9/20/2023
ދިވެހިރާއްޖޭގެ ސިޔާސަތު ހަދާ މީހުން، ރާއްޖޭގެ ޖިއޮގްރަފީ އޮތް ގޮތް ހަނދާނުން ކައްސާލާކަމަށް އަޅުގަނޑަށް ފެނެއެވެ. އަޅުގަނޑުގެ ވެރިކަމެއްގައި، ދައުލަތުގެ ސިޔާސަތުތައް ބިނާވާނީ، ރާއްޖޭގެ ޖިއޮގްރަފީއާއި، ތާރީޚާއި ސަޤާފަތާއި އާދަކާދައާއި ދީނުގެ މައްޗަށެވެ. މިއިން ކަމެއްގެ އަޞްލެއް ނެތްކަމެއް، ޕޮލިސީއަކު ނޯންނާނެއެވެ. ޖިއޮގްރަފީއަށް ބަލައިގެން ޕޮލިސީ ހަދާނަމަ، އެންމެ އިސްކަމެއް ދޭންޖެހެނީ މޫދާ ގުޅޭ ކަންކަމުގައެވެ. ސަލާމަތާއި ރައްކާތެރިކަންވެސް، އިޤްޠިޞާދުވެސް އޮންނަންވާނީ މޫދާ ގުޅިފައެވެ. ކުޅިވަރާއި ދުޅަހެޔޮ ޞިއްޙަތުގެ ބައިވެސް އޮންނާނީ މޫދާއި މޫދުކުޅިވަރުތަކާ ގުޅިފައެވެ. ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި ނެތް އެއްޗަކީ އަޅުގަނޑުމެންގެ އޮތް މޫދެވެ. ބޭރުމީހުން އެބުނާ 'ކޮމްޕެޓެޓިވް އެޑްވާންޓޭޖް' އަކީ މޫދެވެ.
ދާދިފަހުން، މަޑަގަސްކަރައިގައި އޮތް އިންޑިއަން އޯޝަން އައިލަންޑް ގޭމްސްއަކީ، މަލްޓި ސްޕޯޓް މުބާރާތެއްގައި ދިވެހިރާއްޖެއަށް އެންމެ ކާމިޔާބު މުބާރާތެވެ. ފުޓުބޯޅަ ފިޔަވައި، ރާއްޖޭގެ އެހެން ކުޅިވަރުތައް ދަނީ ބޮޑެތި ކުރިއެރުންތައް ހޯދަމުންކަމަށް ބުނުމަކީ ކުށަކަށް ނުވާނެއެވެ.
ދިވެހި ފެތުމުގެ ޓީމުންވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދިއެވެ. 50 މީޓަރު ޕޫލެއް ނެތް ޤައުމަކާ ބަލާއިރު، މިއީ ބޮޑު ކާމިޔާބެކެވެ. ތާރީޚަށްޓަކައި، އެވާހަކަ މިތަނުގައި ލިޔެލާނަމެވެ. މިރިކޯޑުތަކަކީ؛
ފިރިހެނުންގެ 200x4 ފްރީސްޓައިލް ރިލޭ (އާން، މުބާލް، ރެހާން، އިމްއާން، 8 މިނިޓް 48.87 ސިކުންތު) އާއި، ފިރިހެނުންގެ 100x4 ފްރީސްޓައިލް ރިލޭ (އާން، މުބާލް، ރެހާން، އިމްއާން، 3 މިނިޓް 58.33 ސިކުންތު) އާއި، ފިރިހެނުންގެ 100x4 މިޑްލޭ ރިލޭ (އާން، މުބާލް، ރެހާން، އިމްއާން، 4 މިނިޓް 29.42 ސިކުންތު) އާއި، އަންހެން 50މ ބެކްސްޓްރޯކް (ސައުސަން، 34.32 ސިކުންތު) އާއި، އަންހެނުންގެ 100x4 ފްރީސްޓައިލް ރިލޭ (ޒައިނަބް، ޙަނާން، ސައުސަން، މެރާލް، 5 މިނިޓް 15.09 ސިކުންތު)، އާއި ފިރިހެން 50މ ބަޓަރފްލައި (އާން، 27.23 ސިކުންތު) އާއި، ފިރިހެނުންގެ 50މ ބެކްސްޓްރޯކް (މުބާލް 34.00 ސިކުންތު)، އަންހެނުންގެ ބަޓަރފްލައި (50މ، 32.15 ސިކުންތު، 100މ، 1 މިނިޓް 16.45 ސިކުންތު، ޙަނާން ޙުސައިން ޙަލީމް)
