3/6/2023

ޢިލްމުގެ ދަރަޖަތައް: ނޭނގޭކަން، ނޭނގޭ ކަންކަން

 

ﷲ ސުބްޙާނަހޫ ވަތަޢާލާ، އިންސާނުންނަށް ކަންކަމާބެހޭ ޢިލްމު ދެއްވިއެވެ. އިސްރާ ސޫރަތުގެ 85 ވަނަ އާޔަތުގައި އޮތީ، "وَيَسْـَٔلُونَكَ އެބައިމީހުން ސުވާލު ކުރައްވަތޭ، عَنِ ٱلرُّوحِ ۖ ފުރާނައާ ބެހޭ ގޮތުން. قُلِ ކަލޭގެފާނު ވިދާޅުވާށޭ ٱلرُّوحُ ފުރާނައަކީ مِنْ أَمْرِ رَبِّى ތިމަން ކަލޭގެފާނުގެ ދެނެވޮޑިގަތުމުގެ ތެރެއިންވާ ކަމެކޭ وَمَآ أُوتِيتُم އަދި ތިޔަބައި މީހުންނަށް ދެއްވާފައެއް ނުވެއޭ، مِّنَ ٱلْعِلْمِ ޢިލްމުގެ ތެރެއިން إِلَّا قَلِيلًۭا ވަރަށް ކުޑަ މިންވަރެއް މެނުވީ." މިހެނެވެ.

 

އިންސާނުންނަށް ލިބިފައިވާ ޢިލްމު، އޭގެ ޒާތުގައި ބެހިގެންވަނީ ތިން ބަޔަކަށެވެ.


އެނގޭކަން އެނގޭ ކަންކަން: މިއީ، ތިމާއަށް އެނގޭ ކަންކަމެވެ. އެނގޭކަންވެސް އެނގޭ ކަންކަމެވެ. މިސާލަކަށް، ބައިސްކަލް ދުއްވަން އެނގޭ މީހާއަށް، އެމީހާއަށް ބައިސްކަލް ދުއްވަން އެނގޭކަންވެސް އެނގެއެވެ.


ނޭނގޭކަން އެނގޭ ކަންކަން: މިއީ، ތިމާއަށް އެކަމެއް ނޭނގޭކަން އެނގޭ ކަންކަމެވެ. މިސާލަކަށް، މަތިންދާބޯޓު ދުއްވުމަކީ މީހުން ކުރާ ކަމެއްކަން އެނގެއެވެ. ނަމަވެސް، ތިމާއަށް މަތިންދާ ބޯޓު ދުއްވަން ނޭނގޭކަން ތިމާއަށް އެނގެއެވެ. ނަމަވެސް، މިކަމަކީ ދަސްކުރެވިދާނެ ކަމެކެވެ. މީހުން ދަސްކޮށްފައިވެސް އެބަހުއްޓެވެ. ވީމާ، ނޭނގޭކަން އެނގޭ ކަންކަމަކީ، ދަސްކުރެވިދާނެ، އަދި މިޙާލަތުން ފުރަތަމަ ޙާލަތަށް (އެނގޭކަން އެނގޭ ކަންކަމަށް) ފުރޮޅާލެވިދާނެ ކަމެކެވެ.


ނޭނގޭކަން ނޭނގޭކަންކަން: މިއީ، އެކަމެއް ތިމާއަށް ނޭނގޭކަންވެސް ނޭނގޭ ކަންކަމެވެ. މީގެ މިސާލެއްވެސް ނޭނގެއެވެ. އެއީ، މިސާލު އެނގޭނަމަ، އެކަންތައް ވަންނާނީ މަތީގައި އޮތް ދެ ކެޓަގަރީގެ ތެރެއިން ކޮންމެވެސް އެއް ކެޓަގަރީއަކަށެވެ.

