8/13/2022

ކުޑަކުދިންގެ ޢަދުލުގެ ނިޒާމު - 15 އަހަރު ނުވާ ކުދިންނާމެދު ފިޔަވަޅު އެޅުން

ޖިނާއީ ޢަދުލުގެ ނިޒާމަކީ، މުޖްތަމަޢުގައި ހިނގާ ކުށުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާ ނިޒާމަށް ކިޔާ ނަމެކެވެ. އެނިޒާމުގެ އަސާސީ ކަންކަން ފެށިގެން އަންނަނީ ޤާނޫނުއަސާސީއިންނެވެ. ޤާނޫނުއަސާސީގައި، މީހަކު ހައްޔަރުކުރެވޭނެ ގޮތާއި، ބަންދުކުރެވޭނެ ގޮތާއި، ދައުވާ ކުރުމުގައި ބަލަންޖެހޭ އަސާސީ ކަންކަމާއި، އަދަބު ދިނުމުގައި ރައްކާތެރިވާންޖެހޭ ކަންކަން ހުރެއެވެ. އެއުޞޫލުތަކުގެ ތަފުޞީލުތައް ހުރީ ތަފާތު އެކި ޤާނޫނުތަކުގައެވެ. އެންމެ ބޮޑު ބައި އޮތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައެވެ. އެޤާނޫނުގައި، ތަޙްޤީޤު ހިނގާގޮތާއި، މުއްދަތުތަކާއި، ތުހުމަތުގައި ހުންނަ މީހުންނަށް ލިބޭ ޙައްޤުތަކާއި، އަމިއްލަ ތަންތަން ބަލާ ފާސްކުރެވޭނެ ގޮތްތަކުން ފެށިގެން ގޮސް، ޝަރީޢަތް ކުރާނެ ހުރިހާ އުޞޫލުތަކެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވެއެވެ.


ޖިނާއީ ޢަދުލުގެ ނިޒާމު ތަންފީޒުކުރަން ތިއްބެވީ ފުލުހުންނާއި ދައުލަތުގެ އިދާރާތަކުންނެވެ. މިހާރު އުފެދިފައިވާ (ނުވަތަ އުފައްދާފައިވާ) ސުވާލަކީ، ޤާނޫނީ ނިޒާމު އޮތް ގޮތުން، ކުޑަކުއްޖަކު ކުށެއް ކޮށްފިއްޔާ އެޅޭނެ ފިޔަވަޅެއް ހަމަ ނެތީތޯއެވެ؟ އަޅުގަނޑުމެން މާ މޮޅަށް ޤާނޫނު ލިޔަން ހަދައިގެން "އަތަށް ގޮވީ" ތޯއެވެ؟


ޤާނޫނީ ނިޒާމު - ޤާނޫނުތައް

ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގައި، ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަމެއް ލިބުމަކީ ކުޑަކުދިންނާއި ޅަފުރައިގެ ކުދީންނަށް ލިބިގެންވާ އަސާސީ ޙައްޤެއްކަމަށް ބަޔާންކޮށްފައިވެއެވެ. މިޙައްޤުތައް ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި، ދެޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވެއެވެ. އެއީ، ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) އާއި 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އެވެ.


ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ މަޤްޞަދަކީ، ބޮޑެތި މީހުންގެ މައްޗަށް ހިންގޭ ޢާންމު ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއަށް ކުއްޖާ ވަނުމުގެ ސަބަބުން ކުއްޖާއަށް ކުރާ ނޭދެވޭ އަސަރުތަކުން ދުރުހެލިކުރުވުމާއި، ކުއްޖާކުރާ ޤާނޫނާ ޚިލާފު ޢަމަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުމަށް އެކުއްޖާ ޖަވާބުދާރީވާން ބާރުއެޅުމެވެ.

