6/15/2024

ދައުލަތުގެ މޮނޮޕޮލީ: ޚިދުމަތް ރަނގަޅުކުރުމަކީ އަޚްލާޤީ ޒިންމާއެއް

ޤާނޫނީ ގޮތުން ދައުލަތެއް، ދައުލަތަކަށް ވުމަށްޓަކައި، އަސާސީ ތިން ރުކުނެއް ފުރިހަމަވާންޖެހެއެވެ. އެ ދައުލަތެއްގެ ވެރިކަން ހިނގާނެ ބިމަކާއި، އެ ބިމުގައި ވެރިކަން ކުރާ ސަރުކާރަކާއި، އެސަރުކާރަށް ކިޔަމަންތެރިވެގެން ތިބެން އެއްބަސްވާ ރައްޔިތަކު ތިބެންޖެހެއެވެ. ޤާނޫނީ ގޮތުން ދައުލަތެއް އުފެދުމުގެ ޠަބީޢީ ނަތީޖާއަކީ، އެ ޤައުމެއްގެ ވަޞީލަތްތަކުގެ ސިޔާދަތީ ބާރު ދައުލަތަށް ލިބުމެވެ. ބިމާއި، ބިމުގައި އަޑީގައިވާ މަޢުދަންތަކާއި، ފަރުބަދަތަކާއި، ރަށްތަކާއި ފަޅުތަކާއި އެނޫންވެސް ހުރިހާ ޠަބީޢީ ވަޞީލަތްތަކުގެ މިލްކުވެރިކަން އެ ދައުލަތަށް ލިބެއެވެ. ދައުލަތުގެ ފަރާތުން، މިލްކުވެރިކަމުގެ ބާރު ބޭނުންކުރަނީ، އެ ދައުލަތެއްގެ ސަރުކާރުންނެވެ.

 

އެ ދައުލަތެއްގައި އޮންނާނެ ސަރުކާރުގެ ގޮތްބާވަތް ކަނޑައަޅަނީ ރައްޔިތުންނެވެ. ބައެއް ޤައުމުތަކުގައި ރިޔާސީ ވެރިކަމެކެވެ. އަނެއްބައި ޤައުމުތަކުގައި ޑިމޮކްރަސީއެވެ. މިއިން ކޮންމެ ބާވަތެއްގެ ވެރިކަމެއްގައިވެސް، ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮތް މައިގަނޑު މުޢާމަލާތަކީ، ދައުލަތުގެ ވަޞީލަތްތައް ބަލަހައްޓައި، އެއިން އިޤްޠިޞާދީ މަންފާ ހޯދައިގެން، އެ ލިބޭ ފައިސާއިން، ދައުލަތުން (ދައުލަތުގެ ފަރާތުން ސަރުކާރުން) ރައްޔިތުންނަށް ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. މަގުތައް ހެދުމާއި، ދަތުރު ފަތުރުގެ ނިޒާމާއި، ޞިއްޙީ، ތަޢުލީމީ، އިޖްތިމާޢީ، އިޤްޠިޞާދީ ޚިދުމަތްތަކެވެ. ވީމާ، ވިޔަފާރީގެ ފަލްސަފާއަކުން ބަލާއިރު، ސަރުކާރަކީ މޮނޮޕޮލީއެކެވެ. މާކެޓުގައި ވަކި ވިޔަފާރިއެއް ކުރުމަށް އެންމެ ކުންފުންޏެއް އޮންނަ ނަމަ، އެ ކުންފުނި އެ އޮތީ މާކެޓު މޮނޮޕޮލައިޒް ކޮށްގެންނެވެ.

 

ދައުލަތުގެ ތެރޭގައި އޮންނަ ވެރިކަން ހިންގުމުގެ ބާރު، މި ޒަމާނަށް އައިއިރު، އިތުރު ތިން ބަޔަކަށް ބެހެއެވެ. އެއީ، ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރެވެ. ދައުލަތުގެ ވަޞީލަތްތައް ބެލެހެއްޓުމުގެ ބާރު މަތިވެފައި އޮތީ ސަރުކާރުގެ ވެރިކަން ހިންގުމުގެ ބާރާއެވެ. ވެރިކަން ކުރަންވީ ގޮތާބެހޭ އުޞޫލުތައް ހަދަނީ ރައްޔިތުންގެ މަޖިލީހުން، ޤާނޫނުތަކުގެ ސިފައިގައެވެ. އެ ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ބަލަނީ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުންނެވެ. މިއީ، އަޅުގަނޑުމެން މިކިޔާ، ތިން ބާރު ވަކިވެފައިވާ، އެއް ބާރުން އަނެއް ބާރަށް ފާރަވެރިވާ ނިޒާމެވެ.

