3/4/2022

"ބަންޑާރަ ކަޕް"ގެ އަޞްލު ފައިދާ

ބަންޑާރަ ނައިބު އޮފީހުގެ ރެކްރިއޭޝަން ކުލަބު، ބަންޑާރަ ކުލަބުން އިސްނަންގަވައިގެން، މާރިޗު 1 އިން 7 އަށް، ޝަރްޢީ އަދި ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ މީހުންނާއި އިދާރާތަކަށް ހުޅުވާލައްވައިގެން ބާއްވާ ފުޓްސަލް މުބާރާތުގައި އަޅުގަނޑުވެސް އެބަ ކުޅެމެވެ. މިއީ، ބަންޑާރަ ކުލަބުގެ ވަރަށް ރަނގަޅު އިސްނެންގެވުމެކެވެ. ބުރަވެސް ކަމެކެވެ. ވަޒީފާގެ ދާއިރާގައި ބުރަކޮށް މަސައްކަތްޕުޅު ކުރައްވަމުންވެސް، މިމުބާރާތް އެހާ ފުރިހަމައަށް ކުރިއަށް ގެންދަވާތީ، އަޅުގަނޑުގެ އަމިއްލަ ނަމުގައާއި، އަޅުގަނޑުގެ ޓީމު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކުލަބް 220 ގެ އަންހެން އަދި ފިރިހެން ފުޓްސަލް ޓީމުގެ ނަމުގައި، ބަންޑާރަ ކުލަބުގެ އެންމެހާ ވެރިންނަށާއި މެންބަރުންނަށް ހިފެހެއްޓުމެއްނެތް ތަޢުރީފާއި ޝުކުރު ދަންނަވަމެވެ.


މިމުބާރާތުގައި، މާލޭގައި ހުރި ހުރިހާ ކޯޓުތަކަކުންނާއި، ބައެއް ޕްރައިވެޓް ލޯ ފަރމްތަކުންވެސް ބައިވެރިވެއެވެ. ޕީޖީ އޮފީހުންވެސް ތަށި ހޯދޭ ފެންވަރުގެ ފިރިހެން އަދި އަންހެން ޓީމެއް ބައިވެރިވެއެވެ. މުބާރާތް ދަނީ ވަރަށް ވާދަވެރި، އެހާމެ އެކުވެރި މާޙައުލެއްގައެވެ. ދުވަސްތަކެއް ވަންދެން ބައްދަލުނުވެ ތިބި އަޚުންނާއި އުޚުތުންނާ ބައްދަލުވެ، ޙާލު ބަލައިލާ އުޅުމުގެ ފުރުޞަތު ލިބިއްޖެމެއެވެ. ކުޅުމާއި ސަޕޯޓުކުރުމުގައި، މުވައްޒަފުންގެ ހުނަރާއި ހިތްވަރު ވަރަށް ގާތުން އެބަ ފެނެއެވެ.


އަޅުގަނޑު އުފާވަނީ، މިމުބާރާތުން ދެކަމެއް ޙާޞިލުވާނެތީއެވެ. ފުރަތަމަ ކަމަކީ، ކުޅިވަރުގެ ތެރެއިން އުފެދޭ ގުޅުންތަކުން، މޫނެއް ނެތް ނަންތަކަކަށް މޫނެއް ލިބޭތީއެވެ. އެމޫނުތަކާ މުޢާމަލާތުކޮށް، ވާދަވެރި މާޙައުލެއްގައި ރަޙުމަތްތެރިކަމެއް އުފެދޭނެތީއެވެ. އެކަމުގެ ތެރެއިން، ދައުލަތުގެ ތެރޭގައި ސިޓީބިޓީ ބަދަލުކުރަންޖެހޭ މިންވަރު ދަށްވެ، ކުރިން ޙައްލުނުވާ އެތައް ކަމެއް، އިޖުތިމާޢީ ގުޅުންތަކުގެ ތެރެއިން ޙައްލުވެގެންދާނެތީއެވެ. ދުނިޔޭގެ އެހެން ޤައުމުތައްވެސް ހިނގަނީ ދާދި އެކަހަލަ ގޮތަކަށެވެ.


ދެވަނަ ކަމަކީ، ކުޅިވަރުން ދަސްކޮށްދޭ އެހެނިހެން ކަންކަމެވެ. ކުޅިވަރަކީ ކުޅިވަރެއް ނޫނެވެ. ކުޅިވަރަކީ އެތައް ކަމެއް ދަސްކޮށްދޭ ބާރުގަދަ އިޖްތިމާޢީ ޙަރަކާތެކެވެ. މުބާރާތުގެ މެޗުތައް ވަގުތަށް އެބަ ފަށައެވެ. އެކަންތައް، ކޯޓުތަކުގެ މަސައްކަތުގެ ތެރެއަށާއި ޤާނޫނީ ވަކީލުންގެ ޚިދުމަތުގެ ތެރެއަށް ގެންދެވިއްޖެނަމަ، މިދާއިރާގައި ޚިދުމަތް ހޯދުމަށް އަންނަ މީހުންނަށް ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ދެވޭނެއެވެ. ހަމަ ކޮންމެ ވަކީލަކުވެސް، ފަނޑިޔާރަކުވެސް، ގަޑިއަށް ކަމޭހިތައި، ވަގުތަށް ކަންކަން ކުރާނެކަމުގެ ޔަޤީންކަން ޢާންމުންނަށް ލިބޭނެއެވެ. އެހިސާބުން، މިއީ ހަމައެކަނި ކުޅިވަރު މުބާރާތެކޭ ބުނެ ފުއްދާނުލެވޭ ވަރުގެ ނުފޫޒު، މިމުބާރާތަށް ލިބުނީއެވެ.


