11/1/2026

ސަޢީދުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު. ކްރިމިނަލް ޖަސްޓިސް ސިސްޓަމުގެ އިތުބާރަށް ބުރޫ އަރާ ކަމެއް

ވޭތުވެދިޔަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު އަޅުގަނޑު އަޑުއެހީ، މީހަކު ފުލުހުންގެ އިދާރާގެ ކުރިމަތީގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިގެން އުޅޭ ވާހަކައެވެ. އޭނާގެ ޝަކުވާއަކީ، ސޯސަންމަގުގައި، އޭނާ ދިރިއުޅޭ ގޭ ކައިރީގައި މަސްތުވާތަކެތި ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ ފައިރަޝް ކިޔާ މީހެއްގެ ތުރާލާއި އުނދަގޫ، އޭނާއާއި އޭނާގެ ޢާއިލާއަށް ބޮޑުވެގެން، އެމައްސަލަ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާތާ ދޮޅުއަހަރު ވީއިރުވެސް އެއްވެސް ޙައްލެއް އައިސްފައިނުވުމެވެ. އެކަމުގެ ދެކޮޅު ބެލިއިރު، މިކަމުގައި އުޅެނީ އަޅުގަނޑުގެވެސް ވަރަށް ދުވަސްވީ އެކުވެރި މުޙައްމަދު ސަޢީދެވެ. އަޅުގަނޑުގެ މަދަރުސީ ދައުރުގެ ރަޙްމަތްތެރިއެކެވެ.

މުޙައްމަދު ސަޢީދާއި އޭނާގެ ޢާއިލާއަކީވެސް އަޅުގަނޑު ދަންނަ ބައެކެވެ. ދުނިޔޭގެ އާޖުފާޖު އެނގޭ، ދައުލަތުގެ އެކި މަޤާމުތަކުގައި ތިބޭ މީހުންނާ ރަޙްމަތްތެރިކަންވެސް އޮންނަ، ފޯނުން މުޢާމަލާތުކުރެވޭ ފެންވަރުގެ، ދުނިޔޭގައި އުޅުމުގެ ދާއިރާއިން ތަންދޮރު ފިލާފައި ހުރި، ތަޢުލީމީ، ހަރުދަނާ މީހެކެވެ. މިވަގުތު، ބޭންކް އޮފް މޯލްޑިވްސްގެ ސީނިއަރ މަޤާމެއްގައި ހުރި، ވަޒީފާގެ މާޙައުލުގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި، މަތީ ތަޢުލީމު ޙާޞިލުކޮށްފައިވާ މީހެކެވެ. ސަޢީދަކީ 'އަންރީޒަނަބަލް' މީހެއް ނޫނެވެ. ދެބަސްވުމާ އެކުވެސް ވާހަކަ ދެއްކޭ މިޒާޖެއްގެ ޒުވާނެކެވެ. ވީމާ، އޭނާ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށާނީ ނުވަތަ އެފަދަ ކަމެއް ކުރާނީ ހަމަ ޙަޤީޤަތުގައިވެސް ގޮތް ހުސްވެގެންކަމަށް އަޅުގަނޑަށް ޔަޤީންވިއެވެ. ސަޢީދުގެ ހަޅުތާލުގެ ވާހަކަ އަޅުގަނޑު ފުރަތަމަވެސް ކިޔީ 17 އޮކްޓޯބަރު ގެ ހެނދުނު ނޫސްތަކުންނެވެ. މިމައްސަލައިގައި، އެކި ސަބަބުތަކާހުރެ އަޅުގަނޑު ކަންބޮޑުވެއެވެ.

