11/29/2021

ޚިޔާލުގެ ތަޅާފޮޅުން

ޚިޔާލު ތަފާތުވުމަކީ ޠަބީޢީ ކަމެއް

އިންސާނުން އުފެދި ބޮޑުވަނީ ތަފާތު އެކިއެކި ތަޖުރިބާތަކާއެކުއެވެ. އެތަޖުރިބާތައް، އެމީހެއްގެ ޚިޔާލާއި ވިސްނުން ބައްޓަންކުރެއެވެ. ތަޢުލީމެވެ. ޘަޤާފަތެވެ. ވާހަކަ ދައްކާ ބަހެވެ. އެއްކޮށް އުޅޭ މީހުންނެވެ. މީހެއްގެ ވިސްނުން ވަކި ގޮތަކަށް ބައްޓަންވަނީ ނުވަތަ ނުވަނީ އެތައް ކަމަކުން އަސަރު ކޮށްގެންނެވެ. ތިމާއާ ހުރިހާ ކަމެއްގައި އެއް ޚިޔާލެއް ހުންނަ މީހަކާ ބައްދަލުވުމަކީ މުސްތަޙީލު ކަމެކެވެ. ހަމަ އެގޮތަށް، ހުރިހާ ކަމެއްގައި ޚިޔާލު ތަފާތުވާނެ މީހަކާވެސް ދިމައެއް ނުވާނެއެވެ. ހަމަ ކޮންމެ މީހަކާވެސް ކޮންމެވެސް ކަމެއްގައި ޚިޔާލު އެއްގޮތްވެފައި، ކޮންމެވެސް ކަމެއްގައި ޚިޔާލު ތަފާތުވާނެއެވެ. މިއީ ފިޠުރަތުގެ އުޞޫލެވެ.

 

ޚިޔާލު ތަފާތުވުމާ ދެކޮޅަށް މަސައްކަތް ކުރުމަކީ ފިޠުރަތާ ޚިލާފު ވުމެވެ. އެކަމަކުން ކާމިޔާބެއް ނެތެވެ. ބުއްދިވެރި ގޮތަކީ، ހަމަ ރަނގަޅަށް ޚިޔާލު ތަފާތުވާނެ މާޙައުލެއް އުފައްދަންވީއެވެ. ޚިޔާލު ތަފާތުވުމުގެ ތެރެއިން، ކަންކަމަށް ޙައްލު ހޯދައިގެން، ބޮޑު މަންޒަރަށް، ބޮޑު އަމާޒަށް، ވާޞިލުވާނެ މަގެއް ހޯދަންވީއެވެ.

 

ތަފާތުވަނީ ޚިޔާލާއެވެ. މީހާއާއެއް ނޫނެވެ.

އަޅުގަނޑަށް ސިފަ ކުރެވެނީ، ޚިޔާލު ތަފާތުވާއިރު، ތަފާތުވަނީ އަޅުގަނޑުގެ ޚިޔާލާ އަނެއްމީހާގެ ޚިޔާލާއެވެ. އަޅުގަނޑާ އެމީހަކާ މައްސަލައެއް ނެތެވެ. އެ މަންޒަރު ކުރެހޭ ގޮތަކީ، އަޅުގަނޑުގެ ޚިޔާލު، އަޅުގަނޑުގެ ހަށިގަނޑުން ނުކުމެގެން ގޮސް، އެހެން މީހެއްގެ ޚިޔާލާ ތަޅާފޮޅަނީއެވެ. އަނެކާގެ ނަފްސާ ނުވަތަ ޒާތާ ތަޅާފޮޅަނީއެއް ނޫނެވެ. މޮޅުވުމާއި ނުވުން އެއީ އެހެން ކަމެކެވެ. ދެ ޚިޔާލު ބަހުސްކޮށް، ވާހަކަ ދައްކާ، ތަޅާފޮޅައިގެން، އެއްބަސްވެވޭ ކަންތައްތަކެއް ފެނޭތޯ ބަލަނީއެވެ. ބައެއް ފަހަރު ފެންނާނެއެވެ. އަނެއްބައި ފަހަރު ނުފެންނާނެއެވެ. މިއީ މިކަން އޮތް ގޮތެވެ. އޮންނާނެވެސް ގޮތެވެ. އެކަން ޤަބޫލުކުރަމެވެ.

