11/15/2023

މަޢާފު ދިނުމާއި އަދަބު ލުއިކުރުން . ޕީޖީ އޮފީހުގެ ދައުރެއް ނެތް!

ޖިނާއީ ޢަދުލުގެ ނިޒާމުގައި، މީހުންނަށް އަދަބު ދިނުމާއި، އެ އަދަބަށް ވަކި ހިސާބަކުން މަޢާފު ދިނުމަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ހިނގާކަމެކެވެ. ވަކި ހަމަތަކަކާއި އުޞޫލުތަކަކުންނެވެ. ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައިވެސް އެކަން އެބައޮތެވެ. އެކަން ކުރާ ގޮތާބެހޭ ގޮތުން ޢާންމުންގެ މެދުގައި ސުވާލު އުފެދިފައިވާތީ، މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނީ ނިޒާމު އޮތް ގޮތާބެހޭ މަޢުލޫމާތު ތާރީޚަށްޓަކައި ލިޔެފައި އޮތުން ބޭނުންތެރިކަމަށް ފެންނާތީ ލިޔެލީމެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ ހައިސިއްޔަތުން އަޅުގަނޑަށް ކަމަކާ ކަންބޮޑުވެވޭނީވެސް، ޤާނޫނުގައި ކަންބޮޑުވާން ފުރުޞަތު އޮވެގެންނެވެ. އަމިއްލަ ގޮތުން ކުރެވޭ އިޙްސާސް ތަފާތުވެދާނެއެވެ.

 

ރާއްޖޭގެ ޤާނޫނީ ނިޒާމުގައި އެންމެ ފުރަތަމަ ޢަފޫކުރުމުގެ ވާހަކަ އޮތީ، 1998 ގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގައެވެ. އެމާއްދާގައި އޮތީ، "ކުށްވެރިންނަށް ޢަފޫކުރުމާއި ކުށްވެރިނގެ އަދަބު ލުއިކޮށް ދިނުމުގެ ބާރު ލިބިގެންވަނީ، ރައީސުލްޖުމްހޫރިއްޔާއަށް" ކަމަށެވެ. މިމާއްދާއިން، އެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދީފައި އޮތީ މުޠްލަޤަށެވެ. އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. އޭރުގެ ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު އެބާރު ބޭނުންފުޅު ކުރެއްވީވެސް އެއްވެސް އިމެއް، ޙައްދެއް ނެތިއެވެ. ޤާނޫނުގައި ޙައްދެއް އިމެއް ނެތީތީއެވެ. އަޅުގަނޑުމެން ޖީލު ބޮޑުވީ، ޖުމްހޫރީ ދުވަހާއި ޖުލައިން ސައްބީހާ ގުޅުވައިގެން "ޢަފޫ ޢާންމެއް" ގައި އަޅައިގަންނަ ވާހަކަ އަޑުއަހަމުންނެވެ.

 

2008 ވަނަ އަހަރުގެ "ފެހި" ޤާނޫނުއަސާސީގެ ރޫޙަކީ، ޤާނޫނުއަސާސީން މުޠުލަޤު ބާރު ނުދީ، އެބާރުތައް ޤާނޫނުތަކުން ހަނިކުރެވޭ ގޮތަށް އޮތުމެވެ. ޢަފޫ ޢާންމު ދިނުމުގެ ބާރުވެސް، އައު ޤާނޫނުއަސާސީން ކުރީ ހަންޏެވެ. ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޒ) ގައި އޮތީ، " ޖިނާއީ ކުށްތަކުގައި ޙުކުމްކޮށްފައިވާ، އިސްތިއުނާފްކުރުމުގެ އިތުރު ފުރުޞަތެއް ނެތް މީހުންގެ ތެރެއިން، ވަކިވަކި ފަރުދުންގެ ކުށަށް ޤާނޫނުގައިވާ ގޮތުގެމަތީން މަޢާފް ދިނުމާއި، އަދަބު ލުއިކޮށްދިނުން" އެއީ ރައީސްގެ ބާރެއް ކަމަށެވެ. ދެ ޝަރުޠެއް އެބައޮތެވެ. އެއީ، އިސްތިއުނާފުކުރުމުގެ ފުރުޞަތެއް ނެތުމާއި ޤާނޫނުގައި އެކަން ކުރާނެ ގޮތް ލިޔެފައި އޮތުމެވެ.


އެކަމާ ގުޅިގެން ފާސްކުރި ޤާނޫނަކީ، ޤާނޫނު ނަންބަރު 2010/2 (މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) އެވެ. އެއީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެޤާނޫނުގައި، މަޢާފު ދިނުމުގައި ބަލަންޖެހޭ މިންގަނޑުތައް ހުރީ، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ހުންނަފަދަ، އެކަށީގެންވާ ގޮތަކަށެވެ.


