
11/27/2021
އޮގަސްޓު 29، 2021 . ހުކުރު
ބަހުގެ ތެރޭގައި ތިން ވައްތަރެއްގެ ބަސް ހުރެއެވެ. އެއީ، އީޖާބީ (ޕޮޒިޓިވް) ބަހާއި، ސަލްބީ (ނެގަޓިވް) ބަހާއި ވަކި ގޮތެއް ނުހުންނަ (ނިއުޓްރަލް) ބަހެވެ.
ދިވެހި ބަހުގެ ރަދީފުގައި "ނުފޫޒު" މާނަކޮށްދީފައިވަނީ، "މުދަލުގެ ގޮތުންނާއި ބަހުގެ ގޮތުން އެހެން މީހުންގެ މައްޗަށް ފޯރުވާ ބާރު" ގެ ގޮތުގައެވެ. ނުފޫޒަކީ، ނިއުޓްރަލް ބަހެކެވެ. އެބަސް ބޭނުންކުރެވޭ ގޮތަކުން، އީޖާބީކޮށް ނުވަތަ ސަލްބީކޮށްވެސް ބޭނުންކުރެވިދާނެއެވެ. ނަމަވެސް، ވަރަށް ގިނަ ފަހަރު، ނުފޫޒަކީ ސަލްބީކޮށް މާނަކުރެވޭ ބަހެކެވެ.
އިންސާނުން އެކަކު އަނެކަކާ މުޢާމަލާތު ކުރުމުގެ މައިގަނޑު ބޭނުމަކީ ނުފޫޒު ފޯރުވުމެވެ. ދައްކާ ކޮންމެ ވާހަކައެއްގެ 80 ޕަސެންޓަކީ ނުފޫޒެވެ. މުޢާމަލާތު ކުރާ ކޮންމެ ފަހަރަކު ވާހަކަ ނުދައްކަފާނެއެވެ. މިސާލަކަށް، މީހަކު ގޮވައިގެން ތަނަކަށް ދިއުމަކީވެސް މުޢާމަލާތެކެވެ. މިކަހަލަ ކޮންމެ މުޢާމަލާތަކީވެސް ނުފޫޒެކެވެ. އެމުޢާމަލާތުގެ ޒާތާއި ބާވަތުން، އެނުފޫޒު އީޖާބީ ނުވަތަ ސަލްބީ ނުފޫޒަކަށްވެއެވެ.
މިސާލަކަށް، މައިންބަފައިން ދަރިންނަށް ރަނގަޅު މަގު ދައްކައިދިނުމަށްޓަކައި، ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ބުނާ ބުނުމަކީ ނުފޫޒެވެ. ރަނގަޅު ނުފޫޒެވެ. ދަރިފުޅު ގޮވައިގެން ނަމާދަށް މިސްކިތަށް އަރަނީ މިސްކިތަށް އަރައި ނަމާދުކުރުމަށް ބާރު އެޅުމަށް ނުފޫޒު ފޯރުވުމަށެވެ. ރަޙްމަތްތެރިން، އެކަކު އަނެކަކަށް ނަޞޭހަތްތެރިވެ ނުފޫޒު ފޯރުވައެވެ. ލޯބިވެރިން، އެކަކު އަނެކަކަށްވެސް ފޯރުވަނީ ނުފޫޒެވެ. ލޯބީގެ ނުފޫޒެވެ.
ނޫސްވެރިން، ނޫސްވެރިކަމުންވެސް ފޯރުވަނީ ނުފޫޒެވެ. އެނުފޫޒު ބޭނުންކުރާ ގޮތަކުން، އީޖާބީވެ، ސަލްބީވެއެވެ. ވަކި ކަމަކަށް ގޮވާލައި ދައްކާ ވާހަކައަކީ ނުފޫޒެވެ. އެމައުޟޫޢަށް ރިޕޯޓު ހަދައި، އިންޓަވިއު ހަދައި، އެވެނި ކަމެއް ވަކި ގޮތަށް ކޮށްފިނަމަ ލިބޭ ނަތީޖާ ރަނގަޅުވާނެކަމަށް ނުވަތަ ނުރަނގަޅުވާނެކަމަށް ދައްކާ ލިޔާ ލިޔުންތަކަކީ ނުފޫޒެވެ. އަޅުގަނޑުގެ މި މަޒްމޫނަކީވެސް ނުފޫޒެކެވެ.
