6/20/2024

ކުށްކުރާ ކުޑަކުދިން – ޙައްލަކީ ޢުމުރު ދަށްކުރުމެއް ނޫން، މާޙައުލު ބަދަލުކުރުން

ކުށްކުރާ ކުޑަކުދިންގެ މައްސަލައަކީ ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި އަދި ޙައްލެއް ހޯދިފައިނުވާ މައްސަލައެކެވެ. ޤާނޫނު އެބަ އޮތެވެ. ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ކާމިޔާބަކާ ގާތަށްވެސް އަދިއެއް ނުދެވެއެވެ.


ބޮޑެތި މީހުން ކުށްކުރާ ސަބަބުތަކާއި ކުޑަކުދިން ކުށް ކުރާ ސަބަބުތަކާ ތަފާތެވެ. ކުޑަކުދިން ކުށްކުރަނީ ކުށެއް ކުރަންވެގެނެއް ނޫނެވެ. 9 އަހަރުގެ ކުއްޖަކު، ހެނދުނު ހޭލައިގެން މިއަދު ކުށެއް ކޮށްލާނަމޭ ހިތަށް އަރާނެކަމަކަށް، ކުޑަކުދިންނާ ގާތުގައި އުޅޭ، އެ ކުދިންގެ ވިސްނުން ހުންނަ ގޮތް އެނގޭ މީހަކު ޤަބޫލުކޮށްފާނެއެކޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ. ދިވެހިރާއްޖޭގައި ކުށްކުރާ ކުދިންނާބެހޭ ފުރިހަމަ ދިރާސާއެއް ހެދިފައެއް ނެތެވެ. ސަރުކާރުގެ އިދާރާތަކުން ދެކޭ ގޮތުގައި، ކުށްކުރުމާ ގާތަށް ދެވިދާނެކަމަށް ފެންނަ 200 ވަރަކަށް ކުދިން ރާއްޖޭގައި އެބަ އުޅެއެވެ. ރާއްޖޭގެ ކުށްކުރާ މީހުންގެ އާބާދީއަކީ 1500 އާއި 2000 އާ ދެމެދުކަމަށް ބަލައިގެން ހިސާބު ޖަހައިފިނަމަ، މިދެންނެވި 200 ކުދިން މިހާރު އެ ހިނގާމަގު ބަދަލު ނުކުރެވިއްޖެނަމަ، މިއީ ޤައުމީ މައްސަލައަކަށް ވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ސުވާލަކީ، މިމައްސަލަ ޙައްލުކުރާނެ ގޮތާބެހޭ ސުވާލެކެވެ.


ފުލުހުންގެ ތަޙްޤީޤީ ދާއިރާއާއި ސަރުކާރުގެ ބައެއް މީހުން ދެކެނީ، ޙައްލަކީ، ކުށުގެ ޒިންމާ އުފުލަންޖެހޭ ޢުމުރު މިހާރު އޮތް 15 އަހަރުން، 12 އަހަރަށް، ނުވަތަ 10 އަހަރަށް ހަގު ކުރުމެވެ. އެއަށްފަހު، އެ ކުދިންގެ މައްޗަށް ޖިނާއީ ދައުވާކުރެވޭގޮތް ހެދުމެވެ. ޖިނާއީ ތަޙުޤީޤުކުރުމާއި، ދަޢުވާކުރުމާއި ޖަލުގައި ބަންދުކުރުމަކީ އޭގެ ޒާތުގައި، އިޖްތިމާޢީ މައްސަލަތަކަށް އޮތް ޙައްލެއް ނޫނެވެ. ޖަލުގެ އާބާދީގެ 70% އަށްވުރެ މަތީ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުގައި ތިބި މީހުންނެވެ. ޖިނާއީ ދަޢުވާކޮށް، މީހުން ޖަލަށް ލައިގެން ކަމެއް ޙައްލުވާނަމަ، ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައެއް ނުއޮތީހެވެ.  


ހެލްތުކެއަރ އެސޯސިއޭޓަޑް އިންފެކްޝަން (އެޗް.އޭ.އައި) އަކީ، ޑޮކްޓަރީ ފަރުވާ ހޯދުމުގެ ތެރޭގައި ގަޔަށް އަރާ، ތަފާތު ބަލިތަކަށް ކިޔާ ނަމެކެވެ. އެމެރިކާގައި، ޑޮކްޓަރީ ފަރުވާ ހޯދަން ހޮސްޕިޓަލަކަށްދާ ކޮންމެ 100 އަކުން 31 މީހުންނަށް އެޗް.އޭ.އައި އެއް އަރާކަމަށާއި، އެކަމުގެ އިޤްޠިޞާދީ އަގު، އަހަރަކު 28.4 ބިލިއަން ޑޮލަރަށް އަރާކަމަށް، އެމެރިކާގެ ރަސްމީ އިދާރާތަކުން މަޢުލޫމާތު ދެއެވެ. އިންޑިއާގައި އެ ޢަދަދު ހުރީ 100 އަކުން 64.6 ގައެވެ. އިނގިރޭސި ވިލާތުގައި، އަހަރަކު 300،000 މީހުންނަށް އެޗް.އޭ.އައި ޖެހި، 1 ބިލިއަން ޕައުންޑުގެ ގެއްލުންވާކަމަށް، އެ ޤައުމުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރިޕޯޓެއްގައި ލިޔެފައިވެއެވެ.