ނަމަވެސް، އެޤާނޫނުގެ 29 ވަނަ މާއްދާ (މަޢާފުދިނުމުގެ ޚާއްޞަ އުޞޫލު) އަށް ބެލުމުން، އެދުވަސްވަރުގެ ޙާލަތާއި، މިޤާނޫނު އުފެދިގެން އައި ގޮތުގެ ތާރީޚީ ޙަޤީޤަތްތައް ހާމަވެއެވެ. އެ މާއްދާ ޚާއްޞަކޮށްފައި އޮތީ، ޤާނޫނުއަސާސީއާއެކު، ޖިނާއީ ޢަދުލުގެ ނިޒާމާށް ގެނެވުނު އަސާސީ ބައެއް ބަދަލުތަކުގެ މަންފާ ނުލިބި، ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދިޔަ މީހުންނަށް ޚާއްޞަ އުޞޫލެއް ހަދައިދެވޭތޯއެވެ. މިސާލަކަށް، 7 އޮގަސްޓް 2008 ގެ ފަހުން ކުށެއްކަމަށް ނުބެލެވޭ ކަމެއް، އޭގެ ކުރިން ކުށެއް ކަމަށް ބެލިގެން ޙުކުމެއް ތަންފީޒުކުރަމުންދާ މީހުންނާއި، ތަޙްޤީޤުގައި ވެފައިވާ އިޢުތިރާފުގެ މައްޗަށް އެކަނި ބަލައިގެން ކުށް ސާބިތުވެފައިވާ މީހުންނަށް ޚާއްޞަ އުޞޫލު ތަޢާރަފުކޮށްފައިވެއެވެ.


މިޤާނޫނުގައި މައްސަލަ އޮތީ ދެކަމެއްގައެވެ. ފުރަތަމަ ކަމަކީ، އެޤާނޫނުގެ 7 ވަނަ މާއްދާ (އިލްތިމާސް ހުށަހެޅޭނެ މުއްދަތު) ގައި، އަދަބު ލުއިކޮށްދިނުން އެދި އިލްތިމާސެއް ހުށަހެޅޭނީ އެމީހެއްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބަށް ކަނޑައަޅާފައިވާ މުއްދަތުގެ ތިންބައިކުޅަ އެއްބައި ތަންފީޒުވެ ދިޔުމަށްފަހު ކަމަށް އޮތް މާއްދާއެވެ. އޭގެ މާނައަކީ، 20 އަހަރުގެ ޖަލު ޙުކުމެއްނަމަ، 6 އަހަރާއި 6 މަސްދުވަހެވެ. އަޅުގަނޑަށް ފެންނަނީ ކްލެމެންސީގެ އުޞޫލު އުވާލަށެވެ. ނަމަވެސް، އެކަން ބާއްވާނަމަ، އެކަން އޮންނަންވީ މަދުވެގެން ހަތަރުބައިކުޅަ ތިންބައި ތަންފީޒުކޮށް ނިމުމުން ކަމަށެވެ. އޭރުން، 20 އަހަރުގެ ޙުކުމެއްނަމަ، 15 އަހަރު ތަންފީޒުކުރަންޖެހޭނެއެވެ.


މިކަން މިހެން އޮއްވާ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި، 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހު، މަހިބަދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު، މިޤާނޫނަށް އިޞްލާޙެއް ހުށަހެޅުއްވިއެވެ. އޭނާގެ ހުށަހެޅުމަކީ، އިލްތިމާސްއަށް ހުށަހެޅޭނެ މުއްދަތު ތިންބައިކުޅަ އެއްބައި އޮތްތަން، ހަތަރުބައިކުޅަ އެއްބަޔަށް ކުޑަކުރާށެވެ. އޭގެ ބޭނުމަކީ، ޖަލުގައި ތިބި ޒުވާނުން ޖަލުން ނެރި، މުޖްތަމަޢަށް ފައިދާހުރި ބަޔަކަށް ހެދުން ކަމަށް ބުނެއެވެ. އޭގެ ނަތީޖާއަކީ، 20 އަހަރުގެ ޙުކުމެއް އޮތް މީހަކު، 5 އަހަރު ތަންފީޒުކުރުމުން، އިލްތިމާސްއަށް ހުށަހަޅަން ފުރުޞަތު ލިބުމެވެ.


