12/5/2021

"ޢިލްމުވެރިން" ނާއި "ދަންނަ މީހުން"

އަޅުގަނޑު ޤާނޫނީ ދާއިރާއިން ޑިގްރީ ހެދީ އަލް އަޒްހަރު ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައެވެ. އެތަނުގައި ކިޔެވިއިރު، ސަތޭކަ ވިއްސެއްހައި ދިވެހި ކުދިން އަޒްހަރުގެ އެކި ފެކަލްޓީތަކުގައި ކިޔަވަމުން ދިޔައެވެ. އެ ޔުނިވަރސިޓީގައި، ތަފާތު 90 އަށްވުރެ ގިނަ ފެކަލްޓީ ހުރެއެވެ. މީގެ ތެރޭގައި، ވަކިވަކި ޢިލްމުތަކަށް ޚާއްޞަވާ ވަރަށް ހަނި ދާއިރާތައް ހުރެއެވެ.

 

އަޅުގަނޑާ އެއް ދުވަސްވަރެއްގައި މިޞްރުގައި އުޅުނު އަލްއަޚް އަޙްމަދު މުސްލިމް ކިޔަވަމުން ދިޔައީ ހިސާބު ޢިލްމެވެ. އަޅުގަނޑާ އެއްދުވަހަކު ބައްދަލުވެގެން އަހައިފީމެވެ. އަޅުގަނޑަށްވެސް ހިސާބު ޢިލްމު އެނގެއެވެ. އެކަކާއި އެކަކާ އެއްކުރީމާ އަންނާނީ ދޭއްކަން އެނގެއެވެ. ހިސާބު ޢިލްމުގެ ބައިގައި، މަޢުހަދުގައި ކިޔެވިއިރު އަޅުގަނޑަށް ވަރަށް މަތިން މާރކްސް ލިބިފައިވެސްވެއެވެ. ވީމާ، އަޙްމަދު މުސްލިމް، އަޒްހަރު ޔުނިވަރސިޓީގައި އިތުރަށް ކިޔަވާ ހިސާބު ޢިލްމަކީ ކޮބައިތޯއެވެ. އޭނާގެ ޖަވާބަކީ، އޭނާ ކިޔަވަނީ، ނަންބަރެއްގެ ގޮތުގައި އެކެއްގެ މާނައަކީ ކޮބައިތޯއާއި، އެއްކުރުމުގެ މާނައަކީ ކޮބައިތޯއާއި ދޭއްގެ މާނައަކީ ކޮބައިތޯއެވެ. އެކަކާއި އެކަކާ އެއްކުރީމާ ދޭއް އަންނަނީ ކީއްވެގެންތޯއާއި އެނޫން ޖަވާބެއް ނާންނަނީ ކީއްވެގެންތޯއެވެ. އެނޫން ޖަވާބެއް އައުމުގެ ފުރުޞަތު އޮތީ ކިހާ މިންވަރަކަށްތޯއާއި އެއީ ކީއްވެގެންތޯއެވެ. މިއީ އަޅުގަނޑުގެ ވިސްނުން އެއްވެސް އިރަކު ދިޔަ ހިސާބެއް ނޫނެވެ. ތަޞައްވަރުވެސް ކުރެވުނު ހިސާބެއް ނޫނެވެ.

 

އަޙްމަދު މުސްލިމް ކިޔަވަމުން ދިޔަކީ، އަލްއަޒްހަރު ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ސައިންސްގެ "ފީޒިޔާ ވަލް ރިޔާޟާ" (ފިޒިކްސް އެންޑް މެތެމެޓިކްސް) ޑިޕާރޓްމަންޓްގައެވެ. ދެއަހަރު ދުވަހު ޢާންމު ސައިންސްގެ މާއްދާތައް ކިޔެވުމަށްފަހު، ޑިގްރީގެ ބާކީ ދެއަހަރު ޚާއްޞަވާންޖެހެނީ ތިން ދާއިރާއަކުން އެއް ދާއިރާއަކަށެވެ. އެއީ، ރިޔާޟާ (މެތަމެޓިކްސް)، ނުވަތަ ފީޒިޔާ (ފިޒިކްސް) ނުވަތަ ފަލަކު ވަލް އިރްޞާދު (މީޓިއޮރޮލޮޖީ) އެވެ. އޭނާ އިޚްތިޔާރު ކުރީ، މީޓިއޮރޮލޮޖީއެވެ. އޭނާއަކީ، މިހާރު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ މީޓިއޮރޮލޮޖިސްޓެވެ. އަޙްމަދު މުސްލިމްއަކީ ހިސާބު ޢިލްމުގެ ބޮޑުވެގެންވާ ޢިލްމުވެރިއެކެވެ. އަޅުގަނޑަކީ ހިސާބު ޢިލްމު ދަންނަ މީހެކެވެ. އަޅުގަނޑަށް އެނގެނީ ފޮތުގައި އޮތް އެއްޗެއް ކިޔުމުން ދޭހަވާ މާނަ އެކަންޏެވެ. އަޞްލު ޢިލްމެއް ނެތެވެ.

