1/20/2024

ޤަޟާއީ އައު އަހަރަށާއި 25 ރުފިޔާގެ ޑިސްކައުންޓަށްޓަކައި މަރްޙަބާއާއި ޝުކުރު

ކޮންމެ މީލާދީ އަހަރަކު، އެއަހަރަކަށް ޝަރްޢީ ނިޒާމު އިފްތިތާޙުކުރުމުގެ މުހިންމު ޖަލްސާއެއް، އެއަހަރެއްގެ ޖަނަވަރީ މަހުގެ ތެރޭގައި ބާއްވައެވެ. މިއަހަރުގެ ޖަލްސާ އޮތީ 18 ޖަނަވަރީ 2024 ވީ ބުރާސްފަތި ދުވަހުގެ ރެއެވެ. މިއީ، އަޅުގަނޑަށް ދަޢުވަތުލިބޭ، ރޭގަނޑު ބާއްވާ ޙަފްލާތަކުގެ ތެރެއިން، އަޅުގަނޑު ބައިވެރިވާ މަދު ޖަލްސާތަކުގެ ތެރެއިން ޖަލްސާއެކެވެ. އަމިއްލަ ޚާއްޞަ ޙާލަތެއް މެދުވެރިވެގެން، މިއަހަރުގެ ޖަލްސާއަށް ދެވޭ ގޮތް ނުވިއަސް، އައު އަހަރުގެ ތަހުނިޔާއާއި މުބާރިކުބާދީ ޖުޑީޝަރީގައި މަސައްކަތް ކުރައްވާ އަޅުގަނޑުގެ އަޚުންނާއި އުޚުތުންނަށް އަރިސްކުރަމެވެ. މިއައު އަހަރު، ޚާއްޞަ ދެކަމެއްގެ ވާހަކަ ކޮންމެހެން ލިޔާންޖެހޭކަމަށް އަޅުގަނޑަށް ފެންނާތީ، މިލިޔުން އެކަންކަމަށް ޚާއްޞަކުރަމެވެ. އެއީ، ޖުޑީޝަރީއަށް މީހުން ބިނާކުރުމުގައި ފުޅާވަމުން އަންނަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރުގެ ވާހަކައާއި، ގެވެށި އަނިޔާގެ މައްސަލަތައް ހުށަހަޅާ ގޮތާބެހޭ ގޮތުން ފެމިލީ ކޯޓުން ގެންނެވި ބަދަލުތަކެއްގެ ވާހަކައެވެ.

 

ޖުޑީޝަރީއަށް ދުނިޔޭގެ ފެންވަރުގެ މީހުން ތަމްރީނުކޮށްދިނުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ދައުރު

ޕްރޮސިކިއުޝަންގެ މަސައްކަތަކީ، ޤާނޫނީ ވަކީލުން ތަމްރީނުކޮށް، އެކި ދިމަދިމާއަށް ފޮނުވާ މުއައްސަސާއެކެވެ. މިއީ ޒަމާނުއްސުރެ އެކަން އޮތް ގޮތެވެ. ޤާނޫނީ ދާއިރާގައި މިހާރު ފުންނާބު އުސް، ގިނަ ޤާނޫނީ ފަންނުވެރިންނަކީ، އެޓަރނީ ޖެނެރަލްގެ އޮފީހުގައި ޕްރޮސިކިއުޝަންގެ މަސައްކަތް އޮތްއިރު، އެތަނުން ތަމްރީނުވެގެން ނުކުންނެވި ބޭބޭފުޅުންނެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗުގައިވެސް، ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރާއި، ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދަކީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ތަޖުރިބާއާއެކު ޝަރްޢީ ދާއިރާގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާ ކުޅަދާނަ ފަނޑިޔާރުންނެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މިހާރުގެ ރައީސް، އަލްއުސްތާޛާ ޙިސާން ޙުސައިންގެ ފުރަތަމަ ފަންނީ ވަޒީފާއަކީވެސް ޕްރޮސިކިއުޝަންއެވެ.