މީހުން ޖަލުގައި ބަންދުކުރުމުގެ ފަލްސަފާ ނިޔާކުރަނީ، ޖަލުގައި މީހުން ފަރުވާދީ، ރަނގަޅު މީހުންގެ ގޮތުގައި އަނބުރާ މުޖްތަމަޢަށް ގެނައުން ކަމަށްވީ ނަމަވެސް، އެފަދަ ފުރިހަމަ ޚިދުމަތެއް އަދި ދިވެހިރާއްޖެއަކު ނުދެވެއެވެ. ހޮސްޕިޓަލަށް މީހުން ދަނީ ފަރުވާ ހޯދާށެވެ. ބަލިން ރައްކާތެރިވާން ކުރަންޖެހޭ ކަންކަން ކުރުމަކީ ހޮސްޕިޓަލެއް ހޮސްޕިޓަލަކަށްވާ އެއް ސަބަބެވެ. ނަމަވެސް، އެތަނުންވެސް އިތުރު ބަލި ޖެހޭކަން ތަފާސް ހިސާބުން ފެންނަން އޮތީ މާ ސާފުކޮށެވެ. ވީމާ، އަލަށް ކުށްކުރާ ކުޑަކުއްޖަކު ޖަލަށްލުމުން، ޖަލުން އޭނާއަށް ދަސްވާނެކަމަށް ލަފާކުރާ ކަންތައްތަކަށް ބަލާއިރު، މިއީ ކުޑަކުދިން ކުށުން ދުރުހެލިކުރުވުމަށްޓަކައި ކުރަން އެހައި ރައްކާތެރިކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. މިއީ، ކުދިން އަލިފާނުން ރައްކާތެރިކުރުމަށްޓަކައި، އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެކެވެ.


ކުށްކުރާ ކުދިންނާއި، ކުށަށް ހުށަހެޅިފައިވާ ކުދިންނަށް (އެއީ އެކުދިންގެ ޢުމުރުން އަދި 15 އަހަރު ނުވިޔަސް) ފިޔަވަޅު އަޅައި، ފަރުވާދެވޭނެ ނިޒާމުތައް ޤާނޫނުގައި މިހާރުވެސް ލިޔެފައި އެބައޮތެވެ. ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ނެތީއެއް ނޫނެވެ. ބެލެނިވެރިންނަށް ހިންގާ ޕްރޮގްރާމްތައް ލާޒިމުކުރެވޭނެ ގޮތަކާއި، އިދާރާތަކުގެ ދައުރު މިހާރަށްވުރެ ސާފުވާނޭ ގޮތެއް އޮތުމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް، މިހާރު ޤާނޫނު އޮތް ގޮތުން އެއްވެސް ކަމެއް ނުވެގެން އުޅެންޖެހޭކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ. ކަންކަންކުރާނެ، ކުރެވޭނެ ގޮތް ހޯދޭނެއެވެ.

 

ކުދިން އިޞްލާޙުކުރުމަށްޓަކައި، މާޙައުލު ބަދަލުކުރުން

ދިވެހިރާއްޖޭގައި ކުޑަކުދިން ކުށްކުރާކަމަށް ފެންނަނީ، އެކުދިންގެ މާޙައުލުން އެކަމަށް ހިތްވަރު ލިބޭތީއެވެ. ކުށަށް ހިތްވަރުލިބޭ މާޙައުލެއްގައި ނެތް ކުއްޖަކު ކުށެއް ކޮށްގެން، ޖިނާއީ ޢަދުލުގެ ނިޒާމުގެ ސަމާލުކަމަށް އައިސްފައެއް ނުވެއެވެ. ވީމާ، ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށްޓަކައި ކުރަންވީ އެއްކަމަކީ ކުށުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ތިބި މާޙައުލު ބަދަލުކުރެވޭތޯ ބެލުމެވެ.


