވާނެކަމުގެ ޔަޤީންކަން އޮވެއެވެ. އިލެކްޝަންސް ކޮމިޝަންގެ ވެރިއަކަށް، ދާދި ފަހަކާ ޖެހެންދެން ސިޔާސީ ޕާޓީއެއްގެ އެކްޓިވިސްޓުންގެ ގޮތުގައި ތިއްބެވި ބޭފުޅުންވެސް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް، އެބޭފުޅުންނަށްވެސް، ޤާނޫނުއަސާސިގެ 171 ވަނަ މާއްދާ އޮތް ގޮތުން، އިންތިޚާބުގެ ކަންކަމުގައި ތަފާތު ވިސްނުމަކުން ކަންތައްތަކެއް ކުރެއްވުމުގެ ފުރުޞަތެއް ލިބިވަޑައެއް ނުގަތެވެ. ހުކުރު ދުވަހު ބާއްވަމުން އައި އިންތިޚާބު، ހޮނިހިރު ދުވަހަކަށް ބަދަލުކުރުމުން، ފޮށިތައް މީހުން (އާއި ކެނޑިޑޭޓުންގެ) ލޯމަތިން ނުގެއްލޭތީވެސް އިތުބާރު އިތުރުވިއެވެ.
ދުނިޔޭގެ ފެންވަރުގެ އިންތިޚާބެއް ބާއްވާއިރު، އަދިވެސް ރަނގަޅު ކުރެވިދާނެ ކަންކަން އެބަހުއްޓެވެ. އިންތިޚާބުތަކާބެހޭ ވަރަށް ގިނަ މަޢުލޫމާތު ހިމެނޭ ފުރިހަމަ ސްޓެޓިސްޓިކްސް ވެބްސައިޓެއް ކޮމިޝަނުން ޢާންމު ކުރައްވާފައިވެއެވެ. ނަމަވެސް، މިއިން އެއްވެސް ވެބްސައިޓެއްގައި، ނުވަތަ އެނޫންވެސް، ކޮމިޝަނުގެ އެއްވެސް ރަސްމީ ތަނެއްގައި، އިންތިޚާބުތަކުގެ ވަގުތީ ނަތީޖާތަކެއް ފެންނާކަށް ނެތެވެ. މިލިޔުމުގެ ބޭނުމަށް ވަގުތީ ނަތީޖާއާއި ދާއިމީ ނަތީޖާ އަޅައި ބެލުމަށްޓަކައި، އެމަޢުލޫމާތު ހޯދަން އުޅެއުޅެ ނުލިބުނެވެ.
ތަފާތު އެކި ނޫސްތަކުންނާއި ވެބްސައިޓުތަކުން ފެނުނު މަޢުލޫމާތުގެ އަލީގައި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާއާއި ދާއިމީ ނަތީޖާގެ ތަފާތުތަކަށް ބަލައިލާނަމެވެ.
މަތީގައި އޮތް ނަތީޖާއަށް ބަލާއިރު، ވަގުތީ ނަތީޖާއާއި ދާއިމީ ނަތީޖާއާ ދެމެދު ޕަސެންޓެއްގެ ތަފާތެއްވެސް ނެތެވެ. އެންމެ ގިނަވެގެންވެސް އޮތީ 90 އެއްހައި ވޯޓުގެ ތަފާތެވެ. އެއީ ޖުމްލަ ވޯޓު ލީ މީހުންގެ ނިސްބަތުން ބަލާއިރު، 0.001 އަށްވުރެވެސް ކުޑަ ތަފާތެކެވެ. ތަފާސްހިސާބުގެ ނަޒަރުން، ތަފާތެއް ނެތްހައިވެސް އޮމާން އިންތިޚާބެކެވެ.