 

އަޅުގަނޑަކީ، ކުރީގެ ސުޕްރީމް ކޯޓާ އިންތިހާއަށް ޚިޔާލުތަފާތުވި މީހެކެވެ. މިޚިޔާލު ތަފާތުވުމުގެ ތެރޭގައި، އަޅުގަނޑު ކާންބޯންކުރާ މަސައްކަތް (ޤާނޫނީ ވަކީލުކަން) އެތައް ފަހަރަކު ހުރަސް އެޅުނެވެ. ހަމަ ޚިޔާލު ތަފާތުވާއިރަށް، އޭތި މީތި ކިޔައިގެން ސަސްޕެންޑު ކުރައްވައެވެ. އެބޭފުޅުންނަށް އޭރު، އެބާރު އޮތީމައެވެ. ނަމަވެސް، އަޅުގަނޑު، އޭރަކުވެސް، މިހާރަކުވެސް، އެއިން ބޭފުޅެއްގެ ޒާތުފުޅަށް ހިތުގައި ހިތްބުރަކަމެއް ނެތެވެ. އެއިން ބޭފުޅަކަށް ރަނގަޅުގޮތެއް މެނުވީ ނޭދެމެވެ.

 

އަޅުގަނޑު ސަސްޕެންޑުކުރުމުގެ އެންމެ އިސްދައުރެއް އަދާކުރެއްވީ، އޭރުގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްފާޟިލް ޙަސަން ސަޢީދެވެ. އެއަށްފަހު އޭރުގެ ފަނޑިޔާރު ޢަލީ ޙަމީދެވެ. މިދެބޭފުޅުންނަކީ އަޅުގަނޑަށް އިންތިހާއަށް އަނިޔާވެރިވި ދެބޭފުޅުންނެވެ. 1 ފެބްރުވަރީ 2018 ގެ ކޯޓުއަމުރަކާ ގުޅިގެން މިދެބޭފުޅުން ހައްޔަރު ކުރެވިގެން މިދެބޭފުޅުންގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކޮށްދިނީމެވެ. ދަރުމައަށެވެ. އެމަސައްކަތް އަޅުގަނޑު ކޮށްދިނީ ހަމަ އެހެން މީހަކަށްވެސް އެ މަސައްކަތް ކޮށްދޭނެ ގޮތަށް ޕްރޮފެޝަނަލްކޮށް، އިޚްލާޞްތެރިކަމާއެކުއެވެ. އެބޭފުޅުންގެ ޚިޔާލާއި އަޅުގަނޑުގެ ޚިޔާލާ އޮތް ތަފާތު، މަސައްކަތުގެ ތެރެއަކަށް އަޅުގަނޑެއް ނުގެންނަމެވެ. (ޤާނޫނީ ވަކީލުންގެ ދައުރާ ބެހޭ ގޮތުން އަދި އެހެން މަޒުމޫނެއްގައި ލިޔާނަމެވެ.)

 

އިޙްތިރާމާއެކު ޚިޔާލު ތަފާތުވާނެ މާޙައުލެއް އުފެއްދުން

ޤާނޫނީ ދާއިރާއަކީ، އެދާއިރާގެ ގޮތުން ޚިޔާލުތަފާތުވުން ބޮޑު ދާއިރާއެކެވެ. އެއް މުއައްސަސާއެއްގެ ތެރޭގައިވެސް ޚިޔާލުތަފާތުވުން އޮންނާނެއެވެ. އިދާރާއެއްގެ ކާމިޔާބަކަށްވާނީ، ހަމަ ރަނގަޅަށް، ޢާޠިފީ ޝުޢޫރުތަކުގެ އެންމެ ފުންމިނަށް، ޚިޔާލުތަފާތުވެވޭނެ މާޙައުލެއްގެ ތެރެއިން، އިޙްތިރާމާއެކު ދެބަސްވެ، ގޮތް ނިންމައި، ނިންމާ ގޮތުގެ މައްޗަށް އެންމެންގެ އިތުބާރާއި ޔަޤީންކަން އޮންނަ ނިޒާމެއް އުފެއްދުމެވެ. އެއީ، އަޅުގަނޑަށް އޭޖީ އޮފީހުގައި ދަސްވި އެންމެ މުހިންމު ފިލާވަޅެވެ.

