2/24/2024

ބަންޑާރަ ކަޕް 2024 – މިއަހަރުވެސް އަންސަރު (ގެ ޖޭއެސްސީ) އަތުން ބަލި

ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި، ބަންޑާރަ ނައިބު އޮފީހުގެ ބަންޑާރަ ކްލަބުން އިސްނަގައިގެން ބާއްވާ ފުޓްސަލް މުބާރާތުގެ ތިންވަނަ މުބާރާތުގެ ފައިނަލް މިރޭ އޮންނާނެއެވެ. މިއަދުގެ ފައިނަލުގައި ބައްދަލުކުރާގޮތަށް އޮތީ، ޑްރަގްކޯޓާއި ޖުޑީޝަލް ސަރވިސް ކޮމިޝަނު އެއްކޮށްލައިގެން އޮތް ޓީމަކާއި ކްރިމިނަލް ކޯޓުގެ ޓީމެވެ. ބަންޑާރަ ނައިބުގެ އޮފީހަކީ އަޅުގަނޑު އެންމެ ފުރަތަމަ ވަޒީފާ އަދާކުރި އޮފީސްކަމަށްވާތީ، އެއޮފީހާއި އެ އޮފީހުގެ މުވައްޒަފުންނާމެދު އަޅުގަނޑުގެ ހިތުގައި އަބަދުވެސް ޚާއްޞަ ލޯތްބެއް އޮވެއެވެ. މިމުބާރާތަކީ އަޅުގަނޑު ނިސްބަތްވާ ބަޔަކު އިންތިޒާމުކުރާ މުބާރާތެއްކަމަށް އަޅުގަނޑަށް އަބަދުވެސް އިހްސާސްކުރެވެއެވެ. މިލިޔުމަކީ، މުބާރާތުގައި ދިމާވި ކަންކަން، ތާރީޚަށްޓަކައި ލިޔެފައި ބޭއްވުމުގެ ޝައުޤު ހުރީތީ ލިޔުނު ލިޔުމެކެވެ.


މުބާރާތުގެ އިންތިޒާމުތައް

މުބާރާތުގެ އިންތިޒާމުތައް އެހެން އަހަރުތަކަށްވުރެ މިއަހަރު ރަނގަޅެވެ. ފެށުމުގެ ރަސްމިއްޔާތު ފެށުން ކުޑަ ތަންކޮޅެއް ލަސްވިޔަސް، މެޗުތައް ގަޑިއަށް ފެށިއެވެ. މުބާރާތުގެ ކޮމިޓީގެ ނިންމުންތައް ހަރުދަނާވެފައި ސާފެވެ. ވާރޭވެހުނު ދުވަހުވެސް ހަދަންވީގޮތް ދިޔައީ މުވާޞަލާތުކުރަމުންނެވެ. އިންތިޒާމުތައް ހަމަ ސަތޭކައެވެ. އޮފީހުގެ މަސައްކަތްތައް ކުރައްވަމުން، ކޯޓަށް ވަޑައިގަންނަވަމުން، ހަފްތާ14 ތަންފީޒުކުރައްވަމުން، އޭޖީ އޮފީހުގެ މުވައްޒަފުން މިމުބާރާތް އިންތިޒާމުކުރެއްވިލެއް ފުރިހަމަކަމުން، އެބޭފުޅުންނަށް އަޅުގަނޑުގެ ހިތުގައި އޮތީ ނިކަން ބޮޑު އިޙްތިރާމަކާއި ލޯތްބެކެވެ. ހިފެހެއްޓުމެއްނެތް ޝުކުރެވެ.

 

ކުރިއަށް އޮތްތަނުގައި ރަނގަޅުކުރެވިދާނެ ބައެއް ކަންކަން – މުބާރާތުގެ ވެބްސައިޓެއް އޮތުން

މުބާރާތާބެހޭ މަޢުލޫމާތު ފޯރުކޮށްދޭ، އާދައިގެ ވަރެއްގެ ވެބްސައިޓެއް އޮތުމަކީ ބޭނުންތެރިކަމެއްކަމަށް އަޅުގަނޑަށް ފެނެއެވެ. މުބާރާތުގެ މަޢުލޫމާތުތައް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހުރެއެވެ. ނަމަވެސް، އެއިން ޕްލެޓްފޯމެއް ބޭނުންނުކުރާ މީހަކަށް، މުބާރާތާބެހޭ ހަރުދަނާ މަޢުލޫމާތު ލިބޭނޭ ގޮތެއް އޮތުމަކީ މުހިންމުކަމެކެވެ. ޕީޖީ އޮފީސް ކަހަލަ، ޓެކްނޮލޮޖީގެ ދާއިރާގައި އެހީތެރިކަން ފޯރުކޮށްދެވިދާނެ ތަނަކުން، އެކަހަލަ ކުޑަ ވެބްސައިޓެއް، ހިލޭސާބަހަށް ހައްދަވައި ދެއްވާފާނެކަމަށް އަޅުގަނޑަށް ފެނެއެވެ. މީގެ ނަމޫނާއަކީ ކްލަބް މޯލްޑިވްސްގެ ވެބްސައިޓެވެ.