 

އަޅުގަނޑުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ކަމުގެ ދައުރުގައި މިވޭތުވެދިޔަ 4 އަހަރެއްހައި ދުވަހު، އެސަޤާފަތް އަލުން ދިރުވައި އާލާކުރެވުމުގެ ހިތްހަމަޖެހުން އަޅުގަނޑަށް އެބައޮތެވެ. ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ދީބާނާޒް ފަހުމީއަކީ، ބަންޑާރަ ނައިބު އޮފީހާއި ޕީޖީ އޮފީހުގައިވެސް ޕްރޮސިކިއުޝަންގެ މަސައްކަތުގައި އުޅުއްވި ޕްރޮސިކިއުޓަރެކެވެ. ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުވެސް އަދާކުރެއްވެވިއެވެ. މިވަގުތު ޝަރްޢީ ދާއިރާގައި ތިއްބެވި ބޭފުޅުންގެ ތެރެއިން، ޕްރޮސިކިއުޝަންގައި އެންމެ ގިނަ ދުވަހު، އެންމެ މަތީ މަޤާމުތައް އަދާކުރެއްވީ އޭނާއެވެ. ކްރިމިނަލް ކޯޓުގައި މިވަގުތު ތިއްބެވި 11 ފަނޑިޔާރުންގެ ތެރެއިން 5 ފަނޑިޔާރުންނަކީ ކުރީގެ ޕްރޮސިކިއުޓަރުންނެވެ. ޑްގަގް ކޯޓުގައި ތިއްބެވި 5 ފަނޑިޔާރުންގެ ތެރެއިން 3 ފަނޑިޔާރުންނަކީ ކުރީގެ ޕްރޮސިކިއުޓަރުންނެވެ. އެ ދެ ކޯޓުގެ އިސްޤާޟީންނަކީ މީގެ ތެރެއިން ބޭފުޅެކެވެ. ފެމިލީ ކޯޓާއި ޖުވެނައިލް ކޯޓާއި މެޖިސްޓްރޭޓް ކޯޓުތަކުގައިވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ތަމްރީނުވެވަޑައިގެތް ތިއްބެވި ބޭފުޅުން ތިއްބެވިކަމީ އަޅުގަނޑު ފަޚުރުވެރިވާ ކަމެކެވެ.

 

އެބޭފުޅުންގައި ދެތިން ސިފައެއް ހުންނާނެކަމުގެ ޔަޤީންކަން އަޅުގަނޑަށް އޮވެއެވެ. އެއިން ބޭފުޅަކު ގަޑިއެއް ނުޖެހޭނެއެވެ. އެހެން މީހުންވެސް ގަޑިނުޖެހޭނެކަމަށް އެބޭފުޅުން ޢާންމުގޮތެއްގައި ބައްލަވާތީ، ގަޑިއަށް ކަންކަން ނުވާފަހަރު ކުޑަކޮށް ޝަކުވާވެސް ކުރައްވާނެއެވެ. ކޮންމެ ތަނަކަށް ވަޑައިގެންނެވިޔަސް ވަޑައިގަންނަވާނީ ތައްޔާރުވެވަޑައިގެންނެވެ. ކޮރަޕްޝަނާ ނުލައި މަސައްކަތްކުރާ ނިޒާމެއް އެކުލަވާލެވޭނެކަމުގެ ޢަމަލީ ތަޖުރިބާ ހުންނާނެއެވެ. މިދެންނެވި ސިފަތައް ހަރުލައްވައި، ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ދެވޭނެކަމުގެ ވިސްނުން، އެބޭބޭފުޅުންގައި އާލާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މަސައްކަތް ކޮށްފައިވާނެއެވެ.


ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރަކަށް އެދޭއިރު ދައްކަންޖެހޭ 25 ރުފިޔާ ކަނޑާލުން

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތުގެ މިއަހަރުގެ އެއް އަމާޒަކީ، ކުށުގެ ސަބަބުން އަނިޔާ ލިބޭ މީހުންނަށް އިންޞާފު ހޯދައިދިނުމުގެ މަސައްކަތް ހަރުދަނާކުރުމެވެ. އަނިޔާލިބޭ މީހުންނަށް ޚިދުމަތްތައް ހޯދުމުގައި ހުރި ދަތިތައް ފިލުވައިދީ، ހުރިހާ އިދާރާތައް ގުޅިގެން، ދުނިޔޭގެ ފެންވަރުގެ ވިކްޓިމް ސަޕޯޓް ނިޒާމެއް ޤާއިމުކުރުމެވެ. މިކަން ކުރިއަށް ގެންދާނެ ގޮތަކާބެހޭ ގޮތުން ދައުލަތުގެ އިދާރާތަކާއި އަމިއްލަ ޖަމްޢިއްޔާ/ޖަމާޢަތްތަކާއެކު ނިމިދިޔަ އަހަރުގެ ތެރޭގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައި، ޢަމަލީ ގޮތުން ކަންތައްތަކެއް ކުރުމަށް އެއްބަސްވެފައިވެއެވެ. ދިމާވި އިދާރީ ސަބަބަކާހުރެ ފެމިލީ ކޯޓަށް މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭގޮތް ނުވިޔަސް، އެކޯޓުންވެސް މިމަސައްކަތަށް ފުރިހަމައަށް އެއްބާރުލުން ދެއްވައެވެ.