 

އެޤާނޫނުގެ 7 ވަނަ މާއްދާގައި، ޤާނޫނާ ޚިލާފުވާ ކުއްޖާ ކުރި ކަމަށް ތުހުމަތުކުރެވޭ ޢަމަލުގެ ކުޑަބޮޑުމިނަށާއި، ވަށައިގެންވާ އެންމެހައި ޙާލަތްތަކަށް ބަލައި، އެކުއްޖާއާމެދު އެކަށީގެންވާ ފިޔަވަޅެއް އަޅަންވާނެކަމަށްވެސް އޮވެއެވެ. ވީމާ، ޤާނޫނީ ނިޒާމުގައި، ކުޑަކުދިން ކުށް ކޮށްފާނެކަމާއި، ކުޑަކުއްޖަކު ކުށެއް ކޮށްފިނަމަ، ޤާނޫނުގެ ތެރެއިން ފިޔަވަޅު އެޅޭނެކަމަށް ތަޞައްވަރު ކޮށްފައިވެއެވެ.


ކުށުގެ ޒިންމާ އުފުލަންޖެހޭ ޢުމުރު

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 27 ވަނަ މާއްދާގައި، ކުޑަކުދިން ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ޢުމުރަކީ 15 އަހަރުކަމަށް ކަނޑައަޅާފައިވެއެވެ. މިއީ، ބައެއް މީހުން ކަންބޮޑުވާކަމެކެވެ. އެމީހުން ދެކެނީ، ޤާނޫނު އޮތް ގޮތުން، 15 އަހަރުން ދަށުގެ ކުދިންނާމެދު އެޅޭނެ ޤާނޫނީ އެއްވެސް ފިޔަވަޅެއް ނެތްކަމަށެވެ. ކުރެވެން އޮތް ކަމަކީ ނަޞޭޙަތް ދިނުން އެކަނި ކަމަށެވެ.

 

ކުޑަކުދިންނަށް ރައްކާތެރިކަން ދިނުން – ޖެންޑަރ މިނިސްޓްރީގެ ދައުރާއި ޑީޖޭޖޭގެ ދައުރު

ކުޑަކުދިންނާގުޅޭ ކަންކަމުގައި ދައުލަތުގެ ބެލުމުގެ ދަށަށް، ދާއިމީކޮށް، ނުވަތަ ވަގުތީ ގޮތުންވިޔަސް ގެނެވޭ ކުދިންނަކީ، އެކިއެކި ސަބަބުތަކާހެދި އަނިޔާލިބޭ ކުދިންނާއި، ރައްކާތެރި މާޙައުލެއް ނެތް ކުދިންނެވެ. ދައުލަތުން ކުރާ ކަމަކީ، އެކުދިންނަށް ރައްކާތެރި މާޙައުލެއް ހޯދައިދޭން ކުރާ މަސައްކަތެކެވެ. މިމަސައްކަތް މަތިކޮށްފައިވަނީ ޖެންޑަރ މިނިސްޓްރީއާއެވެ. މިކަމުގައި އޮޅުމެއް ނެތެވެ. މިކުދިންނަކީ އަބަދު ކުށްކުރާ ކުދިންނެއް ނޫނެވެ. މިކުދިންގެ ތެރޭގައި ކުށްކުރާ ކުދިން ނޫޅެއެކޭވެސް ނޫނެވެ.

 

