7/26/2026

ޑޮރިއެލްޓަނާއެކު ދިވެހި ފުޓުބޯޅަ ފަތުއަޑު ކިޔާފައި ކުރިއަށް.

ނިމިގެން ދިޔަ ވޯލްޑްކަޕާއެކު ފުޓުބޯޅައިގެ ފޯރި ރާއްޖޭގައިވެސް މިއޮތީ ހިފައިފައެވެ. މިފޯރީގެ ތެރޭގައި ރާއްޖޭގެ ލީގު ފެށުމުގެ ތައްޔާރީތައް ވަމުންދާކަމަށް ޚަބަރުތަކުން އެބަ ކިޔަމެވެ. މިހިނގާ ޖުލައި މަހުގެ 31 ވަނަ ދުވަހު، މާޒިޔާ ރިކްރިއޭޝަން ކުލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ބައްދަލުކުރާ މެޗާއެކު ސީޒަން ފެށޭނެކަމަށް އެބަ ކިޔައެވެ. މިސީޒަނަށް ކުލަބުތަކުން ތައްޔާރީތައް ވަމުން ދާއިރު، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އައު ހިންގާ ކޮމިޓީއާއެކު ދިވެހި ފުޓުބޯޅައަށް އަންނަމުންދާ ތާޒާކަމާއި އާރޯކަން މިއޮތީ ފެންނާށެވެ.

 

ނިއުރޭޑިއަންޓުވެސް އާ މެނޭޖްމަންޓެއްގެ ދަށުން ފުރަތަމަ ޑިވިޒަނަށް އޮތީ ކޮލަފައިވެފައެވެ. އެޓީމު ތިންވަނަ ޑިވިޒަނުން ފުރަތަމަ ޑިވިޒަނަށް، ފުންމައިގެން އައި ގޮތާބެހޭ ގޮތުން އެކި މީހުން އެކި ގޮތަށް ވާހަކަ ދައްކައެވެ. ނަމަވެސް، އެކުލަބުގެ އާދަޔާ ޚިލާފު ކުރިއެރުމަކީ، ކުލަބުގެ މެނޭޖްމަންޓުގެ ކުޅަދާނަކަމާއި 'ދުރުވިސްނުމާއި' ހުށިޔާރުކަމުގެ ރަމްޒެކެވެ. ސަސް ކުލަބަށް ލިބިފައި އޮތް ޖާގައަށް ނިއުރޭޑިއަންޓު 'ފުންމައިގެން' އައުމަކީ އިއްތިފާޤެއް ނޫނެވެ. އެއީ ރޭވުންތެރިކަމުގެ ކުޅަދާނަކަމެވެ. ނުލާހިކު ފޯރިއާއި ޖޯޝާއެކު ކުޅެމުން އައި ކުލަބެއްގެ ފޯރިއާއި ޖޯޝު 'ދިރުވާލައި'، އެކުލަބު ޕްރިމިއަރ ލީގުގައި ދަމަހައްޓަމުން އައި ޖާގަ ހޯދުމަށް ވޯޓު ހޯދި ގޮތަކީވެސް ބަލާ ވިސްނާ މީހުންނަށް ޢިބުރަތެކެވެ. ނިއުރޭޑިއަންޓުގެ "ކުރިއެރުމާއެކު" އެހެން ކުލަބުތަކަށާއި ދިވެހި ފުޓުބޯޅައަށް ކުރިމަތިވިކަމަށް މީހުން ބުނާ ގެއްލުންތަކުގެ ވާހަކަ ދައްކާނީ ތާރީޚު ލިޔާ މީހުންނާއި ދިރާސާކުރާ މީހުންނެވެ. ފުޓުބޯޅައިން ފެނުނު ނުބައި ޕްރެކްޓިހުގެ ވާހަކަ އެމީހުން ތަފްޞީލުކޮށް ލިޔެފައިވެސް އެބަ ހުއްޓެވެ. ނަމަވެސް، މިހުރިހާ ކަމަކާއި، ނިއުރޭޑިއަންޓުގެ "ކޮންމެ ގޮތަކުންވެސް ކުރިއަށް ދިއުމުގެ ރޫޙުން" ދައްކުވައިދެނީ ނިއުރޭޑިއަންޓުގެ މެނޭޖްމަންޓުގެ ތޫނުފިލިކަމާއި، ހިތްވަރުފުޅުގެ ގަދަކަމާއި ޖެހިލުންފުޅުގެ ކުޑަކަމެވެ. ކުޅިވަރުގެ ރޫޙަކީ ކުޅިވަރުގެ ރޫޙެވެ. ނިއުރޭޑިއަންޓުގެ ކުރިއެރުމަށް ހުރަސްއެޅޭ ރޫޙެއް އޮވެގެން ނުވާނެއެވެ.