 

ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރެއް ހޯދުމަށް އެދި ހުށަހަޅާއިރު، ފެމިލީ ކޯޓުން އެމައްސަލައެއް ބަލައިގަތުމަށް 25 ރުފިޔާގެ ފީއެއް ދައްކަންޖެހޭ މައްސަލައެއް، މިދެންނެވި ބައްދަލުވުމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއިން ހުށަހެޅުއްވިއެވެ. އެ ފީ ދައްކާންޖެހެނީވެސް ބަނޑޭރި ޕޯޓަލް މެދުވެރިކޮށްކަމަށްވާތީ، އެކަމަށް އިންޓަރނެޓާއި އެނޫންވެސް ވަޞީލަތްތައް ބޭނުންވެއެވެ. ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރެއް ހޯދުމަށް އެދި ހުށަހަޅާ މީހާ، ޢާންމުކޮށް ހުންނާނެ ނިކަމެތި ޙާލަތަށް ވިސްނައި، މި 25 ރުފިޔާ ނުދައްކާގޮތަށް ބަދަލުކުރުމުގެ މުހިންމުކަމެއްކަމަށް ހުރިހާ އިދާރާތަކަށްވެސް ފެނުނެވެ. މިކަމާ ފެމިލީ ކޯޓަށް ހިނގުމާ ޙަވާލުވީ އަޅުގަނޑާއެވެ.

 

މިކަމާބެހޭގޮތުން އަޅުގަނޑު ފެމިލީ ކޯޓާ ވާހަކަ ދެއްކިއިރު، އެކަން އޮތީ މާ ރަނގަޅެވެ. 25 ރުފިޔާގެ މައްސަލަ ކޯޓުގެ ސަމާލުކަމަށް އައިސްގެން، ފަނޑިޔާރުންގެ މަޖިލީހުން އެ 25 ރުފިޔާ ކަނޑާލަން ނިންމަވާފައިވާ ކަމަށާއި، ދެން އޮތީ ތަންފީޒުުކުރުންކަމަށް ވިދާޅުވިއެވެ. މިދިޔަ ބުރާސްފަތި ދުވަހު އެކޯޓުން ޢާންމު ކުރެއްވި ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދި ހުށަހަޅާ ފޯމުގައި 25 ރުފިޔާ ދެއްކުމުގެ ވާހަކައެއް ނެތެވެ. މީގެ އިތުރުން، ކުރިން 14 ޞަފްޙާއަށް އޮތް ފޯމު، މިހާރު އޮތީ ފަސޭހަކޮށްދީ، 6 ޞަފްޙާއަށް މަދުކޮށްފައެވެ. މިކަމަށްޓަކައި، ފެމިލީ ކޯޓުގެ ފަނޑިޔާރުންނަށާއި ރަޖިސްޓްރާރއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

 

