8/10/2026

ވަކީލުންގެ ފުޓުސަލް މުބާރާތް، ބަންޑާރަ ކަޕް 5

ބަންޑާރަ ނައިބު އޮފީހުގެ މުވައްޒަފުންގެ ކުލަބުން އިންތިޒާމުކުރާ، ޤާނޫނީ ވަކީލުންގެ ފުޓުސަލް މުބާރާތް ބަންޑާރަ ކަޕްގެ 5 ވަނަ މުބާރާތް، މިއަދު އެބަ ފަށައެވެ. މިއީ، އެތައް ގޮތަކުން ފާހަގަކުރެވޭ މުހިންމު މުބާރާތެކެވެ. އޮފީހުގެ މަސައްކަތުގައި ބުރަކޮށް އުޅުއްވަމުން، އެހާ ފުރިހަމަކޮށް ކުޅިވަރު މުބާރާތެއް އިންތިޒާމުކޮށް ހިންގުމަކީ އާދައިގެ ކަމެއް ނޫނެވެ. އެކަކަށް، ދެމީހަކަށް އެކަނި ނުކުރެވޭނެ، ވަރުގަދަ ލީޑަރޝިޕަކާއި، ވަފާތެރި ޓީމެއް އޮވެގެން މެނުވީ ނުވާނެކަމެކެވެ. އެއްބައިވަންތަކަމާއި އެކުވެރިކަން ނެތި ނުވާނެ ކަހަލަ ކަންކަމެވެ. އެކަމަށްޓަކައި، މުބާރާތް އިންތިޒާމުކުރާ ޓީމަށް އައްސަރިބަހާއި ސާބަސް ރައްދުކުރަމެވެ. ކާމިޔާބު މުބާރާތަކަށް އެދެމެވެ.

 

މި ބްލޮގުގެ ތާރީޚުގައިވެސް މިއީ މުހިންމު މުބާރާތަކެވެ. މުބާރާތާ ގުޅިގެން ކޮންމެ އަހަރަކުވެސް އަޅުގަނޑުގެ ޝުޢޫރާއި ކޮމެންޓެއް ލިޔެވޭތޯ އެބަ ބަލަމެވެ. މީގެ ކުރީގެ ލިޔުމެއްގައި، މުބާރާތުގެ ވެބްސައިޓެއް އޮތުމަކީ ރަނގަޅުކަމަކަށް ވެދާނެކަމަށް ލިޔުނީމެވެ. މިއަދު، އެ ވެބްސައިޓު އެބައޮތެވެ. ޚަބަރުތަކާއި ޓީމު ލިސްޓުތަކާއި މެޗުތަކުގެ ތާވަލުތައްވެސް އެއިން އެބަ ފެނެއެވެ. ސްޓެޓިސްޓިކްސްއާއި ފޮޓޯތައްވެސް ފެނެއެވެ. ވަރަށް ފުރިހަމައެވެ.

 

ވެބްސައިޓު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ދެކަމެއް ކުރެވިދާނެކަމަށް ފެނެއެވެ. ފުރަތަމަ ކަމަކީ، ވޭތުވެދިޔަ މުބާރާތްތައް ކާމިޔާބުކުރި ޓީމުތަކާއި ކުޅުންތެރިންގެ ފޮޓޯއާއި މަޢުލޫމާތު ހިމެނުމެވެ. މިހާރު އެ މަޢުލޫމާތު ލިބޭނެ ތަނެއް ނެތެވެ. މުބާރާތުގެ ތާރީޚެއް ރައްކާކުރެވިފައި އޮތުމަކީ ބޭނުންތެރިކަމެކެވެ.

