8/1/2023

"އަޅުގަނޑުގެ ވެރިކަމެއްގައި: ހުރިހާ ދިވެހި ކުދިންނަށް ފަތަން ދަސްކޮށްދޭނަން!"

ވޭތުވެދިޔަ 4-5 އަހަރަކީ ވޯޓަރ ސްޕޯރޓްސްގެ ދާއިރާއިން ރާއްޖެއިން ތަފާތު ކުރިއެރުންތަކެއް ހޯދި އަހަރުތަކެކެވެ. ސަރފިންގާއި ބޮޑީ ބޯޑިންގެ ތަފާތު އެކި ބައިނަލްއަޤްވާމީ މުބާރާތްތައް ބާއްވާފައިވެއެވެ. ދިވެހިރާއްޖެއަކީ 99.6% މޫދު އޮތް ޤައުމަކަށްވާތީ، މޫދު ކުޅިވަރުތަކާ ދިމާލަށް ރާއްޖޭގެ ކުޅިވަރު ސިޔާސަތު ބައްޓަންކުރުމަކީ ވަރަށް ޠަބީޢީ ކަމެކެވެ. ކުރަންޖެހޭވެސް ކަމެކެވެ.

 

ނަމަވެސް، މިވޭތުވެދިޔަ 4 އަހަރު، ދިވެހިރާއްޖޭގައި، މޫދާ ގުޅޭ ޙާދިސާތަކުގައި 12 ކުޑަކުދިން ދުނިޔެ ދޫކޮށްފައިވެއެވެ. މިއީ ކަންބޮޑުވާންޖެހޭ ތަފާސް ހިސާބެކެވެ. އެކުދިންގެ ނަންތަކާއި، އެހާދިސާތަކުގެ ތަފްޞީލް، އަޅުގަނޑު ބަލަހައްޓަމެވެ. އަޅުގަނޑު ވަކާލާތުކުރަނީ، ދިވެހި ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖަކަށް ހެދުމަކީ މަޖުބޫރު ކަމެއް ކަމަށެވެ. އެކަން ކުރާނެ ގޮތެއްވެސް އެބަ އޮތެވެ.

 

ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖަކަށް ހެދުމުގެ ސިޔާސަތަކީ ދިވެހި ސަރުކާރުން އަމިއްލައަށް ކަނޑައަޅައި، ބަލައިގެންފައިވާ ސިޔާސަތެކެވެ. އެއްވެސް ސަރުކާރަކުން، އެއްވެސް ސިޔާސީ ޕާޓީއަކުންވިޔަސް، އެސިޔާސަތާ ދެކޮޅުކަމަކަށް ނުބުނެއެވެ. ވީމާ، މިއީ ސިޔާސީ މައުޟޫޢެއް ނޫނެވެ.

 

މެނިފެސްޓޯ:

ޙަޤީޤަތަކީ، ކުޑަކުދިންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމް އޮތީ ހުއްޓިފައިކަމެވެ. މިހާރު މިއޮތީ، އެކަން އަލުން އާލާކުރަން ފުރުޞަތު ލިބިފައެވެ. އަޅުގަނޑު ހުށަހަޅަނީ، ކޮންމެ ސިޔާސީ ޕާޓީއަކުންވެސް، އެ ސިޔާސީ ޕާޓީގެ މެނިފެސްޓޯގައި، އެސަރުކާރެއްގެ ފުރަތަމަ އަހަރުގެ ތެރޭގައި، ގްރޭޑް 9 އިން 12 އާ ހަމައަށް ކިޔަވާ ހުރިހާ ކުދިންނަކީ ފަތަން ދަންނަ ކުދިންނަށް ހަދާނެކަމަށް ވަޢުދުވާށެވެ. އެ ވަޢުދު ފުއްދާނެގޮތް ތިރީގައި މިއޮތީއެވެ.

 

ސިޔާސަތު:

މިސިޔާސަތާބެހޭ ސުވާލެއް ނެތެވެ. މިއީ، ދިވެހިރާއްޖޭގެ މުސްތަޤުބަލަށް ކޮންމެހެން މުހިންމު ސިޔާސަތަކެވެ. ފަތަން ނޭނގިގެން އެންމެ ކުއްޖަކު މަރުވުމަކީވެސް އޭގެ ޒާތުގައި ކާރިސާއެކެވެ.

 

މިސިޔާސަތު ތަންފީޒުކުރާނެ ގޮތް، ސަރުކާރުގެ ތަޢުލީމީ މަންހަޖުގެ ތެރޭގައި ސާފުކޮށް ބަޔާންކޮށްފައި އެބައޮތެވެ. އެކަން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެނގޭކަން ނުވަތަ ނޫންކަން، އެއީ އެހެން ސުވާލެކެވެ. ތަންފީޒީ ޕްލޭން އޮތް ގޮތް، އަޅުގަނޑު މީގެ ކުރިން ލިޔެފައިވާނެއެވެ.

 

ގްރޭޑް 9 އިން 12 އަށް ކިޔަވާ ކުދިންގެ ޢަދަދަކީ، (2020 ވަނަ އަހަރުގެ ތަފާސް ހިސާބު ދައްކާ ގޮތުން) 14579 (ގްރޭޑް 9 ގައި 5624، ގްރޭޑް 10 ގައި 5367، ގްރޭޑް 11 ގައި 2041 އަދި ގްރޭޑް 12 ގައި 1547) ކުދިންނެވެ.


