7/9/2023
މިހާރަކަށް އައިސް މާލެ އާއި އެކި ރަށްރަށުގައި މަގުމަތީގެ އެކްސިޑެންޓުތައް ހިނގާ މިންވަރު ވަނީ ގިނަވެފަ އެވެ. އެކްސިޑެންޓުވުމަކީ، ބައެއް ފަހަރު އެއްވެސް މީހެއްގެ އިހުމާލެއް ނެތި ވެސް ދިމާވާ ކަމެކެވެ. ނަމަވެސް ގިނަ ފަހަރު، އެކްސިޑެންޓު ވަނީ، ބަލަންވާ ވަރަށް ނުބަލައި ،ނުވަތަ ފަރުވާކުޑަކޮށް ކަމެއް ނުވަތަ ކަންތައްތަކެއް ކުރެވުމުގެ ސަބަބުންނެވެ. އޭގެ ތެރެއިން ވެސް ބައެއް ފަހަރު، އަނިޔާ ލިބޭ މީހާއަކީ، އެ މައްސަލައެއްގައި އިހުމާލުނުވާ ބަދުނަސީބު މީހާ އެވެ.
މި ހިސާބުން އުފެދޭ ސުވާލަކީ، އެކްސިޑެންޓުގެ މައްސަލަތަކުގައި، ޤާނޫނީ ނިޒާމުން އޮތީ ކޮން ފަރުވާއެއްތޯ އެވެ؟ އެކްސިޑެންޓެއް ހިނގުމުން، ޢާންމު ގޮތެއްގައި ދެ ވައްތަރެއްގެ ޒިންމާއެއް އުފެދެ އެވެ. އެއް ޒިންމާއަކީ، އެކަމުގައި ޖިނާއީ ޢަމަލެއް ހިމެނޭ ނަމަ، އެކަމުގެ ޖިނާއީ ޒިންމާ އެވެ. ދެވަނަ ޒިންމާއަކީ، މަދަނީ ގެއްލުމެއްވާ ޙާލަތުގައި، ގެއްލުމުގެ ބަދަލު ހޯދައިދިނުން ނުވަތަ ނަގައި ދިނުމުގެ ޒިންމާއެކެވެ.
ރާއްޖޭގައި 2016 ގައި އަމަލުކުރަން ފެށި ޤާނޫނު ނަންބަރު 2014/9 (ޤާނޫނުލްއުގޫބާތު) ނުވަތަ އައު ޤާނޫނުލްއުޤޫބާތަށް އަމަލުކުރަން ފެށުމުގެ ކުރިން އޮތް ނިޒާމު، ވަގުތުގެ ގޮތުން ދެ ޒަމާނަކަށް ބެހެ އެވެ. އެއީ، ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ކުރީގެ ޒަމާނާއި އޭގެ ފަހެވެ. މިދެންނެވި ޤާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، އެކްސިޑެންޓުވުމަކީ، ޖިނާއީ ކުށުގެ ޒިންމާ އުފުލަން ޖެހޭ ކަމެކެވެ. އެކަމުގެ މައްޗަށް މީހުންނަށް އޭރުގެ އެޓާނީ ޖެނެރަލްގެ އޮފީހުން ދައުވާ ވެސް ކުރި އެވެ. ބައެއް ދުވަސްވަރު، ރޭގަނޑު "ނައިޓް ކޯޓު" ގެ ނަމުގައި ވެސް އެ ބާވަތުގެ މައްސަލަތަކުގައި ދައުވާ ކުރުމުގެ ޕްރޮގްރާމެއް ސަރުކާރުން ހިންގި އެވެ. އޭރު، ދައުވާ ކުރަމުން އައީ، އޭރު އޮތް ޤާނޫނުލްއުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. އެ ހާދިސާއެއްގައި މީހަކު މަރުވެއްޖެ ނަމަ، ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުންނެވެ. އެގޮތަށް ހުށަހަޅާ މައްސަލަތަކުގައި، އެ މައްސަލައެއްގައި ހިމެނޭ ގެއްލުމުގެ ބަދަލު (މިސާލަކަށް ވެހިކަލަށް ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދިނުން ވެސް) ނަގައިދިނުމަށް ވެސް އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހަޅައިދެ އެވެ. އެކަމަށްޓަކައި އުޅަނދު މަރާމާތުކުރަން ދާ ޚަރަދުގެ ކޯޓޭޝަނެއް، ތިން ގަރާޖަކުން، ހޯދާފައި އޮންނަން ޖެހެ އެވެ.
