7/9/2023
ޖިނާއީ ޢަދުލުގެ ނިޒާމުގެ އެއް އަސާސަކީ، މީހަކު ކުރާ ފަރުވާކުޑަ ޢަމަލެއްގެ ސަބަބުން އަނެކާއަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދިނުމެވެ. އެއާގުޅޭ ދެވަނަ އަސާސަކީ، މީހެއްގެ ޢަމަލެއްގެ ސަބަބުން އަނެކާއަށް ހާނިއްކައެއްވާ ޙާލަތުގައި، އެކަމަކީ ޤާނޫނުގައި ޖިނާއީ ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއްނަމަ، އެކަމުގެ ޤާނޫނީ ޒިންމާ އުފުލަންޖެހުމެވެ.
މަގުމަތީގެ އެކްސިޑެންޓުތަކަކީ އެޒާތުގެ ކަމެކެވެ. ބައެއް ޤާނޫނީ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، ރާއްޖޭގެ ޤާނޫނީ ނިޒާމު މިހާރު އޮތް ގޮތުން، މަގުމަތީގެ އެކްސިޑެންޓުތަކުގެ ޙާލަތުތަކުގައި، ކުށުގެ ޒިންމާ އުފުލާކަށް ނުޖެހެއެވެ. މިއީ ކުށް ހީއެކެވެ. އެކްސިޑެންޓުގެ މައްސަލަތަކަކީ، ޖިނާއީ ޒިންމާ އުފުލަންޖެހޭ ޤާނޫނީ ކުށެކެވެ. މިކަމާބެހޭ ގޮތުން އޮތް ތާރީޚީ ބަހުސެއްގެ ތަފްޞީލު، މިސިލްސިލާގެ ކުރީގެ ލިޔުމުގައި ޝާއިޢުކޮށްފައިވާނެއެވެ.
ޤާނޫނުލްޢުޤޫބާތުގައި އޮތް ކުށް (ހަށިގަނޑަށް ގެއްލުން ލިބުން)
ޤާނޫނުލްޢުޤޫބާތުގައި، މީހަކު ކުޅަ ޢަމަލެއް (އެއީ، ބަލަންވާ ވަރަށް ނުބަލައި، ގަވާއިދާ ޚިލާފަށް އެއްގަމުގައި ދުއްވާ އެއްޗެއް ދުއްވުމު) ގެ ސަބަބުން، އަނެކާގެ ހަށިގަނޑަށް ގެއްލުމެއް ލިބިއްޖެނަމަ، އެކަމަކީ ކުށުގެ ޢަމަލެކެވެ. އެ ޢަމަލުގެ ސަބަބުން ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ، ޤާނޫނުލްޢުޤޫބާތުގެ 110 ވަނަ ބާބު (މެރުމުގެ ކުށް) ގެ ދަށުން ކުށްވެރިވާނެއެވެ. ފުރާނަ ނުގެއްލޭވަރުގެ ޢަމަލެއްނަމަ، 120 ވަނަ ބާބު (ޖެހުމާއި، ޖަހާފާނެކަމުގެ ބިރު ދެއްކުމާއި އެހެނިހެން ބިރު ދެއްކުމުގެ ކުށް) ގެ ދަށުން ކުށްވެރިވާނެއެވެ.
ޤާނޫނުލްޢުޤޫބާތުގައި އޮތް ކުށް (މުދަލަށް ގެއްލުން ލިބުން)
މީހަކު ކުޅަ ޢަމަލެއްގެ ސަބަބުން (މިސާލަކަށް، އެކްސިޑެންޓެއްގެ ސަބަބުން) އަނެކާގެ މުދަލަށް (އެއީ، މަގުފާރެއް، ނުވަތަ އެހެން ސައިކަލެއް ނުވަތަ އެހެނިހެންވެސް މުދަލަކަށް) ގެއްލުމެއް ލިބިއްޖެނަމަ، އެއީ، ޤާނޫނުލްޢުޤޫބާތުގެ 220 ވަނަ ބާބު (މުދަލަށް ގެއްލުން ދިނުމާއި މުދާ ހަލާކުކުރުމުގެ ކުށް) ގެ ދަށުން ކުށްވެރިވާނެ ޢަމަލެކެވެ.
ނިޔަތާ ގުޅޭ ޢުންޞުރު ނުވަތަ ރުކުން ސާބިތުކުރާނެ ގޮތް
ޤާނޫނުލްޢުޤޫބާތުގައި، މީހެއްގެ ޢަމަލެއްގައި ނިޔަތް އޮތް މިންވަރު ހަތަރު ގޮތަކުން ކުރެ ގޮތަކަށް ސާބިތުކޮށްދެވިދާނެއެވެ. އެއީ، (މަތިން ތިރިއަށް)، ޤަޞްދު، އެނގިހުރުން، ފަރުވާކުޑަ ޢަމަލު އަދި އިހުމާލެވެ. މިއީ ނިޔަތާ ގުޅޭ ހަތަރު ދަރަޖައެކެވެ. މިވާހަކަ އޮތީ، ޤާނޫނުލްޢުޤޫބާތުގެ 24 ވަނަ މާއްދާ (ކުށުގެ ނިޔަތާގުޅޭ ރުކުންތައް) ގައެވެ.
