8/13/2023

ޕީޖީ އޮފީހުގެ "ޚަބަރު ފީތާ" : މަޢުލޫމާތު ފޯރުކޮށްދޭނެ ހަރުދަނާ ގޮތެއް


7 އޮގަސްޓް 2023 އަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އުފެދުނުތާ 15 އަހަރުވީ އަހަރި ދުވަހެވެ. އަހަރީ ދުވަހާ ގުޅުވައިގެން މާގިނަ ޙަރަކާތްތަކެއް ނުހިންގި ނަމަވެސް، އޮފީހުގެ އައު ވެބްސައިޓު މިހާރު އެއޮތީ ތަޢާރަފު ކޮށްފައެވެ. އައު ވެބްސައިޓާއެކު، ޕީޖީ އޮފީހުގެ ރަސްމީ މުޢާމަލާތުތައް ކުރާނެ މީޑިއާ ވެބްސައިޓެއްވެސް ތަޢާރަފު ކޮށްފީމެވެ. މިއީ، އިންޤިލާބީ ބަދަލެކެވެ. ޕީޖީ އޮފީހުން މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން ކުރިއަށް އެޅި މުހިންމު ފިޔަވަޅެވެ.

 

މިދުވަސްވަރަކީ އިންތިޚާބުގެ ދުވަސްވަރުކަމުން، ޚަބަރުތައް އާދަޔާ ޚިލާފަށް ތިޔާތްގެވެ. ސަރުކާރުން ހިންގާ އެކި އެކި މަޝްރޫޢުތައް ނިންމައި، ރިބަން ކަނޑަނީއެވެ. ރިޔާސީ ކެނޑިޑޭޓުން ފޯރީގައި ކެމްޕޭން ކުރައްވަނީއެވެ. ވަޢުދުވަނީއެވެ. ކޮންމެ ދުވަހަކު އައު ވާހަކަތަކެކެވެ. މިވާހަކަތަކުގެ ޞައްޙަކަން ކަށަވަރުކުރުންވެސް އޮތީ ފިސާރި ކަމަކަށްވެފައެވެ.


ސަރުކާރުގެ އިދާރާތަކުން އެންމެ ގިނައިން ބޭނުންކުރާ ސޯޝަލް މީޑިއާގެ ވަޞީލަތަކީ ޓްވިޓަރުކަމަށް ބުނުން ދޮގަކަށް ނުވާނެއެވެ. އިލޯން މަސްކާއެކު، ޓްރިޓަރަށްވެސް އަވަސް ބަދަލުތަކެއް އެބަހަރަ އާދެއެވެ. އެކުންފުނީގެ ނަމާއި ލޯގޯ ދާދިފަހުން ބަދަލުވެއްޖެއެވެ. މިހާރު އެއަށް ކިޔަނީ އެކްސެވެ. ލޯގޯގައި އޮތް ނޫކުލައިގެ ދޫނިގެ ޒަމާން ފާއިތުވެއްޖެއެވެ. ޓްވީޓުތައް ކިޔޭ މިންވަރުގައިވެސް ޙައްދެއް ކަނޑައަޅައިފިއެވެ. އަމުދުން، ޓްވިޓަރގައި ރަޖިސްޓަރީ ނުވާ މީހުންނަށް ޓުވީޓު ކިޔޭ ގޮތާއި މިންވަރުވެސް ހަނިވެއްޖެއެވެ. މިއާއެކު، ސަރުކާރުގެ އޮފީސްތަކުގެ ޓްވިޓަރ އެކައުންޓުތަކުން ޢާންމުކުރާ މަޢުލޫމާތު، ޓްވިޓަރުގައި ނޫޅޭ މީހުންނަށް ކިޔަން ދަތިވެއްޖެއެވެ.


