
5/25/2026
ދިވެހިރާއްޖެއަކީ މުއްސަނދި، ޤުދުރަތީ ވަޞީލަތްތައް ގިނަ، ނަމަވެސް ކޮރަޕްޝަންގެ ސަބަބުން ފަޤީރުވެފައިވާ ޤައުމެކެވެ. ކޮރަޕްޝަންގެ ސަބަބުން އިންސާނީ ވަޞީލަތް ތަރައްޤީކުރާނެ ފައިސާ ގެއްލިފައިވާ ޤައުމެކެވެ. ރާއްޖޭގެ ތަރައްޤީގެ ހުރިހާ ދިމާލެއްގައިވެސް، ކޮރަޕްޝަންގެ ސަބަބުން ނިކަމެތިކަން ނުފެނިއެއް ނުދެއެވެ. އަޅުގަނޑުގެ ވިސްނުމުގައި، ކޮރަޕްޝަން ބެހިގެންވަނީ ދެބަޔަކަށެވެ. ފުރަތަމަ ބަޔަކީ، ހިންގުމުގެ ނިޒާމުގައި، ކުށަކަށްނުވާ، އެހެންނަމަވެސް ކޮރަޕްޝަންގެ ޢަމަލުތަކެވެ. މިސާލަކަށް، އާދަޔާ ޚިލާފަށް ފެންވަރު ދަށް މީހުންނަށް މުހިންމު މަޤާމުތައް ދިނުންފަދަ ކަންކަމެވެ. ދެވަނައީ ކުށަކަށްވާ ޒާތުގެ ކޮރަޕްޝަންގެ މައްސަލައެވެ. މިއަދުގެ މައުޟޫޢަކީ، ކުށަކަށްވާ ޒާތުގެ ކޮރަޕްޝަން ނައްތާލުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ވާހަކައެވެ. އެފިޔަވަޅުތައް އަޅަން އޮތް ނިޒާމު، ނަތީޖާ ނެރެވޭނޭ ގޮތަކަށް ބަދަލުކުރާނެ ގޮތުގެ ވާހަކައެވެ.
އޭސީސީ ފެއިލިވުން – މިހާރުގެ ސްޕީޑުން ބަލާއިރު، މިވަގުތު ނުނިމި ހުރި މައްސަލަތައް ނިންމަން 11 އަހަރު
މިމައުޟޫޢުގައި އެންމެނަށް އެއްބަސްވެވޭ ކަމަކީ، ކޮރަޕްޝަން ނައްތާލުމަށް އުފައްދާފައިވާ ކޮމިޝަން ފެއިލިވެފައިވުމެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ފެންވަރު ދަށްކަމާއި އެކޮމިޝަނުގެ ރައީސްގެ ދޯހަޅި ސިޔާސަތުތަކުގެ ވާހަކަ މީގެ ކުރިން އަޅުގަނޑު ލިޔެފައިވާނެއެވެ. އެކަމަށް ބަދަލެއް ނާދެއެވެ. ތަފާސް ހިސާބުތަކުގެ ތަފްޞީލަށް ނުގޮސް، ކުޑަ ހިސާބެއް ދަންނަވާލާނަމެވެ. އޭސީސީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ 2024 ވަނަ އަހަރުގެ ތަފާސް ހިސާބު ދައްކާ ގޮތުން، މިހާތަނަށް ކޮމިޝަނުގައި ގޮތެއް ނުނިމި، ތަޙްޤީޤު މަރްޙަލާގައި އޮތް 1036 މައްސަލައާއި ޕްރިލިމިނަރީ މަރްޙަލާގައި އޮތް 2465 އާއެކު، ޖުމްލަ 3501 މައްސަލަ އެބައޮތެވެ. އަހަރަކު ކޮމިޝަނަށް ގޮތެއް ނިންމުނީ، ތަޙްޤީޤު މަރްޙަލާއިން ނިންމި 173 މައްސަލައާއި ޕްރިލިމިނަރީ މަރްޙަލާއިން ނިންމި 124 މައްސަލައާއެކު 297 މައްސަލައެވެ. މިއީ ކޮމިޝަނުގެ ސްޕީޑު ހުރި ގޮތެވެ. މާނައަކީ، މިހާރު ދާ ސްޕީޑުން، މިވަގުތު ބާކީ ނުނިމި ހުރި މައްސަލަތައް ނިންމަން މަދުވެގެން 11 އަހަރު ނަގާނެއެވެ. އެއީވެސް މިއަހަރުން ފެށިގެން 2037 ވަނަ އަހަރާ ހަމައަށް އައު މައްސަލައެއް ހުށަނޭޅޭނަމައެވެ. މިދެންނެވި 297 މައްސަލައިގެ ތެރެއިން ޝަރީޢަތަށް ފޮނުވޭވަރުވީ އެންމެ 8 މައްސަލައެވެ. ވީމާ، އޭސީސީގެ ތަޙްޤީޤީ ނިޒާމު އެއްކޮށް ފެއިލިވެފައިވާކަމީ އޭސީސީއިން ނެރުނު ތަފާސް ހިސާބުން ފެންނަން އޮތް ޙަޤީޤަތެކެވެ.