 

ނިއުރޭޑިއަންޓުން މި ސީޒަނަށް ކުލަބު ވަރުގަދަ ކުރުމުގެ ގޮތުން، ސީދާ ބްރެޒިލްގެ ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯގެ ސޮއި ހޯދައިފިއެވެ. ޑޮރިއެލްޓަނަށް މުސާރައާއި ޢިނާޔަތުގެ ގޮތުގައި 350،000.00 (ތިން ލައްކަ ފަންސާސް ހާސް) ރުފިޔާ މަހަކަށް ޚަރަދުވެއެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކީ މަހަކު 100،000.00 (އެއް ލައްކަ ރުފިޔާ) އެވެ. (ޤާނޫނު ނަންބަރު 2009/11، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާ). ޑޮރިއެލްޓަނަކީ ރައީސަށްވުރެ ތިންގުނައަށްވުރެ ބޮޑު މުސާރައިގެ ކުޅުންތެރިއެކެވެ. މީގެ ކުރިންވެސް، ރައީސްގެ މުސާރައާ އެއްވަރުގެ ޓްރާންސްފާއެއް ނިއުރޭޑިއަންޓުން ހަދާފައިވެއެވެ. ޑޮލަރުގެ ތާށިކަން އިންތިހާއަށް އޮއްވާމެ، 17،000 ޑޮލަރުގެ ޖޫރިމަނާއެއްވެސް އެކުލަބުން އޮތީ ދައްކައިފައެވެ. ޑޮރިއެލްޓަންގެ މުސާރަ ހަމަޖައްސަވަން، ކުލަބުގެ ކަންކަން ހިންގަވަނީ ވެމްކޯގެ ހިންގުންތެރި، ހީވާގި، ދުރުވިސްނުންފުޅު ހުރި މެނޭޖިންގ ޑިރެކްޓަރ، މުޖްތަބާ ޖަލީލެވެ. އެމަނިކުފާނުންނަކީ ޤާނޫނީ ގޮތުންވެސް، ކަމުގެ އެކޮޅު މިކޮޅު އެނގިވަޑައިގަންނަވާ، މުފައްކިރެކެވެ. ސިޔާސީ މުޙައްނިކެކެވެ. ރައީސް މުޢިއްޒު، މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަން ކުރެއްވިއިރު، އެ ކައުންސިލްގެ ހީވާގި ސެކްރެޓަރީ ޖެނެރަލްގެ މަޤާމު އަދާކުރެއްވިއެވެ. އޭގެ ކުރިން، އެންސްޕާގެ ސީއީއޯގެ މަޤާމު ފުރުއްވިއެވެ. އެމަޤާމުގައި ހުންނެވިއިރު، ޤާނޫނީ ގޮންޖެހުންތަކާ ކުރިމަތިވެވަޑައިގެން، ޙިކުމަތްތެރިކަމާއެކު ރެކިވަޑައިގެންނެވިއެވެ.