ކޮންމެ ކުށެއް ބަޔާންކުރާ މާއްދާއެއްގައިވެސް، އެކުށުގެ ޢަމަލުގައި ނިޔަތް ސާބިތުކޮށްދޭންޖެހޭ މިންވަރު ލިޔެފައި އޮންނާނެއެވެ. ކުށް ބަޔާންކުރާ މާއްދާގައި ވަކި ދަރަޖައެއް ލިޔެފައި ނެތްނަމަ، ނިޔަތުގެ (ޑިފޯލްޓް) ދަރަޖައަކީ އަބަދުވެސް ފަރުވާކުޑަ ޢަމަލެއްގެ މިންވަރެވެ.
މިސާލަކަށް، 110 ވަނަ މާއްދާގައި ކުށް މާނަކޮށްފައި އޮތީ؛ "އެނގިހުރެ މީހަކު މަރައިފި މީހާ އެކުރަނީ ކުށެކެވެ." މިހެންނެވެ. މިޢިބާރާތުން، ނިޔަތުގެ މިންވަރަކީ 'އެނގިހުރުން' ކަން ސާފުކޮށް އެނގެއެވެ. ނަމަވެސް، ނިޔަތުގެ ސާބިތުކޮށްދޭންޖެހޭ "އެނގިހުރުން" ގެ މިންވަރަށްވުރެ މަތިން "ޤަޞްދު" ސާބިތުކޮށްދެވިއްޖެނަމަ، އަދަބުގެ ދަރަޖަ މަތިކުރެވޭނެއެވެ.
ދެވަނަ މިސާލަކީ، 220 ވަނަ މާއްދާގައި އޮތް "މުދަލަށް ގެއްލުން ދިނުމުގެ ކުށް" އެވެ. އެމާއްދާގައި އޮތީ؛ "މުދަލުގެ ވެރިފަރާތުގެ ރުހުމެއްނެތި، އަދި އެ މުދަލަށް ފަރުވާ ބެހެއްޓުމެއްނެތި، މުދަލަށް ގެއްލުން ދިނުމުގެ ޢަމަލެއް ކުރާ މީހާ އެކުރަނީ ކުށެއް" ކަމަށެވެ. މިކުށުގެ ޢުންޞުރެއްގެ ގޮތުގައި، ގެއްލުން ލިބުނު މުދަލުގެ ވެރިފަރާތުގެ ހުއްދަ ނެތްކަން ސާބިތުކުރަންޖެހެއެވެ. ނިޔަތުގެ ދަރަޖައަކީ ފަރުވާކުޑަކަމެކެވެ. ފަރުވާކުޑަ ޢަމަލެއް ސާބިތުކޮށްދެވިއްޖެނަމަ، ނިޔަތުގެ ރުކުން ސާބިތު ކުރެވުނީއެވެ.
އެކްސިޑެންޓް މައްސަލަތަކުގައި ނިޔަތް ސާބިތުކުރުން – ލައިސަންސާއި ނިޔަތާ އޮތް ގުޅުން
އެކްސިޑެންޓުގެ މައްސަލަތަކުގައިވެސް ނިޔަތް ސާބިތުކުރާނީ މިގޮތަށެވެ. އެއްގަމުގައި (ނުވަތަ ކަނޑުގައިވިޔަސް) އުޅަނދު ދުއްވުމަށް ވަކި ލައިސަންސެއް ނަގަން ޖެހުމުގެ މާނައަކީ، އެ ލައިސަންސް ނެތް މީހަކަށް، ރައްކާތެރިކަމާއެކު ވެހިކަލެއް ދުއްވުމުގެ ޤާބިލުކަން ނުހުންނާނެކަން، ޤާނޫނުން ޤަބޫލުކުރުމެވެ. އެއީ، ކިތަންމެ ދުވަހަކު ވެހިކަލް ދުއްވާ، އެކަމަށް އާދަވެފައި ހުރި މީހަކަށް ވިޔަސްވެހެވެ. ހަމަ އެގޮތަށް، ރާއްޖެއިން ބޭރުގައި ލައިސަންސް އޮތް މީހަކަށް، ދިވެހިރާއްޖޭގައި އުޅަނދު ދުއްވުމުގެ ވަކި ލައިސަންސެއް އޮންނަންޖެހެއެވެ. އޭގެ ބޭނުމަކީ، އެ ޤައުމެއްގެ ގަވާއިދުތަކާއި އުޞޫލުތައް އެނގިފައި އޮތްކަން ކަށަވަރު ކުރުމެވެ. އުޅަނދު ދުއްވާ ގޮތެއްގެ ސަބަބުން، މީހުން ފުރާނައާއި ހަށިގަނޑާއި މުދަލަށް ބޮޑެތި ގެއްލުންވުމުގެ ފުރުޞަތު އޮންނާތީ، އުޅަނދު ދުއްވުމުގެ ހުއްދަ އޮތުމާއި ނެތުމަކީ ސީރިއަސް ކަމެކެވެ.