ކޮރަޕްޝަންގެ ތަޙްޤީޤީ ނިޒާމު އިޞްލާޙުކުރަން އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ، އޭސީސީ މިހާރު އޮތް ގޮތް އެއްކޮށް ބަދަލުކުރުމެވެ. ވޭތުވެދިޔަ 20 އަހަރުގެ ތަޖުރިބާއިން އެނގުނީ، އޭސީސީ ވަކި މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮވެގެން ނަތީޖާއެއް ނުނެރެވޭކަމެވެ. ޚާއްޞަކޮށް، 5 މެމްބަރުންގެ ކޮމިޝަނެއްގެ ސިފައިގައި އޮވެގެން ނެރެވުނު ނަތީޖާއެއް ނެތެވެ. ރަނގަޅު މީހުންވެސް ލައިފިއެވެ. ރަނގަޅުކަމަށް ފެނުނު މީހުން، 'ރައީސްގެ މީހުން' ނަށް ބަދަލުވެއްޖެއެވެ. 'މިނިވަން' ވީ ވަރުން، އެއްވެސް މީހަކާ ވާހަކަދެއްކުމަކީވެސް ނުފޫޒު ފޯރުވުންކަމަށް ޤަބޫލުކުރި މެމްބަރުންވެސް ވީ ފެއިލެވެ. (ނުފޫޒާބެހޭގޮތުން އަޅުގަނޑު ދެކޭގޮތް ބެއްލެވުމަށް މީގެކުރިން ލިޔެފައިވާ މަޒުމޫނު ބައްލަވާލެއްވުން އެދެމެވެ.) މިހާރު ހުރީ، ސަރުކާރުގެ ރައީސެކެވެ. އެއީ ވަކި ސަރުކާރެއް ނޫނެވެ. ކޮންމެ ސަރުކާރެއްވިޔަސްވެއެވެ. ސަރުކާރުން ބޭނުންވާ ކޮންމެ ކަމެއް ކޮށްދޭކަން އެނގެނީ، ނިޒާމުން ބޭރުން، އެއްވެސް ހަމައެއް ލަމައެއް ނެތި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ހައިޖާނުގައި އޭސީސީއިން އަދާކުރި ދައުރުގެ ސަބަބުންނެވެ. މިއީ، ތާރީޚަށްޓަކައި ލިޔެވި، ރައްކާކުރެވިފައި ހުންނާނެ މަޢުލޫމާތެވެ. އެ ހައިޖާނުގައި އޭސީސީގެ ރައީސްގެ ދައުރަކީވެސް، އޭނާގެ ސީވީގައި ރަން އަކުރުން ލިޔެވިފައި އޮންނާނެކަމެކެވެ.
އަޅުގަނޑުގެ ހުށަހެޅުން – އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ބަދަލުގައި ކޮމިޝަނަރެއް ޢައްޔަންކުރުން
އަޅުގަނޑުގެ ހުށަހެޅުމަކީ، އެންޓި ކޮރަޕްޝަން ކޮމިޝަންގައި 5 މެމްބަރުން ބަދަލުގައި އެންމެ ކޮމިޝަނަރެއް ހުރުމެވެ. ޕްރޮސިކިއުޓަރ ޖެނެރަލްއާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ގޮތަށެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނަރު ހޮވާނީ ޕްރޮސިކިއުޓަރ ޖެނެރަލްވެސް ހޮވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުންނެވެ. އޭނާގެ ތިބޭނީ، އޭނާ ޢައްޔަންކުރާ ދެ ޑެޕިއުޓީންނެވެ. އެއީ ތަޙްޤީޤީ އިދާރާތަކުގެ ތަޖުރިބާހުރި ޑެޕިއުޓީއަކާއި ޕްރޮސިކިއުޝަނާއި ޤާނޫނީ ދާއިރާގެ ތަޖުރިބާހުރި ޑެޕިއުޓީއެކެވެ. އޭގެ އިތުރުން، ޗީފް އެގްޒެކެޓިވް އޮފިސަރެއް ހުންނާނެއެވެ. ކޮމިޝަނަރު ޢައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ބާކީ މީހުންނަކީ ކޮމިޝަނަރުގެ ޓީމެވެ. ކޮމިޝަނުގެ ދެންތިބި މުވައްޒަފުންނަކީ އެކި އޮފީސްތަކުން ވީއްލާ ފަންނީ އަދި އިދާރީ މީހުންނެވެ.