 

ޤާނޫނުވެސް ހަމަ އެގޮތެވެ. ޤާނޫނު ލިޔެފައި އޮންނަނީ ދިވެހި ބަހުން ކަމަށްވާތީ، ކޮންމެ މީހަކު ކިޔަސް، އެމީހަކަށް ޤާނޫނު އެނގެއެވެ. އޭނާ ވާނީ ޤާނޫނު ދަންނަ މީހަކަށެވެ. އެއާ ޚިލާފަށް، ޤާނޫނީ ޢިލްމުވެރިންނަކީ، ޤާނޫނެއް ކިޔުމުން، އެޤާނޫނާއެކު އަދި ކިޔަންޖެހޭނެ އެހެނިހެން ޤާނޫނުތައް ހުންނާނެކަން އެނގޭ މީހާއެވެ. ޤާނޫނުގެ ލަފްޒީ މާނަ ދޫކޮށް، އޭގެ މަޤްޞަދަށް ބަލަންޖެހޭ ޙާލަތާއި، އެނޫން ޙާލަތުތައް މިނެކިރައި، ވަޒަންކޮށް، އޭގެ ތެރެއިން ފުރިހަމަ، ހަމަޖެހޭ މާނައެއް ނެރެ، އެޤާނޫނު ތަންފީޒު ކުރަން އެނގޭ މީހާއަކީ ޤާނޫނީ ޢިލްމުވެރިއެކެވެ. ޤާނޫނު ކިޔަވައިގެން ހުންނަ ކޮންމެ މީހަކީ ޤާނޫނީ ޢިލްމުވެރިއަކަށް އަދި ނުވެދާނެއެވެ.

 

އަޒްހަރު ޔުނިވަރސިޓީއަކީ ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ޔުނިވަރސިޓީއެވެ. ޔޫރަޕުގައި އެންމެ ގިނަ ދުވަސްވީ ޔުނިވަރސިޓީ އޮފް ބޮލޯނިޔާ އުފެދުނީ 1088 ވަނަ އަހަރުއެވެ. އަޒްހަރު ފެށިގެން އައީ، 970 ވަނަ އަހަރު، އަޒްހަރު މިސްކިތުގެ ތެރެއިންނެވެ. އެމިސްކިތް ހުންނަނީ ޤާހިރާގެ އެންމެ ދުވަސްވީ ހިސާބުގަނޑުގައެވެ. މިސްކިތާ އިންވެގެން މިހާރު އެހުންނަނީ، އަޒްހަރު  ޔުނިވަރސިޓީގެ ދައްރާސާ ކެމްޕަހެވެ. އެއީ، ރައީސް މައުމޫން ކިޔަވާ ވިދާޅުވާން ވަޑައިގެންނެވި ޢިމާރާތެވެ. އަޅުގަނޑުވެސް ކިޔެވީ ހަމަ އެޢިމާރާތުގައެވެ. 'އަލް އަޒްހަރު' އެ ނަން ނިސްބަތްވަނީ ރަސޫލުﷲ (ޞ) ގެ ދަރިކަނބަލުން ފާޠިމަތުއްޒަހުރާ އަށެވެ.

 