 

ދެވަނަ ކަމަކީ، މުބާރާތުގެ ޚަބަރާއި ފޮޓޯއާއި މަޢުލޫމާތު ހިމަނަން ވެބްސައިޓުގައި ބައިވެރިވާ ކުލަބުތަކަށް ޖާގައެއް ދިނުމެވެ. އޭރުން އެކުލަބަކުން ބޭނުންވާ މެސެޖެއް ލިޔެ، ފެންނަން އޮންނާނެއެވެ. ވެބްސައިޓުގެ އާކައިވުގައި އެ މަޢުލޫމާތު ރައްކާކުރެވި، މުބާރާތާބެހޭ ގޮތުން ފާޅުކުރެވުނު ޝުޢޫރުތައްވެސް ފަހުން ބަލާ ބަޔަކަށް ފެނި، މުބާރާތުގެ ފޯރި އިތުރަށް ގަދަވެގެންދާނެއެވެ. ބައެއް ފީޗަރ އާޓިކަލްތައް ލިޔާން ޝައުޤުހުރި ފަރާތްތަކަށް އެ ފުރުޞަތުވެސް އޮންނަންވީއެވެ.

 

މުބާރާތުގެ ވެބްސައިޓު ބަލައިލިއިރު، މުބާރާތުގެ އެންމެ ކާމިޔާބު ކުލަބު، އަދި ބަންޑާރަ ނައިބު އޮފީހުގެ އެއްބަނޑު އެއްބަފާ އަޚް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކުލަބުގެ އެއްވެސް ހިލަމެއް ނެތެވެ. މި ދެ އޮފީހަކީ އުފެދުމުގައިވެސް އެއްބަޔެކެވެ. ވަކިވާންޖެހޭ ސަބަބެއް އޮވެގެން ނުވާނެ ފަދަ ބައެކެވެ. ޚިޔާލު ތަފާތުވުމަކީ އަބަދުވެސް މިދެއޮފީހުގެ މެދުގައި ޒަމާނުއްސުރެ އޮތް، ކުރިއަށް އޮތް ތަނުގައިވެސް އޮންނާނެކަމެކެވެ. ދެބަސްވެ، ޚިޔާލުތަފާތުވާނެ ގޮތާބެހޭ ބައެއް ހަމަތަކާއި އުޞޫލުތައް މީގެ ކުރިން އަޅުގަނޑު ލިޔެފައިވާނެއެވެ.

 

ބަންޑާރަ ކަޕާ ގުޅިގެންވެސް މީގެ ކުރިންވެސް ޚިޔާލު ތަފާތުވަމުން ދިޔައެވެ. އެކަން ދިޔައީ، ތަފާތު އެކި މަރްޙަލާ ތަކުގައި މަޝްވަރާ ކުރެވި، މެދުމިނާއި ދުރުރާސްތާ ޙައްލުތައް ހޯދައި، އެންމެން އެއްގަލަކަށް އަރުވަމުންނެވެ. އެއްގަލަކަށް އަރުވަން ތަފާތު އެކި ކަހަލަ ނުފޫޒުތައް ބޭނުންކުރެވެމުން ދިޔައެވެ. މިހުރިހާ ކަމެއް ވީއިރު، މަޝްވަރާގެ މޭޒުން ބޭރުގައި ދެބަސްވުމުގެ ވާހަކައެއް ނުދެކެވެއެވެ. ބޯއިކޮޓެއްވެސް ނުކުރެއެވެ. ބޯއިކޮޓު ކޮށްގެންވެސް ނުވާނެއެވެ.

 