ތާރީޚާއި އާދަކާދައާއި ސަޤާފަތާއި ދީނަކީވެސް ނުފޫޒެވެ. ބަސްމަގާއި ބަހުރުވައަކީވެސް ނުފޫޒެވެ. މިއިން ކޮންމެ ކަމަކުން މީހުންގެ ދިރިއުޅުމާއި މުޢާމަލާތުތަކާއި ޢަމަލުތައް ވަކި ގޮތަކަށް ބައްޓަންކުރުމަށް ބާރުއަޅައެވެ. ތާރީޚީ ގޮތުން ވަކި ކަމެއް ވަކި ގޮތަކަށް އޮތުމަކީވެސް ނުފޫޒެކެވެ. އެކަން އެގޮތަށް ކުރުމަށް މިހާރުގެ މީހުންނަށް ބާރުއަޅާ ނުފޫޒެކެވެ. އެކަމެއްގެ ގޮތުން، އެއީ އީޖާބީ ނުވަތަ ސަލްބީ ނުފޫޒަކަށްވެސް ވެދާނެއެވެ. ރަޝިޔާގައި ވޮޑްކާ ބުއިމަކީ ސަޤާފަތަކެވެ. އެއީކީ ރަނގަޅު ނުފޫޒެއް ނޫނެވެ. ޖަޕާނުގައި ގަޑިއަށް ފަރުވާތެރިވެ، އެކަކު އަނެކަކަށް އިޙްތިރާމް ކުރުމަކީ އާދަކާދައާއި ސަޤާފަތާ ގުޅިފައި އޮތް ކަމެކެވެ. އެއީ ރަނގަޅު ނުފޫޒެކެވެ.
ނުފޫޒު ފޯރުވާ މީހާ (މައިންބަފައިން، ރަޙްމަތްތެރިން، ލޯބިވެރިން، ނޫސްވެރިން، ތާރީޚާއި އާދަކާދައާއި ދީން) ގެ ގޮތުން އެނުފޫޒުގައި ކޮންމެވެސް ވިރާސީ ގޮތުން ލިބޭ ބާރެއް ހުރެދާނެއެވެ. ނަމަވެސް، ނުފޫޒު، ނުފޫޒަކަށްވެ، އެކަމުގައި ބާރާއި އާރު ހުންނަނީ ނުފޫޒު ފޯރުވާ މީހާގެ ގޮތަކުން ނޫނެވެ. ނުފޫޒު ލިބޭ މީހާ، އެކަމަށް އިޖާބަދޭ މިންވަރަކުންނެވެ. ލެނބޭން ތައްޔާރަށް ހުރި މިންވަރުންނެވެ. އެއިޖާބަ ބިނާވަނީ، އެމީހާގައި ހުންނަ ކުޅަދާނަކަމާއި، ފުދުންތެރިކަމާއި، ޢާޠިފީ ޝުޢޫރުތައް ފުރާ ފުރިހަމަވެފައި އޮތް މިންވަރެއްގެ މައްޗަށެވެ. މިއީ، މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހަކަށް ދެއްވާފައިވާ ނިޢުމަތެކެވެ. އެމީހާގެ އަމިއްލަ ކުޅަދާނަކަމެއް ނޫނެވެ.