މުބާރާތުގައި ގްރޫޕް ސްޓޭޖް ނިމުނުއިރު، ފިރިހެން ބައިގައި ބައިވެރިވި 16 ޓީމުގެ ތެރެއިން 8 ޓީމު ދެވަނަބުރަށް ގޮސް، 8 ޓީމު ބަލިވެގެން ކަޓައިފިއެވެ. ކުޅިވަރުގައި އަންނާނީ މޮޅުވާ ފަހަރާއި ބަލިވާ ފަހަރެވެ. މޮޅުވާ ޓީމު، އިޙްތިރާމާއި އިޙްސާންތެރިކަމާއި، އޯގާތެރިކަމާއެކު މޮޅުވާން ކުޅިވަރުން ދަސްކޮށްދެއެވެ. މޮޅުވާ ކޮންމެ ފަހަރަކު، ތިމާގެ އީގޯ އިންތިހާއަށް މަތިވެ، އެހެން މީހުންނަށް އިޙްތިރާމް ކުޑަކުރާނަމަ، އަދި ކުޅިވަރެއް ދަހެއް ނުވެއެވެ. ކުޅިވަރުގައި ބަލިވާ ފަހަރުވެސް އަންނާނެއެވެ. ބަލި ވާ ފަހަރު، އިޙްތިރާމާއި، ޤަދަރުވެރިކަމާއެކު ބަލި ޤަބޫލުކުރަން ކުޅިވަރު ދަސްކޮށްދެއެވެ. ބަލިވާ ކޮންމެ ފަހަރަކު އަޑުގަދަކޮށް، ރުޅި އިސްކޮށް، ދަނޑުގައި ރޯކޮށްލައި، ރެފްރީ ފަހާ ދުވެ، ހަމަނުޖެހުން އުފެއްދުމަކީ ކުޅިވަރުގެ ރޫޙާ ޚިލާފު ކަމެކެވެ. ބަލިވުމުން ބަލި ޤަބޫލުކޮށް، ދެން އަންނަ މެޗަކަށް ނުވަތަ މުބާރާތަކަށް އަލުން ތައްޔާރުވާނީއެވެ.


ހަމަ އެގޮތަށް، ޤާނޫނީ ޒުވާބެއްގައި ދެކޮޅު އޮންނައިރު، ކޮންމެވެސް އެއްބަޔަކުގެ ކޮޅު ބަލިވާނެއެވެ. ބަލިވާ ޓީމާއި މޮޅުވާ ޓީމުވެސް، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމް ކުރަން ކުޅިވަރުގެ ތެރެއިން ދަސްވެއެވެ. އެކަކު އަނެކަކަށް ޒާތީގޮތުން ޒުވާބުނުދީ، އެކުގައި ސައި ބޮއިލެވޭ ވަރުގެ ގުޅުމެއް ދަމަހައްޓަން ދަސްކޮށްދެއެވެ.


ކުޅިވަރުން ދަސްކޮށްދޭ އަނެއް ކަމަކީ، އަޚްލާޤެވެ. އެއް ޓީމެއްގެ ބެންޗަށް، ކޮންމެ މެޗެއްގައި ކާޑު ދައްކާނަމަ، އެއީ ރަސްމީ މަސައްކަތުގެ ދާއިރާގައިވެސް ވިސްނާލަންޖެހޭނެ ކަމެކެވެ. ކުޅިވަރުގެ ފޯރީގައި ބައެއް ކަންކަން ކުރެވޭނެއެވެ. ނަމަވެސް، ހަމަ ކޮންމެ މެޗެއްގައި، އެއް ކުޅުންތެރިއަކަށް ނުވަތަ އޮފިޝަލަކަށް، ތަކުރާރުކޮށް، އެކި ރެފްރީންގެ ފަރާތުން އަދަބު ލިބޭނަމަ، މިއީ އިތުރަށް ވިސްނާލަންޖެހިދާނެ ކަމެކެވެ. އަމިއްލަ އަޚްލާޤާމެދު ވިސްނާ، ރަނގަޅު މަގަށް ރުޖޫޢަވާން ކުޅިވަރުން ދަސްކޮށްދެއެވެ.