 

ނިއުރޭޑިއަންޓުގެ ރައީސަކީވެސް އާދަޔާ ޚިލާފު ކުޅަދާނަ ބަޠަލެކެވެ. ކުލަބާއި ވިޔަފާރި ހިންގެވުމުގެ ދާއިރާގެ ޚަބީރެކެވެ. ޤައުމީ މުބާރާތުގެ އެއްވަނަ ޓީމަކަށް ލިބޭކަމަށް ލިޔުންތަކުން ދައްކަނީ 500،000.00 (ފަސް ލައްކަ) ދިވެހި ރުފިޔާއެވެ. ސީޒަނުގައި 4 މުބާރާތް އޮންނާނެކަމަށް ބަލައިގެން ހިސާބު ޖަހައިގެން، އެ 4 މުބާރާތްވެސް ނިއުރޭޑިއަންޓުން ކާމިޔާބުކޮށްފިނަމަ، ފައިސާގެ އިނާމުގެ ގޮތުގައި ލިބޭނީ 2 މިލިއަން ރުފިޔާއެވެ. ޑޮރިއެލްޓަނަށް މުސާރައާއި ޢިނާޔަތުގެ ގޮތުގައި (ސީޒަނުގައި ކުޅެނީ 6 މަސް ކަމަށް ބެލި ނަމަވެސް) 2.1 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. އެހެން ކުޅުންތެރިންގެ މުސާރައާއި، ކުލަބު ހިންގުމުގެ ޚަރަދާއި، އެހެނިހެން ޚަރަދުތަކާއެކު، ދެކޮޅުޖެހޭ ގޮތެއްގައި ކުލަބު ހިންގުމަކީ އާދައިގެ މީހުންނަށް ކުރެވޭނެ ކަމެއް ނޫނެވެ.

 

ރާއްޖޭގެ މަނީ ލޯންޑަރިންގާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އެކަމާބެހޭ ގޮތުން އެމްއެމްއޭއިން ހައްދަވާފައިވާ އުޞޫލުތައް ނިޔާކުރާގޮތުން، 200،000.00 (ދެލައްކަ ރުފިޔާ) އަށްވުރެ ބޮޑު މުޢާމަލާތެއްނަމަ، އެމުޢާމަލާތަކާގުޅޭ މަޢުލޫމާތު ބޭންކުތަކުން އެމްއެމްއޭއަށް ރިޕޯޓުކުރަންޖެހެއެވެ. ނަމަވެސް، ކުލަބެއްގެ އާމްދަނީގެ ތެރެއިން ފައިސާ ދައުރުވާއިރު، ބޭންކެއް ނުހިމަނައި ގެންދެވޭނެތީ، އެ ޤާނޫނުގެ އަރިމަތިން ދެވޭނޭ މަގުތައް ހޯދުމަކީ ނިއުރޭޑިއަންޓުފަދަ ކުލަބަކަށް މާ އުނދަގޫ ކަމެއް ނޫނެވެ.

 