ހައިކޯޓާއި ޖޭއެސްސީ ނުލައި މުބާރާތުގެ ފޯރި ނެތުން

މިދިޔަ އަހަރުތަކުގައި މުބާރާތުގެ ރޫޙު ކަމުގައި ބެލެވިފައި އޮތީ ހައިކޯޓާއި ޖޭއެސްސީގެ ޓީމެވެ. މުބާރާތުގެ ގަވާއިދަށް ގެނައި ބަދަލަކާ މެދު ހިތްހަމަނުޖެހިގެން ޖޭއެސްސީ ބައިވެރިނުވެވުނުކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބުނެވެ. މުބާރާތުގެ ބައެއް އިންތިޒާމުތަކާމެދު ހިތްހަމަނުޖެހިގެން ހައިކޯޓުން ބައިވެރިނުވެވުނީކަމަށްވެއެވެ. އަޅުގަނޑަށް ފެންނަނީ، މިކަހަލަ އެކުވެރިކަން އާލާކުރާ މުބާރާތެއްގައި، ޓީމުތަކުގެ މެދުގައި އެއްބަސްވުމަކަށް ނާދެވޭ ހިސާބުން، ޞުލްޙައިގެ ވާހަކަތަކެއް ބާއްވައިގެން، އެންމެންނަށް އެއްބަސްވެވޭ (އެޙައްލުތަކަކީ އަދި މުޅިން ތުނޑުން ތުނޑަށް 'އިންޞާފު' ކަމަށް ޤަބޫލުނުކުރެވޭ ގޮތެއްކަމަށް ވިޔަސް) ޙައްލުތަކެއް ހޯދައިގެން، ހުރިހާ އިދާރާއެއް ބައިވެރިކުރެވޭތޯ އިންތިޒާމުކުރާ ކޮމިޓީންވެސް އަދި އިދާރާތަކުގެ އިސްވެރިންގެ ނިސްބަތުންވެސް މަސައްކަތްކުރުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށެވެ. ޚިޔާލުތަފާތުވާ ބައެއްގެ ޚިޔާލު އެއްގޮތްކޮށްގެންވިޔަސް، މުބާރާތުގައި ކޮންމެވެސް ސިފައެއްގައި ބައިވެރިވުމަކީ މުހިންމު ކަމެކެވެ. ޕީޖީ އޮފީހުގެ ކޮންމެވެސްކަހަލަ ބައިވެރިވުމެއް ނެތް ގޮތަކަށް ބަންޑާރަކަޕް ބޭއްވުމަކީ، އަޅުގަނޑު ޕީޖީކަމުގެ މަޤާމުގައި ހުރެގެން ރުހެވޭނެ ކަމެއް ނޫނެވެ.

ޖޭއެސްސީއިން ކުރީގެ ފޯރީގައި ބައިވެރިނުވެވުނަސް، ޖޭއެސްސީގެ ޓީމު މިހާރު އޮތީ ފައިނަލުގައެވެ. ތަށި ހޯދުމުގެ ފުރުޞަތުވެސް ކުޑައެއް ނޫނެވެ. ޓީމުވެސް މޮޅެވެ. އަޅުގަނޑު އުއްމީދުކުރަނީ، އަންނަ އަހަރު، ޖޭއެސްސީގެ ކުރީގެ ފޯރިއާއެކު މުބާރާތުގައި ބައިވެރިވާނެކަމަށެވެ. ހައިކޯޓުވެހެވެ.