އެގޮތަށް އަމަލުކުރަމުން ދަނިކޮށް، އެއްގަމު ދަތުރުފަތުގެ ގާނޫނު ފާސްވެ، އެއަށް އަމަލުކުރަން ފެށި އެވެ. އެ ޤާނޫނުގައި، އެކްސިޑެންޓުވާ ހާލަތުގައި އަޅަން އޮތް ޖިނާއީ ފިޔަވަޅު (ޖަލަށްލުން، އަރުވާލުން، ގޭގައި ބަންދުކުރުން) އުވާލުމަށް ފަހު، އެ ގާނޫނުގެ 60 ވަނަ މާއްދާގައި، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވައިފި މީހެއްގެ އަދަބަކީ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެއް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ލައިސަންސް ހިފެހެއްޓުން ކަމަށް ބަދަލުކުރި އެވެ. ޖިނާއީ ކުށުގެ ޒިންމާ އުފުލަން ޖެހޭ ވާހަކައެއް ނެތެވެ. އެކަމުގެ ނަތީޖާއަކަ ށްވީ، އެކްސިޑެންޓުވުމުން އެއީ ޖިނާއީ ޒިންމާ އުފުލަން ޖެހޭ ކުށަކަށް ވުމުގެ ބަދަލުގައި އެއީ، ހަމައެކަނި އިދާރީ އަދަބެއް ލިބޭ ކަމަކަށް ވުމެވެ.
މިދެންނެވި ގާނޫނީ ސުވާލު އުފެދެން ދިމާވި ސަބަބަކީ، އެ ގާނޫނުގައި ހަމައެކަނި ޖޫރިމަނާ އޮތުމުންނެވެ. އޭރު ތިއްބެވި ގާނޫނީ އިލްމުވެރިންނާއި، އެޓާނީ ޖެނެރަލްގެ އޮފީހުގެ ވެރިންގެ ވިސްނުންފުޅަކަށް ވީ، ޖޫރިމަނާގެ އަދަބު އެކަނި އޮވެފައި، އެ އަދަބު ކަނޑައަޅާނީ ޝަރުއީ ކޯޓަކުން ކަމަށް ގާނޫނުގައި ކަނޑައަޅާފައި ނެތް ނަމަ، އެ އަދަބު ދޭނީ އަދި ތަންފީޒުކުރާނީ އެކަމަކާ ހަވާލުވެފައި އޮތް ސަރުކާރުގެ އިދާރާއަކުން ކަމަށެވެ. ނަމަވެސް އެކްސިޑެންޓެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ، އެކަމުގައި ޒިންމާވާ މީހެއްގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން ދައުވާކުރުމުގެ ކަންތައް ކުރިއަށް ގެންދަން ނިންމި އެވެ. އެއީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި، ނުރައްކާތެރިކޮށް ދުއްވައިގެން މީހަކު މަރުވެއްޖެ ނަމަ، އެކަމަށް ޝަރީއަތުގައި އޮތް އަދަބެއް ދޭންވާނެ ކަމަށް އޮންނާތީ އެވެ. އަޅުގަނޑުގެ ވިސްނުމަށް، އެނިންމުމުގައި ހަމަނުޖެހޭ ކަންތައްތަކެއް ހުއްޓެވެ. އެއީ، 88 ގެ (ރ) ގެ ދަށުން ދައުވާ ކުރެވޭ ނަމަ، 88 ގެ (ހ) ގެ ދަށުން ވެސް ދަޢްވާ ކުރުމަށް ހުރަހެއް އޮތް ކަމަކަށް އަޅުގަނޑަށް ނުފެންނާތީ އެވެ. ނަމަވެސް އޭރު އަޅުގަނޑު ހުރީ، އެޒާތުގެ ކަންކަން ނިންމޭ މަގާމެއްގައެއް ނޫނެވެ.