މައިންބަފައިން، ކިތަންމެ ވަރަށް މިސްކިތަށް ގެންގޮސް ނަމާދުކުރަން ނުފޫޒު ފޯރުވިޔަސް، ބޮޑުވެގެން ނަމާދު ނުކުރާ އެތައް ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އުޅެއެވެ. މައިންބަފައިންގެ މައްސަލައެއް ނޫނެވެ. ނުފޫޒު ރައްދުވި ދަރިފުޅުގެ މައްސަލައެކެވެ. ރަޝިޔާގައި ދިރިއުޅެ ބޮޑުވި އެތައް ބަޔަކު ވޮޑްކާއާއި ރަލާ ނުބޮއި އުޅެއެވެ. ނޫސްވެރިން އެތައް ވަރަކަށް ކަމެއް ކުރުމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރިއަސް، އެކަމާ ކެހެރުވަކެކޭ ހިތަށް ނާރާ އެތައް ބަޔަކު އުޅެއެވެ. އެމީހުންނަށް ނުފޫޒު ނުފޯރަނީއެވެ.
ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާއިރު، އަދި އަމުދުން އަޅުގަނޑު މިވަގުތު އަދާކުރަން ޖެހިފައިވާ ވަޒީފާގެ ގޮތުން ވަރަށް ގިނަ މީހުން އަޅުގަނޑަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއެވެ. އެކަން ހިނގާނީވެސް އެގޮތަށެވެ. އެއީ ޠަބީޢީ ކަމެކެވެ. ހުރިހާ ނުފޫޒަކީ ނުރަނގަޅު ނުފޫޒެއްވެސް ނޫނެވެ. އަޅުގަނޑުގެ ނަޒަރުގައި، ނުފޫޒަށް ބާރު ލިބެނީ އެނުފޫޒަކަށް އަޅުގަނޑު ލެނބޭނަމައެވެ. އެއީ އެއްވެސް ޙާލެއްގައި ނުފޫޒު ފޯރުވަން އުޅޭ މީހާގެ މައްސަލައެއް ނޫނެވެ. އޭނާގެ މަޞްލަޙަތެއް އޮތަތީ ނުފޫޒު ފޯރުވަން އުޅެނީއެވެ.
ނުފޫޒު ފޯރުވުމަކީ ކޮންމެ ފަހަރަކު ކުށެއްވެސް ނޫނެވެ. އަޅުގަނޑުވެސް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމެވެ. މިސާލަކަށް، ގަޑިއަށް ފަރުވާތެރިވުމުގެ ސަޤާފަތެއް ދައުލަތުގެ ތެރޭގައި އާލާކޮށް ދިރުވުމަށް އަޅުގަނޑު ހަމަ ޤަޞްދުގައި ނުފޫޒު ފޯރުވަމެވެ. އެކަމަށް އެކި އެކި ސްޓްރެޓެޖީތައް ހަދައި، ތަންފީޒުވެސް ކުރަމެވެ. ޤާނޫނަކީ އޭގެ ޒާތުގައިވެސް ނުފޫޒެކެވެ. ޤާނޫނުންކުރާ ކަމަކީ މީހުންގެ ދިރިއުޅުން ވަކި ގޮތަކަށް ބައްޓަންކުރަން ބާރު އެޅުމެވެ. އެޤާނޫނު ތަންފީޒުކުރަނީ އަޅުގަނޑެވެ. އަޅުގަނޑު ފޯރުވަނީ ޤާނޫނު ތަންފީޒުކުރަން ފޯރުވާ ނުފޫޒެވެ.