ކޮމިޝަނަރުގެ ޕްރޮޕޯޒަލް ނުވަތަ މެނިފެސްޓޯ
ރައްޔިތުންގެ މަޖިލީހުގައި އޮންނަ، ކޮމިޝަނަރުގެ އިންޓަވިއުގައި، އޭނާގެ 5 އަހަރުގެ ދައުރުގެ ތަފްޞީލް ޕްލޭނެއް ހުށަހަޅަންޖެހޭނެއެވެ. މަޤާމަށް ހޮވޭ މީހަކު ނިންމާނީ، އެންމެ ރަނގަޅު ޕްރޮޕޯޒަލެއް ހުށަހަޅާ މީހަކަށް ބަލައިގެންނެވެ. އެ ޕްރޮޕޯޒަލަކީ އޭނާގެ ކޮމިޝަނަރުކަމުގެ ދައުރުގެ މެނިފެސްޓޯއެވެ. އެ މެނިފެސްޓޯ ތަންފީޒުކުރޭތޯ ބެލުމަކީ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީގެ ކަމެކެވެ. ކޮމިޝަނަރުގެ ޕްރޮޕޯޒަލް ކޮމިޝަނުގެ ވެބްސައިޓުގައި އޮންނަންވާނެއެވެ. އަދި މަޖިލީހުން ބަޖެޓު ދޫކުރާނީވެސް ޕްރޮޕޯޒަލަށް ބަލައިގެން، އޭގައި ބުނާ ކަންކަން ޙާޞިލުކުރުން ޝަރުޠުކޮށްފައެވެ. އެވަގުތަކަށް އެންމެ "ޓްރެންޑިންގ" ކަމެއް ކޮށްލާ، ކ. ދިއްފުށީ ސްކޫލުގެ ބިދޭސީ ޓީޗަރުންނަށް ކޮރަޕްޝަން ހުއްޓުވަން އެވަރނަސް ޕްރޮގްރާމް ހިންގާކަށް ނޫނެވެ. ދިއްފުށީ ސްކޫލުގައި ޕްރޮގްރާމް ހިންގާނަމަ، އެސްކޫލުގައި ޕްރޮގްރާމް ހިންގަންޖެހޭ ސަބަބު، ކޮމިޝަނަރ ރައްޔިތުންގެ މަޖިލީހަށް ކިޔައިދޭންވާނެއެވެ.
މިނިވަން މުސްތަޤިއްލު ކޮމިޝަންތަކުގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުން، ޙައްޤުން ކަމަކާ ނުލައި ވަކިކުރުމުގެ ސަޤާފަތަށްވެސް މި ނިޒާމުގެ ތެރެއިން ބަދަލު އަންނާނެއެވެ. "އިންޓެގްރިޓީ ނެތް"ކަމަށް ނުވަތަ "މަސައްކަތުގެ ނަތީޖާ ނުނެރެވޭ"ކަމަށް ބުނެ، މަޖިލީހުން ކޮމިޝަނަރު ވަތްކެއް ނުކުރެވޭނެއެވެ. ކޮމިޝަނަރު ވަކި ކުރެވޭނީ، އޭނާ އިންޓަވިއުގައި ހުށަހެޅި ޕްރޮޕޯޒަލުގައި ހުރި ކަންތައްތަކުގެ ތެރެއިން ނުކޮށް ދޫކޮށްލި، ނުވަތަ ކާމިޔާބު ނުކުރެވުނު ވަކި ކަމެއް ދެއްކުމަށްފަހު، އެކަމާބެހޭ ގޮތުން ޖަވާބުދާރީވުމަށް ފުރުޞަތު ދިނުމަށްފަހުއެވެ. މިގޮތަށް ހެދުމުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ކޮންމެވެސް ވަރަކަށް އެއްޗެއް ކިޔައި، ބަލައި، ދިރާސާއެއް ކޮށްލާން އޮންނާނީ މަޖުބޫރުކުރެވިފައެވެ.
