4/8/2023

ކޮންމެ ދިވެއްސަކަށް ފަތަން އެނގެންޖެހޭ

ދިވެހިރާއްޖޭގެ ބޮޑުމިނަކީ، މޫދު ހިމެނޭ ގޮތުން 900 އަކަ ކިލޯމީޓަރެވެ. ބިމުގެ ބޮޑުމިނަކީ 298 އަކަ ކިލޯ މީޓަރެވެ. ބާކީ ބަޔަކީ މޫދެވެ. ދިވެހިރާއްޖޭގެ %99.6 އަކީ ކަނޑެވެ. ދިވެހިންނަކީ، އޭގެ ފުރިހަމަ މާނައިގައި ކަނޑުގެ މީހުންނެވެ. ނަމަވެސް، ދިވެހިންނަކީ ޢަމަލީ ގޮތުން 'ކަނޑުގެ މީހުން' ބާއޭ ހިތަށްއަރައެވެ.

 

އިނގިރޭސިވިލާތުގެ ދަ ގާޑިއަންގައި 28 މާރިޗު 2023 ދުވަހު، ނޫސްވެރިޔާ ރެބެކާ ރޫޓް ލިޔުއްވާފައިވާ ގޮތުން، ދިވެހިރާއްޖޭގެ ޒުވާނުންގެ އާބާދީގެ، އަދި ޚާއްޞަކޮށް، އަންހެން ކުދިންނަށް ފަތާކަށް ނޭނގެއެވެ. އެކުދިން ކުޑައިރު، މޫދަށް ނުފޮނުވަނީ، މޫދަށް އެރޭ ކުދިންނަކީ "ޓޮމް ބޯއީ" ކަމަށް ޢާއިލާއިން ޤަބޫލުކުރާތީކަމަށް އޭނާ ލިޔެފައިވެއެވެ. މަންޓާ ޓްރަސްޓުގައި މަސައްކަތްކުރާ ފްލޮސީ ބަރާޑް ދެކޭ ގޮތުގައި، ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލާއެކު، މޫދާ ދުރަށް ކުދިންނާއި މީހުން ދިޔައީއެވެ. ކެއްކުމަށްފަހު ތެލި ދޮންނަން އަތިރިމައްޗަށް ދާ ވަގުތު، ކުދިން ގޮސް މޫދަށް އެރިއުޅޭ ކަމަށާއި، މިހާރު އެކަން ކުރަން ނުޖެހޭތީ، މޫދަށް އެރެން ލިބޭ ފުރުޞަތު މަދުވަނީކަމަށް ފްލޮސީ ދެކެއެވެ. މިކަންކަމާ އަޅުގަނޑު ދެބަހެއް ނުވަމެވެ.

 

ސުވާލަކީ، މިކަން ބަދަލުކުރާނީ ކާކު، ކިހިނެތްހޭ؟ މިކަން ބަދަލުކުރާނީ ދިވެހިންނެވެ. ދިވެހި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށްގެންނެވެ.


ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖެއް [ތާރީޚީ ޕްރޮގްރާމް]

1996 ވަނަ އަހަރު، "ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖެއް" ޕްރޮގްރާމެއް ސަރުކާރުން ފެއްޓެވިއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހާއި، ސްވިމިން އެސޯސިއޭޝަނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ހިންގި ޕްރޮގްރާމް ފަށާން ދިމާވީ، އެއަހަރު ދިވެހިރާއްޖޭގެ އެންމެ މޮޅު ދަރިވަރުގެ މަޤާމު ހޯދި، އޭރުގެ ސައިންސް އެޑިއުކޭޝަން ސްކޫލް (އެސްއީސީ) އިން ނިންމި ދަރިވަރު ސިބްޣަތުﷲ، މޫދަށް ވެއްޓި، ފެތިގެން ނިޔާވި ޙާދިސާއާ ގުޅިގެންނެވެ. އޭނާއަކަށް ފަތާކަށް ނޭނގެއެވެ.


މިޕްރޮގްރާމްގައި، 1996 އިން 2001 އާ ހަމައަށް، 15،000 (ފަނަރަހާސް) އެއްހައި ދަރިވަރުންނަށް ފަތަން ދަސްކޮށްދިންކަމަށް ވެއެވެ. ނަމަވެސް، 2001 ވަނަ އަހަރުގެ ހުއްޓުނު ފަހުން އެ ޕްރޮގްރާމެއް ކުރިއަކަށް ނުދެއެވެ.


2004 ވަނަ އަހަރު، ފެތުމުގެ ފެސްޓިވަލެއް ފައްޓަވައިދެއްވުމުގެ ގޮތުން، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅެއްގައި، "ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖެއް" ޕްރޮގްރާމް އަލުން ފައްޓަން ޖެހިފައިވާ ކަމަށާއި، އެކަން، ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ކުރިއަށް ގެންދަވާނެކަމަށް ޔަޤީން ކުރައްވާކަމަށް ވިދާޅުވެފައިވެއެވެ. އޭގެ ފަހުންވެސް، އެކަމެއް ނުހިނގައެވެ.