އަޅުގަނޑު ޕީޖީ އޮފީހުގައި އުޅުނު އެންމެ ފަހު އަހަރު، ދެބަސްވުން އުފެދުނީ އޮފީހުން ބޭރު ކުޅުންތެރިން ޕީޖީ އޮފީހުގެ ލިސްޓުގައި ޖަހަން ޕީޖީ އޮފީހުން ބޭނުންވެ، އެކަމަށް ބަންޑާރަ ކަޕުގެ ކޮމިޓީން ހުއްދަ ނުދީގެންނެވެ. އަޅުގަނޑު ބެލިއިރު، ހުއްދަ ނުދިނީ ހަމަ ނުދޭންވެގެންނެވެ. ގަވާއިދު އޮތް ގޮތުންނާއި މުބާރާތުގެ މަޤްޞަދާއި ރޫޙު ނިޔާކުރާ ގޮތުން ހުއްދަ ދެވެން ނެތީއެވެ. އެކަމަށް އެއްބަސްވެ، އެފަހަރު ޕީޖީ އޮފީހުން ނެރުނީ "ޓްރޫ ބްލަޑް" ޓީމެކެވެ. އެހެން ޓީމުތަކާ ޚިލާފަށް، ރަށްރަށުގައި ތިބި "ދުރުތާ ތިމާގެ" މުއައްސަސާތަކަށް ނިސްބަތްވާ ކުޅުންތެރިންގެ ބަދަލުގައި، ކޮންމެ ދުވަހަކު އެއްކޮށް މަސައްކަތްކުރާ، އެކީގައި އުޅޭ މީހުންގެ ޓީމެކެވެ. އެފަހަރު އެ ޓީމާއެކު ފައިނަލަށް ގޮސް، ފައިނަލުން ބަލިވީއެވެ.

ޖެހިގެން އައި އަހަރު އަޅުގަނޑެއް ނެތީމެވެ. ޕީޖީ އޮފީހުންވެސް "އިންޓަރނުން" ލައިގެން ޓީމު ވަރުގަދަކުރިއެވެ. ވަރުގަދަ ޓީމަށް، ޓްރޫ ބްލަޑް ޓީމު ނެރުނު ނަތީޖާއެއްވެސް ނުނެރެވުނެވެ. ފައިނަލާ ހަމައަކަށްވެސް ނުދެވުނެވެ.

 

ކުޅިވަރަކީ ކުޅިވަރެއް ނޫނެވެ. ކުޅިވަރު ކުޅިވަރަކަށް ހަދަނީ ކުޅިވަރު ނޭނގޭ މީހުންނެވެ. ކުޅިވަރުން ދުނިޔަވީ އެތައް ކަމެއް ދަސްކޮށްދެއެވެ. ގަވާއިދަށް ކަމޭ ހިތުމާއި، ހަމަ ކޮންމެ ގޮތެއް ހަދައިގެން މޮޅުވުމަކީ މޮޅުވުން ނޫންކަމާއި، ކެތްތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ޓީމެއް ބިނާކުރުމަކީވެސް އޭގެ ޒާތުގައި ހުނަރަކާއި އާޓެއް ހިމެނޭ ކަމެއްކަން ކުޅިވަރުން ދަސްކޮށްދެއެވެ. މިދިޔަ އަހަރުގެ ފަހުން މިހާރު ޕީޖީ އޮފީހުގެ މުވައްޒަފުންގެ މުސާރަވެސް އެތައް ގުނައަކުން ބޮޑުވެއްޖެއެވެ. ނަމަވެސް، ޕީޖީ އޮފީހުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، ހުރިހާ ބަންޑާރަ ކަޕެއްގައި ޓީމަށް ކުޅުނު މަސްޢޫދު ޝަބީނާއި، ޕީޖީ އޮފީހުގެ ކުލަބުގެ ކުރީގެ ރައީސް، ރައީސް ޒިޔާދުއާއި އެތައް އެތައް ކުޅުންތެރިންނެއްގެ ނަން، ކްރިމިނަލް ކޯޓުގެ ޓީމުގައި އޮތީތީ މިއަހަރު އެބަ ފެނެއެވެ. ވީމާ، ކުޅުންތެރިން (އާއި މުވައްޒަފުން) އެއްތަނެއްގައި ހިފެހެއްޓުމަކީ ހަމައެކަނި މުސާރައާ ގުޅިފައި އޮތް ކަމެކޭ ބުނެވޭކަށްވެސް ނެތެވެ.

