11/27/2021

"ވާނުވާ" ބަންދުގެ ޙަޤީޤީ ވެކްސިން

ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ، ޝަރީޢަތް ނިމެންދެން މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ކުރާ "ވާނުވާ" އަމުރެއްގެ ވާހަކައެވެ. މިއީ، ޚުދު އަޅުގަނޑުވެސް، ނުހަނު ކަންބޮޑުވާ ކަމެކެވެ. މިމަޤާމަށް ޢައްޔަނުވުމުގެ ކުރިންވެސް، އަދި އޭގެ ފަހުންވެސް، "ވާނުވާ" އަށް ޙައްލު ގެނެވޭތޯ އެކި ފޯރަމްތަކުގައި، އެކި ސިފަސިފައިގައި، ޢާންމުންނަށް ފެންނާނޭހެންނާއި، ޢާންމުންނަށް ނުފެންނަ ގޮތަށް ތަފާތު އެކި މަސައްކަތް ކުރެވިފައިވެއެވެ. ޝަރީޢަތް ނިމެންދެން ބަންދުކުރަން ޤާނޫނު ހުއްދަކުރަނީވެސް ވަރަށް ނާދިރު ޙާލަތުތަކުގައި، އެމީހެއްގެ ފަރާތުން ޙަޤީޤަތުގައިވެސް މުޖްތަމަޢަށް ނުރައްކާވާ މީހުންނެވެ. އެކަމަށް ވަކި މިންގަނޑެއް ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ގެންގުޅެއެވެ. އަޅުގަނޑު މަޤާމާ ޙަވާލުވިފަހުން، މިދެންނެވި މިންގަނޑު އަދި އިތުރަށް ވާނީ ހަރުކަށި ކޮށްފައެވެ. މިހާރު ބަންދުގައި ތިބޭނީ ކޮންމެހެން ބަންދުގައި ތިބެންޖެހޭކަމަށް ފެންނަ މީހުންނެވެ. މިސާލަކަށް، މީހުން މެރިކަމަށް ތުހުމަތުވާ މީހުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މީހުންނާއި ބޮޑެތި ޢަދަދުތަކުން ޑްރަގް ޓްރެފިކްކުރާކަމަށް ތުހުމަތުވާ މީހުންނެވެ.


"ވާނުވާ" އުފެދޭ ސަބަބު

"ވާނުވާ" (ނުވަތަ، ޝަރީޢަތް ނިމެންދެން ކުރާ ބަންދު) ގެ މައްސަލަ ދެނެގަތުމަށްޓަކައި، އެކަން އުފެދިގެން އައި ގޮތް ދެނެގަންނަންޖެހެއެވެ. މީހެއްގެ ބަންދު، "ވާނުވާ" އަކަށްވަނީ، އެމީހެއްގެ ޝަރީޢަތް ފެށޭނެ ދުވަހެއް، ނިމޭނެ ދުވަހެއް ނޭނގި، ޝަރީޢަތް ޝެޑިއުލްކުރާނެ ދުވަހެއްވެސް ނޭނގި ހުންނާތީއެވެ. އެހެންކަމުން، އެއްވެސް ބަންދެއް "ވާނުވާ" ބަންދަކަށް ވުމުގެ އަސާސީ ޝަރުޠަކީ، އެމީހަކު ބަންދުގައި ހުންނާނެ ދުވަހެއްގެ އަންދާޒާއެއް ކުރަންވެސް ނޭނގުމެވެ. "ވާނުވާ" ނޭނގުމެވެ. ދެން އޮތް ސުވާލަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އެކަމަށް ޙައްލެއް ހަމަ ނެތީތޯ އުފެދޭ ސުވާލެވެ.


ޖިނާއީ އިޖުރާއަތުގެ ޤާނޫނު ތަޞައްވަރު ކުރަނީ ކޮންމެ ކަމަކަށްވެސް ވަކި މުއްދަތުތަކެއް އޮތުމެވެ. އެގޮތުން، މީހަކު ހައްޔަރުކުރާ ދުވަހުން ފެށިގެން އެމީހެއްގެ މައްސަލަ ތަޙްޤީޤު ނިންމާ ޕީޖީ އޮފީހަށް ފޮނުވާނެ މުއްދަތެއް ޤާނޫނުގައި އެބަ އޮތެވެ. އެމައްސަލައެއްގައި ދަޢުވާއެއް ކުރާނަމަ، ކުރަންޖެހޭނެ މުއްދަތެއް އެބަ އޮތެވެ. ބަންދުގައި ހުރި މީހަކު ނަމަ، 30 ދުވަސް، ބަންދުން ވީއްލިފައި ހުރިނަމަ، 45 ދުވަހެވެ.