ސަރުކާރުގެ ސިޔާސަތު . ތަޢުލީމީ ދާއިރާ: ތަޢުލީމީ މަންހަޖުގައި ހިމެނުން

ރައީސް މައުމޫންގެ ވާހަކަ ފުޅުގެ 10 އަހަރު ފަހުން، 2014 ވަނަ އަހަރު، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން (އެން.އައި.އީ) ނެރުއްވާފައިވާ "ހެލްތު އެންޑް ފިޒިކަލް އެޑިއުކޭޝަން އިން ދަ ނެޝަނަލް ކަރިކިއުލަމް، ކީ ސްޓޭޖް 1، ގްރޭޑް 1،2 އަދި 3" މިފޮތުގެ 14 ވަނަ ޞަފްޙާގައި، ފެތުމުގައި، ގްރޭޑް 1، 2 އަދި 3 ގެ ކުދިން ޙާޞިލުކުރަންޖެހޭ ކަންކަން ލިޔެފައިވެއެވެ. އެއާ ވިދިގެން، ފެތުމުގެ ޙަރަކާތް ހިންގާނެ ގޮތުގެ ލެސަން ޕްލޭންތަކެއްވެސް އެން.އައި.އީއިން ނެރުއްވާފައިވެއެވެ. އެ ލެސަން ޕްލޭންތަކާ އެއްގޮތަށް ޢަމަލުކޮށްފިނަމަ، ގްރޭޑް 6 ނިމޭއިރު، މަދުވެގެން 50 މީޓަރު، އިތުރު މީހެއްގެ އެހީތެރިކަމަކާ ނުލައި ފަތަން އެނގޭނެއެވެ.


ސަރުކާރުގެ ސިޔާސަތު . ޕަބްލިކް ހެލްތު

މިނިސްޓްރީ އޮފް ހެލްތުން، 2022 ވަނަ އަހަރު ނެރުއްވާފައިވާ "މޯލްޑިވްސް ގައިޑްލައިން އޮން ފިޒިކަލް އެކްޓިވިޓީ ފޮރ ހެލްތު 2022" ގައި، ކުޑަކުދިންނާއި ބޮޑެތި މީހުންނަށް، ކަސްރަތެއްގެ ގޮތުގައި ފެތުމަކީ މުހިންމު ކަމެއްކަމަށް ލިޔެފައިވެއެވެ. އެގައިޑްލައިންގައި 13 ފަހަރު ފެތުމާގުޅޭ ވާހަކަތައް ލިޔެފައި އެބައޮތެވެ.


“Swimming is an inexpensive, accessible, aerobic physical activity that can be enjoyed at light, moderate or vigorous intensities by people of a variety of ages and abilities.” Maldives Guideline of Physical Activity for Health 2022.


އެމް.ޑީ.ޕީގެ މެނިފެސްޓޯ

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމް.ޑީ.ޕީއިން ނެރުނު ވަޢުދުނާމާ (މެނިފެސްޓޯ) ގައި ކުޅިވަރުގެ ވާހަކަ އޮތީ 5 ޕެރެގްރާފުގައި (ޞަފްޙާ ނަންބަރު 77 އަދި 78) ގައެވެ. އޭގެ ތެރެއިން އެއް ޕެރެގްރާފް ޚާއްޞަކޮށްފައި އޮތީ ފެތުމާއި މޫދު ކުޅިވަރުގެ ވާހަކައަށެވެ. މުޅި މެނިފެސްޓޯގައި ވަކި ކުޅިވަރެއްގެ ވާހަކައަކަށް އޮތީ ހަމައެކަނި ފެތުމާއި ފުޓުބޯޅައިގެ ވާހަކައެވެ. ޚުލާޞާއަކީ، ސިޔާސަތުގައި ފެތުމުގެ ވާހަކަ އޮވެގެން ކަމެއް ވާނަމަ، ދިވެހިރާއްޖޭގައި ފަތަން ނޭނގުމުގެ މައްސަލައެއް ނޯންނާނެއެވެ.


ސިޔާސަތު ތަންފީޒުކުރުން

މިހާރު މައްސަލައެއް އޮތްކަމަށް ފެންނަ ހިސާބަކީ މިއެވެ. ސިޔާސަތު ތަންފީޒުކުރުމެވެ. ތަޢުލީމީ ދާއިރާގައި ސިޔާސަތު ތަންފީޒުކުރާކަން ކަށަވަރުކުރާ، މޮނިޓަރިން ނިޒާމުތަކެއް ހުންނާނެކަން ކަށަވަރެވެ. ނަމަވެސް، މޫދު ޙަރަކާތްތަކާ ގުޅިގެން ސްކޫލްތަކުގައި ދިމާވާ ޙާދިސާތަކަށް ބެލުމުން، ސިޔާސަތު ތަންފީޒުވާ މިންވަރާމެދު ސުވާލު އުފެދެއެވެ. މޮނިޓަރިންގާބެހޭ ރިޕޯޓުތަކެއް، މިނިސްޓްރީ އޮފް އެޑިއުކޭޝަނަކުން ޝާއިޢުކޮށްފައެއް ނުހުރެއެވެ.