އަޒްހަރުގައި ކިޔަވައިދޭން ފެށީ، މިސްކިތުގެ ކޮންމެ ތަނބެއްގައި ޢިލްމުވެރިއަކު އިންނަވައިގެންނެވެ. ޢިލްމުވެރިޔާގެ ގާތަށް ޢިލްމު ހޯދަންދާ މީހުން އެދުނު ވަރަކަށް ޢިލްމު ފޯރުކޮށްދެއެވެ. އެފޯރުކޮށްދިން ޢިލްމާމެދު ހިތްހަމަނުޖެހޭނަމަ، ޖެހިގެން ހުރި ތަނބުގައި އިންނަވާ ޢިލްމުވެރިޔާ ކިބައިން ހިތްހަމަ ނުޖެހޭ ކަންކަމުގެ ޖަވާބު ހޯދަން، ޢިލްމު ހޯދަންއުޅޭ މީހާ ހިނގާނީއެވެ. އެކި ތަނބުތަކުގައި ތިބޭ އެކި ޢިލްމުވެރިން ގާތުން ލިބޭ ޢިލްމު ހޯދައި، އެއްކޮށް، ދިރާސާކޮށް، އޭގެން އެދެވޭ ޙައްލެއް ހޯދަން ދަސްވުމުން އެހުރީ ޢިލްމުވެރިއަކަށް ވެފައެވެ. އަޒްހަރަކީ މިޞްރާއި ޢަރަބި ދުނިޔޭގައި (ޤާނޫނަކުން ބާރު ލިބިގެން) ޑިގްރީ ސެޓްފިކެޓު ދޫކުރަންފެށި އެންމެ ފުރަތަމަ އެއް ޔުނިވަރސިޓީއެވެ. އެއީ، އަޒްހަރުގެ އުފެދުނުތާ 990 އަހަރު ފަހުން، 1961 ވަނަ އަހަރެވެ.

 

ޢިލްމުވެރިންނަކީ، އެމީހުންގެ ޢިލްމާމެދު ޔަޤީންކަން އޮންނަ ބައެކެވެ. ދަންނަ މީހުންގައި، އެޔަޤީންކަމެއް ނޯވެއެވެ. އަޅުގަނޑު ހިސާބު ޢިލްމަށް މޮޅުކަމަށްބުނެ، އަޙްމަދު މުސްލިމާ ޖަދަލު ކުރެވެން އުޅުނީ އަޞްލު އަޅުގަނޑަށް ނޭނގޭތީއެވެ. އިނގިރޭސި ބަހުން ބުނާނަމަ، ޢިލްމާމެދު "އިންސެކިޔުއަރ" ވާތީއެވެ. އަޙްމަދު މުސްލިމަކީ ޢިލްމުވެރިއެކެވެ. އޭނާ ޖަވާބު ދިނީ ކެތްތެރިކަމާއި، މަޑުމައިތިކަމާއި، ޙިކުމަތްތެރިކަމާއެކުއެވެ. އަޅުގަނޑުގެ ސުވާލަކުން، އޭނާގެ ޢިލްމަކަށް، ނުވަތަ އޭނާއަށް އެނގޭ އެއްޗަކާމެދަކު އޭނާގެ ހިތުގައި ޝައްކެއް ނުއުފެދެއެވެ.

 

ޢިލްމުވެރިއަކަށްވަނީ މީހާގެ އަތުގައި ވަކި ފާހެއް އޮވެގެނެއް ނޫނެވެ. ދުނިޔޭގައި އެންމެ ފުރަތަމަ ބެޗެލަރޒް ޑިގްރީއެއް ތަޢާރަފު ކުރީ 1231 ވަނަ އަހަރުއެވެ. އެއީ އަޒްހަރުގައި ކިޔަވައިދޭން ފެށިތާ 261 އަހަރު ފަހުންނެވެ. އިސްލާމީ ދުނިޔޭގެ ކުރީ ޒަމާނުގެ މަޝްހޫރު (މިސާލަކަށް ހަތަރު މަޛްހަބުގެ މައި އިމާމުން) ޢިލްމުވެރިއެއް އަތުގައި، މިހާރު މިކިޔާ ޒާތުގެ ބެޗެލަރޒް ޑިގްރީއެއް ނޯވެއެވެ. ނަމަވެސް، އެމީހުންނަކީ ބޮޑުވެގެންވާ ޢިލްމުވެރިން ކަމާމެދަކު އެއްވެސް މީހަކު ސުވާލެއް ނުއުފައްދައެވެ.

 

