5/20/2023

ޔޫއެން ވަރލްޑް ޓުއަރިޒަމް އޯގަނައިޒޭޝަންގައި ދިވެހިރާއްޖެ – ނުފޫޒެއް ނެތް؟

ދިވެހިރާއްޖެއަކީ ދުނިޔޭގެ ޓުއަރިޒަމްގެ އެއްވަނައެވެ. އެއްވަނަ ޑެސްޓިނޭޝަންގެ މަޤާމު ހޯދާތާ މިހާރު ޖެހިޖެހިގެން 3 އަހަރުވެއްޖެއެވެ. ރާއްޖެއަކީ ޓުއަރިޒަމްގެ ދާއިރާއިން ދުނިޔޭގެ އެއްވަނަ ޤައުމު ކަމާމެދަކު ސުވާލެއް އުފައްދާ މީހަކު ނެތެވެ. ދުނިޔޭގައި ދެމެހެއްޓެނިވި ގޮތެއްގައި ޓުއަރިޒަމް ހިންގާނެ ގޮތުގެ ނަމޫނާއަކީ، މިންއަޅަން ގެންގުޅޭ މިނަކީ ދިވެހިރާއްޖެއެވެ. ނަމަވެސް، ދުނިޔޭގެ ފެންވަރުގައި، މިދާއިރާގައި ރާއްޖޭގެ ނުފޫޒެއް އެބައޮތްތޯ؟ އެކަމާ މީހަކު އެބަ އުޅޭހެއްޔެވެ؟ އެކަމުގެ ބޭނުމެއް އެބައޮތްތޯއެވެ؟


ދިވެހިރާއްޖޭގައި ޓުއަރިޒަމް

ދިވެހިރާއްޖޭގައި ޓުއަރިޒަމް ތަޢާރަފުވިތާ މިއަހަރަށް މިވަނީ 51 އަހަރެވެ. 3 ޖީލު މިކަމުގައި އުޅެފިއެވެ. ހަމައެކަނި ޓުއަރިޒަމްގެ ވަޒީފާއަށް އަލަށް ނުކުތް މީހުން ރިޓަޔަރކުރާހާ ދުވަސްވެއްޖެއެވެ. ދިވެހިރާއްޖޭގެ އިޤްޠިޞާދަށް ސީދާގޮތުންނާއި ނުސީދާގޮތުން އެންމެ ބޮޑު ޙިއްސާއެއް ކުރަނީ ޓުއަރިޒަމުން (ޖީޑީޕީގެ 22% ޕަސެންޓް) އެވެ. މިނިސްޓްރީ އޮފް ޓުއަރިޒަމުގައި 75 މުވައްޒަފުން މަސައްކަތްކުރެއެވެ. އޭގެ ތެރެއިން 21 މުވައްޒަފުން (28%) އަކީ ޢައްޔަންކޮށްފައިތިބި (ސިވިލް ސަރިވިސްގައި ނުހިމެނޭ، ސިޔާސީ/ފަންނީ) މީހުންނެވެ. (މިނުކުތާ ބަޔާންކުރީ، ފަންނީ މީހުން ޢައްޔަންކުރުމުގެ ފުރުޞަތު އޮތްކަން ހާމަކުރުމުގެ ގޮތުންނެވެ. މިސާލަކަށް، ބަންޑާރަ ނައިބު އޮފީހުގައި ތިއްބެވީ ޢައްޔަންކުރެވިފައި ތިއްބެވި 2 ބޭފުޅުންނެވެ.)

 

ޔުނައިޓެޑް ނޭޝަންސް ވަރލްޑް ޓުއަރިޒަމް އޯގަނައިޒޭޝަން (ޑަބްލިއު.ޓީ.އޯ)