ކުޑަކުދިންގެ ތެރޭގައި ހިމެނޭ ކުށުގެ މާޙައުލުގައި، ނުވަތަ ކުށަށް އަރައިގަތުމުގެ ނުރައްކާ އޮތް ކުދިންނާބެހޭ ކަންކަމުގައި، ދައުލަތުގެ ކަމާބެހޭ އިސް އިދާރާއަކީ، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުން އުފައްދާފައިވާ، ޑިޕާރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއެވެ. އެޑިޕާޓްމަންޓުގެ މަސައްކަތަކީ، ކުށަށް ހުށަހެޅުމުގެ ނުރައްކަލުގައިވާ ކުދިން، ކުށުން ދުރުހެލިކޮށް އަނބުރާ މުޖްތަމަޢަށް ގެނައުމަށް މަސައްކަތް ކުރުމެވެ. މިކުދިންގެ ތެރޭގައި، ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ސަބަބުތައް ހުރި ކުދިންނާއި، ޢާއިލާތަކާއެކު، ރައްކާތެރި މާޙައުލުގައި ތިބި ކުދިންވެސް ހިމެނެއެވެ. މާނައަކީ، ކުއްޖާ ކޮންމެ ތާކު ހުއްޓަސް، އެކުއްޖާ ކުށްކުރާކަމަށް ތުހުމަތުކުރެވޭނަމަ، އެކުދިންނަށް ޕްރޮގްރާމް ހިންގުމަކީ ޑީޖޭޖޭގެ ކަމެކެވެ. މިކަމުގައި ކުއްޖާއަކީ ޖިނާއީ ކުށުގެ ޒިންމާ އުފުލުމަށް ޢުމުރު ހަމަވާ ކުއްޖެއްކަމެއް ނުވަތަ ނޫންކަމެއް ބަލާކަށް ނުޖެހެއެވެ.

 

ކުށްކުރާ ކުދިންނާމެދު ފިޔަވަޅު ނޭޅޭނެކަމަށް ބުނާ ރައުޔު ގޯސްވާ ސަބަބު

ކުރިން ދެންނެވިހެން، ޤާނޫނީ ދާއިރާގެ ބައެއް މީހުން ދެކެނީ، ކުށްކުރާ ކުދިންގެ ތެރެއިން، ޢުމުރުން 15 އަހަރު ނުވާ ކުދިންނާމެދު އެޅޭނެ ޤާނޫނީ އެއްވެސް ފިޔަވަޅެއް ނެތްކަމަށެވެ. އެ ރައުޔު ބިނާ ކުރައްވަނީ، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 111 ވަނަ މާއްދާގެ ޢިބާރާތަށެވެ. އެމާއްދާގައި އޮންނަނީ "މި ޤާނޫނުގެ 110 ވަނަ މާއްދާގެ ދަށުން ކުޑަކުދިންނަށް ޕްރޮގްރާމްތައް ހިންގުމުގައި، އެއްވެސް ހާލެއްގައި، ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ޢުމުރަށްވުރެ ހަގު ޢުމުރުގެ ކުދިންނާމެދު، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅުއަޅައިގެން ނުވާނެ" ކަމަށެވެ.

 

އެމާއްދާ އެކަނި ވިދާޅުވުމުން، އެވިދާޅުވާ މާނަ އެބަ ކުރެވެއެވެ. ނަމަވެސް، އެމާއްދާ ހިމެނޭ، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 20 ވަނަ ބާބު (ކުޑަކުދިން ކުށްކުރުމާ ދުރުކުރުން) އެއްކޮށް ކިޔާލުމުން، މާނަ ސާފުވެއެވެ. އެބާބުގައި އޮތީ 4 މާއްދާއެވެ.

 

ފުރަތަމައަށް އޮތް 109 ވަނަ މާއްދާގައި އޮތީ، ކުޑަކުދިން ކުށްކުރުމާ ދުރުކުރުމަށް އޮތް ދައުލަތުގެ ޒިންމާގެ ވާހަކައެވެ. އެމާއްދާގެ (ނ) ގައި، ކުށުގެ ޒިންމާ އުފުލަންޖެހޭ ޢުމުރަށްވުރެ ހަގު ކުދިންގެ ތެރެއިން ކުށަށް އަރިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށްކުރުމުގެ ރައްކާތެރިކޮށް ދުރުހެލިކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އަޅައި، އެކުދިންނަށް ބޭނުންވާ އެހީތެރިކަމާއި ރީހެބިލިޓޭޝަން އަދި އެނޫންވެސް ފަރުވާ ފޯރުކޮށްދެވޭނެ އިންތިޒާމުތައް، ދައުލަތުން ހަމަޖައްސަންވާނެކަމަށް އޮވެއެވެ.


