3/29/2022

ފުރަތަމަ ކިޔާށެވެ. އެއަށްފަހު ވިސްނާ، ޢަމަލު ކުރާށެވެ.

އަޅުގަނޑުމެންނާ ބޯމަތިވެގެން މިހިރަ އަންނަނީ ބަރަކާތްތެރި ރަމަޟާން މަހެވެ. ރަމަޟާން މަހަކީ، އެމަހެއްގައި ޤުރުއާން ބާވައިލެއްވި މަހެވެ. ކީރިތި ޤުރުއާން ބާވައިލެއްވުނީ، މީސްތަކުންނަށް ހުރި ތެދު މަގެއް ކަމުގައްޔާއި، ހިދާޔަތާއި ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ޤުރުއާނަކީ މުޢުޖިޒާތެކެވެ. ޤުރުއާނަކީ މާތްކަލާނގެ ކަލާމްފުޅެވެ. އެޤުރުއާން ބާވައިލެއްވުނީ، މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު (ޞ) އަށެވެ. ކީރިތި ރަސޫލާ (ޞ) އަކީ އުއްމިއްޔަ، ލިޔަން ކިޔަން ދެނެވަޑައިނުގަންނަވާ ބޭފުޅެކެވެ. އުއްމިއްޔަ ރަސޫލެއްގެ އަތްޕުޅަށް، އެއަށް ގޮން ޖަހައިނުލެވޭ ވަރުގެ މޮޅު ފޮތެއް ބާވައިލެއްވުންވީވެސް، އޭގެ ޒާތުގައި މުޢުޖިޒާތަކަށެވެ.


ކީރިތި ރަސޫލާ (ޞ) އަކީ އުއްމިއްޔަ ރަސޫލަކަށްވުމުގެ ޙިކުމަތު އޮތީ ޢަންކަބޫތު ސޫރަތުގެ 48 ވަނަ އާޔަތުގައެވެ. وَمَا كُنتَ تَتْلُوا۟ مِن قَبْلِهِۦ مِن كِتَـٰبٍۢ وَلَا تَخُطُّهُۥ بِيَمِينِكَ ۖ إِذًۭا لَّٱرْتَابَ ٱلْمُبْطِلُونَ. މާނައީ، "އަދި އޭގެ ކުރިން ކަލޭގެފާނު އެއްވެސް ފޮތެއް ކިޔަވައިވިދާޅުވެއެއް ނޫޅުއްވަމުއެވެ. އަދި ކަލޭގެފާނު އަތްޕުޅުން އެއްވެސް ފޮތެއް ނުލިޔުއްވަމުއެވެ. އެކަން އެހެންވީނަމަ، ކާފަރުން ޝައްކު ކުރީހެވެ."

 

ކީރިތި ޤުރުއާނުގެ ކޮންމެ ލަފުޒަކީ، ކޮންމެ ޖުމްލައަކީ، ކޮންމެ އާޔަތަކީ، ކޮންމެ ސޫރަތަކީ، އަދި މުޅި ޤުރުއާން އެއްކޮށް، އެއީ މުޢުޖިޒާތެކެވެ. ޤުރުއާނުގައި އެންމެ ފުރަތަމަ ބާވައިލެއްވުން އާޔަތަކީ ޢަލަޤު ސޫރަތުގެ {ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ} މާނައީ، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އިސްމުފުޅުން ކިޔަވައި ވިދާޅުވާށެވެ. އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ.

 