 

އޭޖީ އޮފީހުގައި އަޅުގަނޑު އެންމެ އުފަލާއެކު ޚިޔާލު ތަފާތުވާ ހިތްވަނީ އަލްއުސްތާޛު (ރޭނީސް) މުޙައްމަދު ސަލީމާ އެވެ. އަޅުގަނޑުމެން ދެމީހުން ޚިޔާލު ތަފާތުވުމުން ގޮތް ނިންމަވާނީ އަލްއުސްތާޛު ޢަބްދުﷲ ސަޢީދެވެ. މިހާދިސާތަކުން އަޅުގަނޑަށް ދަސްވީ، އަޅުގަނޑު ކިތަންމެ ހަގަސް، ރަނގަޅު ޤާނޫނީ ނުކުތާއެއްގައި ޚިޔާލު ތަފާތުވެ، އެވާހަކަ ދައްކައިފިނަމަ، އެވާހަކަ އަޑުއަހައި، ފިޔަވަޅު އަޅާނެ ސުޕަވައިޒަރުންގެ މުހިންމު ކަމެވެ.

 

މޮޅަށް ޚިޔާލު ތަފާތުވެ، އޭގެ ތެރޭގައި މަސައްކަތް ކުރާނެ ގޮތް އަޅުގަނޑަށް ދަސްކޮށްދެއްވީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ތެރޭގައި، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، އަލްއުސްތާޛު ޢަބްދުﷲ ސަޢީދާއި، ކުރީގެ ބަންޑާރަ ނައިބު ޑރ. ޙަސަން ސަޢީދެވެ. އޭގެ ފަހުން ޕީޖީ އޮފީހުގައި އަލްއުސްތާޛު އަޙްމަދު މުޢިއްޒެވެ. އެބޭފުޅުންނަށް އަޅުގަނޑުގެ ހިތުގައި ހިނގަނީ ހިފެހެއްޓުމެއްނެތް ޝުކުރާއި އިޙްތިރާމެވެ.

 

ޚިޔާލަކީ ވަގުތީ އެއްޗެއް. ބަދަލުވާ އެއްޗެއް. ބަދަލުނުވަނީ ޕްރިންސިޕަލް ނުވަތަ ޤަބޫލުކުރާ އުޞޫލުތައް

 

ޚިޔާލަކީ އަބަދުވެސް ބަދަލުވާ އެއްޗެކެވެ. އެހެންކަމުން، ޚިޔާލު ތަފާތުވުމަކީ އޭގެ ޒާތުގައި ވަގުތީ ކަމެކެވެ. އެއްވެސް މީހަކު، މީހަކާ ޚިޔާލު ތަފާތުވަނީ، އެއީ ވަކި މީހެއްގެ ޚިޔާލަކަށް ވީތީނަމަ، އެމީހަކު އަދި ތަޞައްރަފެއް ނުފުދެއެވެ. ޚިޔާލު ތަފާތުވުމުގެ ވަގުތީކަން ތާރީޚުންނާއި މިދުނިޔެއިން މިއޮތީ ފެންނާށެވެ.

 

އިސްލާމީ ތާރީޚަށް ބަލާއިރު، ޚިޔާލު ތަފާތުވުމަކީ އިސްލާމީ ފިޤުހު ބިނާވެފައި އޮތް އެންމެ މުހިންމު އަސާސެވެ. އިސްލާމީ ފިޤުހު ތަރައްޤީވެ ކުރިއަރައިފައިވަނީ ޚިޔާލުތަފާތުވުމުގެ މާޙައުލެއްގެ ތެރެއިންނެވެ. ޝާފިޢީ މަޒްހަބު އެޢިލްމުވެރިއަކަށް ނިސްބަތްވާ ޝާފިޢީގެފާނު، ޢިރާޤުގައި ހުންނެވިއިރު ދެއްވި ރައުޔުތަކާއި، މިޞްރުގައި ދެއްވި ރައުޔުތައް ތަފާތެވެ. އެކި ސަބަބުތަކާހުރެއެވެ. އެކި މަޛުހަބުތަކުގެ މެދުގައި ޚިޔާލު ތަފާތެވެ. މަޛުހަބު ތަކުގެ ތެރޭގައިވެސް ޚިޔާލު ތަފާތެވެ. އެކަމުން އިސްލާމް ދީނަށާއި އިސްލާމީ ފިޤުހަށް ލިބުނީ ކުރިއެރުމެވެ. މަޛުހަބީ ޚިޔާލު ތަފާތުވުންތަކާއެކުވެސް ބަދަލު ނުވަނީ މައިގަނޑު އުޞޫލުތަކެވެ. ޕްރިންސިޕަލް ތަކެވެ. އެއީ ބަދަލުވާނެ އެއްޗެއް ނޫނެވެ.