 

މީހަކު އަލަށް ދަސްކުރާ ކޮންމެ ކަމެއް އެންމެ ފުރަތަމަ ވަންނާނީ ތިންވަނަ ކެޓަގަރީއަށެވެ. އެއަށްފަހު، ދެވަނަ ކެޓަގަރީއަށް ބަދަލުވާނެއެވެ. ފުރަތަމަ ކެޓަގަރީއަށް ބަދަލުވާނީ، ދެވަނަ ކެޓަގަރީގައި މަޑުކޮށްލާފައެވެ. ތިންވަނަ ކެޓަގަރީއިން ކަންކަން ހޯދައިގެން ފުރަތަމަ ކެޓަގަރީއާ ހަމައަށް ގެންދާ މީހުންނަކީ ޢިލްމުވެރިންނެވެ. ޢިލްމީ ދާއިރާގައި ކުރިއަރަން ބޭނުންވާ ޢިލްމުވެރިއެއްގެ އެންމެ ބޮޑު ޝައުޤެއް ހުންނާނީ ތިންވަނަ، ނޭނގޭކަން ނޭނގޭކަމުގެ ކެޓަގަރީއަށެވެ. އެއީ ކަމެއް ދަސްކުރަން ފެށޭނީ އެހިސާބުން ކަމަށްވާތީއެވެ.

 

ނޭނގޭކަން ނޭނގޭކަން އެނގޭނީ، ކަންކަން ކިޔައި، ބަލައި، ދިރާސާކޮށް، ތަޖުރިބާކޮށް، މީހުންނާ ވާހަކަ ދައްކާ، ފޮތް ކިޔައި ހެދުމުންނެވެ. އެއްވެސް މީހަކީ ހުރިހާ ކަމެއް އެނގޭނެ މީހެއް ނޫނެވެ. ހުރިހާ ކަމެއް ނޭނގޭކަން އެނގޭނެ މީހެއްވެސް ނޫނެވެ. ތިމާއަށް ތަޞައްވަރު ނުކުރެވޭ އެތައް އެތައް ކަމެއް އެހެން މީހުންނަށް އެނގޭނެއެވެ. ޢިލްމުވެރިން ގިނަ ވަގުތު ފޮތް ކިޔުމުގައި ހޭދަކުރަނީ އެސަބަބަށްޓަކައެވެ. ފޮތެއް ކިޔުމުން، އެފޮތުގައި ހުރި، ކުރިން ނޭނގޭކަންވެސް ނޭނގޭ ކަންކަން އެނގެއެވެ. އެހިސާބުން، ނޭނގޭ ކަންތައް އެނގޭ ކަމަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތް ކުރަން ފަހިވެއެވެ. ގިނަ އެއްޗެހި އެނގޭ ވަރަކަށް މީހާގެ ސިކުނޑި ތަނަވަސްވެ، އަނެއްކާވެސް އައު ކަމެއް ހޯދުމުގެ ޝައުޤު އުފެދެއެވެ. ޢިލްމުވެރިން ދައުރުކުރަނީ މިބޮޅުގެ ތެރޭގައެވެ.

 

މީގެ ބާރަ ތޭރަ އަހަރު ކުރިން، މުޅިން އަލަށް އޮސްޓްރޭލިއާއަށް ކުރެވުނު ދަތުރެއްގައި، ސިޑްނީގެ މޫދު ފިނިކޮށް އޮތްކަން އެނގުން ވީ އަޅުގަނޑު ޙައިރާންވެ އަންތަރީސްވީ ކަމަކަށެވެ. އަޅުގަނޑުމެން ބޮޑުވީ، ދުވާލާއި ރޭގަނޑުގެ ކޮންމެ ވަގުތަކުވެސް މޫދަށްގޮސް، ފަތާ އުޅޭ މާޙައުލެއްގައެވެ. ސިޑްނީގެ މޫދު ކައިރިއަށް ގޮސް، މޫދަށް އެރިލުމުން، މޫދަކީ ފިނިއެއްޗަކަށް ވުމުގެ ފުރުޞަތު އޮތްކަން އެނގުނެވެ. އެއީ ކުރިން ނުވެސް އެނގޭ، ނޭނގޭކަންވެސް ނޭނގޭ ކަމެކެވެ. ތިންވަނަ ކެޓަގަރީގެ ކަމެކެވެ. އެއަށްފަހު، މޫދު ފިނިވާގޮތާބެހޭ ގޮތުން ދިރާސާކޮށް، ބަލައި ހެދުމުން، މިހާރު އެއީ، ދެވަނަ ކެޓަގަރީ ފަހަނައަޅައި، ފުރަތަމަ ކެޓަގަރީގައި އޮތް ކަމެކެވެ. އެދާއިރާއިން ކުޑަކުޑަ ޢިލްމުކޮޅެއް ލިބުނީއެވެ.