އެގޮތަށް އެކަންތައް ހިނގަމުން ގޮސް، ޖިނާއީ އަދުލުގެ ޤާނޫނީ ނިޒާމަށް އެންމެ ބޮޑު އިންގިލާބެއް އައީ، ޤާނޫނު ނަންބަރު 2014/9 (ޤާނޫނުލްޢުޤޫބާތު) އަށް އަމަލުކުރަން ފެށުމާ އެކު އެވެ. އެ ގާނޫނުން ދެ ކަމެއް އެކަށައެޅި އެވެ. ފުރަތަމަ ކަމަކީ، ޖިނާއީ މައްސަލަތަކުގައި، ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ދަޢްވާ ކުރެއްވުމުގެ ކަންތައް ކުރިއަށް ގެންދެވިޔަސް، ނުވަތަ ނުގެންދެވިޔަސް، މީހަކު ކުރާ ޖިނާއީ ކުށެއްގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، އެކަމުގެ މަދަނީ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާ ކުރުމުގެ ހައްގު އަނިޔާ ލިބުނު މީހާއަށް ލިބިގެންވުމެވެ. މާނައަކީ، އެކްސިޑެންޓެއްގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، އެ އެކްސިޑެންޓުގެ މައްސަލައިގައި (ކޮންމެވެސް ސަބަބަކާ ހުރެ) ދައުލަތުން ދަޢުވާ ނުކުރިޔަސް، އެ މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު އަނިޔާ ލިބުނު ފަރާތަށް ލިބިގެންވުމެވެ. އެއީ، އެގާނޫނުގެ 14 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ އުސޫލެވެ.
ދެވަނަ ކަމަކީ، ކުށުގެ އަމަލު، މީހާގެ އަމަލާ ގުޅުވާއިރު، އަމަލުގައި ހުންނަން ޖެހޭ ސިފަތައް (ޤާނޫނުގެ 24 ވަނަ މާއްދާ) ކަނޑައެޅުމެވެ. މިގޮތުން، ކުށުގެ އަމަލެއް ފުރިހަމަވުމަށްޓަކައި، ކުށްކުރާ މީހާގެ އަމަލުގައި ހަތަރު ކަމެއްގެ ތެރެއިން ކޮންމެވެސް އެއް ކަމެއް ފުރިހަމަވާން ޖެހެ އެވެ. އެއީ، ގަސްދު، އެނގި ހުރުން، ފަރުވާކުޑަ އަމަލު، އަދި އިހުމާލެވެ. މިއިން ކޮންމެވެސް އެއް ކަމެއް، ކުށްކުރާ މީހާގެ އަމަލުގައި ފުރިހަމަވާ ނަމަ، އަދި އެ އަމަލުން އެހެން މީހަކަށް ގެއްލުމެއް ވެއްޖެ ނަމަ، އެކަމަކީ ޖިނާއީ ކުށުގެ ޒިންމާ އުފުލަން ޖެހޭ ކަމެކެވެ. މި ދެންނެވި އުސޫލު، އެކްސިޑެންޓުގެ މައްސަލަތަކާ ގުޅުވައިގެން ކިޔައިފި ނަމަ، މީހަކު، ފަރުވާކުޑަ ގޮތަކަށް ސައިކަލެއް ދުއްވުމުގެ ސަބަބުން، އެ ސައިކަލުން ޖެހި މީހަކަށް ގެއްލުމެއް ވެއްޖެ ނަމަ، އެކަމަކީ، އޭގެ ޒާތުގައި ޖިނާއީ ކުށުގެ ޒިންމާ އުފުލަން ޖެހޭ ކަމެކެވެ. އަނިޔާ ލިބުނު މީހާ މަރުވެއްޖެ ނަމަ، އެއީ، ޤާނޫނުލްޢުޤޫބާތުގެ 110 ވަނަ ބާބުގައި އޮތް މަރާ ގުޅޭ ކުށެކެވެ. މީހަކު މަރުނުވެ، އެ އަމަލުގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ގެއްލުމެއް ވެއްޖެ ނަމަ، އެއީ، ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ ބާބުގައި އޮތް ޖެހުމުގެ ކުށުގެ ކޮންމެވެސް ބާވަތަކަށް ފެތޭނެ ކުށެކެވެ. މިދެންނެވި ފަރުވާކުޑަ އަމަލުގެ ސަބަބުން މީހެއްގެ މުދަލަކަށް ގެއްލުމެއް ވެއްޖެ ނަމަ، އެއީ، ޤާނޫނުލްޢުޤޫބާތުގެ 220 ވަމަ ބާބުގައި ހިމެނޭ މުދަލަށް ގެއްލުން ދިނުމުގެ ކުށެކެވެ.