އެވާހަކަތައް އޮތީ، އެޤާނޫނުގެ 94 ވަނަ މާއްދާ (ދަޢުވާކުރުމުގެ މުއްދަތުތައް) ގައެވެ. އެއަށްފަހު، އެޤާނޫނުގެ 116 ވަނަ މާއްދާ (ޝަރީޢަތުގެ އަޑުއެހުން ބާއްވާނެ ދުވަހެއް ކަނޑައެޅުން) ގައި އޮތީ ޝަރީޢަތްތައް ކުރިއަށް ގެންދާނެ ވަގުތުރޮނގު (ޓައިމްލައިން) ތަކެވެ. އެމާއްދާގެ (ހ) ގައި އޮންނަނީ؛

"ދަޢުވާލިބޭ ފަރާތުގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްކަމަށް މި ޤާނޫނުގެ 115 ވަނަ މާޢްދާގެ (ބ) ގެ ދަށުން ފަނޑިޔާރު ނިންމައިފިނަމަ، މި ޤާނޫނުގެ ސާދަވަނަ ބާބުގައިވާ ގޮތުގެ މަތިން ޝަރީޢަތް ފެށުމުގެކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމަށް މުއްދަތެއް ކަނޑައަޅައި، އެ މުއްދަތުން އުނިނުވާ ގޮތަށް، މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ބާއްވާނެ ދުވަސްތައް، ދައުލަތާއި ދަޢުވާ ލިބޭ ފަރާތާ މަޝްވަރާ ކުރުމަށްފަހު، ކޯޓުން ކަނޑައަޅައި ތާވަލުކުރަންވާނެ" ކަމަށެވެ.

މިމާއްދާގައި ބުނާ ގޮތަށް ތާވަލު ކުރުމުން، މައްސަލައިގެ އަޑުއެހުންތައް ބާއްވާނެ ދުވަސްތަކާއި، އެދުވަސްތަނުގައި އޮންނާނީ ކޮން ކަމެއްކަން ބަންދުގައި، "ވާނުވާ" ގައި ހުންނަ މީހާއަށް އެނގޭނެއެވެ. އޭރުން، އޭނާގެ ބަންދު "ވާނުވާ" އަށްވުމުގެ (މައްސަލަ ފެށޭނެ، ނިމޭނެ، ތާވަލުކުރާނެ ދުވަހެއް ނޭނގުމުގެ ޝަރުޠު) ޝަރުޠު ފުރިހަމަނުވެ، އޭނާއާމެދު ގޮތެއް ނިމޭނެ ދުވަހެއް އޭނާއަށް ސާފުކޮށް އެނގޭނެއެވެ. ޝަރީޢަތްކުރާނެ ގޮތުގެ ތާވަލު ލިބުމުން، ބަންދުގެ "ވާނުވާ" ވަންތަކަން ގެއްލުނީއެވެ.


މައްސަލައިގެ ޚަޞްމުންނަށް ލިބޭ ފައިދާ

ޤާނޫނުގައި ބުނާ ގޮތަށް، ތާވަލު ދީގެން ޝަރީޢަތް ހިންގުމަކީ، މައްސަލައިގައި ހިމެނޭ ހުރިހާ މީހުންގެ ޙައްޤުތައް ރައްކާތެރިވާނެ ކަމެކެވެ. ދަޢުވާކުރާ ޕްރޮސިކިއުޓަރަ ޖެނެރަލަށް، އެމައްސަލަ ކުރިއަށްދާނެ ގޮތް އެނގުމުން، ހެކިން ހާޒިރުކުރުމުގެ ކަންތައް ފަހިކޮށްދިނުމަށް ފަސޭހަވެއެވެ. ހެކިންގެ ގޮތުގައި ހެކިބަސްދޭ މީހުންނަށްވެސް، އެމައްސަލަ ހަނދާނުގައި ހުއްޓާ ހެކިބަސްދީ ނިންމާލެވެއެވެ. މައްސަލައިގައި އަނިޔާލިބުނު މީހާއާ ގުޅުން ބަދަހިކޮށް ބޭއްވުމަށް ޕީޖީ އޮފީހުން ކުރާ މަސައްކަތަށްވެސް އެކަމުގެ ސަބަބުން ފަސޭހަވެގެންދެއެވެ.