ރިޔާސީ އިންތިޚާބު ބޯމަތިވެގެން އަންނައިރު، އެމަސައްކަތުގެ ކުރީ ސަފުގައި އޮތް އިލެކްޝަންސް ކޮމިޝަނުން ކުރައްވާ މަސައްކަތްޕުޅަށް އައްސަރިބަހާއި ސާބަހެވެ. ހިތާމައަކީ، އެ ކޮމިޝަނުގެ ވެބްސައިޓު ބަލާ މީހަކަށް، އިންތިޚާބާ ގުޅިގެން ކޮމިޝަނުން ކުރައްވާ ބުރަ މަސައްކަތްޕުޅުތައް ފެންނާން ނެތްކަމެވެ. ކޮމިޝަނުގެ ނައިބު ރައީސް އަލްއުސްތާޛު އިސްމާޢީލް ޙަބީބުގެ ޓްވިޓަރ ފޮލޯކުރާ މީހުންނަށް ލައްކަ މަޢުލޫމާތު ލިބޭ ކަމަށްވެއެވެ. ނަމަވެސް، މާދަމާ އިލޮން މަސްކުގެ ނިންމުމަކުން، އަލްއުސްތާޛު، އަލްއަޚް އިސްމާޢީލް ޙަބީބުގެ ޓްވިޓަރ އެކައުންޓު ހުއްޓުވައިފިނަމަ، އިންތިޚާބާބެހޭ ލައްކަ މަޢުލޫމާތު ގެއްލިގެންދާނެއެވެ. ފެންނާނެ ގޮތެއްވެސް ދެން ނޯންނާނެއެވެ. ނޫސްތަކުން ޚަބަރު ލިޔުއްވާއިރުވެސް، "މަޞްދަރަކަށް" އޮތީ ޓްވީޓުތަކެކެވެ. އެ ޓްވީޓުތައް ނެތިއްޖެ ޙާލަތެއްގައި މަޞްދަރެއް ނޯންނާނެއެވެ. މިވާހަކަ މީގެ ކުރިންވެސް އަޅުގަނޑު ލިޔެފައިވާނެއެވެ.

 

ޕީޖީ އޮފީހުގައި މިމައްސަލަ ދިމާނުވާނޭކަން ކަށަވަރު ކުރުމަށްޓަކައި، ޕީޖީ އޮފީހުގެ އަމިއްލަ "ޓްވިޓަރ" އެއް އުފައްދައިފީމެވެ. އަޅުގަނޑުމެން އެއަށް ކިޔީ "ޚަބަރުފީތާ" އެވެ. މިއީ، އަހަރީ ދުވަހާ ގުޅުވައިގެން ތަޢާރަފުކުރި މީޑިއާ ވެބްސައިޓުގެ ސިފައެކެވެ. ފީޗަރެކެވެ. ޕީޖީ އޮފީހުން ޢާންމުންނަށާއި ނޫސްވެރިންނަށް ފޯރުކޮށްދޭން ބޭނުންވާ މަޢުލޫމާތުތައް، މިވެބްސައިޓުގެ "ޚަބަރުފީތާ" ތަކުގައި ދާނީ "ފީތާ" ކުރަމުންނެވެ. ޓްވީޓު ގޮތަށް، ބުނަން ބޭނުންވާ ވާހަކަ ކުރުކޮށް ބުނެފައި، އެއާއެކު ފޮޓޯވެސް އެޅޭނެއެވެ. ކުރީގެ ފީތާތަކާ ގުޅުވައިގެންވެސް އައު ފީތާ ލިޔެވޭނެއެވެ. ޓެގް ކޮށްފައި ހުންނަ ފީތާތައް އެއް ތަނަކުން ފެންނަ ގޮތްވެސް ހުންނާނެއެވެ. ނޫސްވެރިންނަށް ކުރީގެ ޚަބަރުތަކާއި ފަސްފަހަތް ހޯދަން އިންތިހާއަށް ފަސޭހަވާނެއެވެ.

 