ދުނިޔޭގެ ޓުއަރިޒަމާބެހޭ މައި ޖަމްޢިއްޔާއަކީ 1946 ވަނަ އަހަރު އުފެއްދި ޔުނައިޓެޑް ނޭޝަންސް ވަރލްޑް ޓުއަރިޒަމް އޯގަނައިޒޭޝަން (ޑަބްލިއު.ޓީ.އޯ) އެވެ. މިޖަމްޢިއްޔާގައި ދުނިޔޭގެ 160 އަށްވުރެ ގިނަ ޤައުމު ބައިވެރިވެއެވެ. ދިވެހިރާއްޖެއިން، އެ ޖަމްޢިއްޔާގެ މެންބަރަކަށްވީ، މީގެ 42 އަހަރު ކުރިން، 1981 ވަނަ އަހަރުއެވެ. ދުނިޔޭގެ ޓުއަރިޒަމާބެހޭ ގަވާއިދުތައް ހަދައި ހިންގުމުގައާއި، އެކަމާބެހޭ ޑާޓާ އެއްކޮށް، އެނަލައިޒްކުރުމުގައި ޑަބްލިއުޓީއޯއަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ މުއައްސަސާއެވެ. އެޖަމްޢިއްޔާ އެކުލެވިގެންވަނީ، އަންނަނިވި ގޮތަށެވެ.

ޖެނެރަލް އެސެމްބްލީ – ހުރިހާ މެންބަރު ޤައުމުތައް، ކޮންމެ 2 އަހަރަކުން އެއްއަހަރު ބާއްވާ ޢާންމު ޖަލްސާ

އެގްޒެކެޓިވް ކޮމިޓީ – ޖަމްޢިއްޔާގެ މައިގަނޑު މަސައްކަތްތައް ވިލަރެސްކޮށް، ސިޔާސަތު ކަނޑައަޅާ މައި ގުނަން

6 ރީޖަނަލް ކޮމިޝަން (އެފްރިކާ، އެމެރިކާ، ޔޫރަޕް، އީސްޓް އޭޝިއާ /ޕެސިފިކް، މިޑްލްއީސްޓް، ސަތުއު އޭޝިއާ) – ރީޖަނަލް ކޮމިޝަންތަކަކީ ޖެނެރަލް އެސެމްބްލީއަށް ކަންކަން ހުށަހަޅަން މަޝްވަރާކުރާ ރަސްމީ ހައިސިއްޔަތު ކުޑަ ކޮމިޝަންތަކެކެވެ.

ސެކްރެޓޭރިއަޓް – ސެކްރެޓަރީ ޖެނެރަލަކާއި އޭނާގެ މުވައްޒަފުން (މިވަގުތު 110 މުވައްޒަފުން) ގެ މައްޗަށް އެކުލެވޭ ސެކްރެޓޭރިއަޓްގެ ޒިންމާއަކީ، އެކި ޤައުމުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ވިލަރެސް ކުރުމާއި، ޖަމްޢިއްޔާގެ އަސާސީ މަޤްޞަދުތައް ޙާޞިލުކުރަން، ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި، ޖެނެރަލް އެސެމްބްލީގެ އެޖެންޑާއަށް ހުށަހަޅަންޖެހޭ ކަންކަމާބެހޭ އިދާރީ ކަންކަން ކޮށް، ޖެނެރަލް އެސެމްބްލީއިން ނިންމާ ނިންމުންތައް ތަންފީޒުކުރުމެވެ.

އެފިލިއޭޓް މެމްބަރުން – ޔޫއެންގެ އެހެން ޖަމާޢަތްތަކާ ޚިލާފަށް، ޑަބްލިއުޓީއޯގެ އެފިލިއޭޓް މެމްބަރުންގެ ގޮތުގައި، 500 އަށްވުރެ ގިނަ އިންޑަސްޓްރީ ކުންފުނިތައް އުޅެއެވެ. އޭގެ ތެރޭގައި، ޔުނިވަރސިޓީތަކާއި، ބޮޑެތި ހޮޓާ ހިންގާ ޗެއިންތަކާއި، މިނޫނަސް، މިދާއިރާގައި ނުފޫޒެއް އޮންނަން ބޭނުންވާ ހުރިހާ މައި ކުންފުނިތައް ހިމެނެއެވެ.


ޑަބްލިއުޓީއޯގައި ދިވެހިރާއްޖެ

ޑަބްލިއުޓީއޯގައި ދިވެހިރާއްޖެ ބައިވެރިވީފަހުން، 3 ފަހަރެއްގެ މަތިން، ސައުތު އޭޝިއާގެ ރީޖަނަލް ކޮމިޝަންގެ ޗެއަރމަންކަން ކޮށްފައިވެއެވެ. އެއީ، 1983-1987، 1995-1997، 2020-2022 އަށެވެ. މިވަގުތު، ގްލޯބަލް ޓުއަރިޒަމް ކްރައިސިސް ކޮމިޓީގެ ރިޔާސަތުވެސް ބަލަހައްޓަނީ ދިވެހިރާއްޖެއިންނެވެ.