ފުޓްސަލްއަކީ ޓީމް ކުޅިވަރެކެވެ. ކުޅިވަރުގެ ތެރެއިން ދަސްވާ ކަމަކީ، ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، ކާމިޔާބު ޙާޞިލުކުރާށެވެ. ކުޅެން އަރަނީވެސް، ކުޅެނީވެސް، މޮޅުވަނީވެސް، ބަލިވަނީވެސް ޓީމު އެއްކޮށެވެ. ޓީމު ބަލިވެ ކެޓުމުން، ތިމަންނާ ވަރަށް މޮޅަށް ކުޅުނީމޭ ބުނުމަކުން، ނުވަތަ މޭން އޮފް ދަ މެޗު ހޯދުމަކުން، އާޚިރުގައި ލިބޭނެ އުފަލެއް ނެތެވެ. މަސައްކަތުގައިވެސް ހަމަ އެގޮތެވެ. އަޅުގަނޑުމެން ކޯޓަށް ގޮސް، ވަކާލާތުކޮށް، މަސައްކަތްކުރަނީ ޓީމެއްގެ ގޮތުގައެވެ. ތިމާއަށް ނޭނގޭ މަޢުލޫމާތެއް، ނުވަތަ ޤަޟިއްޔާއެއް، ނުވަތަ މައުޟޫޢެއް އެހެން މީހަކަށް އެނގޭނަމަ، އޭނާގެ އެހީތެރިކަން ލިބެއެވެ. ކޯޓަށް ދާ ވަކީލު ކޯޓަށް ދެވެނީ، ވަރަށް ގިނަ ބަޔަކު ފަހަތުގައި މަސައްކަތް ކުރާތީއެވެ. އިދާރީ މީހުންނާއި، ފަންނީ މީހުންނާއި އޭނާގެ ޢާއިލާގެ ދައުރެއްވެސް އޮވެއެވެ. ޓީމުގެ ކެޕްޓަންގެ ހައިސިއްޔަތުން އަޅުގަނޑު އެކަން ދަންނަންޖެހެއެވެ. ނިމޭ ރޮނގު ހުރަސްކުރާނީ އެންމެން އެއްކޮށް ގޮހެވެ. އެންމެން ގޮވައިގެންނެވެ.


ޕީޖީ އޮފީހުގެ ފިރިހެން ޓީމު މިހާރު ވަނީ ކާމިޔާބުކަމާއެކު، ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ގޮސްފައެވެ. އަންހެން ޓީމުގެ ނަތީޖާ ސާފުވާނީ ހޮނިހިރު ދުވަހު ހަވީރުގެ މެޗުތަކުންނެވެ. ނަމަވެސް، ކުޅިވަރާއި ދުޅަހެޔޮކޮށް ތިބުމުގެ ސަޤާފަތެއް އޮފީހަކު އަދި ނެތެވެ. އަޅުގަނޑުގެ ޢަޒުމަކީ އެސަޤާފަތް އާލާކޮށް ދިރުވުމެވެ. ސިފައިންނާއި ފުލުހުންގެ ވަޒީފާގައި ތިބޭ މީހުން ބީއެފްޓީ (ބޭސިކް ފިޓްނަސް ޓެސްޓް) ހަދަންޖެހޭ ގޮތަށް، ޕީޖީ އޮފީހުގެ މުވައްޒަފުނަށްވެސް ޓެސްޓެއް ތަޢާރަފުކޮށް، އަހަރަކު އެއްފަހަރު އެ ޓެސްޓުން ފާސްވާންޖެހޭ ގޮތަށް ހަދައި، ދުޅަހެޔޮ ލައިފްސްޓައިލަކަށް މަގުފަހިކުރެވޭނެ ގޮތްތަކަކާމެދު މިދަނީ ކަމާބެހޭ ފަންނީ މީހުންނާ މަޝްވަރާ ކުރަމުންނެވެ.


ޕީޖީ އޮފީހުގެ މުވައްޒަފުންނަކީ، އެމީހުންގެ ސިކުނޑީގެ ހުނަރު ވިއްކައިގެން، ކައިގެން ބޮއިގެން އުޅޭ ބައެކެވެ. ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށް، ނަފްސާނީ ބަލިތަކުން ދުރުވެ ތިބުމަށްޓަކައި، ހަށިގަނޑުގެ ދުޅަހެޔޮކަމަކީ ކޮންމެހެން ފުރިހަމަވާންޖެހޭ އަސާސީ ކަމެކެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމުގެ ސަޤާފަތެއް އާލާވުމުން، އެކަމުގެ ފައިދާ، އޮފީހަށާއި، މުވައްޒަފަށާއި، މުވައްޒަފުގެ ޢާއިލާއަށްވެސް ކުރާނެއެވެ. ބަންޑާރަ ކަޕަކީ، އެމަގަށް ވާޞިލުވުމަށް ކޮށުނު މަގެއް ކަމަށް ބަލައިގެން، ހުރިހާ އިދާރާއަކުން މަސައްކަތް ކޮށްފިނަމަ، މިއީ އަހަރަކު އެއްފަހަރު ބާއްވާ ފުޓްސަލް މުބާރާތަކަށްވުރެ މާ ބޮޑު ކަމަކަށްވާނެއެވެ. 

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author