ނޫސްވެރިން ލިޔާ ވާހަކަތަކުގެ ޞައްޙަކަން ބެލުމަށް، އަޞްލު "މަޞްދަރު"ން ޚަބަރު ކިޔަން ބޭނުންފުޅު މީހުންނަށް ސޯޝަލް މީޑިއާއަށް ވަޑައިނުގެތް، އަޞްލު ޕީޖީ އޮފީހުން ބުނި ވާހަކަ، ތާރީޚާއެކު ފެންނާން އޮންނާނެއެވެ. މިވެބްސައިޓަކީ ސީދާ ޕީޖީ އޮފީހުން ހިންގާ، ޞައްޙަކަން އިތުރަށް ކަށަވަރުކުރާން ނުޖެހޭ ވެބްސައިޓެކެވެ. ޓްވިޓަރގައި ބައެއް ބޭފުޅުންނަށް ދިމާވާގޮތަށް، 'އެކައުންޓު ހެކް' ވެގެން، އެހެން އެކައުންޓަކުން ބުނަންޖެހޭ އެއްޗެއް މި އެކައުންޓުން ބުނެވުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ހެކުވުމުގެ ފުރުޞަތު އޮވެގެން ހެކުވަންޏާ ރަނގަޅަށް ހެކުވާނެއެވެ. މިވެބްސައިޓާއެކު، ޕީޖީ އޮފީހުން ޢާންމުންނަށް ފޯރުކޮށްދޭން ބޭނުންވާ މެސެޖުތަކާއި ޚަބަރުތައް، ޕީޖީ އޮފީހުގެ 'މީޑިއާ ވައިބަރ ގްރޫޕު' ގައި ޝާއިޢުކުރުމުގެ ބަދަލުގައި، މިހާރު ކޮށްލާނީ "ޚަބަރުފީތާ" އެކެވެ.

 

މީޑިއާ ވެބްސައިޓުގެ މައިގަނޑު ސިފައަކީ "ޚަބަރުފީތާ" އަށް ވިޔަސް، ޚަބަރުތަކާއި، ނޫސްބަޔާންތަކާއި ފޮޓޯ ގެލަރީއާއި، ޕީޖީ އޮފީހުގެ ނިއުސްލެޓަރ "ޢުންޞުރު" ވެސް މި ވެބްސައިޓުން ފެނިވަޑައިގަންނަވާނެއެވެ.

 

މިއީ އަދި ފެށުމެކެވެ. ނޫސްވެރިންނާއި ޢާންމުންގެ ޚިޔާލާ އެއްކޮށް، މިވެބްސައިޓު އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ޕީޖީ އޮފީހުން ކުރަމުން ގެންދާނެއެވެ. މުޖްތަމަޢުގެ މަޞްލަޙަތާ ސީދާގޮތުން ގުޅުން ހުންނަ ބޮޑެތި މައްސަލަތަކުގެ އަދާހަމަ މަޢުލޫމާތުތަކާއި، ޝަރީޢަތްތައް ހިނގަމުންދާ ގޮތާއި، ޝަރީޢަތުގެ މުހިންމު ނިންމުންތައްވެސް "ޚަބަރުފީތާ" ކުރަމުން ގެންދާނެއެވެ. އޭރުން، ކުރީން އެ މައްސަލައެއްގައި ކަންކަން ވެފައިވާ ގޮތްވެސް އެއްތަނަކުން ފެންނާނެއެވެ. ވައިބަރ ގްރޫޕްގެ މެސެޖުތައް މައްޗަށް ސްކްރޯލް ކުރާކަށް ޖެހިވަޑައެއް ނުގަންނަވާނެއެވެ.

 

ކުރިއަށް އޮތް ތަނުގައި، ނޫސްވެރިން ޕީޖީ އޮފީހާ ކުރައްވަން ބޭނުންފުޅު ސުވާލުތައްވެސް، އޮންލައިންކޮށް، ވަކި ނިޒާމެއްގެ ތެރެއިން ކުރެވޭނެ އިންތިޒާމު މިދަނީ ހަމަޖައްސަމުންނެވެ. އޭރުން، އެ ސުވާލުކުރާ މީހާ ކުރާ ސުވާލާއި، އެސުވާލަށް ޕީޖީ އޮފީހުން ދޭ ޖަވާބުތައްވެސް، ޢާންމުންނަށް ފެންނަން ހުންނާނެއެވެ. ހާމަކަމާއެއްކޮށެވެ.

 

ޕީޖީ އޮފީހުގެ 15 ވަނަ އަހަރީ ދުވަހު، އަޅުގަނޑު އެދެނީ، ޕީޖީ އޮފީހަށް ޚިދުމަތްކުރާ އެންމެންނަށް އިތުރު ހިތްވަރާއި އަބަދުގެ ކުރިއެރުމެވެ. ދިވެހި ޤައުމަށް ރޯޝަންކަމެވެ. 

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author