ކޮވިޑް-19 އަށްފަހު އަލުން ޓުއަރިޒަމް ދާއިރާ ކޮޅަށް ޖެހުމަށް ސަރުކާރުން ކުރެއްވި މަސައްކަތުގައި "ޓެކްނިކަލް އެސިސްޓަންސް ރިކަވަރީ ޕެކެޖް" އާއި "ގައިޑްލައިން ފޮރ ރީސްޓާރޓިންގ ޓުއަރިޒަމް އިން މޯލްޑިވްސް" ތައްޔާރުކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ޑަބްލިއުޓީއޯއިންނެވެ. ވީމާ، ޑަބްލިއުޓީއޯއަކީ ރާއްޖެއަށް ބޭނުންތެރި، މުހިންމު މުއައްސަސާއެކެވެ.


ނަމަވެސް، މިޖަމްޢިއްޔާގެ އެއްވެސް ރަސްމީ މަޤާމެއްގައި، ދުވަހަކުވެސް ދިވެއްސަކު ނެތެވެ. ޖެނެރަލް އެސެމްބްލީއާއި ރީޖަނަލް ކޮމިޝަންތަކުގައި ރަމްޒީގޮތުން ބައިވެރިވާ ބައިވެރިވުން ފިޔަވައި، ޙަޤީޤީ ނުފޫޒެއް އޮތް މަޤާމެއްގައި ދިވެއްސަކު ނެތެވެ. ދިވެހިންގެ ކުންފުންޏެއް، ޑަބްލިއުޓީއޯގެ އެފިލިއޭޓް މެމްބަރެއްގެ ގޮތުގައެއްވެސް ނެތެވެ. ދިވެއްސަކު، ޑަބްލިއުޓީއޯގެ މުވައްޒަފެއްގެ ގޮތުގައިވެސް ނެތެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ޑަބްލިއުޓީއޯއަށް އެއްވެސް ވަރެއްގެ ނުފޫޒެއް ފޯރުވޭ ހިސާބެއްގައި ދިވެއްސަކުވެސް، ދިވެހި ސަރުކާރެއްވެސް، ދިވެހި ކުންފުންޏެއްވެސް ނެތެވެ. އެންމެ ކުޑަމިނުން، ޑަބްލިއުޓީއޯގެ ޖެނެރަލް އެސެމްބްލީގެ ޖަލްސާއެއްވެސް ރާއްޖޭގައި ބޭއްވިފައެއް ނެތެވެ. ޖަލްސާ ހޯސްޓުކުރުމަކީވެސް، އެކަމުން ތަފާތު މަންފާ ކުރާ ކަމެއްކަން، ވަރލްޑްކަޕް ބޭއްވުމަށް ޤައުމުތަކުން ކުރާ ވާދައަށް ބެލުމުން އެނގެއެވެ.


ދިވެހިންނަށް ވާނެތޯ؟

ޑަބްލިއުޓީއޯގެ މިވަގުތުގެ ސެކްރެޓަރީ ޖެނެރަލަކީ ޖޯޖިއާގެ ޒުރަބް ޕޮލޮލިކަޝްވިލީއެވެ. ދިވެހި ޓުއަރިޒަމް، އޭނާއަށްވުރެ ދޮއްޓެވެ. އޭނާ އުފަންވީ 12 ޖަނަވަރީ 1977 ގައެވެ. އޭރު، ދިވެހިން ޓުއަރިޒަމް ފަށައިގެން އުޅޭތާ 3 އަހަރުވެއްޖެއެވެ. ޖޯޖިއާ، ޤައުމެއްގެ ގޮތުގައި 1991 ވަނަ އަހަރު މިނިވަންކަން ލިބުނުއިރު، ރާއްޖޭގެ ޓޫރިޒަމަށް 18 އަހަރުވެއްޖެއެވެ.