އެކްސިޑެންޓެއްވާއިރު، އެމީހާގެ އަތުގައި ލައިސަންސެއް ނެތްނަމަ، އެއީ އޭގެ ޒާތުގައި ފަރުވާކުޑަ ޢަމަލެއްކަމަށް ޤާނޫނުން ޤަބޫލުކުރާތީ، ނިޔަތުގެ ދަރަޖައެއްގެ ގޮތުގައި އޮތް 'ފަރުވާކުޑަ ޢަމަލު' އެމީހާގައި ފުރިހަމަވާކަމަށް ބަލަންޖެހެއެވެ. އެމައްސަލައެއްގެ ތަޙުޤީޤުން، އެމީހާ އެކަން ކުރީ ޤަޞްދުގައިކަން އެނގޭނަމަ، ނިޔަތުގެ މަތީ ދަރަޖައެއް ސާބިތުކުރެވިދާނެއެވެ. މިސާލަކަށް، ތަޙްޤީޤުގެ ހޯދުންތަކުން، އެކްސިޑެންޓުކުރީ، ވަކި މީހަކަށް އަމާޒުކޮށް، އެމީހާއަށް ގެއްލުމެއް ނުވަތަ ހާނީއްކައެއް ދިނުމުގެ މަޤްޞަދުގައިކަން ދެއްކިއްޖެނަމަ، ނިޔަތުގެ މަތީ ދަރަޖަ (ޤަޞްދު) ސާބިތުކުރެވޭނެއެވެ.
ދެން އޮތީ، އެކްސިޑެންޓެއްވާއިރު، ދެމީހުންގެ އިހުމާލު އޮންނަ ޙާލަތުގައި ހަދާނެގޮތާބެހޭ ސުވާލެވެ. މި މައުޟޫޢު ގޮސް ގުޅެނީ، ކުށުގެ ތުހުމަތުގައި ހުންނަ މީހާއަށް ލިބޭ ދިފާޢުތަކާއެވެ. އެވާހަކަ، ޤާނޫނުލްޢުޤޫބާތުގެ ދިފާޢުތަކާބެހޭ ބައިގައި ލިޔެފައި އެބައޮތެވެ. އެކަމުގެ ތެދުދޮގުވެސް އެނގޭނީ ތަޙްޤީޤުކޮށް ބެލުމުންނެވެ.
އެކްސިޑެންޓުވުމަކީ ކުށެއް ނޫންކަމަށް ބެލުމަކީ ޤާނޫނީ ގޮތުންވެސް ހަމަޖެހޭ ކަމެއް ނޫނެވެ. އެގޮތަށް ޤާނޫނު މާނަކުރާނަމަ، މީހަކަށް ޙަމަލާއެއް، ގެއްލުމެއް ދޭން ބޭނުންނަމަ، އެމީހާގައި އެކްސިޑެންޓުކޮށްލައިގެން، އޭނާގެ ފުރާނައާއި ހަށިގަނޑަށް ގެއްލުން ދިނުމަށް ހުއްދަ ކުރެވެނީއެވެ. މިއީ ޤާނޫނު ހުއްދަކުރާނެ ކަމެއް ނޫނެވެ.
މިހާރު ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުގެ ދައުވާކުރުމުގެ ސިޔާސަތު އޮތީވެސް، އެކްސިޑެންޓުވުމަކީ ޖިނާއީ ކުށެއް ކަމަށް ބެލުމަށެވެ. އެކުށުގެ ޢަމަލު ތަޙްޤީޤީ އިދާރާތަކުން ބަލައި، އެކަމުގެ ވަށައިގެންވާ ކަންކަމަށް ބަލައި، ދައުވާކުރުމާމެދު ގޮތެއް ނިންމަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. ހަމަ މަތީގައި އޮތް ގޮތަށް، ކުށުގެ ޢުންޞުރުތައް ސާބިތުކުރެވިދާނެކަމަށް ފެންނާތީ، އެގޮތަށް ހުށަހެޅި މަދުވެގެން 4 މައްސަލައެއް މިހާރުވެސް ކޯޓުތަކަށް ހުށަހެޅި ހިނގަމުންވެސް އެބަ ދެއެވެ. އެއް މައްސަލަ ސާބިތުވާކަމަށް ޙުކުމްވެސް ކުރައްވާފައިވެއެވެ. ވީމާ، އެކްސިޑެންޓުވުމަކީ ޖިނާއީ ކުށެއްކަމަށް ބަލާ ޤާނޫނީ ހަމައަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުން ބަލައިގެންފައި އޮތް ކަމެކެވެ.
----
ފޮޓޯ: "މިހާރު" ނޫސް.
The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author