ވީމާ، އައު ޤާނޫނުލްޢުޤޫބާތަށް އަމަލުކުރަން ފެށުމުން، އެކްސިޑެންޓެއްގައި ގެއްލުން ލިބޭ މީހަކަށް ގާނޫނީ ނިޒާމުގެ ތެރެއިން ދެ ޙައްލެއް ލިބިދެ އެވެ. އެއީ، ގެއްލުމުގެ ބަދަލު ހޯދުމަށް މަދަނީ މައްސަލައެއްގެ ގޮތުގައި އަމިއްލައަށް ހުށަހަޅައިގެން ކުރިއަށް ގެންދާ މަދަނީ ހައްލަކާއި، ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް ދައުވާކޮށް، ކުށްކުރި މީހާ ޖިނާއީ ޒިންމާ އުފުލުވުމަށް އޮތް ޖިނާއީ ނިޒާމުގެ ހައްލެވެ.
މިހާރު އުފެދޭ ސުވާލަކީ، މިއިން އެއްވެސް ގޮތަކަށް ފުލުހުން ނުވަތަ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ނުވަތަ ޝަރުއީ ކޯޓުތަކުން އަމަލު ނުކުރައްވަނީ ކީއްވެގެންތޯ އުފެދޭ ސުވާލެވެ. އެ ސުވާލުގެ ޖަވާބު އަޅުގަނޑަކަށް މިހާރަކު ނޭނގެ އެވެ. ގާނޫނު ވަރަށް ސާފެވެ. ޤާނޫނުލްޢުޤޫބާތު އަދި މާ ސާފެވެ. އޭގައި އޮތް އެއްޗެއް އެނގި، އެއަށް އަމަލު ކުރެވޭނީ، މަޑުމަޑުން އިށީނދެ އިނދެ، ގާނޫނުގައި އޮތް އެއްޗެއް ފަހުމުވާ ވަރަށް ވިދާޅުވީމަ އެވެ. ކުރިން އަމަލުކުރަމުން އައި ގޮތްތައް ދޫނުކޮށް ތިބެގެނެއް ގިނަ ފަހަރު ކަމުދާ ނަތީޖާއެއް ނުކުންނަތަނެއް ނުފެނެ އެވެ.
ޝަމީމަކީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލެވެ. އާ ގާނޫނުލްއުގޫބާތް ޑްރާފްޓްކުރުމުގައި ވެސް އަދި އޭގެ ފަހުން އެ ގާނޫނަށް ހޭލުންތެރިކުރުވުމުގައި ވެސް އަމަލީ ގޮތުން އުޅުއްވި އެވެ. ޝަރީއާ އާއި ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކުރެއްވީ މިސްރުގެ އަޒުހަރު ޔުނިވަސިޓީންނެވެ. މާސްޓާސް ހެއްދެވީ އިނގިރޭސިވިލާތުގެ ސަސެކްސް އިންނެވެ.
____________________
މިއީ، 27 ޑިސެމްބަރ 2018 ދުވަހު، އަޅުގަނޑު ލިޔެ، "މިހާރު" ނޫހުގެ ޚިޔާލު ކޮލަމެއްގައި އަޅުގަނޑު ލިޔެ، ޝާއިޢު ކުރި ލިޔުމެކެވެ. ތާރީޚަށްޓަކައި، އެލިޔުން އޮތް ގޮތަށް، އަކުރުން އަކުރަށް ބްލޮގުގައި ޝާއިޢުކުރީއެވެ. މިލިޔުން ޝާއިޢުކުރިއިރު، އަޅުގަނޑު ހުރީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަކު ނޫނެވެ. ނަމަވެސް، މިހާރު އެ މަޤާމުގައި ހުރުމާއެކު، ގެނެވުނު ބަދަލުތައް ޝަރަޙަކޮށްދޭ އިތުރު ލިޔުމެއް، ދާދި އަވަހަށް ޝާއިޢުކުރާނަމެވެ. މަތީގައި އޮތް ލިޔުން، މިލިންކުން ފެނިވަޑައިގަންނަވާނެއެވެ.
The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author