ދެވަނައަށް އޮތް 110 ވަނަ މާއްދާގައި، ޕްރޮގްރާމްތައް ހިންގާނީ ޑީޖޭޖޭއިން ކަމާއި، އެކަން ކުރާނީ ކުދިންގެ މައިންބަފައިންނާއި ޢާއިލާއާއި ކިޔަވައިދޭ ތަންތަނާ އެނޫންވެސް މީހުންނާ އެކު ކަމަށް އޮވެއެވެ. މިކަން ކުރާނެ ގޮތުގެ ގަވާއިދުތައް ހަދަންވާނެކަމަށްވެސް އެމާއްދާގައި އޮވެއެވެ.


ތިންވަނަ އަށް އޮތް 111 ވަނަ މާއްދާގެ ވާހަކަ މަތީގައި ލިޔެފީމެވެ. އެބާބުގެ އެންމެ ފަހު 112 ވަނަ މާއްދާގައި އޮތީ ކުޑަކުދިން ކުށްކުރުމާ ދުރުކުރުމަށް މައިންބަފައިންނާއި ބެލެނިވެރިންނާއި ޢާއިލާއާއި މުޖުތަމަޢުގެ ޒިންމާއެއް އޮންނާނެކަމަށް އޮތް ވާހަކައެވެ. މިބާބުގެ އެއްވެސް ތަނެއްގައި، ކުށުގެ ޒިންމާ އުފުލާ ޢުމުރުގެ ވާހަކައެއް ނެތެވެ. މިބާބުގައި އޮތީ، ކުށްކުރާ، ނުވަތަ ކުށްކުރާނެކަމަށް ބެލެވޭ، އެކަމުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނަށް ޕްރޮގްރާމް ހިންގާ، އެކުދިން އަނބުރާ މުޖްތަމަޢަށް ގެނައުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. އެކަމާބެހޭ ޕްރޮގްރާމްތައް އިސްވެ ހިންގާނީ ޑީޖޭޖޭއިން ކަމަށެވެ.

 

އެބާބު، ޢަމަލީ ގޮތުން ތަންފީޒުވާގޮތަށް ބަލައިލާނަމެވެ. މިސާލަކަށް، ޢުމުރުން 11 އަހަރުގެ ކުއްޖަކު، ގޭތެރޭގައި ހިނގި ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިގެން، ވަޅިއެއް ހިފައިގެން ނުކުމެ، ދުވަން ފަށައިފިނަމަ، އެކުއްޖާ ހަދާނެ ގޮތެއް ހަދަން ދޫކޮށްލައިގެން ފުލުހުންނަކަށް ނުތިބެވޭނެއެވެ. ތިބެގެންވެސް ނުވާނެއެވެ. އެކުއްޖާ ހިފަހައްޓައި، އޭނާ އަތުން ވަޅި އަތުލައި، އެކުއްޖާ އަނބުރާ ޢާއިލާއާ ޙަވާލުކުރަންޖެހޭނެއެވެ. ފުލުހުން، އެކަންތައް ޑީޖޭޖޭއަށް ރިޕޯޓު ކުރަންވާނެއެވެ. ޑީޖޭޖޭއިން އެކަމުގެ ތެރެއަށް ވަދެ، އެކުއްޖާ ވަޅި ހިފައިގެން ނުކުމެ ދުވަން ދިމާވި ސަބަބު ދެނެގަނެ، އެފަދަ ކަމެއް މީގެ ފަހުން މެދުވެރިނުވާނެ ގޮތަކަށް ފިޔަވަޅުތަކެއް އަޅަންވާނެއެވެ. އެފިޔަވަޅުތަކުގެ ތެރޭގައި، ކުއްޖާއަށް ހިންގާ ޕްރޮގްރާމްތަކާއި، ބެލެނިވެރިންނަށް ހިންގާ ޕްރޮގްރާމްތައް ހިމެނިދާނެއެވެ. މިހުރިހާ ކަމަކަށް ޤާނޫނު ޖާގަދެއެވެ.