ފައިސާ ހޯދާނެގޮތް:

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކޮންމެ އަހަރަކު މޯލްޑިވްސް ސްޕޯޓްސް އެވޯޑުގެ ނަމުގައި އެވޯޑު ޙަފްލާއެއް ބާއްވައެވެ. އެކަމަށް ހިނގާ ޚަރަދާބެހޭ ގޮތުން ގިނަ ބަހުސް ހިނގައެވެ. އެއް ބަޔަކު 30 މިލިއަންކަމަށް ބުނި ނަމަވެސް، ސަރުކާރުގެ ރަސްމީ ހިސާބުތަކުން ދައްކަނީ 6.1 މިލިއަން ރުފިޔާ ޚަރަދުވާކަމަށެވެ. އެއީ، ގާތްގަނޑަކަށް 4 ލައްކަ އެމެރިކާ ޑޮލަރެވެ. ފަތަން ދަސްކޮށްދޭ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި، އެއް އަހަރު، ކުޅިވަރު އެވޯޑު ނުބާއްވައި، އެ ފައިސާ ފަތަން ދަސްކޮށްދޭ ޕްރޮޖެކްޓަށް ޚަރަދުކުރާނީއެވެ. ކުޅިވަރު ކުޅޭ، ކުޅިވަރު އެވޯޑަށް ވާދަކުރާ ކުދިންނަށް، މިކަމުގެ މުހިންމުކަން ޤަބޫލުކުރެވި، އެއް އަހަރުގެ އެވޯޑު، މިކަމަށް ޤުރުބާން ކުރަން ރުހޭނެ ކަމާ މެދަކު އަޅުގަނޑުގެ ހިތުގައި ޝައްކެއް ނެތެވެ.

 

ކޮވިޑާ ގުޅިގެން ދިމާވި އިޤްޠިޞާދީ ދަތިތަކުން އަރައިގަތުމަށްޓަކައި ޚަރަދު ކުޑަކުރުމަށް، މިނިވަން ދުވަހުގެ އިޙްތިފާލުތައްވެސް 3 އަހަރެއްހައި ދުވަހަށް އަޅުގަނޑުމެން ނުބާއްވަމުއެވެ. ވީމާ، މިއީ ސަރުކާރަކަށް އައު މަފްހޫމެއްވެސް ނޫނެވެ. ކުރިން ނުކުރާ ކަމެއްވެސް ނޫނެވެ.

 

ދެމެހެއްޓެނިވި ގޮތެއްގައި ކުރާނެ ގޮތް:

ދުނިޔޭގެ ކުރިއަރައިފައިވާ ޤައުމުތަކުގައި، ތިން ހަފްތާ ނުވަތަ ހަތަރު ހަފްތާގެ ތެރޭގައި ފަތަން ދަސްކޮށްދޭނެ ޓެކްނޮލޮޖީ އުފައްދާފައިވެއެވެ. ޓެކްނޮލޮޖީކަމަށް މި ދަންނަވަނީ ފަތަން ދަސްކޮށްދޭ ވައްޓަފާޅިއަށެވެ.

 

އިންޓަރނޭޝަނަލް ބިޑެއްގައި، ހަތަރު ލައްކަ ޑޮލަރަށް، އެ ޓެކްނޮލޮޖީ ހިފައިގެން އައިސް، ދިވެހި ޓްރޭނަރުން އުފައްދައި، ގްރޭޑް 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭން ބިޑަށް ހުޅުވާލާނީއެވެ. އެކުންފުނިން ކުރާނެ ކަމަކީ، މިދެންނެވި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ފަތަން ދަސްކޮށްދޭން، ކޮންމެ ރަށެއްގައި، މިސަރުކާރުން އުފެއްދި ސްޕޯޓްސް ކައުންސިލަރު ތަމްރީނުކުރާނީއެވެ. އެކަމާބެހޭ މެނުއަލްއެއްވެސް އޮންނާނެއެވެ. ޢަމަލީ ބައިގައި، ގްރޭޑް 11 އަދި 12 ގައި އުޅޭ 3588 ކުދިންނަށް ފަތަން ދަސްކޮށްދޭނީއެވެ.

 

ސްޕޯޓްސް ކައުންސިލަރުގެ ވަޒީފާގެ ޒިންމާތަކުގެ ތެރޭގައި، ކޮންމެ އަހަރަކުވެސް ވަކި ޢަދަދަކަށް ކުދިންނަށް ފަތަން ދަސްކޮށްދިނުން އިތުރު ކުރާނީއެވެ. އޭރުން، ދެމެހެއްޓެނިވި ގޮތެއްގައި، ކޮންމެ ރަށެއްގައި އެކަން އަބަދުމެ ހިނގަ ހިނގާ އޮންނާނެއެވެ.

 

މިއީ، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ޙާޞިލުކުރެވެން އޮތް ފަސޭހަ ޓާގެޓެކެވެ. މިއާއެކު، މާތްﷲގެ އަމުރާއި އިރާދަފުޅުން، ފަތަން ނޭނގިގެން މަރުވާ ކުދިންގެ ޢަދަދު ކުރިއަށް އޮތްތަނުގައި މަދުކުރެވިގެންދާނެއެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author