 

ތަފާތު އެކި އެކި ސަބަބުތަކާ ގުޅިގެން މީހުންގެ ޚިޔާލު ބަދަލުވެއެވެ. ތަޢުލީމާއި ތަޖުރިބާއާއި، ޙަޔާތުގައި މެދުވެރިވާ ހާދިސާތަކުންވެސް މީހުންގެ ޚިޔާލު ބަދަލުވެއެވެ. ދަރިން ލިބުން، މީހުންނާ އިނުން، އެދެވޭ ނުވަތަ ނޭދެވޭ ތަޖުރިބާއެއް ކުރެވުން، މިހެންގޮސް މީހެއްގެ ޙަޔާތުގައި ހިނގާ ހަމަ ކޮންމެ ޙާދިސާއަކުން، އެމީހެއްގެ ޚިޔާލަށް އަސަރުކުރެއެވެ. ވީމާ، ކުރިން ދެންނެވިހެން ޚިޔާލު ތަފާތުވުމަކީ އޭގެ ޠަބީޢަތުގައި ވަގުތީ ކަމެކެވެ. ޚިޔާލެއްގައި ތަޢައްޞުބުވެ ހުރުމަކީ ނާތަހުޒީބު ކަމެކެވެ.

 

ޚިޔާލު އެއްގޮތްވާ ކަންތަކާއި ތަފާތުވާ ކަންކަން ދެނެގަތުން

މުޖްތަމަޢެއްގައި ދިރިއުޅޭއިރު، ޚިޔާލުތަފާތުވާ މީހުންނާ އަބަދުމެ ދިމާވާނެއެވެ. އަޅުގަނޑުމެން ބަލަންވީ ޚިޔާލު ތަފާތުވާ ކަންކަމާއި ޚިޔާލު އެއްގޮތްވާ ކަންކަން ދެނަގަނެ، އެކަންކަމުގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމެވެ. މިސާލަކަށް، ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރާ އަޅުގަނޑާ ވަރަށް ގިނަ ކަންކަމުގައި ޚިޔާލު ތަފާތެވެ. ނަމަވެސް، އަޅުގަނޑުމެން ދެމީހުން ޚިޔާލު އެއްގޮތް ކަންތައްތަކެއް ހުރެއެވެ. އެއްކަމަކީ، ފަތިހާ ހޭލައިގެން މުރާލި ކޮށް މަސައްކަތް ކުރަންޖެހޭކަމެވެ. ދެވަނަ ކަމަކީ، ކުށް މަދު ކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމެވެ. ތިންވަނަ ކަމަކީ، ޤަބޫލުކުރާ ހަމައެއްގައި ސާބިތުވެ ހުރުމެވެ. އަޅުގަނޑުމެން ދެމީހުންގެ ޚިޔާލު ތަފާތުވާ ކަންކަމަކީ މިދެންނެވި ކަންކަން ތަންފީޛުކުރަން ކުރާނެ ކަންކަމާ މެދުއެވެ. އެތަފާތުގެ އަސާސަކީ ދެމީހުންގެ ފަންނީ ފަސްފަހަތް ކަމަށްވެސް ވެދާނެއެވެ. ޢުމަރު ނަޞީރަކީ މިލިޓަރީ ތަމްރީނުގެ ހަރުކަށި ފިކުރުގެ ބޭފުޅެކެވެ. އަޅުގަނޑުގެ އެކަހަލަ ތަމްރީނެއް ނެތެވެ. ދެމީހުންކުރެ ރަނގަޅީ ކާކުގެ ގޮތެއްކަމެއް އަދި ނޭނގެއެވެ. އަޅުގަނޑު ޢުމަރު ނަޞީރަށް އިޙްތިރާމް ކުރަމެވެ. ޚިޔާލަށްވެސް އިޙްތިރާމް ކުރަމެވެ. ނަމަވެސް، އިންތިހާއަށް ޚިޔާލު ތަފާތެވެ. އެއީ ޚިޔާލެވެ. މީހާއެއް ނޫނެވެ.