އެންމެ ފުރަތަމަ ކަމަކީ، މިކަމުގެ ސަބަބުން ޢާންމުކޮށް ދައުލަތުގެ ހިންގުމުގެ ނިޒާމަށް، ޚާއްޞަކޮށް ކްރިމިނަލް ޖަސްޓިސް ސިސްޓަމަށް މީހުންކުރާ އިތުބާރަށް ބުރޫއަރާނެތީއެވެ. މިވާހަކަ އަޑުއަހާ މީހުންގެ ސިކުނޑީގައި ހިނގާނީ، އެމީހަކާ ކުރިމަތިވެފައިވާ މިބާވަތުގެ ނޭދެވޭ ތަޖުރިބާއެއްގެ ވާހަކައެވެ. ރިޕީޓުވާނީ އެވާހަކައެވެ. އޭގެ ސަބަބުން، އެތައް ދުވަހެއްގެ މަތިން ސިސްޓަމާމެދު އިތުބާރު އުފެއްދުމަށް އެތައް ބަޔަކު ކުރި އެހާމެ ބުރަ މަސައްކަތް ފަހަތަށް ސޮއްސާލައިގެން ދާނެއެވެ. މި މަޒުމޫނުގެ ބޭނުމަކީ ކޮންމެހެން މީހަކު ޒިންމާކުރުވުމެއް ނޫނެވެ. ނަމަވެސް، މިކަން މިހިސާބަށް ދިޔަ ގޮތަކާއި ސަޢީދުއަށް ޙައްލެއް ހޯދައިދެވެން އޮތް ގޮތަކާއި، މީގެ ފަހުން މިކަން ތަކުރާރުނުވާނެ ގޮތަކީ ކޮބައިތޯ ބެލުމެވެ.

ސަޢީދުގެ ވާހަކައިން އެނގެނީ، މިކަމުގައި ސަޢީދު ވާހަކަ ނުދައްކާ މީހަކު ނެތްކަމެވެ. ޚަބަރުގައި ހުރި ވާހަކަތައް ކިޔާލުމުން، އަދި ސަޢީދުއަށް ދައުލަތުގެ ވެރިން ޒިޔާރަތްކޮށް ދެއްކި ވާހަކަތަކުން، ފައިރިޝްގެ މައްސަލައަކީ ޙަޤީޤަތުގައިވެސް މައްސަލައެއްކަމަށް ދައުލަތުގެ ވެރިންވެސް ޤަބޫލުކުރާކަން އެނގެއެވެ. އެއީ ޕްރޮސިކިއުޓަރ ޖެނެރަލަސް، ދާޚިލީ ވަޒީރަކަސް، ނުވަތަ ފުލުހުންގެ އެކި ވަރުވަރުގެ ސޯރތައްވެސް މެއެވެ. ނަމަވެސް، މިކަމާ ފިޔަވަޅެއް އަޅާނެ މީހަކު ނެތެވެ. އެއްބަޔަކު ގޯސްކުރަނީ ޤާނޫނެވެ. އަނެއް ބަޔަކު ބުނަނީ ޑްރަގް ސެންޓަރުން މީހުން ނުނަގަނީ ކަމަށެވެ. ގުރައިދޫ މަރުކަޒުންވެސް ހަވާލުވާ ކަމަކަށް ނުވެއެވެ. މިވާހަކަތައް ދައްކަނީ މިއިދާރާތައް ހިންގުމާ ޙަވާލުވެތިބި މީހުންނެވެ.

ހޯމް މިނިސްޓަރު ވިދާޅުވިކަމަށްވަނީ ޙައްލެއް ހޯދައިދެއްވާނެކަމަށެވެ. އެ ޙައްލަކީ ފައިރަޝް ހައްޔަރުކުރުމެވެ. އެދުވަހުން ދުވަހަށް ހައްޔަރުވެސްކޮށްފިއެވެ. ފައިރަޝް، އެކި ސަބަބުތަކާހުރެ ތިރީހަކަށް ފަހަރު ހައްޔަރުކުރެވިފައިވާ ކަމަށް ބުނާތީ، ހައްޔަރުކުރުމަކީ ޙައްލެއް ނޫންކަން ސާފުކޮށް އެބަ އެނގެއެވެ. އެކަން ކަށަވަރުވީ، އިއްޔެގެ ނޫސްތަކުގައި، އޭނާ ހިންމަފުށިން ފިލި ވާހަކަ ރިޕޯޓުކޮށްފައި އޮތީމައެވެ. ހޯމް މިނިސްޓަރުގެ ޙައްލު، ޙައްލަކަށް ނުއްވެވެ.  