 އެ ކަން ކުރުމުގެ ބާރު، ޤާނޫނު ތަންފީޒުކުރާ މީހުންނަށް އެބައޮތެވެ. ނަމަވެސް، މާޙައުލު ބަދަލުކުރުމާއި، އެބަދަލާއެކު ކުޑަކުދިންގެ ސުލޫކަށް ބަދަލު ގެނައުމަކީ ސްވިޗަކަށް ފިތާލުން ކަހަލަ ކަމެއް ނޫނެވެ. ވަގުތަކުން ނަތީޖާއެއް ނުފެންނާނެއެވެ. ކެތްތެރިކަމާއި ސާބިތުކަން ބޭނުންވާނެއެވެ. ދައުލަތުގެ ވަޞީލަތްތައްވެސް އެކަމަށް ހޭދަކޮށްގެން، އެކުއްޖާއާއި އެކުއްޖާގެ ވަށައިގެންވާ މާޙައުލު އެއްކޮށް ބަދަލުކުރެވޭތޯ ބަލަންޖެހެއެވެ. އެކުއްޖާގެ މައިންބަފައިންގެ ވަޒީފާއެއް ނެތްނަމަ، ވަޒީފާއެއް ހޯދައިދޭންވީއެވެ. ތަޢުލީމީ ދާއިރާއިން އެ ކުދިންނަށް އިތުރު ޚާއްޞަ ފުރުޞަތުތައްވެސް ލިބޭނޭގޮތް ހަދަންވީއެވެ. ޔުނިވަރސިޓީތަކާއި ވޮކޭޝަނަލް ތަމްރީން ޕްރޮގްރާމްތަކުގައި އެ ކުދިން ބައިވެރިކޮށް، ނުރަނގަޅު ރަޙްމަތްތެރިންނާއެކު ހޭދަކުރަން ލިބޭ ވަގުތު މަދުކުރެވޭތޯ ބަލަންވީއެވެ. އެއާއެކު، އެ ކުއްޖާއާ އެއްކޮށް އުޅޭ އެހެން ކުދިންވެސް، މަޑުމަޑުން މި ޕްރޮގްރާމްތަކުގައި ބައިވެރިކުރަންވީއެވެ. އެ ކުއްޖާގެ ވަށައިގެންވާ މާޙައުލު އެއްކޮށް ބަދަލުކުރެވޭތޯ ބަލަންވީއެވެ.


މިއީ ކުޑަނޫން މަސައްކަތެކެވެ. އަޅުގަނޑުމެންގެ އަމިއްލަ ދަރިން ތަރުބިއްޔަތުކުރުމަށް ކެތްތެރިކަން ބޭނުންވާ ފަދައިން، އެ ކުދިން އިޞްލާޙުކުރުމަށްވެސް ކެތްތެރިކަން ބޭނުންވާނެއެވެ. އަޅުގަނޑުމެންގެ ދަރިންވެސް އަޅުގަނޑުމެން ބޭނުންނުވާ ގޮތަކަށް ކަންތައްކުރީމާ، އެ ކުދިން ދުލެއް ނުކޮށްލަމު ނޫންތޯއެވެ. އެކުދިންނަށް ރަނގަޅު ގޮތް ވިސްނައިދެވޭތޯ، ކެތްތެރިކަމާއި ސާބިތުކަމާއެކު އެކުދިންނާއެކު މަސައްކަތް ކުރަނީ ނޫންތޯ؟ މިއީވެސް ހަމަ އެކަހަލަ ކުދިންނެވެ. ހައްތާވެސް ދަރިންނެވެ. ބައެއް ފަހަރު މި ޢާއިލާތަކަށް ބޭނުންވަނީ މަގު ދައްކައިދީ، ކަންކަމާ މަޝްވަރާކޮށް ހަދާނެ ރަނގަޅު، ހަރުދަނާ މެންޓަރެކެވެ. އިސްރަށްވެހިންގެ ކުލަބުގައި މިކަމަށް ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ ބައިވަރު މީހުން ތިބޭނެކަން އަޅުގަނޑަށް ކަށަވަރެވެ. މިހުރިހާ މަސައްކަތަކުން އެންމެ ކުއްޖަކާއި އެކުއްޖާގެ ޢާއިލާ އަނބުރާ އަޅުގަނޑުމެންގެ ތެރެއަށް ގެނެވުނަސް، މިކަމަށްކުރި ޚަރަދުގެ އަގު ލިބުނީއެވެ. މާޙައުލު ބަދަލުކުރުމަށްކުރާ އިންވެސްޓްމަންޓަކީ ކުއްޖަކު ޖަލުގައި ބަންދުކުރުމަށް ހިނގާ ޚަރަދަށްވުރެ ކުޑަ، އޭގެ ނަތީޖާ މާ ރަނގަޅުވާނެ އިންވެސްޓްމަންޓެއްކަމަށް އަޅުގަނޑަށް ފެނެއެވެ.

____

ފޮޓޯ، ޕްރެޒިޑެންސީއެމްވީ (އިންސްޓަގްރާމް): ޔުނިސެފުން ދިވެހިރާއްޖެއަށް ކަނޑައަޅައިފައި ހުރި ރެޕްރެޒެންޓެޓިވް ޑރ އެޑްވަރޑް އެޑައި، ފަސްޓް ލޭޑީ އަލްފާޟިލާ ސާޖިދާ މުޙައްމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން (13 ޖޫން 2024)

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author