ޖިނާއީ ޢަދުލުގެ ނިޒާމުގެ ފަލްސަފާގައި މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުން، މިހާރު ރާއްޖޭގައި ތަންފީޒުކުރާގޮތާމެދު އަޅުގަނޑުގެ އަމިއްލަ ޚިޔާލާއި ފިކުރު މުޅިން ތަފާތެވެ. މިކަން އޮންނަންވީ ގޮތްކަމަށް އަޅުގަނޑަށް ފެންނަ ގޮތުގެ ތަފްޞީލު އެހެން ލިޔުމެއްގައި ލިޔާނަމެވެ. ޚުލާޞާއަކީ، މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމަކީ އަޞްލަކަށްނުވެ، ހަމައެކަނި އާދަޔާ ޚިލާފު އިސްތިސްނާ ޙާލަތުތަކުގައި ކުރެވޭ ކަމަކަށް ވުމެވެ.


މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު އޮތް ގޮތުން، އެއިން އެއްވެސް މަރްޙަލާއެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރެއް ނޯވެއެވެ. ކްލެމެންސީ ބޯޑުގައި ޕްރޮސިކިއުޓަރ ޖެނެރަލް ތަމްސީލުކުރާ މީހަކު ނުވެސް އިނދެއެވެ. މައްސަލައެއްގައި ޙުކުމެއް ކުރުމަށްފަހު، އެޙުކުމަށް ދެން ހަދާ ގޮތަކީ، ޕީޖީ އޮފީހުގެ ދައުރެއް އޮންނަ ކަމެއް ނޫނެވެ. އެމީހާ ޙުކުމް ތަންފީޒުކުރަނީ ޖަލުގައިތޯ، ގޭގައިތޯ އެއީ ޕީޖީ އޮފީހުގެ ބަހެއް ހޯދަންޖެހޭ ކަމެއް ނޫނެވެ. އެކަން ކުރައްވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިންނެވެ. އެކަމާ ގުޅިގެން އުފެދޭ ސުވާލުތަކަށް ޖަވާބު ދެވޭނީވެސް އެސަރވިސްއަށެވެ.


ދާދި ފަހުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ބަޔަކަށް މަޢާފު ދެއްވި މައްސަލައިގައިވެސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބަހެއް ހޯއްދަވާފައެއް ނުވެއެވެ. ހޯއްދަވާކަށް ނުވެސް ޖެހެއެވެ. ޤާނޫނީ ނިޒާމު މިހާރު އޮތް ގޮތުން، މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ރައީސަށް ފުޅާ ބާރުތަކެއް ލިބެއެވެ. އެބާރު ބޭނުންކުރައްވާ ގޮތާމެދު ސުވާލު އުފެއްދުމަކީވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަމެއް ނޫނެވެ. އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުންނާއި ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ މީހެއްގެ ހައިސިއްޔަތުން، ދެރައާއި ހިތްހަމަނުޖެހުމާއި، ފްރަސްޓްރޭޝަނާއި ކަންބޮޑުވުން ކުޑައެއް ނޫނެވެ. ނަމަވެސް، ޕްރޮސިކިއުޓަރ ޖެނެރަލަށް ކަމަކާ ބެހެވޭނީވެސް، ކަންބޮޑު ވެވޭނީވެސް، ރުޅިއާދެވޭނީވެސް، ރުހެވޭނީވެސް، އުފާ ވެވޭނީވެސް ޤާނޫނުގައި ބެހޭށާއި ކަންބޮޑުވާށާއި ރުޅި އަންނާށާއި ރުހޭށާއި އުފާވާން ފުރުޞަތު ދީފައި އޮތްނަމައެވެ. މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ހެއްދެވިއިރު، ޕްރޮސިކިއުޓަރ ޖެނެރަލެއް ހުންނާނެކަން އެނގިހުރެ، އޭނާގެ ދައުރެއް ނޯންނަ ގޮތަށް ޤާނޫނު ލިޔުނީ ކޮންމެވެސް މުހިންމު މަޤްޞަދެއް ޙާޞިލުކުރާންކަމަށް ބަލަންޖެހެއެވެ. ހަމަ ހުރެފައި، ޤާނޫނެއް ނުލިޔާނެއެވެ. ޤާނޫނު ލިޔާއިރު ކަންކަން ހަނދާނުން ކައްސާލާފައި އޮވެދާނެކަމަށްވެސް ބަލައިގެން ނުވާނެއެވެ.


މިކަމުގައި ޢާންމުންގެ މެދުގައި އޮތް ނުތަނަވަސްކަމަށް އޮތް ޙައްލަކީ، ރައްޔިތުންގެ މަޖިލީހުން ގެނެސްދެވޭނެ ޙައްލެކެވެ. ޢާންމުންގެ ޚިޔާލާއި ފިކުރާ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުން ޤާނޫނުތައް އިޞްލާޙުކުރާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author