ދިވެހި ހެލްތު މިނިސްޓްރީގެ ޕޮލިސީ އިމްޕްލެމެންޓޭޝަން އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް ޑިވިޒަންގެ ޑިރެކްޓަރ ޢާއިޝަތު ރިޝްމީ، ޑަބްލިއުއެޗްއޯ ގެ 38 ވަނަ ޕްރޮގްރާމް ބަޖެޓް އެންޑް އެޑްމިނިސްޓްރޭޓިވް ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވި ގޮތުގެ ކުޅަދާނަކަމަށް ތަޢުރީފުކޮށް، އެޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް މިހަފްތާގައި ޓްވީޓެއް ކުރެއްވިކަމަށްވެއެވެ. އާމިނަތު ރިޝްމީއަކީ، ދިވެހިރާއްޖޭގައި އުޅޭ، ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ، މައް ދިވެއްސެކެވެ.


ހަމަ މިހަފްތާގައި އަޅުގަނޑުމެން މިއުޅެނީ، 'މަތީ އަރުތަވެރިން' ނަށް އިނާމު ދިނުމުގައެވެ. މުޅި ދުނިޔެއިން އޯލެވެލްގައި އެންމެ ރަނގަޅު ނަތީޖާ ހޯދި ކުދިންގެ ތެރޭގައި ދިވެހި 16 ކުދިން ހިމެނެއެވެ. އޭގެ ތެރެއިން 9 ކުއްޖަކު އެކި މާއްދާތަކުން ދުނިޔެއިން އެއްވަނަ ހޯދާފައިވެއެވެ. މިކުދިންނަށް ރަނގަޅު ފުރުޞަތުތައް ހޯދައިދެވިއްޖެނަމަ، ދުނިޔޭގެ ޓުއަރިޒަމާއި އެހެނިހެން ދާއިރާތަކުގައިވެސް ނުފޫޒުގަދަ ކަންކަން ކުރުމުގެ ޤާބިލްކަން ދިވެހިންގައި، ދިވެހި ކުދިންގައި އެބަހުއްޓެވެ. ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ ރައީސްކަންވެސް، ދިވެހިރާއްޖެއިން ބޭނުންވެގެން، އެކަމާ އުޅުނީމާ ލިބުނެވެ. އެކަމުގެ ބޭނުންތެރިކަން މިހާރު އެބަ ފެނެއެވެ. ދުނިޔޭގައި ދިވެހިރާއްޖެއަކީ މީހުން އިޙްތިރާމް ކުރާ ޤައުމަކަށްވެއްޖެއެވެ.


ޓުއަރިޒަމް ޞިނާޢަތަށް ބަލާއިރު، ދިވެހިރާއްޖެއަކީ ދުނިޔޭގެ އެއްވަނައެވެ. ދުނިޔޭގެ އެންމެ އަގުބޮޑު، އެންމެ ރީތި، އެންމެ މޮޅު، އެންމެ ހުށިޔާރު، އެންމެ އުފެއްދުންތެރި، އެންމެ ދެމެހެއްޓެނިވި ޓުއަރިޒަމް އޮތީ ދިވެހިރާއްޖޭގައެވެ. އެޓުއަރިޒަމް އުފެއްދީ އަދި ދަމަހައްޓަނީވެސް ދިވެހިންނެވެ. ޓުއަރިޒަމަކީ ދިވެހިންގެ އިޤްޠިޞާދުގެ މައިތަނބެވެ. ދުނިޔޭގެ ޓުއަރިޒަމް ޞިނާޢަތުގައިވެސް ބަސްބުނެވޭވަރުގެ މޯރަލް އޮތޯރިޓީއެއް ދިވެހިންނަށް އެބައޮތެވެ. އެކަމުގެ މަޞްލަޙަތެއްވެސް އެބައޮތްމެއެވެ. ނަމަވެސް، އެދިމާއަށް މިވޭތުވެދިޔަ 51 އަހަރުތެރޭ އެއްވެސް މަސައްކަތެއް ކުރެވިފައި އޮތް ކަމަކަށް އަދިއެއް ނުދައްކައެވެ. ފެންވަރު ނެތީއެއް ނޫނެވެ. މިކަން މިހެން އޮތް ސަބަބެއް އަޅުގަނޑަކަށް އަދި ނުވިސްނެއެވެ. އަޅުގަނޑުގެ ނަޒަރުގައި، ޓުއަރިޒަމް ދާއިރާގައި ދުނިޔޭގައި އެންމެ ނުފޫޒުގަދަ ޤައުމަކަށް ވާންޖެހޭނީ ދިވެހިރާއްޖެއެވެ!

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author