2008 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި ބޭއްވުނު އިންތިޚާބުތަކާބެހޭ ގޮތުން މީހުން އުފައްދާފައިވާ ސުވާލުތަކަށް ބަލާއިރު، ފެންހިފޭ ސުވާލެއް ނުވަތަ ޝަކުވާއެއް ނެތެވެ. ދެލި ވެއްޓޭ ވާހަކައަކާއި، ގަލަމަކާއެކު ހުރި އަނގޮޓިއެއްގެ ވާހަކައަކީ، ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ވާހަކައެއް ނޫނެވެ. ފުޅާ ދާއިރާއެއްގައި އެކަހަލަ މަކަރާއި ޙީލަތެއް ހެދުމުގެ ފުރުޞަތެއް، ރާއްޖޭގައި އިންތިޚާބުތަކުގެ އިންތިޒާމުތައް އަތުރާލެވިފައި އޮތް ގޮތުން ކުރެވޭނެކަމަކަށް ނުފެނެއެވެ. ތެދެކެވެ. ޝަކުވާ ބަލާ ނިޒާމު ފުރިހަމަވާންޖެހެއެވެ. ބޮޑުތަނުން ހަރުދަނާ ކުރަންޖެހެއެވެ. ނަމަވެސް، މިހާތަނަށް ބޭއްވުނު އިންތިޚާބެއްގައި، އިންތިޚާބުގެ މުޅި ނަތީޖާއަށް އަސަރުކުރާވަރުގެ ކަމެއް، ޝަކުވާބަލާ ނިޒާމުގެ ދޯދިޔާކަމުން މެދުވެރިވެފައި އޮތްކަމަކަށް ނުދައްކައެވެ.
އިންތިޚާބު މޮނިޓަރުކުރާ މީހުންނާބެހޭ ގޮތުން ދައްކާ ވާހަކައަކީވެސް ރަނގަޅު ވާހަކައެއް ނޫނެވެ. އިންތިޚާބާބެހޭ ގަވާއިދުތައް ދަސްކޮށްދޭ ކުރުކޯހެއްގައި ބައިވެރިވެގެން މެނުވީ އިންތިޚާބު މޮނިޓަރު ނުކުރެވޭގޮތް ހެދުމަކީ، މުޅި އިންތިޚާބުގެ ނަޒާހަތްތެރިކަން އިތުރު ކުރަން ކުރަންޖެހޭ ކަމެކެވެ. އެކަމުގައިވެސް އޮތް ޝަކުވާތަކަކީ މިވަގުތު ފެންނަ ފެނުމަށް ތާކުންތާކު ޖެހޭ ޝަކުވާއެއްނޫނެވެ.
ދުނިޔޭގައި ނުފޫޒު ގަދަ ޤައުމަކަށްވުން – އައިޑިއާ އެކްސްޕޯޓްކުރުން
ދިވެހިރާއްޖޭގައި އިންތިޚާބުގެ ޕްރޮސެސްއަކީ، ދުނިޔޭގެ ފެންވަރުގެ ޕްރޮސެސްއެކެވެ. ދުނިޔޭގެ އެހެން ޤައުމުތަކަށް ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރެވިދާނެ ކަމެކެވެ. ތިންވަނަ ދުނިޔޭގެ ޤައުމެއްގައި، އެއްވަނަ ދުނިޔޭގެ ފެންވަރުގެ އިންތިޚާބެއް ބާއްވާނެ ގޮތް އަޅުގަނޑުމެން މިވަނީ ހޯދާފައެވެ. ނަމަވެސް، އިންތިޚާބާބެހޭ މަޢުލޫމާތު ޢާންމުކޮށް، ފަސޭހައިން ލިބޭނޭގޮތް ހަދައިދޭނެ ގޮތްތަކެއް ހޯދައި ފައްކާކުރަންޖެހެއެވެ. އިންތިޚާބާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އިލެކްޝަންސް ކޮމިޝަނުގެ އުޞޫލުތައް، އެއްތަނަކުން ފެންނާކަށް އަދިވެސް ނެތެވެ. މިކަހަލަ ކަންކަން ރަނގަޅު ކޮށްލަނިކޮށް، ތިންވަނަ ދުނިޔޭގެ ޤައުމުތަކުގައި އިންތިޚާބު ބޭއްވުމާބެހޭ އެންމެ އިސް ނުފޫޒެއް އޮންނަ ޤައުމަކީ ދިވެހިރާއްޖެކަމަށް ވުމަކީ ވަރަށް ގާތުގައި އޮތް ކަމެކެވެ.
______________
ނޯޓް: ތިރީގައިވާ މަޢުލޫމާތު ނަގާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މިހާރުގެ މެންބަރު، އަލްފާޟިލް މުޙައްމަދު ޢަބްދުﷲ ޝަފީޤު ލިޔުއްވާފައިވާ ބްލޮގުންނެވެ. އެލިޔުމުގެ، ތިރީގައި ނަކަލުކޮށްފައިވާ ބައި، މިލިޔުމުގައިވެސް ހިމެނީ، މިމަޢުލޫމާތު ކިޔުންތެރިންނާ ޙިއްސާކުރުމުގެ ބޭނުމުގައެވެ.
The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author