ދަޢުވާލިބޭ މީހާއަށް، އޭނާގެ ބޯމަތީގައި އޮތް މައްސަލަ ނިމޭނެ ދުވަސް އެނގޭނެއެވެ. އެމައްސަލައިން މިނިވަންވެ، އޭނާގެ ޙަޔާތް އަލުން ފަށައިގެން އާރާސްތުކުރަން ޕްލޭން ކުރަން ފަސޭހަވެއެވެ. ކުށުގެ ދުރުހެލިވެ، އަލުން މުޖްތަމަޢަށް އެނބުރި އައުމަށް ކުރާ މަސައްކަތަށް އިތުރު ހިތްވަރު ލިބެއެވެ. ދިފާޢީ ވަކީލުންނަށް، އަދި އަމުދުން ފަސޭހައެވެ. މައްސަލަ އޮންނާނެ ދުވަހުގެ ތާވަލު އެނގުމުން މަސައްކަތް ތަރުތީބުކުރަން ފަސޭހަވެއެވެ. އަވަހަށް މައްސަލަ ނިމޭނަމަ، އެމައްސަލައަކަށް ކުރާ މަސައްކަތުގެ އުޖޫރަ އަވަހަށް ލިބި، ރަނގަޅު ފެންވަރުގެ މަސައްކަތެއް ކުރަން ހިތްވަރު ލިބޭނެއެވެ.


ކޮންޓިނިޔަސް ހިއަރިންގ

"ވާނުވާ" ގެ މައްސަލަ ޙައްލުކޮށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 116 ވަނަ މާއްދާގެ (ހ) ގައި ބުނާ ތާވަލާ އެއްގޮތަށް ޝަރީޢަތް ހިންގުމަށްޓަކައި، އެންމެ އުފެއްދުންތެރި ޙައްލެއްކަމަށް ދުނިޔޭގެ އެހެން ޤައުމުތަކުގައި ކުރާ ކަމަކީ ދެމިގެންދާ ގޮތަށް އަޑުއެހުންތައް ކުރިއަށް ގެންދިއުމެވެ. ކޮންޓިނިޔަސް ހިއަރިންގގެ އުޞޫލުންނެވެ. އެމައްސަލައެއްގެ ޝަރީޢަތް ފެށުމުގެ ކުރިން، ދެފަރާތުން ތައްޔާރުވާން އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު ޝަރީޢަތް ފަށާނީއެވެ. ޝަރީޢަތް ފެށުމަށްފަހު، އެމައްސަލައެއްގެ ޝަރީޢަތުގެ އަޑުއެހުންތައް ނިމެންދެން ޝަރީޢަތް ކުރިއަށް ގެންދާނީއެވެ. ކޮންމެ ދުވަހެއްގެވެސް ހެނދުނު ފަށާގޮތަށް ހަވީރު ވަންދެނެވެ. ޢާންމު ގޮތެއްގައި ޝަރީޢަތެއްގައި އޮންނާނީ، އިފްތިތާޙީ ބަޔާން (އޯޕަނިންގ ސްޓޭޓްމަންޓް) ހުށަހެޅުމާއި، ދެފަރާތުގެ ހެކިން ހާޒިރުކުރުމާއި ޚުލާޞާ ބަޔާން އިއްވުމެވެ. މިތިން މަރްޙަލާ، ދެތިން ދުވަސް ތެރޭގައި ނިންމައިލެވޭނެއެވެ. އެހިސާބުން ދެދުވަހެއްގެ ބްރޭކަކަށްފަހު މައްސަލައިގެ ޙުކުމް ކުރެވޭނެއެވެ.