ޤުރުއާނުގެ ކޮންމެ ބަހަކީވެސް، އެބަހެއް ބޭނުންކުރުމުގައި އެތައް އެތައް ޙިކުމަތެއް ހިމެނޭނޭ ބަހެކެވެ. އަޅުގަނޑުމެންނަށް އޮތީ، އެކަންކަމާ ވިސްނައި ފިކުރުކުރުމެވެ. ކީރިތި ރަސޫލާ (ޞ) އަކީ ލިޔަންކިޔަން ދެނެވަޑައިނުގަންނަވާ ބޭފުޅެއްކަން ދެނެވޮޑިގެންމެ، އެކަލޭގެފާނާ މުޚާޠަބުކުރައްވައި، 'ކިޔަވައި ވިދާޅުވާށޭ'، ވަޙީ ކުރެއްވީ، އެކަލޭގެފާނަށް މަލާމާތް ރައްދު ކުރެއްވުމަކަށް ނޫނެވެ. އެހިނދު އެކަލޭގެފާނު ޙަދީސް ކުރެއްވިމެއެވެ. «فَقُلْتُ: مَا أَنَا بِقَارِىء» ތިމަން ކަލޭގެފާނު ވިދާޅުވީމޭ، ތިމަންނާއަކީ ލިޔަންކިޔަން ދަންނަ މީހަކު ކަމުގައި ނުވަމުއެވެ. ކީރިތި ރަސޫލާ (ޞ) އަށް ކުރެއްވޭނެ ކަމަކީ އަޑުދަށުން ކިޔުމެވެ. އެކަމަށް ޢަރަބި ބަހުގައި ބޭނުންކުރާ ބަހަކީ ތަލްޤީން (ދިވެހި ބަހުންނަމަ، ލައިދިނުން) ނުވަތަ އެބަހުން އުފެދިގެން އަންނަ ބަހެކެވެ. ޤުރުއާނުގައި އޮތް އިޤުރައުއަކީ ލިޔެފައި ހުންނަ އެއްޗެއް ކިޔުމަށް ކިޔާ ނަމެކެވެ. އިސްލާމީ ޢާލިމު، ފަޚުރުއްދީން އައްރާޒީ ދެކެވަޑައިގަންނަވާ ގޮތުގައި، ޤުރުއާނުން ބާވާލެއްވުނު އާޔަތްތަކަކީ ލިޔެފައި އޮތް އެއްޗެކެވެ. އެހެން ނޫންނަމަ، ކީރިތި ރަސޫލާ (ޞ)، ކިޔުއްވަން ދެނެވަޑައިނުގަންނަވާކަމަކަށް ހަދީސެއް ނުކުރެއްވީހެވެ.

 

ވީމާ، މިއާޔަތުގައި އޮތް އިޤުރައު (ކިޔުން) އަކީ، ކީރިތި ރަސޫލާއަށް ޚާއްޞަކޮށް މުޚާޠަބު ކުރައްވާފައި އޮތް ބަހެއް ނޫންކަމާއި، އެކަމުގައި އެއަށްވުރެ މާ ފުޅާ މާނައެއް އޮތްކަން އެބަ އެނގެއެވެ.

 

އިންސާނުން، އެހެން މަޚުލޫޤުންނާ ތަފާތުވަނީ، އިންސާނުންނަށް ކަންކަމާ ވިސްނައި، ފިކުރުކުރުމުގެ ނިޢުމަތާއި ބާރު ދެއްވާފައިވާތީއެވެ. ކީރިތި ޤުރުއާނުގެ އެތައް އެތައް އާޔަތެއްގައި، ތިޔަބައިމީހުން ވިސްނާ ފިކުރުކުރާނަމަ، އެކަމުގައި ޢިބުރަތްތަކެއް ހުންނާނެކަމަށް ބަޔާންކުރައްވާފައިވެއެވެ. އެތައް އާޔަތްތަކެއްގައި، ވިސްނާ ފިކުރުކުރުމަށް އަމުރު ކުރައްވާފައިވެސްވެއެވެ. ނަމަވެސް، ޤުރުއާނުގައި އެންމެ ފުރަތަމަ ބާވާލެއްވި އާޔަތުގައި އޮތީ ވިސްނާ ފިކުރުކުރާކަށް ނޫނެވެ. ކިޔާށެވެ. މިތަރުތީބަކީވެސް އޮޅުމަކުން، އިއްތިފާޤަކުން އޮތް ތަރުތީބެއްނޫނެވެ.