 

ޝަރުޢީ ދާއިރާގައި ޚިޔާލު ތަފާތުވުން

ޝަރުޢީ ދާއިރާގައި ޚިޔާލުތަފާތުވުން އޮންނަންވީ ގޮތް، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)[1] ގައި ބަޔާންކޮށްފައިވެއެވެ. ސުޕްރީމް ކޯޓާއި ހައިކޯޓުން މައްސަލަ ބަލަންވަނީ ފަނޑިޔާރުންގެ މަޖިލީހަކުންނެވެ. "އެމަޖިލީހުގައި ހިމެނޭ ކޮންމެ ފަނޑިޔާރަކު އޭނާގެ ޙުކުމް އެ މަޖިލީހުގައި ވަކިން އިއްވަންވާނެ" ކަމަށް (ސުޕްރީމް ކޯޓާ ގުޅިގެން) އެޤާނޫނުގެ 6 ވަނަ މާއްދާގައި، އަދި (ހައިކޯޓާ ގުޅިގެން) އެޤާނޫނުގެ 34 ވަނަ މާއްދާގައި ލިޔުނެވެ.

 

އޭރުގެ ސުޕްރީމް ކޯޓަށް ފެނުނީ މިއީ ވަރަށް ކަމުނުދާ ގޮތެއް ކަމަށެވެ. ސުޕްރީމް ކޯޓުގެ 2010/SC-RU/01 (8 ނޮވެމްބަރު 2010)[2] ނަންބަރު ރޫލިންގް (ސުޕްރީމް ކޯޓުން ނެރުނު މިބާވަތުގެ ފުރަތަމަ ރޫލިންގް) ގައި، ކޯޓުތަކުގެ ޤާނޫނުގެ އިސްވެ ދެންނެވި ދެމާއްދާއަކީ "ދިވެހިރާއްޖޭގެ ކޯޓުތަކުން އެމައްޗަށް ޢަމަލުކުރަން ނުޖެހޭ ބާޠިލު ބައެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅާފައިވާކަމަށް" އަންގާފައިވެއެވެ. އެންގީ ދައުލަތަށެވެ.

 

ކޯޓުތަކުގެ ޤާނޫނުގެ މަޤްޞަދަކީ، ފަނޑިޔާރު، އެނިންމުމަށް ވާޞިލުވިގޮތް ކޮންމެ ފަނޑިޔާރަކު ވަކިން އިއްވުމެވެ. ޚިޔާލު ތަފާތުވާން ހިތްވަރު ދިނުމެވެ. ޚިޔާލުތަފާތުވިޔަސް، ޙައްލު ހޯދޭނެކަން ދައްކުވައި ދިނުމެވެ.

 

ސުޕްރީމް ކޯޓުގެ ރޫލިންގް ނެރުނުކަމަށް އެރޫލިންގައި އޮތީ ސުޕްރީމް ކޯޓުގެ 2010/SC-C/23 ނަންބަރު ޤަޟިއްޔާގެ ޙުކުމަށް ވާޞިލުވި ގޮތާބެހޭ ގޮތުން އުފެދުނުކަމަށް ބުނާ "ޤާނޫނީ ސުވާލާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައެޅި ގޮތް އޮޅުންނާރާ ފަދަ ހަރުދަނާ ގޮތަކަށް އެނގިގެންދާނެ ގޮތެއް ހަމަޖެއްސުމަކީ ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތުގެ ޙައިޘިއްޔަތުން ސުޕްރީމް ކޯޓުގެ ޤާނޫނީ މަސއޫލިއްޔަތެއްކަމަށް ފެނިގެން" ކަމަށެވެ.

 

އެމައްސަލައަކީ، 2010 ވަނަ އަހަރު، އޭރުގެ ރައްޔިތުންގެ މަޖިލީހުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތެރެއަށް ބައެއް އިތުރުކޮށްގެން، ވަޒީރުންގައި ހުންނަންވީ ޝަރުޠުތައްކަމަށް ޤާނޫނުއަސާސީގައި އޮތް ޝަރުޠުތަކަށް ބައެއް އިތުރުކުރި މައްސަލައެކެވެ. އެމައްސަލައިގައި ސުޕްރީމް ކޯޓުގެ އޭރުގެ 7 ފަނޑިޔާރުންނަށްވެސް އެއްބަސްވެވުނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ރަނގަޅު ނޫންކަމަށެވެ. އެނިންމުމަށް ވާޞިލުވި ގޮތުގައި ޚިޔާލު ތަފާތުވުމެއް އޮތެވެ. 6 ފަނޑިޔާރުންނަށް ފެނުނީ އެއް ގޮތެވެ. އޭރުގެ ފަނޑިޔާރު (މިހާރުގެ އުއްތަމަ ފަނޑިޔާރު) އޮނަރަބަލް އަލްއުސްތާޛު އަޙަމަދު މުޢުތަޞިމް ޢަދުނާނު، އެނިންމުމަށް ވާޞިލުވިގޮތް ތަފާތެވެ. އެމަނިކުފާނު، އެމަނިކުފާނުގެ ތަފާތުވި ރައުޔު ލިޔުއްވިއެވެ. އަޅުގަނޑަކަށް އެއަކުން އޮޅުން އަރާކަމެއް ނުފެނެއެވެ.