އެފޯމުގެ އެންމެ ޚާއްޞަ ކަމެއްކަމަށް އަޅުގަނޑަށް ފެނުނީ، އެފޯމާއެކު ހުށަހަޅަންޖެހޭ ލިޔުމެއް ހުށަހެޅެން ނެތް ޙާލަތެއް އޮތްނަމަ، އެކަމެއް ކޯޓުގެ ސަމާލުކަމަށް ގެނައުމަށް އެދިވަޑައިގެންފައި އޮތް ތަނެވެ. މީގެ ކުރީގައި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުމެއް ނެތްނަމަ، ފޯމު ބަލައެއް ނުގަންނާނެއެވެ. ނަމަވެސް، ގެވެށި އަނިޔާގެ ރައްކާތެރިކަމަށް އެދޭ މީހާ ހުންނާނެ ޙާލަތަށް ރިޢާޔަތްކުރާއިރު، ބައެއްފަހަރު ހުރިހާ ލިޔުންތައް އޭނާގެ އަތުގައި ނެތިދާނެއެވެ. އެހެންކަމުން، މިއީ ޤާނޫނުގައި ތަޞައްވަރުކުރާ ގޮތަށް، އަނިޔާލިބޭ މީހާއަށް ފަސޭހަ ނިޒާމެއް ޤާއިމުކުރެއްވުމަށް ފެމިލީ ކޯޓުން އެޅުއްވި މުހިންމު ފިޔަވަޅެކެވެ. ފެމިލީ ކޯޓުގެ ވެބްސައިޓުގައި އޮތް، ގެވެށި އަނިޔާއާގުޅޭ ސުވާލާއި ޖަވާބު ބައިގައި މިއިޞްލާޙު އަދި ނެތަސް، އެކަންވެސް ދާދިއަވަހަށް އިޞްލާޙުވާނެކަމަށް އަޅުގަނޑު ދެކެމެވެ.

 

ދެން އޮތީ، އެ ފޯމު ފުރުން އިތުރަށް ފަސޭހަކޮށްދިނުމެވެ. ޕީޖީ އޮފީހަކީ، ޚިދުމަތްދިނުމުގައި ޓެކްނޮލޮޖީގެ ދާއިރާގައި އިންވެސްޓްކޮށްގެން އޭގެ ނަފާ ހޯދޭތޯ މަސައްކަތްކުރާ އޮފީހެކެވެ. ވީމާ، އަނިޔާލިބޭ މީހާއަށް އިތުރަށް ފަސޭހަކޮށްދިނުމަށްޓަކައި، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލްގެ ތެރެއިން ފުރޭނޭ ގޮތް ދާދި އަވަހަށް ހަމަޖައްސާނަމެވެ. އެ ޚިދުމަތަށް ވަދެވޭނީ އީފާސް މެދުވެރިކޮށް ކަމަށްވާތީ، ފޯމުގައި ފުރަންޖެހޭ ގިނަ ބައިތައް ހުންނާނީ އޮޓޮމެޓިކުން ފުރާފައެވެ. ދެން ހުންނާނީ ލިޔާންޖެހޭ މަދު ބައިތަކެކެވެ. އަނިޔާލިބޭ މީހާ، ރައްކާތެރި ތަނަކަށް ދެވުމުން، އޮންލައިން ފޯމު ފުރާލުމަށްފަހު، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލްގެ ތެރެއިން ފޮނުވާލުމުން، އޭނާ އެދޭ ކޯޓެއްގެ އީމެއިލަކަށް އަޅުގަނޑުމެން އެ ފޯމު ފޮނުވައި ދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނަމެވެ. އޭރުން، އަނިޔާލިބޭމީހާ އެ ފޯމު ހިފައިގެން ކޯޓު ދޮށަށް ހިނގަންޖެހުން އެއްކޮށް ނިމުމަކަށް އަންނާނެއެވެ. އަމުރު ހޯދުމަށް އެދުމުގެ ކަންކަން އިންތިހާއަށް ފަސޭހަކޮށްދެވޭނެއެވެ.

 

އަޅުގަނޑުމެން މިކުރާ މަސައްކަތުން، އަނިޔާލިބޭ ހަމަ އެންމެ އިންސާނަކަށްވެސް ފަސޭހަތަކެއް ލިބި، ޤާނޫނުގެ ރައްކާތެރިކަން ލިބިއްޖެނަމަ، މިކުރާ މަސައްކަތުގެ އަގު ލިބުނީކަމަށް އަޅުގަނޑު ދެކެމެވެ.


___

ހިނިތުންވުމާއެކު ފޮޓޯއަށް އެތުރިވަޑައިގެން އެތިއްބެވީ، ޕްރޮސިކިއުޝަން މަސައްކަތުގެ ތެރެއިން ތަމްރީންވެގެން ޝަރުޢީ ދާއިރާއާ ގުޅިވަޑައިގަންނަވަމުންދާ ބޭފުޅުންގެ ތެރެއިން، ޖުޑީޝަރީގެ އިފްތިތާޙީ ޖަލްސާގައި 18 ޖަނަވަރީ 2024 ދުވަހުގެރޭ އޮތް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުންނެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author