 

ދުނިޔޭގެ ބޮޑެތި ކުލަބުތައްވެސް ތަފާތު މަރްޙަލާތައް ކަނޑައްތުކުރެއެވެ. އެއީ ކުޅިވަރުގެ އާދައެވެ. މެންޗެސްޓަރ ޔުނައިޓެޑަކީ އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ކާމިޔާބު ކުލަބެވެ. އެކުލަބުން 13 ފަހަރު ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވެއެވެ. އެއާ ގާތްކުރާ ޓީމެއްވެސް އެ ވިލާތަކު ނެތެވެ. ނަމަވެސް، އެންމެ ފަހުން އެޓީމަށް ތައްޓެއް ލިބުނީ މީގެ 14 އަހަރު ކުރިން، 2012/2013 ވަނަ އަހަރުއެވެ. ކުރާ ޚަރަދާއި މަސައްކަތެއް މަދެއް ނޫނެވެ. އާސެނަލަށް މިދިޔަ ސީޒަނުގައި ޕްރިމިއަރ ލީގު ލިބުނީ 22 އަހަރު ފަހުންނެވެ. އެއްވެސް ކަމެއްގައި ކާމިޔާބެއް ހޯދޭނީ ކެތްތެރިކަމާއި، އެކަމެއް ކުރަން އޮންނަ ހަމަތަކާ އެއްގޮތަށް، ތަކުރާރުކޮށް، ގިނަ ދުވަސްތަކެއް ވާންދެން އެކަމެއްގައި ސާބިތުވެ ހުރެގެންނެވެ. ހަމަ އެގޮތަށް، ފުޓުބޯޅައިގައި ކުލަބެއް ބިނާކުރުމަކީ ކެތްތެރިކަން ބޭނުންވާ ކަމެކެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ޑިވިޒަނުގެ ބައެއް ކުލަބުތައް ހިންގާ ގޮތަށް ހިންގީމާ ގޮވާނީ އަތަށެވެ.


އެސް.އެންޑް.އޭ ލޯ ފަރމުން ނެރޭ ޓީމް94 އަށް މިއަހަރު އަޅުގަނޑު އެބަ ކުޅެމެވެ. ޓީމުގެ ތަމްރީނުތައް އޮތީ، ކޮވިޑު މަރްޙަލާގައި އޮތް ގޮތަށް، އޮންލައިންކޮށެވެ. މެޗުތަކަށް ޓީމު ހަމަވުންވެސް ވާނީ އޭގެ ޒާތުގައި ކާމިޔާބަކަށެވެ. ނަމަވެސް، މިކުލަބުން އަމާޒު ހިފާފައި ހުރީ ސީދާ ތަށި ނަގާށެވެ.

 

އަޅުގަނޑު އެދެނީ މުބާރާތުގެ ބައިވެރިވާ ހުރިހާ ކުލަބުތަކަށްވެސް ކާމިޔާބެވެ. މުބާރާތުން ކުޅިވަރާއި ޙަޔާތަށްވެސް ފިލާވަޅުތައް ލިބިގަތުމެވެ. އެއްބައިވަންތަކަމާއި އަޚުވަންތަކަން އާލާވުމެވެ. ރައްޔިތުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރަން އެންމެން އެއްކޮށް މަސައްކަތްކުރެވޭނެ މާޙައުލެއް އުފެދުމެވެ. މުބާރާތުގެ މެޗުތައް ގަޑިއަށް ފަށާތީ، އެކަމުން ޢިބުރަތް ލިބިގަނެ، ކޯޓުތަކުގެ ޝަރީޢަތްތައްވެސް ގަޑިއަށް ފެށުމެވެ. ބަންޑާރަ ކަޕުގެ ކޮމިޓީއަށް ފޮނުވާ އީމެއިލަކަށް ޖަވާބު ނުލިބިގެން އުފެދޭ ނުތަނަވަސްކަން، ޢާންމު ރައްޔިތު މީހާ ކޯޓަށް ފޮނުވާ ސިޓީއަށް ޖަވާބު ނުލިބިގެންވެސް އުފެދޭނެކަން ދަނެގެން، މަސައްކަތް އިތުރަށް ހަލުއިވުމެވެ. ކުޅިވަރަކީ މިހުރިހާ ކަމެއް ދަސްކޮށްދޭ، ބާރުގަދަ އިޖުތިމާޢީ ވަޞީލަތެކެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author