 

ސުޕްރީމް ކޯޓުގެ ކުރިން ދެންނެވި ރޫލިންގެ ފަހުންވެސް، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙަމަދު މުޢުތަޞިމް ޢަދުނާނު ވަރަށް ގިނަ ނިންމުންތަކުގައި ޚިޔާލު ތަފާތުވެ، އެކަންކަން ލިޔުއްވާފައި އެބަހުއްޓެވެ. އެކަމަކުން ސުޕްރީމް ކޯޓުގެ ރޫލިންގައި ބުނާފަދަ އޮޅުމެއް ނާރައެވެ. އެރޫލިންގް އަދިވެސް އެގޮތުގައި ބާޠިލުނުވެ އެބައޮތެވެ.

 

އަމުދުން މިހާރު، ހަމަ ކޮންމެ މައްސަލައެއްގައި ކޮންމެ ފަނޑިޔާރަކު، އެފަނޑިޔާރަކަށް ފެނިވަޑައިގަންނަވާ ގޮތެއް އެއޮއްދަނީ ލިޔުއްވަމުންނެވެ. ޚިޔާލު ތަފާތުވެ، އިޙްތިރާމާއެކު މަސައްކަތް ކުރެވޭކަން އެދައްކަވަނީ ޢަމަލީ ގޮތުން ދައްކަވަމުންނެވެ. އަޅުގަނޑަށް ބައެއް ފަހަރު ޤަބޫލުނުކުރެވޭ ނިންމުންތައްވެސް ނިންމަވައެވެ. އެއީ ޠަބީޢީ ކަމެކެވެ. އަޅުގަނޑުގެ ޚިޔާލު، ފަނޑިޔާރުންނާ ތަފާތީއެވެ. އަޅުގަނޑުމެންނަކަށް އެކަމަކުން އޮޅުމެއް ނާރައެވެ. ދާއިރާއަށް ލިބެނީ އިތުރު ކުރިއެރުމެވެ. ފަނޑިޔާރުންގެ ވިސްނުންފުޅު ހުރިގޮތާއި ޤާނޫނީ ކަންކަން ކުރިއަށް ގެންދަންވީގޮތް ސާފުވެއެވެ.

 

ޚިޔާލު ތަފާތުވުން ފާޅުކުރުމަކީ ޝަޚުޞިއްޔަތު ދައްކައިދޭ ކަމެއް

ޚިޔާލުތަފާތު ވުމަކީ އަޅުގަނޑު ހިތްވަރުދޭ ކަމެކެވެ. ޚިޔާލެއް ނެތީވިއްޔާ ޝަޚްޞިއްޔަތެއްވެސް އޮންނާނެއެކޭ އަޅުގަނޑު ހިތެއް ނުބުނެއެވެ. އަޅުގަނޑު އެދެނީ، އަޅުގަނޑު ކުރާ ކަމަކާ ޚިޔާލު ތަފާތުވާށެވެ. ޚިޔާލާއި ޚިޔާލު ތަޅާނީއެވެ. މީހުން، އެކަކު އަނެކަކާ ތަޅާނެ ކަމެއް ނެތެވެ. މިތަފާތު ދެނެގަންނަންވީއެވެ.



[1] https://www.mvlaw.gov.mv/pdf/ganoon/chapterI/22-2010.pdf

[2] https://supremecourt.mv/storage/mv/sc-ninmunthah/rulings/2010-sc-ru-01.pdf


---


މިލިޔުން ފުރަތަމަ ޝާއިޢު ކުރެވުނީ، 16 ޖަނަވަރީ 2021 ވީ ހޮނިހިރު ދުވަހުއެވެ.


Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author