 

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ބައެއް މާކެޓުތައް މޮނޮޕޮލައިޒްކުރުމަށް ސަރުކާރުން ފުރުޞަތު ދެއެވެ. އެއީ، އެ މާކެޓުގެ އަގުތައް ވަކި މިންވަރެއްގައި ހިފެހެއްޓުމަށެވެ. މިސާލަކަށް، ސްޓެލްކޯ ފިޔަވައި އިތުރު ކުންފުންޏަކަށް ކަރަންޓުގެ ޚިދުމަތް ދިނުން މަނާކޮށްފައި އޮންނަނީ، އެކަމަށް ހިނގާ ޚަރަދުގެ ސަބްސިޑީއެއް ސަރުކާރުން ސްޓެލްކޯއަށް ދީގެން، ޚިދުމަތުގެ އަގު، އަތްފޯރާ ފަށެއްގައި ބެހެއްޓުމުގެ ބޭނުމުގައެވެ. ފެން ކުންފުންޏަކީވެސް އޭގެ މިސާލެކެވެ. މިއީ ސަރުކާރުގެ ވިޔަފާރި ކުންފުނިތަކެކެވެ.

 

އެއްވެސް ވިޔަފާރިއެއް މޮނޮޕޮލީއެއްގެ ގޮތުގައި ހިންގުމަކީ ރައްޔިތުންނަށް ނުރައްކާތެރިކަމެކެވެ. މޮނޮޕޮލީއެއްގެ ނުރައްކަލަކީ، އެ ޚިދުމަތްދޭ އެހެން ބަޔަކު ނެތުމުން، އެ ވިޔަފާރިއަކުން ފޯރުކޮށްދޭ ޚިދުމަތުގެ އަގު ކޮންޓްރޯލްކުރުމުގެ ބާރު، ހަމައެކަނި އެ ކުންފުންޏަށް އޮތުމެވެ. މިބިރުވެރިކަން ހުއްޓުވަން ސަރުކާރުތަކުން، ތަފާތު ވާދަވެރި ވިޔަފާރިތަކަށް ފުރުޞަތު ދެއެވެ. ރާއްޖޭގައި، މީގެ ކުރިން ދިރާގުން އޮތީ ޓެލެކޮމްގެ ޚިދުމަތްތައް މޮނޮޕޮލައިޒްކޮށްފައެވެ. ރައްޔިތުންގެ ޓެލެކޮމްގެ ޚިދުމަތް ހޯދީ، ދިރާގުން ވިއްކި އަގެއްގައި ސިމް ގަނެގެންނެވެ. 500 ރުފިޔާއަށް ސިމެއް ވިއްކި ދުވަސްވެސް ދިޔައެވެ. ސަރުކާރުން އުރީދޫއަށް ފުރުޞަތު ދިނުމުން، ދިރާގުގެ މޮނޮޕޮލީ ނިމުމަކަށް އައިސް، ވިޔަފާރީގެ ވާދަވެރި މާޙައުލެއްގެ ތެރެއިން، ޚިދުމަތުގެ އަގު ހެޔޮވެ، ފެންވަރު ރަނގަޅުވެ، ރައްޔިތުންނަށް ފަސޭހަތަކެއް ލިބިއްޖެއެވެ. ސިމް ކާޑެއްގެ އަގު މިއަދު ހުރީ، 90% އަގު ހެޔޮކޮށް، 50 ރުފިޔާއަށެވެ. އެހެން ޤައުމުތަކުގައި، އެންޓިޓްރަސްޓް ޤާނޫނުތަކުގެ ނަމުގައި މޮނޮޕޮލީތައް ކޮންޓްރޯލްކޮށް ބަލަހައްޓާނެ ޤާނޫނުތައް ހަދާފައިހުރެއެވެ.

 

ސަރުކާރުން ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކަކީ ވާދަވެރި ވިޔަފާރިއަށްވެސް ހުޅުވާލެވިފައިވާ ވިޔަފާރިތަކެކެވެ. މިސާލަކަށް، ތަޢުލީމީ ދާއިރާއަކީ އަމިއްލަ މީހުންނަށްވެސް ވިޔަފާރިކުރުމުގެ ފުރުޞަތު އޮތް ދާއިރާއެކެވެ. ވިޔަފާރީގެ ދާއިރާގައި ސަރުކާރާއި އަމިއްލަ ވިޔަފާރިތަކާ ވާދަކުރުމުން، ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތުގެ ޙަޤީޤީ ފެންވަރު ވަޒަންކުރަން ލިބެއެވެ. ދިވެހިރާއްޖޭގައި ޕްރައިވެޓް ސްކޫލުތަކަށް އޮތް ޑިމާންޑާއި ސަރުކާރު ސްކޫލްތަކަށް އޮތް ޑިމާންޑު ވަޒަންކޮށްލުމުން، ސަރުކާރުގެ ޚިދުމަތް ގެންދަންވީ ހިސާބު ދެނެގަންނަން ފަސޭހަވެއެވެ.