އަޅުގަނޑުގެ ހިތަށް އެރީ، ރާއްޖޭގެ ރިސޯޓެއްގައި ގެސްޓަކު، އޭނާގެ ކޮޓަރީގެ ތަޅުދަނޑި ކޮޓަރީގެ އެތެރޭގައި ބާއްވާފައި ތަޅުލެވުމުން، އޭނާ ގޮސް، ރެސްޓޯރަންޓު ވެއިޓަރު ގާތު ތިމަންނާ ތަޅުދަނޑި ގެއްލިއްޖެއޭ ބުނުމުން ކަންތައްވާނެގޮތެވެ. ވެއިޓަރު، ތިކަމަކީ ތިމަންނާއާބެހޭ ކަމެއް ނޫނޭ، ރިސެޕްޝަނަށް ދާށޭ ބުނެ، ތިއީ ތިމަންނާއާ ޙަވާލުކޮށްފައި ނެތްކަމެކޭ ނުބުނާނެއެވެ. ތިކަމުގައި ހިނގަންވީ މަގެއް ނޭނގެއެކޭވެސް ނުބުނާނެއެވެ. އޭނާ، އެ ގެސްޓު މީހާ ގޮވައިގެން ތަޅުދަނޑި ހެދޭވަރުގެ މީހަކާ ބައްދަލުކުރުވައި، ގެސްޓު މީހާއަށް ކޮޓަރިއަށް ވަދެވޭވަރު ކޮށްދޭނެއެވެ. އެކަން އެ ކުރަނީކީ މާ މައްޗަކަށް ކިޔަވައިގެން ތިބި ބައެއް ނޫނެވެ. ޤާނޫނާއި ޝަރްޢީ ދާއިރާގެ ޑިގްރީއެއް އެމީހުން އަތަކު ނެތެވެ. ނަމުގެ ކުރިއަށް އެކި އަކުރުތަކާއި ލަޤަބުތަކެއް ނެތެވެ. އެމެރިކާގެ އެންމެ ބޮޑު މިލިޓަރީ އެކަޑަމީ ހުންނަ ތަނެއްވެސް އޭނާއަކަށް ނޭނގޭނެއެވެ. ނަމަވެސް، ވެއިޓަރަށް އެއްކަމެއް ރިސޯޓު މެނޭޖްމަންޓުން ދަސްކޮށްދީފައިވެއެވެ. އެއީ، ޚިދުމަތްދިނުމެވެ. ޚިދުމަތްދިނުމުގެ ސަޤާފަތެކެވެ. ރާއްޖޭގެ ޓުއަރިޒަމް ދުނިޔޭގެ ފެންވަރުގައި ހިފަހައްޓަނީ ޚިދުމަތްދިނުމުގެ ސަޤާފަތުގެ ހަރުދަނާ ކަމުގެ ސަބަބުންނެވެ. އެ ސިފަ، ސަރުކާރުގައި، އަދި ޖެހިގެން އޮތް ރަށުގައި ތިބޭ ފުލުހުންގެ ނުވަތަ ޕްރޮސިކިއުޓަރުންގެ ނުވަތަ ދާޚިލީ ވަޒީރު އޮފީހުގެ މީހުންގައި ނެތުމަކީ އަޅުގަނޑަށް ޤަބޫލުކުރަން އުނދަގޫވާ ކަމެކެވެ.

ފައިރިޝްގެ ސަބަބުން މީހުންނަށް ތުރާވާކަން ދައުލަތުގެ ކަމާބެހޭ މީހުން ޤަބޫލުކުރެއެވެ. ސަޢީދަށް ޙައްލެއް ހޯދައިދޭންޖެހޭކަމަށްވެސް އެންމެން ޤަބޫލުކުރެއެވެ. އެވާހަކަ އެންމެ ބާރަށް ދައްކަނީ ޙައްލު ހޯދައިދިނުމުގެ ޤާނޫނީ ޒިންމާ އޮތް މީހުންނެވެ. އެމީހުންނަށް ނޭނގެނީ "ޤާނޫނީ ޗަރުކޭސް" ކުޅެގެން ޙައްލު ހޯދައިދޭށެވެ. ޚިދުމަތްދިނުމުގެ ޖައުހަރަކީ ޚިދުމަތް ހޯދަން އަންނަ މީހާއަށް ޙައްލެއް ހޯދައިދިނުމެވެ. ގެސްޓު މީހާއަށް ތަޅުދަނޑި ހެދޭނޭ ގޮތެއް ހޯދައިދިނުމެވެ.

މިއީ، އަޅުގަނޑު މިދަންނަވާ ޢިލްމުވެރިންނާއި ދަންނަ މީހުންގެ ތަފާތެވެ. ދަންނަ މީހުންނަކީ ލިޔެފައި އޮންނަ އެއްޗެއް ކިޔަން އެނގޭ މީހުންނެވެ. ޢިލްމުވެރިންނަކީ، އެލިޔެފައި އޮތް އެއްޗެއްގެ ތެރެއިން ޙަޤީޤީ ޙާދިސާއަކަށް ޙައްލެއް ހޯދައިދޭން އެނގޭ، ޢިލްމާއި ޙިލްމާއި ދުނިޔަވީ ކަންކަން އެނގޭ މީހުންނެވެ. މިއީ ތަފާތު ދެ ގިންތިއެއްގެ ބައެކެވެ.