ފުޓުބޯޅަ މެޗެއްގައި ސަޕޯޓަރުންވެސް ފޯރުވަނީ ނުފޫޒެވެ. އެމީހަކު ތާއީދުކުރާ ޓީމަކަށް ކާމިޔާބުވުން އެދި ފޯރުވާ ނުފޫޒެވެ. އިދިކޮޅު ޓީމުގެ ކުޅުންތެރިން ރޭރުކޮށްލުވަން ފޯރުވާ ސަލްބީ ނުފޫޒެވެ. މިސާލަކަށް، ވިކްޓަރީއާއި ނިއުރޭޑިއަންޓު، 80 އާއި 90 ގެ އަހަރުތަކުގައި، ފުޓުބޯޅަ ކުޅޭއިރު، ވިކްޓްރީގެ ކުޅުންތެރިން ނިއުރޭޑިއަންޓު ސަޕޯޓަރުން ތިބޭ މަޖީދީމަގާ ވީ ފަރާތު ސިޑިބަރިއާ ދިމާލުން ބެކުން ޖަހާއިރު 'އަނހާ ހުތް..." ކިޔައި، ވިކްޓްރީގެ ގޯލް ކީޕަރާއި ޑިފެންޑަރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއެވެ. ނަމަވެސް، ނިއުރޭޑިއަންޓުގެ ސަޕޯޓަރުން ފޯރުވާ ނުފޫޒު، ދޮންބިލެތް އަޙްމަދު ޙަލީމަކަށް، މަޢުރޫފް އަޙްމަދަކަށް ނުކުރެއެވެ. އެއީ، އެކުޅުންތެރިންނަކީ އެފަދަ ނުފޫޒަކުން އަސަރެއް ކުރާ ވަރަށްވުރެ ކުޅަދާނަ، ފުރާ ފުރިހަމަވެފައިތިބި ކުޅުންތެރިންނެވެ. ތަޖުރިބާގެ ގޮތުންނާއި ފަންނީ ގޮތުންމެއެވެ. ދޮންބިލެތް އަޙްމަދު ޖަހަނީ އޭނާގެ ޓީމުން ބޭނުންވާ ގޮތަށެވެ. ބާރަށް ވިއްޔާ ބާރަށެވެ. މަޑުން ވިއްޔާ މަޑުންނެވެ. ނިއުރޭޑިއަންޓުގެ ސަޕޯޓަރުން ބޭނުންވާ ވަރަކަށް ނޫނެވެ. ނަމަވެސް، ހަމަ އެޙާލަތުގައި ހުންނަ ތަޖުރިބާ މަދު، ކުޅަދާނަކަން ތަންކޮޅެއް ކުޑަ ކުޅުންތެރިއަކަށް އަސަރު ކޮށްފާނެއެވެ. އަސަރުކޮށްފައިވެސް ހުރެއެވެ. ނުފޫޒު ދެމިގެންދަނީވެސް ސީދާ އެސަބަބަށްޓަކައެވެ. ވަކި ހިސާބަކުން މަޢުރޫފު އަޙްމަދު ޖަހާއިރަކު އަނހާ ހުތެއް ނުކިޔައެވެ. އަސަރު ނުކުރާތީއެވެ. ދޮންބިލެތް އަޙްމަދު، ޖަހަން ކަމަށް ހަދައި، ނުޖަހައި، އަނހާ ހުތް ކިޔާ މީހުން ލަދުގަންނަވާފައިވެސް އެބަހުއްޓެވެ.
އަޅުގަނޑަކީ، އަޅުގަނޑު ކުރާ މަސައްކަތުގައި ދޮންބިލެތް އަޙްމަދު ޙަލީމެކެވެ. މީހަކު ފޮނުވާ ސިޓީއަކުން، ޖަހާ ޓުވީޓަކުން، ލިޔާ މަޒުމޫނަކުން، ދައްކާ ވާހަކައަކުން، ކިޔާ އަނހާ ހުތަކުން، މަސައްކަތުގެ ދާއިރާގައި އަޅުގަނޑު ކުރަންޖެހޭ ކަމަކަށް ނުވަތަ ނުކޮށް ދޫކޮށްލަންޖެހޭ ކަމަކަށް އަސަރެއް ނުކުރާނެއެވެ. ނުފޫޒެއް ނުފޯރާނެއެވެ. ނުފޫޒު ފޯރުވަން ކުރާ މަސައްކަތުގެ ތެރޭގައި 'ސްމޫތުކޮށް އޮޕަރޭޓް' ކުރުމުގެ ޤާބިލުކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އެބަހުއްޓެވެ. އެޤާބިލުކަން ކުޑަވާ ހިސާބުން، އަޅުގަނޑު ވިކްޓަރީއަށް ކުޅުން ހުއްޓާލާފައި ދެން ކުޅޭނީ ދެވަނަ ޑިވިޒަނުގައެވެ.
The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author