މިހާރުވެސް ކުރިމިނަލް ކޯޓުން މިއުޞޫލުން ޝަރީޢަތްތައް އެބަ ހިންގަވައެވެ. އެކަމުގެ ހެޔޮ ނަތީޖާވެސް އެބަ ފެނޭމެއެވެ. މިސާލަކަށް، މިހަފްތާގެ ތެރޭގައި ނިމުނު މައްސަލައެކެވެ. އެމައްސަލައިގެ ޙާދިސާ ހިނގައިފައި އޮތީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ފުލުހުންނަށް ރިޕޯޓުވެގެން އެމައްސަލައިގެ ތަޙްޤީޤު ހިންގައި، ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅިފައި އޮތީ އަހަރެއްހައި ދުވަސް ފަހުން، 2019 އޮކްޓޯބަރ މަހުއެވެ. އެމައްސަލައިގެ އަޑުއެހުންތައް 2020 މާރިޗު މަހަށް ޝެޑިއުލް ކުރެއްވިއެވެ. ނަމަވެސް ކޮވިޑު ލޮކްޑައުނާއެކު އޭރު ޝަރީޢަތް ނުފެށުނެވެ. އޭގެ ފަހުން، ޝަރީޢަތުގެ ކުރީގެ މަރްޙަލާ، 3 ދުވަހުން ނިންމެވިއެވެ. އިފްތިތާޙީ ބަޔާނާއި ހެކިބަސް ނެގުން އޮތީ 28 ނޮވެމްބަރ 2020 ގައެވެ. ޖެހިގެން އައި ދުވަހު އޮތީ ޚުލާޞާ ބަޔާން ހުށަހެޅުމެވެ. އެއަށްފަހު، ދެހަފްތާއެއްހައި ދުވަހަށްފަހު، 16 ޑިސެމްބަރ 2020 ދުވަހު މައްސަލައިގައި ޙުކުމް ކުރެއްވިއެވެ. މާނައަކީ ޝަރީޢަތް ފެށުމަށްފަހު، ޝަރީޢަތަށް ހޭދަވީ ޖުމްލަ ތިން ހަފްތާއެއްހައި ދުވަހެވެ. މިމައްސަލައިގައި ކަން ދިމާކުރި ގޮތުން، ދަޢުވާ ލިބުނު މީހާ ހުރީ ބަންދަކު ނޫނެވެ.

މިމައްސަލައިގައި ދަޢުވާ ކުރެވި، ސާބިތުވެ، އަދަބު ކަނޑައެޅުނީ ތިރީގައިވާ ގޮތަށެވެ. އަދަބުގެ ޖުމްލައަކީ 30 އަހަރާއި 1 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ. މިމައްސަލައިގެ ޝަރީޢަތް ހިންގަވައި ޙުކުމް ކުރެއްވީ ކުރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު އަޙްމަދު ޝަކީލެވެ.



ދަޢުވާ #1 -- އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ -- 15 އަހަރަށް ޖަލަށް

ދަޢުވާ #2 -- ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު ޖިންސީ ޢަމަލެއް ހިންގަމުންދާ މަންޒަރު އެކުޑަ ކުއްޖާއަށް ދެއްކުމުގެ ކުށުގެ ދަޢުވާ -- 15 އަހަރަށް ޖަލަށް

 

ދަޢުވާ #3 -- ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާ -- 1 މަހާއި 6 ދުވަސް


 

ވީމާ، "ވާނުވާ" ބަންދުގެ ޙަޤީޤީ ވެކްސިނަކީ އަވަހަށް މައްސަލައިގެ ޝަރީޢަތް ހިންގުމެވެ. ދެމިގެންދާގޮތަށް ޝަރީޢަތް ހިންގުމެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނު ތަޞައްވަރު ކުރާ ގޮތަކީވެސް އެއީއެވެ. އެވާހަކަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 116 ވަނަ މާއްދާގައި އެއޮތީއެވެ. ޤާނޫނު ތަންފީޒުވާން ފެށުމުން "ވާނުވާ" ވުމުގެ ފުރުޞަތެއްވެސް ނޯންނާނެއެވެ.


___

މިލިޔުން ފުރަތަމަ ޝާއިޢު ކުރެވުނީ، 17 ޑިސެމްބަރ 2020 ވީ ބުރާސްފަތި ދުވަހުއެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author