މިހާތަނަށް މިމައްސަލައިގައި ސަޢީދު ހިއްސާ ކޮށްފައިވާ ވީޑިއޯތަކުގައި، ފައިރަޝްގެ ފަރާތުން ޤާނޫނުލްޢުޤޫބާތުގައި ކުށްކަމަށް ބަޔާންކޮށްފައިވާ ކަންކަން ކުރާތީ އެބަ ފެނެއެވެ. ފުޅިއަކުން މީހެއްގެ ގައިގައި ޖަހާ ވީޑިއޯއެއް އެބައޮތެވެ. އެއީ، ޤާނޫނުލްޢުޤޫބާތުގެ 210 ވަނަ މާއްދާގެ (ހ) ގައި ބުނާ ކުށެކެވެ. އެކުށުގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހުގެ ޖަލު އަދަބެކެވެ. ނަމަވެސް، އެ ކުށް ތަކުރާރުކޮށްފައިވާތީއާއި، ކުށް ކޮށްފައިވަނީ ޢާންމު ތަނެއްގައި ކަމަށްވާތީއާއި، އަންހެނަކާ ނުވަތަ ކުޑަ ކުއްޖަކާމެދު ކަމަށްވާތީ އަދަބު ބޮޑުކުރަމުން ގޮސް، 3 މަސްދުވަހުގެ ޖަލު އަދަބެއް ދެވޭނެ ކުށެކެވެ. އެހެން ވީޑިއޯއެއްގައި ޢައުރަ ކަޝްފުކުރާތީ ފެނެއެވެ. އެއީ، ޤާނޫނުލްޢުޤޫބާތުގެ 615 ވަނަ މާއްދާގައިބުނާ ޢާންމު މަޞްލަޙަތަށް ގެއްލުންހުރި ޢަމަލެއް ކުރުމުގެ ކުށެވެ. އެ ކުށަކީވެސް 1 މަހާއި 6 ދުވަހުގެ ޖަލު އަދަބެއް އަންނަ ކުށެކެވެ. އަދަބުގެ ދަރަޖަ މަތިކޮށްގެން 3 މަސްދުވަސް ލިބެއެވެ. މީގެ އިތުރުންވެސް އެތައް ކުށެއްގެ ވާހަކަ ސަޢީދު އަޅުގަނޑާ ހިއްސާކުރިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާ %86 މައްސަލަ ސާބިތުވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ވީމާ، 30 މައްސަލައިގައި ވަކިވަކިން ދައުވާކޮށްފިނަމަ، މަދުވެގެން 25 މައްސަލައިގައި މީނާގެ މައްޗަށް ކުށް ސާބިތުވުމުގެ ފުރުޞަތު އެބައޮތެވެ. އެއިން ކޮންމެ ކުށެއްގައި 3 މަސްދުވަހުގެ ޖަލު އަދަބެއް ދީފިނަމަ، މަދުވެގެން 6 އަހަރު ދުވަހުގެ މުއްދަތަށް އޭނާ ހުންނާނީ ޖަލުގައެވެ. އެކަން ތަރުތީބުކުރާނީ ފަހަރަކު މައްސަލައެއް ކުރިއަށް ގެންގޮސް ނިންމާ އުޞޫލުންނެވެ. މިމައްސަލަތަކުގައި ހެކިބަސް ދޭންތިބި މީހުންނާ ވާހަކަ ދައްކައި، ކޯޓުތަކާވެސް ވާހަކަ ދައްކައިގެން ވަކި ތަރުތީބަކުން މައްސަލަތައް ނިންމަމުން ގެންދިއުމުން، ހައެއްކަ މަހެއްހައި ދުވަހުގެ ތެރޭގައި ފައިރަޝްގެ މައްސަލައަށް ޙައްލެއް ހޯދެން އެބައޮތެވެ. އެއީ، މިހާރު ޢަމަލުކުރަމުންދާ ޤާނޫނީ ނިޒާމުގެ ތެރެއިންނެވެ. ސަޢީދަށް، ޤާނޫނީ ނިޒާމުގެ ތެރެއިން ޙައްލެއް ހޯދައިދެވުނީއެވެ.