މިހާރު ކުރިމަތީގައި އޮތް ސުވާލަކީ، މިމުބާރާތުގައި ކާމިޔާބު ނަތީޖާތަކެއް ހޯދި ޙަނާންތަކާއި އާންތަކާއި ރެހާންތަކާއި މެރާލްތަކާއި މުބާލްތަކާއި ސައުސަންތަކެއް އަބަދުމެ އުފައްދަ އުފައްދައި ތިބޭނީ ކިހިނެތްތޯއެވެ. އެކަން ކުރެވޭނެ ހަރުދަނާ ސިސްޓަމެއް އެބައޮތްތޯއެވެ. ކުޅިވަރުގެ ޢިލްމުވެރިން ދެކޭ ގޮތުގައި، މިކަން ކުރުމަށް ބޭނުންވަނީ ރަނގަޅު ވަޞީލަތްތަކާއި ގިނަ، ވާދަވެރި މުބާރާތްތަކާއި، ކުޅިވަރު މެނޭޖްމަންޓު ހަރުދަނާވުމެވެ. ވާދަވެރި މުބާރާތް ގިނައިން ލިބޭ ބެޑްމިންޓަންއިން ހޯދާ ރަނގަޅު ނަތީޖާތައް، މިކަމުގެ މިސާލަކަށް ފުދެއެވެ. ސްވިމިންގ އެސޯސިއޭޝަން ހަރުދަނާކުރުމަކީ، އެސޯސިއޭޝަންގެ މެންބަރުންނަށް އެއްކޮށް، ޖަމާޢީކޮށް ކުރެވޭނެ ކަމެކެވެ. އެވާހަކަ މިތަނުގައި ނުގެންނާނަމެވެ.
ދިވެހިރާއްޖޭގެ ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖެއްކަމަށް ހެދުމަކީ ހުރިހާ ސިޔާސީ ވެރިންވެސް، ޖުމުލަކޮށް ހުރިހާ ދިވެހިންވެސް ޤަބޫލުކުރާ ސިޔާސަތެކެވެ. އެކަން ތަންފީޒުނުވަނީއެވެ. މާލޭގައި، މިސިޔާސަތު ތަންފީޒުކުރަން އޮތް އެއް ގޮންޖެހުމަކީ އެރިލާނޭ ސާފު މޫދެއް ނެތުމެވެ. އަންނަ އޮކްޓޯބަރ މަހުގެ ކުރީކޮޅު ފަށަން ތައްޔާރުވަމުންދާ އިންޓަރސްކޫލް ފެތުމުގެ މުބާރާތަށް، މިހާރު ކުދިން ތައްޔާރުވަމުންދާއިރު، މާލޭ ސްވިމިންގ ޕޫލު އޮތީ ފުރި ބާރުވެފައެވެ. ދެކުނު ފަރާތު ސްވިމިންގ ޓްރެކްވެސް ހަމަ އެގޮތެވެ. އެތަނުގެ ސާފުތާހިރުކަމަކީ އަދި މާބޮޑު ސުވާލެކެވެ. 2010 ވަނަ އަހަރުން ފެށިގެން އަދިވެސް ދައްކަނީ އެތަން ސާފުކުރާ ވާހަކައެވެ. މިލިޔުމަކީ ޝަކުވާ ހުށަހަޅާ ލިޔުމެއް ނޫނެވެ. ޙައްލު ހުށަހަޅާ ލިޔުމެކެވެ.
50 މީޓަރު ލޮނު ޕޫލާއި ކުލަބުތަކަށް އިންވެސްޓްކުރުން
އަޅުގަނޑުގެ ވެރިކަމެއްގައި، މާލޭ އުސްފަސްގަނޑު އޮތް ސަރަޙައްދުގައި، 50 މީޓަރުގެ ލޮނުފެން ޕޫލެއް އަޅާނަމެވެ. އެ ޕޫލު ގުޅިފައި އޮންނާނީ މޫދާއެވެ. ސާފުކުރުމުގެ ކަންކަން އިންތިޒާމުކުރާނީ މޫދުން ފެން ނަގައިގެން ސާފުވާ ގޮތަށެވެ. މިއީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ކޮށްފައިވާ ކަންކަމެވެ. އެ ޓެކްނޮލޮޖީ ދުނިޔޭގައި އެބަހުއްޓެވެ. އެތަނުގައި ބޮކި ދިއްލައި، ރޭގަނޑުވެސް ތަމްރީނުތައް ކުރިއަށް ގެންދެވޭނެއެވެ. އެތަނުގައި އޮންނާނީ، ފަތަން ދަސްކުރާ ކުދިންގެ ޕްރޮގްރާމްތަކާއި، ކުދިކުދި، ޤައުމީ ފެންވަރުގެ ނޫން މުބާރާތްތަކެވެ. ގޯޅި ކަޕާއި، ކަންމަތީ ކަޕާއި، އެކުވެރިންގެ ކަޕާއި، އޮފީސްތަކުގެ އިންޓަރނަލް ފެތުމުގެ މުބާރާތްތައްވެސް އެތަނުގައި ދާނީ ބާއްވަމުންނެވެ. ސްކޫލްތަކުގެ އިންޓަރކްލާސްއާއި އިންޓަރ ހައުސް މުބާރާތްވެސް ބާއްވާނީއެވެ. އޭގެ ތެރެއިން ފުރޭނިގެންދާ ކުދިން ދާނީ ޤައުމީ ފެންވަރުގެ މުބާރާތްތަކަށެވެ.