 

އަޅުގަނޑަށް ވިސްނޭ ގޮތުގައި، ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ސަރުކާރަކީ ޤާނޫނުން ޙިމާޔަތްވެސް ދީފައިވާ މޮނޮޕޮލީއެކެވެ. މިސާލަކަށް، ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާ (ރަޖިސްޓަރީކޮށްގެން މެނުވީ ވިޔަފާރިނުކުރުން) ގައި އޮތީ، ދިވެހިރާއްޖޭގައި އެއްވެސް ފަރާތަކުން ވިޔަފާރިއެއް ހިނަގންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވިޔަފާރި ތަންތަނުގެ ތެރެއިން ތަނެއްގައި ގޮތުގައި ރަޖިސްޓަރީ ކުރުމަށްފަހު ކަމަށެވެ. އެ ނޫން ގޮތަކަށް ވިޔަފާރިއެއް ހިންގުމުގެ ހުއްދައެއް އެއްވެސް މީހަކަށް ނެތެވެ.

 

މި ޙާލަތުގައި، ވިޔަފާރި ރަޖިސްޓަރީކޮށްދިނުމުގެ ޚިދުމަތަކީ، އޭގެ ޒާތުގައި މޮނޮޕޮލީއެކެވެ. ހަމައެކަނި ތަފާތަކީ އެކަން ކުރަނީ ސަރުކާރުން ކަމަށްވުމެވެ. މި ޚިދުމަތް މޮނޮޕޮލީއަކަށް ވުމުގެ މާނައަކީ، އެ ޚިދުމަތް ސަރުކާރުން ފޯރުކޮށްދިނުމަށް ކޮންމެ އަގެއް ނެގިޔަސް، އެކަމަށް ކިތަންމެ ދުވަހެއް ނެގިއަސް، އެ ހުރިހާ ކަމަކާ ރުހިގެން މެނުވީ ދިވެހިރާއްޖޭގައި ވިޔަފާރި ނުކުރެވުމެވެ. ނަމަވެސް، ރާއްޖޭގައި ވިޔަފާރިކުރުމުގެ ހުއްދަ ދިނުމަކީ، އޭގެ ޒާތުގައި، ދައުލަތުގެ ސިޔާދަތީ ބާރާ ގުޅިފައިވާ ކަމަކަށްވާތީ، މި ޚިދުމަތަކީ ސަރުކާރު ނޫން ބަޔަކަށް ދެވޭނެ ޚިދުމަތެއްވެސް ނޫނެވެ.

 

އަޅުގަނޑުގެ މަސައްކަތުގެ ދާއިރާއިން، ކުށުގެ ރެކޯޑު ސާފުކޮށްދިނުމަކީ އޭގެ މޮނޮޕޮލީއެކެވެ. ކުށުގެ ރެކޯޑާބެހޭ މަޢުލޫމާތުގެ އެއްބައި ހުރީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައެވެ. އެ އޮފީހުން ކުށުގެ ރެކޯޑު ސާފުކޮށްނުދީފިނަމަ، ޕީޖީ އޮފީހުގެ ކުށުގެ ރެކޯޑު ސާފުކޮށްދެވޭނެ އެހެން މުއައްސަސާއެއް ނެތެވެ. މޮނޮޕޮލީއެއް އޮތް ޚިދުމަތެއް ފޯރުކޮށްދިނުމުގައި އެންމެ ބޮޑަށް ސަމާލުވާންޖެހޭނެ ކަމަކީ، ރައްޔިތުންނަށް ފަސޭހަކަމާއެކު އެ ޚިދުމަތެއް ފޯރުކޮށްދެވޭތޯ ބެލުމެވެ. އެގޮތުން، ޕީޖީ އޮފީހަށް ކުށުގެ ރެކޯޑެއް ސާފުކޮށްދިނުމަށް، އޮންލައިންކޮށް ހުށަހަޅުއްވައިފިނަމަ، 10 މިނިޓުގެ ތެރޭގައި ސާފުކޮށްދެމެވެ. ފޯމެއް ނުވަތަ ސިޓީއެއް ހުށަހަޅައިފިނަމަ، ދުވަހުން ދުވަހަށް ސާފުވާނެއެވެ. އެކަން ކުރެވޭނެ އުޞޫލުތައް ސާފުކޮށް ލިޔެ، މީހުންނަށް ފެންނާނޭހެން ބަހައްޓާފައި ހުންނާނެއެވެ.

 

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ގިނަ ޚިދުމަތްތަކަކީ މޮނޮޕޮލީތަކަކަށްވާތީ، އެ ޚިދުމަތްތަކުގެ ފެންވަރު އާދަޔާ ޚިލާފަށް ރަނގަޅަށް، ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދިނުމަކީ، އެޚިދުމަތް ފޯރުކޮށްދޭން، ދައުލަތުން، ރައްޔިތުންގެ ފައިސާއިން މުސާރަ ދީފައިތިބޭ މީހުންގެ މައްޗަށް އޮތް އަޚްލާޤީ ޒިންމާއެކެވެ. 


-------

މި ލިޔުން، ޢަދަދު ނޫހުގެ 15 ޖޫން 2024 ދުވަހުގެ ޢަދަދުގައި ޝާއިޢުކޮށްފައިވާނެއެވެ. މިތަނުގައި ނަކަލު ކުރީ ތާރީޚަށްޓަކައި ރެކޯޑު ކުރުމުގެ ބޭނުމުގައެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author