ފައިރަޝްއަށް އޮތް ގޮތަކީ، އޭނާގެ ކުރިމަތީގައި ބަރިއަކަށް ފަހަރަކު މައްސަލައެއް ހުށަހެޅި ކުރިއަށްދާތީ، ކުރިއަށް އޮތް ހައެއްކަ އަހަރު ޖަލުގައި ހުންނާނީތޯ، ނުވަތަ މީހުންނަށް ތުރާނުވާނޭހެން ދިރިއުޅުން ބަދަލުކުރާނީތޯ އޮތް ސުވާލެވެ. އޭނާ ރަނގަޅުވެ، މުޖްތަމަޢަށް އަންނަން ބޭނުންނަމަ، ޕީޖީ އޮފީހާއެކު ނަޞޭޙަތުގެ އެއްބަސްވުމެއް ނުވަތަ އިޢުތިރާފުގެ އެއްބަސްވުމެއް ހަދައި، އެ އެއެއްބަސްވުމުގެ ޝަރުޠެއްގެ ގޮތުގައި ކައުންސިލިންގ ހޯދައިގެން، އޭނާ އެނބުރި މުޖްތަމަޢަށް އައުމުގެ ފުރުޞަތު އެބައޮތެވެ. އޭނާއަށްވެސް އިޙްސާންތެރިވެގެން، މުޅި މުޖްތަމަޢަށް ހަމަހަމަކަން ގެނައުމުގެ ފުރުޞަތު، މިހާރު ޢަމަލުކުރާ ޤާނޫނުތަކުގައިވެސް އެބައޮތެވެ. ޤާނޫނީ ޗަރުކޭހަކީ އެކަހަލަ އެއްޗެކެވެ. އެއްވެސް އިރަކު، އެއްވެސް ޤާނޫނެއްގައި، މުސްތަޤުބަލުގައި ވެދާނެ ގޮތެއް ފުރިހަމައަށް ތަޞައްވަރު ކޮށްގެނެއް ނުލިޔެވޭނެއެވެ. ޤާނޫނީ ޢިލްމުވެރިންގެ ދައުރަކީ، އޮތް ވަޞީލަތެއް ބޭނުންކޮށްގެން ޙައްލު ހޯދައިދިނުމެވެ. މިއީ ޤާނޫނު ދަންނަ މީހުންނަށް ކުރެވޭނެ ކަމެއް ނޫނެވެ.

އަޅުގަނޑުގެ ކަންބޮޑުވުމުގެ އެންމެ ފަހު ބޮޅަކީ، އަމަން އަމާންކަމުގެ ޚިދުމަތަކީ ދައުލަތުން އެކަނި ފޯރުކޮށްދޭ، ދައުލަތުގެ މޮނޮޕޮލީއެއް އޮތް ޚިދުމަތަކަށްވުމެވެ. ދައުލަތުގެ މޮނޮޕޮލީއެއް ހިމެނޭ ޚިދުމަތެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދައުލަތަށް ފޯރުނުކޮށްދެވޭނަމަ، އޭގެ ނުރަނގަޅު ނަތީޖާއެއް ނުކުތުމުގެ ފުރުޞަތު އޮންނާނެއެވެ. އެ ފަދަ ޚިދުމަތެއް ހޯދާ މީހާ "ހޯޕްލެސް" ވުމަކީ މާ ނުރައްކާތެރިކަމެކެވެ. އެއީ ގޭންގުތަކާއި ގްރޫޕްތަކާއި، އެނޫންވެސް "ޕްރައިވެޓް ސަރވިސް ޕްރޮވައިޑަރުން" ގެ ޚިދުމަތް މީހުން ހޯދަން މަޖުބޫރުވެދާނެ ސަބަބެވެ. އެހިސާބުން، އެ "ޚިދުމަތަށް" ޑިމާންޑެއް އުފެދި، ދައުލަތާ ވަކިން، "ޤާނޫނުގެ އަރިމަތިން" ހިނގާ "ޚިދުމަތެއް" އުފެދިދާނެއެވެ. އަނެއްކާ، އެކަން ހުއްޓުވާންވެސް ތެދުވާން ތިބީ އެއްކަލަ ދަންނަ ބޭކަލުންނެވެ. ދެންވާނީ ނުވެ ނުދާނެ ގޮތެވެ. އެގޮތުގެ ވާހަކަ ދައްކާނީ އެހެން ފަހަރަކުންނެވެ. 


ފޮޓޯ: މިހާރު ނޫސް.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author