5/13/2023
ދައުލަތެއްގެ އެންމެ މުހިންމު އެއް މަސައްކަތަކީ، ދައުލަތުގެ އިދާރާތަކުން ކުރާ މަސައްކަތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމެވެ. ހަރުދަނާ، ދެފުށްފެންނަ، ޖަވާބުދާރީވަނިވި ކޮމިއުނިކޭޝަން ސްޓްރެޓެޖީއެއް އޮތުމަކީ، ހެޔޮވެރިކަމެއްގެ އަސާސީ އެއް ސިފައެވެ. ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، ދިވެހިރާއްޖޭގައިވެސް، ދައުލަތުގެ ކޮމިއުނިކޭޝަން ސްޓެރެޓަޖީ އޮތީ މީސްމީޑިއާއާ ދިމާއަށް ދީލާލާފައެވެ. އަޅުގަނޑަކީ، ކޮމިއުނިކޭޝަންގެ ޚަބީރެއް ނޫނެވެ. ނަމަވެސް، އަޅުގަނޑަށް ފެންނަ ގޮތުން، ދިވެހި ދައުލަތުގެ ކޮމިއުނިކޭޝަން ވަޞީލަތަކީ ޓްވިޓަރަށް ވުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. ދިވެހި ދައުލަތް، ޓްވިޓަރުން ނުކުންނަންޖެހެއެވެ.
ޓްވިޓަރަކީ ކޮބާ؟
ޓްވިޓަރއަކީ، އެމެރިކާގެ ވިޔަފާރިވެރިންތަކެއް ކަމުގައިވާ، ޖެކް ޑޯރސީއާއި ބިޒް ސްޓޯނާއި ނޯއާ ގްލާސްއާއި އިވަން ވިލިއަމްސްއާ ހަތަރު މީހުން އެކުވެގެން 21 މާރިޗު 2006 ދުވަހު އުފެއްދި ޓްވިޓަރ އިންކ ކިޔާ ވިޔަފާރި ކުންފުންޏެއްގެ އުފެއްދުމެކެވެ. ދާދިފަހުން، އެމެރިކާގެ ބިލިއަނަރު އިލޮން މަސްކު ވަނީ އެކުންފުނި ގަނެފައެވެ. އެކުންފުންޏަކީ، އަދިވެސް އަމިއްލަ މީހެއްގެ މިލްކެކެވެ.
ޓްވިޓަރގެ އެންމެ ފުރަތަމަ ހިޓު ޚަބަރު
15 ޖަނަވަރީ 2009 ގައި، ޔޫ.އެސް. އެއަރވޭސް ފްލައިޓް #1549، ނިއުޔޯރކް ސިޓީގެ ލާގާރޑިއާ އެއަރޕޯޓުން ފުރައިގެން ނޯރތު ކެރޮލައިނާގެ ޗާރލޮޓަށް ކުރި ދަތުރުގައި، ދޫނިތަކެއްގައި ޖެހި، ދިމާވި ހާދިސާއެއްގައި، އެބޯޓު ދުއްވަން އިން ޕައިލޮޓް ޗެސްލީ "ސަލީ" ސަލެންބަރގަރ، ނިއުޔޯރކްގެ ހަޑްސަން ކޯރަށް، އިމަޖަންސީގައި ބޯޓު ޖެއްސި ހާދިސާއެވެ. މި އާދަޔާ ޚިލާފު ނުރައްކާތެރި ހާދިސާގައި، ބޯޓުން ދަތުރުކުރި 155 މީހުންވެސް ސަލާމަތްވިއެވެ. މިހާދިސާގެ މައްޗަށް 'ސަލީ' ކިޔާ ޑޮކިއުމަންޓަރީ ފިލްމެއް ހަދާފައި އޮވެއެވެ.
