4/9/2024

3 މަސްދުވަހުގެ ސިޓީ ދިރާސާ – ލަގްޒަރީ ޕަބްލިކް ސަރވިސްގެ ފެށުން

ދިވެހިރާއްޖެއަކީ 'ލަގްޒަރީ ޑެސްޓިނޭޝަން' އެކެވެ. ވީމާ، ސަރުކާރު އިދާރާތަކުން ޢާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ލަގްޒަރީ ފެންވަރުގައި ހުންނަންޖެހޭކަމަށް އަޅުގަނޑު އަބަދުވެސް ޤަބޫލުކުރަމެވެ. މިދިވެހިރާއްޖެއިން، ދިވެހި ރައްޔިތުންނަށް އެ ފެންވަރުގެ ޚިދުމަތެއް ފޯރުކޮށްނުދޭންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނެއެވެ.

 

މިމަގުގައި އަޅުގަނޑަށް ކުރެވޭނެ ކަމަކީ، އަޅުގަނޑާ މިވަގުތު ޙަވާލުވެފައިވާ އިދާރާގެ މަސައްކަތްތައް ހަރުދަނާ ކުރެވޭތޯ ބެލުމެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރާ މައިގަނޑު ކަމަކީ، ޖިނާއީ ކުށުގެ ޢަމަލެއްކަމަށް ބެލެވޭ ކަމެއްގައި ތަޙްޤީޤީ އިދާރާއިން ހޯދާ މަޢުލޫމާތު ވަޒަންކޮށް، ޖިނާއީ ދަޢުވާއެއް ކުރަންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމެވެ. އެއަށްފަހު، އެ ދަޢުވާއެއް ކޯޓަށް ހުށަހަޅައި، އެކަމާމެދު ގޮތެއް ނިމެންދެން އެމައްސަލައެއް ހިފައިގެން އުޅުމެވެ. މިމަސައްކަތުގައި، ދައުލަތުގެ ތެރޭގައި ސިޓީބިޓީ ބަދަލުކުރަންޖެހެއެވެ. ޢާންމުންގެ ސިޓީތަކަށް ޖަވާބުދިނުމާއި، ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ ޚިދުމަތާއި، އެކި ކަންކަމުގައި އަޅުގަނޑާ ބައްދަލުކުރަން ބޭނުންވާ މީހުންގެ ޝަކުވާ އަޑުއެހުމާ، މިހެންގޮސް އެތައް އިދާރީ ކަންތައްތަކެއް ހުރެއެވެ. އަޅުގަނޑު މިބަލަނީ މިހެން ހުރި އިދާރީ ކަންކަން ލަގްޒަރީ ފެންވަރަށް ގެނެވޭތޯއެވެ. މައްސަލަތަކާމެދު އަޅުގަނޑުމެން ނިންމާ ނިންމުންތަކަކީ ކޯޓު ސިސްޓަމުގެ ތެރެއިން ގޮތް ނިމެމުންދާނެ ކަންތައްތަކެވެ. އެކަންކަމުގައި ޚިޔާލު ތަފާތުވުން އަބަދުވެސް އޮންނާނެއެވެ. އެއީ ޠަބީޢީ ކަމެކެވެ. މިލިޔުމުގެ މައުޟޫޢަކީ އިދާރީ މައުޟޫޢެކެވެ.

 

އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ޕީޖީ އޮފީހުން ފޯރުކޮށްދޭ އެންމެ މުހިންމު ޚިދުމަތަކީ އޮންލައިން ޚިދުމަތެވެ. ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލުން ޢާންމުން ބޭނުންވާ ހުރިހާ ޚިދުމަތެއް މިހާރު ފޯރުކޮށްދެވެއެވެ. ޢާންމުންނަށާއި ދައުލަތުގެ އިދާރާތަކަށްވެސް މިޚިދުމަތް ލިބޭނެއެވެ. އެއްވެސް ކަމަކު، ޕީޖީ އޮފީހަށް މީހަކު އަންނާކަށް މިހާރަކު ނުޖެހޭނެއެވެ. ކުށުގެ ރެކޯޑު ސާފުކުރުން ދިހަ މިނިޓުން ވާނެއެވެ. އޮންލައިންކޮށް ޕޯޓަލުން ފޮނުވާ ސިޓީއަށް އޮންލައިންކޮށް ޖަވާބު ލިބޭނެއެވެ. އެޕޮއިންޓްމަންޓަށް އެދޭ ފޯމާއި، މައްސަލައިގެ ލިޔުންތަކަށް އެދޭ ފޯމާއި، ވަކީލު ޢައްޔަންކުރުމާއި، މައްސަލަ ހިނގަމުންދާ ގޮތުގެ ތާވަލުވެސް މިހާރު އޮންލައިންކޮށް ފެންނާނެއެވެ.

 

މިޚިދުމަތްތަކާއެކު، އޮފީހަށް ލިބޭ ސިޓީތައް މަދުކުރެވޭތޯވެސް މިދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަން ޙާޞިލުކުރާ އެއް މަގަކީ، ސިޓީތަކަށް ދޭ ޖަވާބު ހަރުދަނާކުރުމެވެ. ޖަވާބު ދޭ ގޮތަކުން އަލުން ސުވާލެއް ނުއުފެދޭ ވަރަށް، އަދި އިތުރު ސިޓީއެއް ފޮނުވަން ނުޖެހޭ މިންވަރަށް، ފަރުވާތެރިކަމާއެކު، ސާދާ، ދިވެހި ބަހުން، ރަނގަޅު ފެންވަރުގެ ޖަވާބު ދިނުމެވެ. ތިޔަ ސިޓީ ލިބިއްޖެކަމަށް ބުނެ ޖަވާބު ނުދިނުމެވެ. މިހެން ދެންނެވިޔަސް، އަދިވެސް މިހާރަށްވުރެ ރަނގަޅަށް ކުރެވޭނެ ގިނަ ކަންތައްތަކެއް އެބަހުރިކަން ހަނދާން ނައްތައެއް ނުލަމެވެ. އެކަންކަން ކުރުމުގެ ޢަޒުމުގައި މިދަނީ މަސައްކަތް ކުރަމުންނެވެ.

 

ވޭތުވެދިޔަ 5 އަހަރުގެ ޖަނަވަރީ 1 އިން މާރިޗު މަހުގެ 31 ވަނަ ދުވަހާ ހަމައަށް މިއޮފީހަށް ލިބުނު ސިޓީތަކުގެ ޢަދަދުތައް ދިރާސާކުރުމުން، މިކުރެވުނު މަސައްކަތުގެ ނަތީޖާ ސާފުވެއެވެ. 


ޕީޖީ އޮފީހަށް ލިބުނު ސިޓީތަކުގެ ޢަދަދު - 1 ޖަނަވަރީ އިން 31 މާރިޗުއަށް

2020 - ޖަނަވަރީ 3031 / ފެބްރުވަރީ 3063 / މާރިޗު 2216 (ޖުމްލަ: 8309)

2021 - ޖަނަވަރީ 2874 / ފެބްރުވަރީ 2409 / މާރިޗު 2797 (ޖުމްލަ: 8080)

2022 - ޖަނަވަރީ 2500 / ފެބްރުވަރީ 2729 / މާރިޗު 2885 (ޖުމްލަ: 8114)

2023 - ޖަނަވަރީ 2920 / ފެބްރުވަރީ 2903 / މާރިޗު 2262 (ޖުމްލަ: 8085)

2024 - ޖަނަވަރީ 2428 / ފެބްރުވަރީ 2410 / މާރިޗު 1914 (ޖުމްލަ: 6752)



2024 ގެ ފަރަޤު % އިން : 2020 %18.74 / 2021 %16.43 / 2022 %16.74 /2023 %16.48


މިހިސާބުތަކުން އެނގެނީ، ވޭތުވެދިޔަ 5 އަހަރު، އެވްރެޖްކޮށް، އަހަރުގެ ފުރަތަމަ ތިންމަހު ލިބެނީ 7868 އެންޓްރީ ނުވަތަ ލިޔުމެވެ. ނަމަވެސް، މިހިނގާ 2024 ވަނަ އަހަރު ލިބުނީ 6752 އެންޓްރީއެވެ. އެއީ، ފަސް އަހަރުގެ އެވްރެޖަށްވުރެ 1116 އެންޓްރީ މަދު ޢަދަދެކެވެ. މިއީ، ޕަސެންޓޭޖުން %14.18 މަދު ޢަދަދެކެވެ.