ކުލަބަށް އާމްދަނީ ލިބޭ ގޮތްތަކުގެ ތެރޭގައި ހިމެނެނީ ދަނޑަށް ވަންނަ މީހުންގެ ޓިކެޓުން ލިބޭ ފައިސާއާއި އެފް.އޭ.އެމުންދޭ ހިލޭ އެހީއާއި 'ހެޔޮއެދޭ ފަރާތްތަކުން' ދޭ ހިލޭ އެހީއާއި ސްޕޮންސަރުންގެ އަތުން ލިބޭ ފައިސާއެވެ. ރާއްޖޭގެ ފުޓުބޯޅަ ބަލަން ދަނޑަށް ވަންނަ މީހުންގެ ޢަދަދަށް ބަލާއިރު، ޓިކެޓު ވިއްކައިގެން ޑޮރިއެލްޓަންގެ މުސާރަ ދެވޭވަރުގެ ފައިސާއެއް ލިބޭނެކަމަކަށް ނުފެނެއެވެ. އެފް.އޭ.އެމުންދޭ ހިލޭ އެހީގައި މިހާތަނަށް، ކުލަބަކަށް ދީފައި އޮތީ މިލިއަނެއްހައި ރުފިޔާއެވެ. ދެން އޮތީ ސްޕޮންސަރުންނާއި 'ހެޔޮ އެދޭ ފަރާތްތަކުން' ދޭ ހިލޭ އެހީއެވެ. ޑޮރިއެލްޓަންގެ މުސާރަ ދެނީ 'ހެޔޮ އެދޭ ފަރާތަކުން' ކަމަށް ބަލައިފިނަމަ އުފެދޭ ސުވާލަކީ، އެހެން 'ހެޔޮ އެދޭ ފަރާތަކަށް' އެހެން ކުޅުންތެރިން، ނުވަތަ އެހެން 'ޚިދުމަތެއް'، މާލީ ނިޒާމުގެ ބޭރުން ކުރުމުގެ ފުރުޞަތު ނިއުރޭޑިއަންޓުގެ މެނޭޖްމަންޓުގެ ތެރެއިން ލިބިދާނެތޯއެވެ. އެކަމަށް ޝައުޤުވެރިވާ، މާލީ ނިޒާމުން ބޭރުން މާލީ މުޢަމަލާތު ހިންގުމުގެ ޝައުޤުހުރި ބަޔަކު ރާއްޖޭގައި އުޅެދާނެއެވެ. އެއީ، ބޭންކުތަކުގެ ތެރެއިން ހިންގާ މުޢާމަލާތުތައް، ބޭންކާއި އެމްއެމްއޭއާއި ފުލުހުންނާއި އޭސީސީއިން ބަލާފާނެތީއެވެ. އެފްއޭއެމްގައި ފައިނޭންޝަލް ރެގިއުލޭޝަނެއް ނެތުމުން، ފުޓުބޯޅައިގެ ތެރެއަށް ފޯރުކޮށްދޭ "ޚިދުމަތްތައް" ބަލައި މޮނިޓަރު ކުރެވޭނެ ގޮތެއް ނޯންނާނެތީއެވެ. އަދި އަމުދުން، ރާއްޖޭގެ ފުޓުބޯޅައިގެ ކުރިއެރުމަށް ކުރާ މިފަދަ ބޮޑެތި 'އިންވެސްޓްމަންޓް' ތައް، މާ ގާތުން ބެލުމަކީ ފުލުހުން ކޮށްގެންވާނޭ ކަމެއްވެސް ނޫނެވެ.

 

ޔޫރަޕުގެ ޤައުމުތަކުގައި، ކުލަބުތަކުގެ ޚަރަދުކުރުންތައް ވަކި މިންވަރެއްގައި ހިފަހައްޓަން ގަވާއިދުތައް ހަދައި، އެގަވާއިދުތައް ހަރުކަށިކޮށް ތަންފީޒުކުރަނީ އެޤައުމުތަކުގައި ކުޅިވަރުގެ ފޯރިއާއި ކުޅިވަރުން ހޯދޭން އޮތް ވިޔަފާރި މަންފާ، އެޤައުމުތަކަށް ނޭނގޭތީއެވެ. ޗެލްސީ ފުޓުބޯޅަ ކުލަބުން، ޔުއެފާގެ ފައިނޭންޝަލް ރެގިއުލޭޝަންތަކާ ޚިލާފުވެގެން، 10.75 މިލިއަން ޕައުންޑުން ޖޫރިމަނާކޮށް، ނުވަ މަސްދުވަސް ވަންދެން އެކަޑަމީގެ ކުޅުންތެރިން އެހެން ކުލަބުތަކަށް ވިއްކުން މަނާކޮށް، އަދަބު ލިބުނީ ފުޓުބޯޅައިގެ ވިޔަފާރީގެ ގޮތްބާވަތް އެނގޭ ލީޑަރުން އެކުލަބުގައި ނެތީމައެވެ. އަޅުގަނޑުމެންގެ ނިއުރޭޑިއަންޓު ފަދަ، ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތައި، ހަރުދަނާ ލީޑަރުން ތިބި، ދުރު ރާސްތާ ޕްލޭނަކާއެކު މަސައްކަތްކުރާ ކުލަބަކަށް އެފަދަ ބަދުނަސީބު ގޮތެއް މެދުވެރިއެއް ނުވާނެއެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author