4/15/2022

ޚިޔާލު ތަފާތުވުން 2– ޚިޔާލުތަފާތާ ގޮތުގެ ހައިރާކީ

ތިމާގެ ޙަޔާތާއި، ތިމާ ކުރާ މަސައްކަތާ ގުޅިގެން، މީހުންނާ ޚިޔާލު ތަފާތުވެ ނުވަތަ ޚިޔާލު އެއްގޮތްވުމަކީ އަޅުގަނޑު ވަރަށް ޝައުޤުވެރިވާ މައުޟޫޢެކެވެ. ޚިޔާލުގެ ލަގަނަށް ދޫދޭންޖެހޭ ވަގުތާއި، ދޫނުދީ، ވާންކުރަންޖެހޭ ވަގުތުތަކަކީ ކޮބައިކަން ދެނެގަތުމުގެ ބޭނުމުގައި، ޚިޔާލުތަފާތުވުމުގެ މައުޟޫޢާ ގުޅޭ ކަންކަމުގައި ވިސްނާ ފިކުރު ކުރެވެއެވެ. މިމައުޟޫޢަށް މީގެ ކުރިންވެސް އަޅުގަނޑު ލިޔެފައިވާނެއެވެ. މިހާރު މިލިޔަނީ، ކުރީގެ މަޒުމޫނު ލިޔުނު ފަހުން ދަސްވި ކަންކަމެވެ.

 

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާ އަޅުގަނޑާ ދެމެދު ދެބަސްވުމެއް އޮތްކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުގައި އެބަ ރިޕޯޓު ކުރެއެވެ. އެއީ ތެދެކެވެ. ނަމަވެސް، އޮތީ ދެބަސްވުމެއް ނޫނެވެ. ޢިލްމީ ޚިޔާލު ތަފާތުވުމެކެވެ. ހައިކޯޓުން ނިންމެވި މައްސަލައެއްގައި، ޤާނޫނުލްޢުޤޫބާތު މާނަކުރެއްވި ގޮތް، އަޅުގަނޑު ދުށް ގޮތާ އެއްގޮތެއް ނުވިއެވެ. އެމައުޟޫޢުގައި އަޅުގަނޑަށް ފެންނަ ގޮތް އަޅުގަނޑު ލިޔުނީމެވެ. އަދި، އެމައްސަލަ އަލުން ބައްލަވައި ދެއްވުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ސީދާ އަޅުގަނޑު ބޭނުންކުރި ޢިބާރާތްތައް ބޭނުން ނުކުރެއްވި ނަމަވެސް، ސުޕްރީމް ކޯޓުން، އަޅުގަނޑުގެ ރައުޔަށް ތާއީދު ކުރެއްވިއެވެ. ހައިކޯޓުން އަލުން، ހަމަ އެ ބާވަތުގެ މައްސަލައެއްގައި ގޮތެއް ނިންމަވައިފިއެވެ. މިފަހަރު، އަޅުގަނޑުގެ ޚިޔާލަށް ޖަވާބެއްވެސް ދެއްވިއެވެ. ދެން އޮންނާނީ، އެމައްސަލައިގައިވެސް ސުޕްރީމް ކޯޓު މަރްޙަލާއެވެ.


ޤާނޫނީ ނިޒާމެއްގެ ބޭނުމަކީ ޢަދުލު އިންޞާފު ޤާއިމުކުރުމެވެ. އަޅުގަނޑުމެންނީ އިންސާނުންނަށްވީތީ، އެންމެ ފުރިހަމަ ޢަދުލު އިންޞާފެއް ޤާއިމު ނުކުރެވިދާނެއެވެ. އެކަން ހިނގާނީ، ޤިޔާމަތް ދުވަހުންނެވެ. އަޅުގަނޑުމެންނަށް އޮތީ، ވީ ވަރަކުން، އިންޞާފު ޤާއިމުކުރުމެވެ. މިކަން ޙާޞިލުކުރާ ވަޞީލަތަކީ ޤާނޫނީ ނިޒާމެވެ. ޖިނާއީ ޢަދުލުގެ ނިޒާމަށް ބަލާއިރު، އެކި މަރްޙަލާތަކުގައި، އެކި މުއައްސަސާތަކަށް، އެކި ދައުރު އޮވެއެވެ. މިއިން ކޮންމެ ދައުރެއް އަދާކުރަނީ، އެކަމަށް ތަމްރީނުވެފައިވާ މީހެކެވެ.