އެތަނުގައި ޙަރަކާތްތެރިވާ ކުލަބްތަކަށް، ކޮންމެ ކުލަބަކަށް، މަދުވެގެން ވިއްސަކަށް ހާސް ރުފިޔާގެ ފީއެއް ސަރުކާރުން ދޭނެއެވެ. އެފައިސާގެ މުޤާބިލުގައި، މަދުވެގެން މަހަކު 20 ކުދިންނަށް އަލަށް ފަތަން ދަސްކޮށްދޭންޖެހޭނެއެވެ. އޭރުން، 5 ކުލަބުން، ކޮންމެ ކުލަބަކުން މަހަކު 20 ކުދިން ވީމާ، މަހަކު 100 ކުދިން (އަހަރަކު 1200 ކުދިން) މުޅިން އަލަށް ފަތަން ދަސްކުރާނެއެވެ. މިއީ، ކުލަބުތަކަށް މަހަކު ދޭ، ޖުމްލަ ލައްކައެއްހައި ރުފިޔާގެ މުޤާބިލުގައި ދިވެހި ދައުލަތަށް ލިބޭ ރަނގަޅު އިންވެސްޓްމަންޓެކެވެ. ފައިސާ ދޫކުރާނީ އަލަށް ފަތަން ދަސްކޮށްދޭ ކުދިންނަށް ދަސްވިކަން އެނގޭނޭ ލިޔުމެއް ގެނައުމުންނެވެ.
ކުލަބްތަކުގެ އޮފީސް ހިންގުމަށް، ޕޫލް ހަދާ ސަރަޙައްދުގައި ކުޑަ އޮފީހެއް ކޮންމެ ކުލަބަކަށްވެސް ލިބޭނެއެވެ. އޮފީހާއި ސަރުކާރުން ދޭ ފައިސާ ދެމެހެއްޓޭނީ، ސަރުކާރުން ޝަރުޠުކުރާ ކަންކަން ކުރާނަމައެވެ. އެކަންކަން ނުކުރާނަމަ، އެއްބަސްވުން އުވާލައި، އެހެން ކުލަބަކަށް އަނެއްކާވެސް ފުރުޞަތު ދޭނީއެވެ. އެސަރަޙައްދުގައި ފެންވަރައި ފާޚާނާކުރެވޭނެ ގޮތާއެކު، މަޑުކުރާ ބެލެނިވެރިންނަށް ސަޔާއި ކޮފީ ބޮވޭނެ، ކުޑަ ކްލަބް ހައުސެއްވެސް ހަދާނީއެވެ. ޕޫލް ސާފުކުރުމުގެ މަސައްކަތް ހިންގާނީ ކްލަބް ހައުސް ކުއްޔަށްދީގެން ލިބޭ ފައިސާއިންނެވެ. އެފައިސާއިން، ޕޫލް ހަދަން ނެގި ލޯނުވެސް މަޑުމަޑުން ދައްކާ ޚަލާޞްކުރާނީއެވެ.
މި ޕޫލް ހަދާތާ، ބަރާބަރު 10 އަހަރު ތެރޭގައި، މާތްﷲގެ ރަޙްމަތްފުޅުން، އައިއޯއައިޖީގައި މެޑަލް ހޯދޭނެ ސްވިމިންގ ޓީމުތަކެއް އުފެއްދޭނެއެވެ. 30 އަހަރު ތެރޭގައި އޮލިމްޕިކްސްއަށް ކޮލިފައިވާ ވަރު ކުރެވޭނެއެވެ. 5 އަހަރު ތެރޭގައި، ރާއްޖޭގެ އެއްވަނަ ކުޅިވަރަކީ ފެތުން ކަމަށް ހެދޭނެއެވެ!
The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author