 

2023 ވަނަ އަހަރުގެ ފުރަތަމަ ތިންމަހު ލިބުނު 8085 އެންޓްރީއާއި މިއަހަރު ލިބުނު 6752 އެންޓްރީއާ އަޅައި ބެލުމުން، މިއަހަރު 1333 އެންޓްރީ މަދެވެ. މިއީ، ޕަސެންޓޭޖުން %16.48 މަދު ޢަދަދެކެވެ. މިހާރު މި ދާގޮތަށް ދާނަމަ، މިއަހަރު ނިމޭއިރު ލިބޭނީ މިދިޔަ އަހަރަށްވުރެ 5332 އެންޓްރީ މަދުންނެވެ. އެއީ، ކުރީ އަހަރާ އަޅައި ބަލާއިރު، 2.3 މަހު ލިބޭނެ ވަރެވެ. މާނައަކީ، މިމަސައްކަތްކުރަން ތިބޭ މުވައްޒަފުންގެ މަސައްކަތް ލުއިވެ، މަދު މުވައްޒަފުންނާއެކު އިތުރު ޚިދުމަތްތައް، ކުރިއަށްވުރެ ހަލުއިކޮށް، ހަރުދަނާކޮށް ދިނުމުގެ ފުރުޞަތު ފަހިވުމެވެ. މިނަތީޖާ ނެރެވުނުއިރު، މިއަހަރުގެ މިމުއްދަތުގައި މިއޮފީހަށް ބަލައިގަތް މައްސަލަތަކާއި ކޯޓަށް ހުށަހެޅުނު މައްސަލަތައްވެސް އިތުރުވެފައިވެއެވެ. ވީމާ، މަތީގައި އޮތް ނަތީޖާ ނުކުތީ މަސައްކަތް މަދުވެގެންނޫންކަން ކަށަވަރުކަމާއެކު އެނގެއެވެ.

 

ތަފާސް ހިސާބުތައް ބެލުމުގައި ދެން އަޅުގަނޑު ބެލީ، މިއަހަރު ލިބުނު އެންޓްރީތަކުގެ ބާވަތްތަކަށެވެ. އެބާވަތްތައް ވަކިވަކިން ދެނެގަނެ، ޚިދުމަތް ހޯދާ މީހުންނަށް މިހާރަށްވުރެ ލުއިފަސޭހަ ގޮތްތަކެއް ހޯދޭނެ ގޮތެއް ބެލުމަކީ އަޅުގަނޑުމެންގެ އަމާޒެވެ. މިކަމުގައި އަޅުގަނޑުމެން އެހީތެރިކަން ހޯދަނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ކުރިއެރުންތަކުންނެވެ. އެދާއިރާއަށް އަޅުގަނޑުމެން އަބަދުވެސް މިދަނީ އިންވެސްޓް ކުރަމުންނެވެ. މާތްﷲގެ އަމުރާއި އިރާދަފުޅުން، މިއަހަރު ނިމެންވާއިރަށް، ފުރިހަމަ ލަގްޒަރީ ޕަބްލިކް ސަރވިސްދޭ އިދާރާއެއްގެ ގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވެގެންދާނެއެވެ. ރާއްޖޭގެ ރިސޯޓަކުން ލިބޭ ފެންވަރުގެ ޚިދުމަތެއް ޕަބްލިކް ސަރވިސް އޮފީހަކުން ތަޖުރިބާ ކުރުމުގެ ފުރުޞަތު މިއޮފީހުގެ ޚިދުމަތް ހޯދާ މީހުންނަށް ލިބޭނެއެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author