ފުރަތަމަ މަރްޙަލާއަކީ ފުލުހުންގެ ތަޙްޤީޤީ މަރްޙަލާއެވެ. އެއަށްފަހު، ދައުވާ ކުރުމާމެދު ގޮތެއް ނިންމާ މަރްޙަލާއެވެ. އޭގެ ފަހުން، ކޯޓުތަކުގެ ތިން މަރްޙަލާއެވެ. މިއިން ކޮންމެ މަރްޙަލާއެއްގައި މަސައްކަތްކުރާ، ހަމަ ކޮންމެ މީހަކުމެ، އެމައްސަލައިގައި ގޮތެއް ނިންމައެވެ. އެނިންމާ ގޮތާމެދު، ޖެހިގެން އަންނަ މަރްޙަލާގައި ހުންނަ މީހާގެ ޚިޔާލު އެއްގޮތްވެ، ނުވަތަ ތަފާތުވެއެވެ. މިއިން ކޮންމެ މީހަކަށްމެ، ޖިނާއީ ޢަދުލުގެ ނިޒާމުގައި ދައުރެއް އޮތުމުގެ ބޭނުމަކީ، ވީހާވެސް ގިނަ ބައެއްގެ ޚިޔާލާ އެއްގޮތްވެގެން، އެނިޒާމުގެ ތެރެއިން ޢަދުލު އިންޞާފުގެ ނިޒާމެއް ޤާއިމުކުރުމެވެ.

އެހެންކަމުން، އަޅުގަނޑު (ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން، ނުވަތަ ޕްރޮސިކިއުޓަރެއްގެ ހައިސިއްޔަތުން) ވަކި ކަމަކާބެހޭ ގޮތުން ދެކޭ ގޮތަކީ، އޭގެ ޒާތުގައި (ނިޒާމު ބައްޓަންވެފައި އޮތް ގޮތުން) މަތީ މަރްޙަލާގެ ކޯޓުތަކުން ގޮތެއް ނިންމަވަންޖެހިވަޑައިގަންނަވާނޭ ކަމެކެވެ. ވީމާ، ޚިޔާލުތަފާތުވުމާއި ނުވުމަކީ ޖިނާއީ ޢަދުލުގެ ނިޒާމުގެ އެއް އަސާސެކެވެ. އެއަކީ، ދެބަސްވުމެއް ނޫނެވެ.

 

ޚިޔާލުތަފާތުވުމުގެ ހައިރާކީ ބެހިގެންވަނީ 7 ދަރަޖައަށް ކަމަށް ސައިންޓިސްޓުން ލިޔުއްވާފައި ހުރެއެވެ. އެއީ؛

ލެވެލް 6 – ދެބަސްވާ ޚިޔާލުގައި އޮތް އަޞްލު ނުކުތާއާ ޞަރީޙަ ޢިބާރާތުން ދެބަސްވެ، ދެބަސްވާ ސަބަބު ކިޔައިދިނުން.(refuting the central point)

ލެވެލް 5 – ދެބަސްވާ ޚިޔާލުގައި އޮތް، (އަޞްލު ނުކުތާ ފިޔަވައި) އެހެން ނުކުތާއެއް ވަކިން ނަގައި، އެ ނުކުތާގައި އޮތް ވިސްނުން ރަނގަޅުނުވި ސަބަބު ކިޔަދިނުން (refutation)

ލެވެލް 4 – އަޞްލުނުކުތާ އެކަހެރިކޮށް، އޭގެ ވާހަކަ ނުދައްކައި، ދެބަސްވާ ޚިޔާލާ އިދިކީލި އެހެން ޚިޔާލެއް ތަޢާރަފުކޮށް، އެ ޚިޔާލަށް ހެކި ދެއްކުން (counterargument)

ލެވެލް 3 – އަޞްލުނުކުތާގެ ވާހަކަ ނުދައްކައި، ދެބަސްވާ ޚިޔާލާ ސީދާ ދެކޮޅުވާ ޚިޔާލު، އެއްވެސް ހެއްކެއްނެތި ހުށަހެޅުން (contradiction)

ލެވެލް 2 – ދެބަސްވާ ޚިޔާލުގައި އޮތް އަޞްލު ނުކުތާއަށް އެއްޗެއް ނުބުނެ، އެޚިޔާލު ހުށަހެޅުމުގައި ބޭނުންކުރި ބަހުރުވައަށް، ނުވަތަ ބަހުގެ ޢިބާރާތްތަކަށް ފާޑުކިޔުން (responding to tone)