ކޮމިޝަނަރު ވަކިކުރުމުގެ ނިޒާމު މިގޮތަށް ބަދަލުކޮށްފިނަމަ، މިހާރު ހުންނެވި އޭސީސީގެ ރައީސް ގޮތަށް، އެއްވެސް ނަތީޖާއެއް ނުނެރެ، މަޤާމުގައި ހުރުމުގެ ފުރުޞަތެއްވެސް ނޯންނާނެއެވެ.
ކޮމިޝަނުގެ މުވައްޒަފުންނާއި އިންވެސްޓިގޭޓަރުން
މި އައު ނިޒާމުގައި، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އިންވެސްޓިގޭޓަރުންގެ ގޮތުގައި ތިބޭނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން، ވަކި މުއްދަތަކަށް ކޮމިޝަނަރުގެ އޮފީހުގައި މަސައްކަތްކުރަން ވީއްލާ، ފެންވަރު ރަނގަޅު އިންވެސްޓިގޭޓަރުންނެވެ. އެމީހުންގެ ތަމްރީނުގެ ހުރިހާ ކަމަކާއި މުސާރައާއި އެލަވަންސްތައް ދޫކުރާނީ ފުލުސް އޮފީހުންނެވެ. ނަމަވެސް، ކޮމިޝަނަރު އޮފީހަށް ދޫކޮށްފައިވާ ތިން އަހަރުގެ މުއްދަތުގައި، މަސައްކަތުގެ ފަންނީ ބައިގައި ރިޕޯޓުކުރާނީ އަދި ޖަވާބުދާރީ ވާނީވެސް ކޮމިޝަނަރަށެވެ. ފުލުސް އޮފީހަކަށް ނޫނެވެ. މިގޮތުން ދޫކުރާނީ ތިރީހަކަށް އިންވެސްޓިގޭޓަރުންނެވެ. ތިން އަހަރު ވުމުން، އަނެއްކާވެސް އެހެން ގްރޫޕެއް ފޮނުވާނީއެވެ. އެގޮތަށް ހަދަންޖެހޭ ސަބަބަކީ އިންވެސްޓިގޭޓަރުންގެ ތެރޭގައިވެސް ކޮރަޕްޓު ގްރޫޕެއް އުފެދުނަނުދިނުމަށްޓަކައެވެ.
ރަނގަޅު ފެންވަރުގެ އިންވެސްޓިގޭޓަރެއް އުފައްދަން، މަދުވެގެން 10 ވަރަކަށް އަހަރު ނަގާނެއެވެ. ދިވެހިރާއްޖެފަދަ އިންސާނީ ވަޞީލަތްތައް މަދު ތަނެއްގައި، ވަކި ވަކި އިދާރާތަކުން މީހުން ތަމްރީނުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ތަޙްޤީޤުކުރާ ފަންނީ މީހުން ބިނާކޮށް، އެމީހުންގެ ކަންކަން ބަލަހައްޓާ މައި އިދާރާއަކަށްވާންވީ ފުލުސްއޮފީހެވެ. އެތަނުގައި އޮންނަ ޕޫލުވެސް ބޮޑުވާނެއެވެ. އެއޮފީހުގައި އެމީހުންގެ ފަންނީ ކުރިއެރުމަށް ތަމްރީނު ޕްރޮގްރާމްތަކާއި ތާޒާކުރުމުގެ ޕްރޮގްރާމްތައް އޮންނާނެއެވެ. އެފަދަ ތާޒާކުރުމުގެ ޕްރޮގްރާމެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނުވަތަ އިންޓެގްރިޓީ ކޮމިޝަނުން ނުވަތަ އެނޫންވެސް ކުޑަކުޑަ ތަޙްޤީޤީ އިދާރާއަކުން ހިންގުމަކީ ޚަރަދާއި އިންސާނީ ވަޞީލަތުގެ ގޮތުންވެސް ބުއްދިވެރި، ފައިދާހުރި ކަމަކަށް ނުވާނެއެވެ. އެހެން އޮފީސްތަކުން އިންވެސްޓިގޭޓަރުން ބޭނުންނަމަ، ފުލުހުންގެ ތެރެއިން މީހުން، ވަކި މުއްދަތަކަށް ވީއްލާނީއެވެ.