އެދުވަހު، އެމެރިކާގެ ވިޔަފާރިވެރިއެއް ކަމުގައިވާ ޔާނިސް ކްރޫމްސް، ފެރީއެއްގައި ނިއުޖަރޒީއަށް ދިޔަ މަގުމަތީގައި، ހަޑްސަން ކޯރަށް ޖައްސާފައި އޮތް މަތިންދާބޯޓު ފެނިގެން ޓްވިޓްޕިކް ބޭނުންކޮށްގެން ފޮޓޯއެއް ޓްވީޓްކުރިއެވެ. މިއީ، ޓްވިޓަރގެ ތާރީޚުގައިވެސް، ޢާންމު މީޑިއާއަށްވުރެ އަވަހަށް، ޓްވިޓަރއިން ޚަބަރެއް ފެތުރި ފުރަތަމަ ފަހަރެވެ. ގޫގްލްއިން، އެބޯޓު ވެއްޓުނުކަމަށް އިޢުލާނުކުރެވުނީ، ބޯޓު ކޯރަށް ޖެއްސިތާ ގަޑިއެއްހައިއިރު ފަހުންނެވެ. ފްލައިޓްސްޓެޓްސް ވެބްސައިޓުން، ބޯޓު ކޯރަށް ޖެއްސިކަން އިޢުލާންކުރެވުނީ، އެހާދިސާގެ 26 މިނިޓު ފަހުންނެވެ. މިހިސާބުން، ޓްވިޓަރ، އައު މީޑިއާ މަޞްދަރެއްގެ ގޮތުގައި ދުނިޔެއަށް ތަޢާރަފުވިއެވެ.
ދިވެހި ދައުލަތުގެ މަދު އިދާރާއެއް މެނުވީ ޓްވިޓަރގައި ރަސްމީ އެކައުންޓެއް ހިންގައެވެ. އެއީކީ، އޭގެ ޒާތުގައި މައްސަލައެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ. ރައްޔިތުންނަށް މެސެޖު ފޯރުކޮށްދެވޭނެ އެންމެ ރަނގަޅު ވަޞީލަތަކީ ޓްވިޓަރ ނަމަ، ޓްވިޓަރ ބޭނުންކުރުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. ނަމަވެސް، އެއީ، ހަމައެކަނި ވަޞީލަތަށް ވެގެންވާނެ ކަމަކަށް ނުފެނެއެވެ.
ޓްވިޓަރއަކީ އަމިއްލަ މީހެއްގެ ޕްލެޓްފޯމެއް
ޓްވިޓަރއަކީ އަމިއްލަ މީހެއްގެ ޕްލެޓްފޯމެކެވެ. މާދަމާވެސް، ދިވެހި ސަރުކާރުގެ އިދާރާއަކަށް، ނުވަތަ އިދާރާތަކަކަށް ޓްވިޓަރ ބޭނުން ނުކުރެވޭނެކަމަށް، ޓްވިޓަރގެ ވެރިމީހާ ނިންމައިފިނަމަ، އެކަމަކަށް އިޙްތިޖާޖެއްވެސް ނުކުރެވޭނެއެވެ. އެނިންމުން ބަދަލުކުރަން އެންގޭނީއެއްވެސް ނޫނެވެ. އެކަމުގައި ކުރާނެ ނުވަތަ ކުރެވޭނެ އެއްވެސް ކަމެއް ނުވެސް އޮންނާނެއެވެ. އެކަން އެމަގަށް ނުކުރާންވީ ސަބަބެއްވެސް ޓްވިޓަރަކަށް ނޯންނާނެއެވެ. ޓްވިޓަރއަކުން، ވަކި މީހެއްގެ އެކައުންޓެއް ވަކި ގޮތަކަށް ހިންގައިދޭނެކަމަކަށް ބުނެ ވަޢުދެއް ނުވެއެވެ.