އަޅުގަނޑަށް ސިފަވާ ގޮތަކީ، އިސްލާމް ދީން ބާރުއަޅަނީ، އެންމެ ފުރަތަމަ ކިޔާށެވެ. އެއަށްފަހު، އެކިޔުނު އެއްޗަކާ ވިސްނާ ފިކުރުކޮށް، އެކަމުގެ މައްޗަށް ޢަމަލުކުރާށެވެ. މާތްﷲގެ ކުޅަދުންވަންތަކަމުގެ އެތައް އެތައް އާޔަތްތަކަކާއި ހެކިތަކެއް ޤުރުއާނުގައި ހުރިއިރުވެސް، ޤުރުއާން ބާވާލައްވަން ފައްޓަވަން ﷲ ސުބުޙާނަހޫ ވަތަޢާލާ ޚިޔާރު ކުރެއްވީ ކިޔުމާބެހޭ އާޔަތުންނެވެ. މާނައަކީ، ޤުރުއާނުގައި ނުވަތަ އެނޫންވެސް ތަނެއްގައި އޮތް އެއްޗެއް ނުކިޔައި، އެކަމާ ވިސްނުމަކީ ޤުރުއާން ބާރުއަޅާ ކަމެއް ނޫންކަމެވެ.


މިކަން އިތުރަށް ކަށަވަރުވަނީ އަލްޢަލަޤު ސޫރަތުގެ ބާކީ ހުރި އާޔަތްތައް ކިޔައިލީމައެވެ. ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ . ٱلَّذِى عَلَّمَ بِٱلْقَلَمِ . عَلَّمَ ٱلْإِنسَـٰنَ مَا لَمْ يَعْلَمْ (ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނު ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތައް ރަސްކަލާނގެއެވެ. އެކަލާނގެއީ، ޤަލަމުން އުނގަންނައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދައްނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ.) މިއާޔަތްތަކުގައި، ކިޔުމާއި، ޤަލަމާއި ލިޔުމާއި އުނގެނުން ތަކުރާރު ކުރައްވާފައި އޮތުމުން، އިސްލާމްދީނުގެ ފަލްސަފާއަކީ، މީހަކު ބުނާ އެއްޗަކާމެދު ވިސްނުމުގެ ކުރިން، އެކަމާބެހޭ ގޮތުން ތިމާ އަމިއްލައަށް ކިޔުންކަން އެނގެއެވެ. މަތީގައި އޮތް އާޔަތްތަކުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ މުޚާޠަބުކުރައްވާފައިވަނީވެސް އިންސާނުންނަށެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންކަން އުނގަންނައިދެއްވި ކަމަށެވެ. މުސްލިމުންނަށް އެކަންޏެއް ނޫނެވެ.


އެހެންކަމުން، ދީނީ ކަމެއް ވިޔަސް، ދުނިޔަވީ ކަމެއްވިޔަސް، އެންމެ ފުރަތަމަ އެ މައުޟޫޢަކަށް މީހުން ލިޔެފައި ހުރި ވާހަކަތައް ކިޔަންވީއެވެ. އެއަށްފަހު، އެކަމާ ވިސްނާ ފިކުރުކުރާނީއެވެ. މިދެކަންތަކަށްފަހު، އެމީހަކަށް ފެންނަ ގޮތަކަށް ޢަމަލުކުރާނީއެވެ. ތިމާއަށް ލިބިހުރި ޢިލްމަށް ޢަމަލުކުރާ ބެހޭ ގޮތުން އިމާމް ޝާފިޢީ ވިދާޅުވެފައިވެއެވެ. މީހާގެ ޢިލްމު ދެނެގަންނާނީ އެމީހަކު ހިތުދަސް އެއްޗެއްގެ މިންވަރަކުން ނޫނެވެ. އެމީހަކު ޢަމަލުކުރާ އެއްޗެއްގެ މައްޗަށެވެ. އިމާމް މާލިކު ވިދާޅުވެފައި އޮތީ، ޢިލްމު ލިބިފައި ހުރި މީހަކު، ޢިލްމު ހޯދުން ދޫކޮށްލުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ. 


ފޮޓޯ: އިންޓަރނެޓް. quora.com

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author