މީގެ އިތުރުން، ކޮމިޝަނަރު ބޭނުންނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް ދެތިން ޕްރޮސިކިއުޓަރުން، ހަމަ މަތީގައި އޮތް ބީދައިން، ކޮމިޝަނަރު އޮފީހަށް ވީއްލަންވާނެއެވެ. ކޮމިޝަނަރުގެ މަސައްކަތުގައި ހިމެނޭ އެވަރނަސްގެ ބަޔަށް ޓީޗަރަކު ބޭނުންނަމަ، މިނިސްޓްރީ އޮފް އެޑިއުކޭޝަން ނުވަތަ އެނޫންވެސް ތަޢުލީމީ އިދާރާއަކުން ވަކި މުއްދަތަކަށް ކޮމިޝަނަރަށް ޓީޗަރަކުވެސް ވީއްލާދޭނީއެވެ. ޓީމު އުފައްދާނީ އެގޮތަށް އެކި ތަންތަނުން ވީއްލާ މީހުން ލައިގެންނެވެ. ކޮމިޝަނަރުގެ ރޯލަކީ، އެމީސްމީހުން ލައިގެން، އޭނާގެ މެނިފެސްޓޯ ތަންފީޒުކުރުމެވެ.
ކޮމިޝަނުގައި ބާކީ ތިބޭނީ އިދާރީ މުވައްޒަފުން އެކަންޏެވެ. އެމީހުންނަކީވެސް އެކި އިދާރާތަކަށް ތަފާތު އެކި އިދާރާތަކަށް ބަދަލުވާގޮތަށް ތިބޭ ބަޔަކަށްވުމަކީ ބުއްދިވެރި ގޮތެކެވެ. އޭރުން އެއް އޮފީހެއްގައި ރަނގަޅަށް ކުރެވޭ ކަންކަން އަނެއް އޮފީހަކަށް ވާރުތަވުމުގެ ފުރުޞަތު އޮންނާނެއެވެ. މުވައްޒަފުން ބަދަލުވަމުންދާނީ ކޮންމެ 3 އަހަރަކުންނެވެ. އޭރުން ދެ ކޮމިޝަނަރެއްގެ ދައުރުގެ މެދުގައި ފައްތަރުވާގޮތަށް ދައުރު ބެހިފައި އޮންނާނެއެވެ. އަދި މުވައްޒަފުން ކޮރަޕްޓުވުމުގެ ފުރުޞަތު އެއްކޮށް ބަންދުވާނެއެވެ.
މިދެންނެވި ގޮތަށް އެއްވެސް ކަމެއް ބަދަލުކުރުމަކީ ކުރަންޖެހޭ ކަމެއް ނޫނެވެ. ނަމަވެސް، މާނަހުރި ގޮތެއްގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާން ބޭނުންނަމަ، ކޮރަޕްޝަންގެ މައްސަލަތަކުގެ ތަޙްޤީޤުން ނަތީޖާ ނެރެން ބޭނުންނަމަ، ވޭތުވެދިޔަ 20 އަހަރުގެ ތަޖުރިބާގެ އަލީގައި، މަތީގައި އޮތް ގޮތަށް ނިޒާމު ބަދަލުކޮށްގެން ނަތީޖާ ނެރެވިދާނެއެވެ. ދިވެހިންގެ ތެރޭގައި ދުނިޔޭގެ ފެންވަރުގެ ޒުވާނުން ބައިވަރު އެބަތިއްބެވެ. އެމީހުންނަށް ބޭނުންވަނީ، އެމީހުންނަށް އިތުބާރުކޮށްފައި ފުރުޞަތެއް ދޭށެވެ. ނަތީޖާ ނެރެދޭނެއެވެ. އޭސީސީގެ މިހާރުގެ ރައީސަކީ އޭގެ މީހެއް ނޫނެވެ. ނަތީޖާ ނެރެވޭ މީހުންނާ ކަންކަން ޙަވާލުކޮށްގެން، ކޮރަޕްޝަންގެ މައްސަލައަށް ޙައްލެއް ލިބުމަކީ، ރާއްޖޭގެ ތަރައްޤީ ހެޔޮ މިސްރާބަކަށް ބަދަލުކުރުމަށް އަޅާންޖެހޭ އެންމެ ފުރަތަމަ ފިޔަވަޅެވެ.
___
ފޮޓޯ ކެޕްޝަން: އޭސީސީއިން ކ. ދިއްފުށީ ސްކޫލުގެ ބިދޭސީ ޓީޗަރުންނަށް ކޮރަޕްޝަންގެ ނުރައްކާތެރިކަމާ ބެހޭގޮތުން ހިންގެވި މަސައްކަތު ބައްދަލުވުން. ފޮޓޯ: އޭސީސީ ފޭސްބުކް.
The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author