ދިވެހިރާއްޖޭގައި 10،615 ޓީޗަރުން މަސައްކަތްކުރެއެވެ. އޭގެތެރެއިން 2114 ޓީޗަރުންނަކީ ބިދޭސީންނެވެ. ޓީޗަރުންނަކީ، ކުދިން ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިންނާ އެއްވަރުގެ، ނުވަތަ އެއަށްވުރެ ބޮޑު ދައުރެއް އަދާކުރާ ބަޔެކެވެ. ޓީޗަރުންގެ ތެރެއިން ފަތަން އެނގެނީ ކިތަށް މީހުންނަށްތޯ ބެލިފައެއް ނެތެވެ. ކުދިން ގޮވައިގެން ތަފާތު އެކި ޙަރަކާތްތަކުގައި ބައިވެރިވާއިރު، ޓީޗަރުންނަށް ފަތަން ނޭނގުމަކީވެސް، ކުދިންނާއި ޓީޗަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ގޮންޖެހުމެކެވެ.

 

އެމް.ޑީ.ޕީގެ މެނިފެސްޓޯގައި މޫދު ކުޅިވަރުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ތަރައްޤީ ކުރާ ވާހަކަ އޮވެގެން، ސަރފިންގާއި ބޮޑީ ބޯޑިންގ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވެއެވެ. ނަމަވެސް، ފެތުމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ތަރައްޤީކުރަން ކުރެވުނު ކަމެއް ނެތެވެ. މިދިޔަ ފަސް އަހަރުގެ ތެރޭގައި، ދިގު ފެތުމުގެ ޤައުމީ މުބާރާތެއް ބޭއްވުނީ ދާދި މިދާކަށް ދުވަހުއެވެ. އެމުބާރާތުގައި ރާއްޖެއިން ބޭރުގެ މީހަކު ބައިވެރިވެފައެއް ނުވެއެވެ. ސަރުކާރުން ސްޕޮންސަރކޮށްގެން، ނުވަތަ ސަރުކާރުގެ އެއްބާރުލުމާއެކު ފަތަން ދަސްކުރުމުގެ ޕްރޮގްރާމެއް ހިންގާފައެއް ނެތެވެ.

 

ދުނިޔޭގެ އެހެން ޤައުމުތަކުގައި، ކުޑަކުދިންގެ ފެތުމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު އެބަ ހިންގައެވެ. އޮސްޓްރޭލިޔާގެ ކުއީންސްލޭންޑުގެ ސްކޫލަތަކުގެ %98.7 (1058) ސްކޫލުގައި، ކާމިޔާބުކަމާއެކު ފެތުމާއި މޫދުކުޅިވަރު ޕްރޮގްރާމް ހިންގައެވެ. އެކަމަށް ހިނގާ ޚަރަދަކީ، ކުއްޖަކަށް، އަހަރަކަށް، ގިނަވެގެން 100 ޑޮލަރެވެ. އޮސްޓްރޭލިޔާގެ ސްކޫލްތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމެއްކަމަށްވަނީ، ސްވިމިންގ ޕޫލް ލިބުމުގެ ދަތިކަމެވެ. ބައެއް ސްކޫލްތަކުން 5 ގަޑިއިރުގެ ދަތުރެއް، ޕޫލަކާ ހަމައަށް ދިއުމަށް ކުރަން ޖެހުމެވެ[9].

 

ދިވެހިރާއްޖެއަކު އެމައްސަލައެއް ނެތެވެ. 800 މީޓަރުން ހިނގާފައިދެވޭ ހިސާބުގައި މޫދެއް ނެތް ސަރަޙައްދެއް، ރަށެއް ރާއްޖެއަކު ނެތެވެ. ކުއްޖަކަށް 100 އޮސްޓްރޭލިއަން ޑޮލަރު (1000 ދިވެހި ރުފިޔާ) ގެ އިންވެސްޓްމަންޓަކީ ރާއްޖެއަށް ބަލާއިރު، އިންތިހާއަށް ފައިދާހުރި އިންވެސްޓްމަންޓަކަށް ވާނެއެވެ. އެއީ، ކުއްޖާގެ ޞިއްޙީ، ނަފްސާނީ އަދި އިޖްތިމާޢީ ދުޅަހެޔޮކަމަށް ކުރެވޭ އިންވެސްޓްމަންޓެކެވެ. އާސަންދައާއި މޯލްޑިވްސް ސެންޓަރ ފޮރ މެންޓަލް ހެލްތަށް ކުރާ ޚަރަދު މުސްތަޤުބަލުގައި މަދުކުރަން ކުރާ އިންވެސްޓްމަންޓެކެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author