ޕީޖީ އޮފީހުގެ ޓީމު – ސާބިތުކަމާއެކު ބައިވެރިވެ، އިރާދަކުރެއްވިއްޔާ ފެއަރ ޕްލޭ އިނާމު ޙާޞިލުކުރާނެ

މުބާރާތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފިރިހެން ޓީމަކާއި އަންހެން ޓީމެއްވެސް މިއަހަރު ބައިވެރިވިއެވެ. ފިރިހެން ޓީމު ކެޓީ ކުއަރޓަރފައިނަލުންނެވެ. އަންހެންޓީމު ކާމިޔާބު ކަމާއެކު ސެމީ ފައިނަލާ ހަމައަށް ދަތުރުކުރިއެވެ. ސެމީ ފައިނަލުން ކެޓީ ޕެނަލްޓީ ޖަހައިގެންނެވެ. ހިތްވަރުގަދަ ކުޅުމެއް ކުޅެ، ގްރޫޕް ސްޓޭޖުގައި މުބާރާތުގެ އެންމެ ވަރުގަދަ އަންހެން ޓީމު، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޓީމު، ކުޅުމުގެ ތެރެއިން ބަލިކުރިއެވެ. އެއްވެސް މެޗަކުން ބަލިނުވެ ސެމީއާ ހަމައަށް ދަތުރުކުރިއެވެ. މިދިޔަ އަހަރުގެ 'އިންވިޒިބަލް ޓީމު' މިއަހަރު ވިޒިބަލްވެއްޖެއެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން، ފެއަރޕްލޭ އިނާމު ލިބޭނެކަމުގެ އުއްމީދު މިދެޓީމަށްވެސް އެބައޮތެވެ. އެއްވެސް މެޗަކަށް ގަޑިއެއް ނުޖެހެއެވެ. ކުޅިވަރުގެ ރޫޙާ ޚިލާފު އެއްވެސްކަމެއް ނުކުރެއެވެ. އެކުވެރިކަމާއެކު އިދިކޮޅު ޓީމަށް އިޙްތިރާމްކުރިއެވެ.


ބައެއް އިދާރީ ކުދިކުދި ކަންތަކާހުރެ މުބާރާތުގެ އިންތިޒާމް ކޮމިޓީއާ ޕީޖީ އޮފީހުގެ ކުލަބާ މައްސަލަތަކެއްވެސް ޖެހުނެވެ. ނަމަވެސް، ކޮމިޓީގެ ނިންމުމަށް ފުރިހަމައަށް އިޙްތިރާމްކޮށް، ޒުވާންކަމުގެ ޖޯޝާއެކު އުފެދުނު ހިތްހަމަނުޖެހުންތައް އެއްކައިރިކޮށް، ކުޅިވަރުގެ ރޫޙާ އެއްކޮށް މުބާރާތުގައި ބައިވެރިވެ، ޕީޖީ އޮފީހުގެ ޓީމުގެ ފަރާތުން މުބާރާތުގެ އޯގަނައިޒިންގ ކޮމިޓީއަށް ފުރިހަމަ އެއްބާރުލުންދިން ތަން ފެނުމުން އަޅުގަނޑު ވަރަށް ފަޚުރުވެރިވިއެވެ. މުއައްސަސާއެއްގެ ގޮތުގައި، އަދި އިންސާނުންގެ ގޮތުގައި ފުރާ ފުރިހަމަވެ، ތަޞައްރަފު ފުދޭކަމުގެ ނިޝާންތައް ފެނުމުންނެވެ. ދެބަސްވެ، ދެބަސްވުން ޙައްލުކޮށް ގުޅިގެން މަސައްކަތްކުރީތީއެވެ.


މުބާރާތުގައި ޕީޖީ އޮފީހަށް މިއަހަރުވެސް ދިމާވީ ބަދުނަސީބެވެ. ތައްޓަކާ ހަމައަކަށް ނުދެވުނެވެ. ފުޓުބޯޅައިގައި އަޅުގަނޑު އުޅެބޮޑުވީ ވެލެންސިޔާގައެވެ. ކްލަބް ވެލެންސިޔާވެސް 1978 އިން ފެށިގެން މަތީ ފެންވަރުގައި ފުޓުބޯޅަކުޅުނެވެ. ނަމަވެސް، ވެލެންސިޔާއަށް ޤައުމީ ފުޓުބޯޅަ މުބާރާތް ކާމިޔާބުކުރެވުނީ 12 އޮކްޓޯބަރ 1993 ދުވަހުއެވެ. އެދުވަހު، އަޅުގަނޑުގެ ޢުމުރުން 13 އަހަރުގައިވެސް ދަނޑުގައި ހުރީމެވެ. މަޝްހޫރު ނޫސްވެރިޔާ މޫސާ ލަޠީފް، އެމެޗުގެ ވާހަކަ ވަރަށް ފުރިހަމައަށް ރިޕޯޓު ކުރައްވާފައިވެއެވެ. އިރާދަކުރެއްވިއްޔާ، ޕީޖީ އޮފީހުން، ބަންޑާރަކަޕް ކާމިޔާބުކުރާ ދުވަހުވެސް އަޅުގަނޑު ދަނޑުގައި ހުރެވޭތޯ ބަލާނަމެވެ. 

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author