ލެވެލް 1 – އެއްވެސް ހެއްކެއް ހުށަނާޅައި، ދެބަސްވާ ޚިޔާލު ހުށަހެޅި މީހާގެ ޒާތަށް ފާޑުކިޔުން (ad -hominem)

ލެވެލް 0 – ދެބަސްވާ ޚިޔާލު ހުށަހެޅި މީހާއަށް ހުތުރު ނަންނަމުން ގޮވުން (name-calling)

 

ސައިންޓިސްޓުން، މިމައުޟޫޢަށް ލިޔުއްވުމުގެ މާކުރިން، ދެބަސްވުންތައް އޮންނަންވީ ގޮތް އިސްލާމްދީނުގައި ސާފުކޮށްދެއްވައިފައެވެ. ޤުރުއާނުގެ ނައްޞުންނާއި، ރަސޫލާ (ޞ) ގެ ޢަމަލުފުޅުތަކުންނެވެ. އިބްރާހީމް ޢަލައިހިއްސަލާމް، އެކަލޭގެފާނުގެ ޤައުމުގެ މީހުންނާ ޚިޔާލުތަފާތުވީ، އެއްކައުވަންތަ ކަލަކީ ކޮބައިކަމާބެހޭ ގޮތުންނެވެ. އިބްރާހީމްގެފާނުގެ އަޞްލު ނުކުތާއަކީ، ގެއްލުމެއް ނުލިބޭ، މަންފާއެއް ނުކުރާ، އާރެއް ބާރެއް ނެތް ބުދުތަކަކަށް، އެކަލޭގެފާނުގެ ޤައުމުގެ މީހުން އަޅުކަން ކުރާތީއެވެ. އަޞްލުނުކުތާއަކީ އެއީއެވެ. ރަސޫލުﷲ (ޞ) މައްކާގެ މުޝްރިކުންނާވެސް ޚިޔާލުތަފާތުވި އަޞްލު ނުކުތާއަކީ އެއީއެވެ. އެނުކުތާ ސާފުކޮށްދެއްވުމަށް، ތަފާތު ޙުއްޖަތްތަކާއި ސަބަބުތައް ހުށަހެޅުއްވިއިރުވެސް، އެއްވެސް މީހަކަށް ހުތުރު ނަމަކުން މުޚާޠަބު ކުރެއްވިކަމެއް އެނގޭކަށް ނެތެވެ. ވަކި މީހަކަށްވީތީ، ވަކި ވާހަކައެއް ނުދެއްކޭނެކަމަކަށް ވިދާޅެއް ނުވެއެވެ. އެކަލޭގެފާނުންގެ ޚިޔާލާ އިދިކީލިވާ މީހުންގެ ވާހަކަތަކާއި ޙުއްޖަތްތައް އަޑުއައްސަވައި، އެއެންމެންގެ ޚިޔާލަށްމެ އިޙްތިރާމް ކުރައްވައި، އެޚިޔާލާ، އެކަލޭގެފާނުންގެ ޚިޔާލާ ތަފާތުވާ ސަބަބުތައް ހުށަހެޅުއްވިއެވެ. އަބަދުވެސް އުޅުއްވީ ހައިރާކީގެ އެންމެ މަތީގައެވެ. ޚިޔާލުތަފާތުވެމެ، މުޝްރިކުންމާމެދު ޢަމަލުކުރެއްވީ އިޙްތިރާމާއި ލޯތްބާއެކުއެވެ.


ފުއްޞިލަތު ސޫރަތުގެ 34 ވަނަ އާޔަތުގައި އޮތީ؛ "وَلَا تَسْتَوِى ٱلْحَسَنَةُ وَلَا ٱلسَّيِّئَةُ ۚ ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ فَإِذَا ٱلَّذِى بَيْنَكَ وَبَيْنَهُۥ عَدَٰوَةٌۭ كَأَنَّهُۥ وَلِىٌّ حَمِيمٌۭ" މާނައަކީ، "ރަނގަޅު ކަންތަކާއި ނުބައިކަންތައް ހަމަހަމަވެގެނެއް ނުވެއެވެ. އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ! ފަހު، އެހާރުން ތިބާއާ އެމީހަކާދެމެދުގައި ޢަދާވާތްތެރިކަމެއްވާ މީހާ، ގާތް ރަޙްމަތްތެރިއަކު ފަދައިން ވާނެތެވެ". މިއެވެ.