ޤުރުއާނުގެ އެތައް އެތައް އާޔަތެއްގައި، ނޭނގޭކަން ނޭނގޭކަންކަމުގެ ވާހަކައަށް އިޝާރާތްކުރައްވާފައިވެއެވެ. އަދި އެކަންކަން ދަސްކޮށްދެއްވީ ﷲ ސުބްޙާނަހޫ ވަތަޢާލާކަމަށްވެސް އޮވެއެވެ. ޤުރުއާނުން އެންމެ ފުރަތަމަ ބާވާލެއްވުނު، ޢަލަޤު ސޫރަތުގައި އޮތީ، ٱلَّذِى އެކަލާނގެއީ، عَلَّمَ އުނގަންނައިދެއްވި ރަސްކަލާނގެއޭ، بِٱلْقَلَمِ ޤަލަމުގެ ޛަރީޢާއިން. عَلَّمَ އެކަލާނގެ އުނގަންނައިދެއްވިއޭ ٱلْإِنسَـٰنَ އިންސާނުންނަށް مَا لَمْ يَعْلَمْ އޭނާއަށް ނޭނގޭ ކަންކަން މިހެނެވެ.

 

ޤަޞަޞް ސޫރަތުގެ 14 ވަނަ އާޔަތުގައި މޫސާގެ ފާނާބެހޭ ގޮތުން އޮތީ، وَلَمَّا بَلَغَ أَشُدَّهُۥ އެކަލޭގެފާނު ބޮޑުފުޅުވެ، وَٱسْتَوَىٰٓ އަދި ފުރާ ފުރިހަމަވިހިނދު،ءَاتَيْنَـٰهُ ތިމަން ރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމޭ، حُكْمًۭا ޙިކްމަތާއި وَعِلْمًۭا ۚ އަދި ޢިލްމު. وَكَذَٰلِكَ އަދި އެގޮތަށޭ نَجْزِى ތިމަން ރަސްކަލާނގެ ޖަޒާ ދެއްވަނީ ٱلْمُحْسِنِينَ އިޙްސާންތެރިންނަށް، މިހެނެވެ.

 

ޢިލްމަކީ މާތްﷲ ގެ ޙަޟްރަތުގައި އޮތް އެއްޗެކެވެ. އިންސާނުންނަށް ލިބެނީ، އެއިން ދެއްވުމަށް މާތްﷲ މިންވަރު ކުރެއްވި ވަރެކެވެ. ޢިލްމު ހޯދަން ކުރާންޖެހޭކަމަށް އަންގަވާފައި އޮތީ، އެއްޗެތި ކިޔުމެވެ. ކިޔައި އުޅޭ މީހުންނަށް ޢިލްމު ދެއްވާނެކަމަށް ޤުރުއާނުގައި މާތްﷲ އަންގަވާފައިވެއެވެ. ވީމާ، އަޅުގަނޑުމެން ކުރަންވީ ކަމަކީ، ކަންކަމާބެހޭ ގޮތުން މީހުން ލިޔެފައި ހުންނަ އެއްޗެތި ކިޔައި، ވިސްނައި، ދިރާސާކޮށް ހެދުމެވެ. އޭރުން، ކޮންމެ ދުވަހަކުވެސް، ނޭނގޭކަން ނޭނގޭކަމެއް އެނގެމުންދާނެއެވެ. މަޑުމަޑުން ޢިލްމު ލިބެމުންދާނެއެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author