ދަންނަ މީހާ، ޢިލްމުވެރިއަކަށް ބަދަލު ވުމަށްޓަކައި، ވަކި ކަމެއްގެ މަޢުލޫމާތު ފުންކޮށް ލިބިފައިވުމާއެކު ތަޖުރިބާވެސް ބޭނުންވެއެވެ. އަލަށް ޑިގްރީ ހަދައިގެން ނުކުންނަ ކުދިން 'ދުނިޔެ ބަދަލު ކުރަން' ބޭނުންވާނެއެވެ. ދެއަހަރެއްހައި ދުވަސް މަސައްކަތުގެ މާޙައުލުގައި އުޅުމުން، ޔުނިވަރސިޓީން ކިޔެވި އެއްޗަކާ، ޢަމަލީ ގޮތުން ދިމާވާ ކަންކަމާ އެއްގޮތް ނޫންކަމާއި، ޙައްލު ހޯދަންޖެހޭނީ ޢަމަލީ ދިރިއުޅުމަށްވެސް ބިނާކޮށްގެންކަން އެނގޭނެއެވެ. އެހިސާބުން، މަޑުމަޑުން ޢިލްމުވެރިއަކަށް ބަދަލުވާން ފަށައެވެ. މިއީ ޙިކުމަތު ޢަމަލީ އަންނަ ހިސާބެވެ. ކޮންމެ ކަމެއްގައި ޙިކުމަތުގެ ބޭނުން ކުރުމަކީ ޢިލްމުވެރިންގެ ސިފައެކެވެ. ދަންނަ މީހުންގެ ސިފައެއް ނޫނެވެ. ޢިލްމުވެރިން ރުޅިއައިސްގެން، އޭނާގެ "ޢިލްމު ދިފާޢެއް" ނުކުރާނެއެވެ. ޙިކުމަތްތެރި ގޮތަކީ މަޑުމައިތިރިކަމެވެ.

 

ޢިލްމުގެ ކުރިމަތީގައި ރުޅިވެރިކަން ފިލައިދާނެކަމީ ފެންނަން އޮތް ޙަޤީޤަތެކެވެ. އަޅުގަނޑުމެން ޑޮކްޓަރަށް ދައްކާފައި ވަކި ބޭހެއް ދިނީމާ، އެކަމާ ރުޅިއައިސްގެން ޑޮކްޓަރާ ޒުވާބެއް ނުކުރަމެވެ. އަޅުގަނޑުމެން އިތުބާރު ކުރަނީ ޑޮކްޓަރުގެ ތަމްރީނަށެވެ. އޭނާގެ ޢިލްމަށެވެ. 

 

ދަންނަ މީހުންނަކީ، އެމީހުން ދަންނަ ކޮންމެ ކަމަކާ ބެހޭ ގޮތުން ވާހަކަ ދައްކާ ބައެކެވެ. ޢިލްމުވެރިން ވާހަކަ ދައްކާނީ އެމީހަކަށް އެނގޭ އެއްޗަކާ ބެހޭ ގޮތުންނެވެ. އަޙްމަދު މުސްލިމް ކިޔެވީ އަޒްހަރުންނެވެ. އަޒްހަރުގެ ކޮންމެ ފެކަލްޓީއެއްގައި ކިޔެވިއަސް ޤުރުއާނުގެ މަދުވެގެން ތިންބައިކުޅަ ދެބައި ހިތުދަސް ނުކޮށް ފާހެއް ނުވާނެއެވެ. ނަމަވެސް، އަޙްމަދު މުސްލިމަކީ ޤުރުއާނުގެ ޢިލްމުވެރިއަކަށް ވެގެން އުޅުނު ތަނެއް، ދެއްކި ވާހަކައެއް އަޑެއް ނާހަމެވެ. ޤުރުއާނުގައި ހުރި ފަލަކީ ކަންކަމާބެހޭ ވާހަކަ ވަރަށް ޝައުޤުވެރިކަމާއެކު ދައްކައެވެ. ޤުރުއާނާއި ޝަރުޢީ ކަންކަމުގައި އޭނާއަކީ ދަންނަ މީހެކެވެ. ޢިލްމުވެރިއެއް ނޫނެވެ.

 

ކޮންމެ ދަންނަ މީހަކީ ޢިލްމުވެރިއެއް ނޫނެވެ. ކޮންމެ ޢިލްމުވެރިއަކީ ހުރިހާ ކަމެއް ދަންނާނެ މީހެއްވެސް ނޫނެވެ. ޢިލްމުވެރިއަކަށް ވުމަށްޓަކައި އޭނާގެ "އީގޯ" އަށް ސަމާލުވާންޖެހެއެވެ. ޙިކުމަތްތެރިކަމާއި މަޑުމައިތިރިކަން އިޚްތިޔާރު ކުރަންޖެހެއެވެ. ޢިލްމަކީ ދިފާޢު ކުރަންޖެހޭ އެއްޗެއް ނޫނެވެ. 


---

މިލިޔުން ފުރަތަމަ ޝާއިޢު ކުރެވުނީ، 26 ފެބްރުވަރީ 2021 ވީ ހުކުރު ދުވަހުއެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author