 

އަޅުގަނޑާއި ހައިކޯޓުގެ ފަނޑިޔާރުންނާ ޚިޔާލުތަފާތުވެގެން އުޅޭކަމަށް، މީޑިޔާގައި ރިޕޯޓުކޮށްފައި އޮތް މައުޟޫޢު އަޅުގަނޑު ބަލައިލިއިރު، އަޞްލު ޚިޔާލު ތަފާތުވުމަށްވުރެ، އެ މައުޟޫޢުގައި ގިނައީ ޚިޔާލު އެއްގޮތް ކަންތަކެވެ. މައުޟޫޢުގެ 90% ކަންކަމުގައި ޚިޔާލު އެއްގޮތެވެ. ޚިޔާލު ތަފާތުވެގެން އުޅެނީ ބަހަވީ ކަމަކާއި، ޤާނޫނު ލިޔުމުގައި އޮތް ކަމަކާއެވެ. ހައިކޯޓުގެ ފަނޑިޔާރުން، މިމަޢުޟޫޢުގައި ޚިޔާލުތަފާތުވަނީ، ޢަދުލް އިންޞާފުގެ މަގަށް މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހުރިލެއް ބޮޑުކަމުންނެވެ. ޚިޔާލުތަފާތުވުމުގެ ހައިރާކީގައި، ހައިކޯޓުގެ ފަނޑިޔާރުން ޚިޔާރުކުރެއްވީ ޚިޔާލުތަފާތުވުމުގެ އެންމެ މަތީ ހައިރާކީއެވެ. ބައެއް ނުކުތާތަކުގައި، ދެވަނަ އަދި ތިންވަނަ ދަރަޖައަށްވެސް ދެވިފައި ހުރެއެވެ.


ދިވެހި ޢިލްމުވެރިންނަށް ބަލާއިރު، (ޔުނިވަރސިޓީގެ ޗާންސެލަރު) ޑރ ޙަސަން ޙަމީދާއި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒުއާ ދެމެދު ހިނގި (ކަމަށްބުނާ، (އަޅުގަނޑަށް މިކަމުގެ ޙަޤީޤަތް ކަށަވަރުނުވާ)) ނުތަނަވަސްކަމެއްގައި، ޑރ. ޙަސަން ޙަމީދު، ޚިޔާލުތަފާތުވުމުގެ ހައިރާކީގެ އެންމެ މަތީ ދަރަޖައިގެ މިސާލެއް ދައްކަވާފައިވެއެވެ. މީހުން ދިރިއުޅޭ ސިޓީ ޕްލޭންކުރާއިރު ދުވާ ޓްރެކް ނާޅާންވީ ގޮތުގެ ޢިލްމީ ލިޔުމެއް، ޑރ ޙަސަން ޙަމީދުގެ ބްލޮގުގައި ލިޔުއްވައިގެންނެވެ.

 

އަޅުގަނޑު ވަކި ކަމަކާ ޚިޔާލެއް ހުށަހަޅަނީ، ނުވަތަ ވާހަކައެއް ދައްކަނީ، އަބަދު އެޚިޔާލުގައި ގޮތް ދޫނުކޮށް ދެމިހުންނާކަށް ނޫނެވެ. އަޅުގަނޑާ ޚިޔާލު ތަފާތުވާ މީހުން ލިޔެފައި ހުންނަ އެއްޗެހި ކިޔައި، އެމީސްމީހުންނާ ވާހަކަ ދައްކައި، އަޅުގަނޑުގެ ޚިޔާލު ބަދަލުކުރަންޖެހޭ ތަނެއް އޮތްނަމަ، ޚިޔާލު ބަދަލުކުރަން ތައްޔާރަށް ހުރެގެންނެވެ. އެކަން ދަނެގެންނެވެ. އެތައް މައްސަލައެއްގައި، އަޅުގަނޑުގެ ވިސްނުން ބަދަލުވެ، ހައިކޯޓުގެ ފަނޑިޔާރުންގެ ވިސްނުންފުޅަށް ތާއީދުކުރެވިފައިވެސް އެބަހުއްޓެވެ. އޭގެ އަނެއް ކޮޅުވެސް އެބަ އޮތެވެ. މިއީ، ދުނިޔޭގެ އާދަކާދައެވެ. ޚިޔާލުތަފާތުވުމުގެ ސަޤާފަތުގައި މުހިންމުކަމަކީ، ޚިޔާލުތަފާތުވުމުގެ ހައިރާކީގައި ތިމާ ހުރެވޭ ހިސާބާމެދު އަބަދުމެ ވިސްނުން ބެހެއްޓުމެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author