 

މިހާދިސާގެ ކަންކަން ބެލިއިރު، މިކަން ދިމާވީ، ކުއްޖާގެ ހުރި ވަގުތީ ނުވަތަ ދާއިމީ ނަފްސާނީ މައްސަލައަކާ ގުޅިގެންނަމަ، އެކުއްޖާ، މަރުކަޒެއްގައި ބަހައްޓައިގެންވެސް ފަރުވާ ދެވިދާނެއެވެ. އެކަމަށްވެސް ޤާނޫނު ތަންދެއެވެ. އަދި، އެއީ ކުރަންޖެހޭވެސް ކަމެކެވެ. ސައިންޓިފިކް ދިރާސާތަކުން ދައްކާގޮތުން، އެޢުމުރުގައި، ކުއްޖާގެ ހަށިގަނޑަށާއި، ވިސްނުމަށާއި، މިޒާޖަށާއި އުޅުމަށް އަންނަ ކުއްލި ބަދަލުތައް ކޮންޓްރޯލް ކުރުމުގެ ޤާބިލުކަން، އެކި ކުދިން ގައިގާ ހުންނަނީ އެކި ވަރަށެވެ. އެކުދިންނަށް އެހީތެރިކަމާއި ޕްރޮގްރާމްތައް ހިންގަންޖެހެނީ މިސަބަބަށްޓަކައެވެ. އެކަހަލަ ކާމިޔާބު ޕްރޮގްރާމެއްގެ ތެރެއިން، ކުޑަކުޑަ އެހީތެރިކަމަކާއެކު، ކުއްޖާ ރަނގަޅު ކުއްޖެއްގެ ގޮތުގައި އަނބުރާ މުޖްތަމަޢަށް ނެރުމުގެ ފުރުޞަތު ބޮޑެވެ.

 

ޢުމުރުން 15 އަހަރުނުވާ ކުއްޖަކާމެދު ޤާނޫނީ ނިޒާމުގެ ތެރެއިން "ފިޔަވަޅެއް އެޅެން ނެތްކަމަށް" ބައެއް މީހުން ދެކޭއިރު، މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން 10 ޖޫން 2021 ދުވަހު ނެރުއްވާފައިވާ "ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުޑަކުދިންނާމެދު އަވަސް ފިޔަވަޅު އެޅުމުގެ ނިޒާމާ ގުޅޭ ގަވާއިދު" ގެ 1 ވަނަ މާއްދާގެ (ހ) ގައި އޮތީ، އެގަވާއިދަކީ، 15 (ފަނަރަ) އަހަރަށްވުރެ ހަގު އުމުރުގެ ކުދިންގެ ތެރެއިން، ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން، ކުށްކުރުމާ ދުރުހެލިކޮށް، އެ ކުދިންނަށް ބޭނުންވާ ފަރުވާ ދީ، އެ ކުދިން ރިހެބިލިޓޭޓް ކުރުމަށް ޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅު އެޅޭނެ ނިޒާމާ ގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދު ކަމަށެވެ. މިއީ، ޤާނޫނަކުން ބާރުލިބިގެން، ގަވާއިދެއް ހަދައިގެން އަޅާ ޤާނޫނީ ފިޔަވަޅުތަކެކެވެ. 22 މާއްދާގެ މައްޗަށް ހިމެނޭ، 53 ޞަފްޙާގެ މި ގަވާއިދުގައި، އެކުދިންނާމެދު ފިޔަވަޅު އަޅާނެ ގޮތުގެ ވަރަށް ގިނަ ތަފްޞީލުތައް އެބަހުއްޓެވެ. ހައްތާވެސް ޤާނޫނީ ފިޔަވަޅެވެ. 

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author