މީގެ މިސާލަކީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ރައީސް ޓްރަމްޕަކީ ދުނިޔޭގައި ހުރި އެންމެ ބާރުގަދަ ލީޑަރެވެ. މުއްސަނދި މަހުޖަނެކެވެ. އޭނާގެ ސަބަބުން ޓްވިޓަރއަށް ލިބުނު ފައިދާވެސް ކުޑައެއް ނޫނެވެ. ނަމަވެސް، ވަކި ހިސާބަކުން، އޭނާގެ އެކައުންޓް ޓްވިޓަރއިން ސަސްޕެންޑުކުރުމުން، ދެން ކުރެވުނު ކަމެއް ނެތެވެ. ޖެހުނީ އަމިއްލަ އެއްޗެއް އުފައްދާށެވެ. ރައީސް ޓްރަމްޕު ވެރިކަމަށް އައި ދުވަހުން ފެށިގެން، ޓްވިޓަރގެ ބަދަލުގައި، އަމިއްލަފުޅަށް ޓްރުތު ސޯޝަލް އުފެއްދެވިނަމަ، ވެރިކަން ނިމިވަޑައިގެންނެވިއިރު، އެކުންފުނީގެ ވިޔަފާރިވެސް އޮންނާނީ ލައްކަ ތަން ކުރިއަރައިފައެވެ.
ޚަބަރުގެ މަޞްދަރު "ގެއްލުން"
ދިވެހިރާއްޖޭގައި އަލިފާން ނިވުމުގެ ކަންކަމުގެ ޒިންމާ އޮތީ އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިޔު ޑިޕާރޓްމަންޓަށެވެ. އެޑިޕާޓްމަންޓުގެ ވަރަށް ހިތްގައިމު ވެބްސައިޓެއް އޮވެއެވެ. ގަވާއިދުން އަދާހަމަވެސް ކުރައްވައެވެ. ނަމަވެސް، ގިނަ ފަހަރު، ވެބްސައިޓަށް ނުލައި، ފޮޓޯތަކާއި ޚަބަރުތައް، ޓްވިޓަރއިން ޢާންމު ކުރައްވައެވެ. ދާދިފަހުން ހިނގި އަލިފާނުގެ ހާދިސާއެއްގެ ވާހަކަ ޚަބަރުތަކުގައި ހުއްޓެވެ. ޚަބަރުތަކުގައި ޙަވާލާދީފައި އޮތީ، ފަޔަރ އެންޑް ރެސްކިޔުއިން ކުރި ޓްވީޓަކަށެވެ. ނަމަވެސް، އެޙާދިސާއާބެހޭ އެއްވެސް ވާހަކައެއް ވެބްސައިޓަކުން ނުފެނުނެވެ. މިހާރު ކުރާ ވިއްސާރައިގައި ގެއްލޭ ދޯނިފަހަރުގެ ޚަބަރުވެސް ހަމަ އެހެނެވެ. ޓްވިޓަރުގައި ހުރެއެވެ. ވެބްސައިޓަކު ނޯވެއެވެ. މިޙާލަތުގައި، ޓްވިޓަރއިން އަންގައިގެން ނުވަތަ ފަޔަރ އެންޑް ރެސްކިއުއިން ބޭނުންވެގެން، އެޓްވީޓު ޑިލީޓުކޮށްފިނަމަ، ނޫސްތަކުން ޚަބަރު ހޯދި "މަޞްދަރު" ގެއްލުނީއެވެ. އެކަމަކީ ނުވެސް ވާ ކަމެއްކަމަށް ބުނުމުގެ ފުރުޞަތު އޮވެދާނެއެވެ. ވީމާ، ޚަބަރުގެ މަޞްދަރު އޮންނަންވީ ފަޔަރ އެންޑް ރެސްކިއުއިން ކޮންޓްރޯލްކުރާ ޕްލެޓްފޯމެއްގައެވެ.
މިއަދު، ނޫހެއްގައި އޮތް ޚަބަރެއްގައި، ވަރަށް ޙައްސާސް ވާހަކައެއް އެބައޮތެވެ. ފޯޅަވަހީގެ މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ސްޓޭންޑަކީ، އެޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމް ކުރައްވާފައި އޮތް ޓްވީޓެއްކަމަށް، އެޕާޓީގެ އިސް ބޭފުޅަކު ވިދާޅުވިކަމަށްވެއެވެ. އަޅުގަނޑަކީ ޓްވިޓަރގައި އުޅޭ މީހަކަށްނުވާތީ، އެ "ސްޓޭންޑެއް" ނުފެނެއެވެ. އޮނަރަބަލް ޤާސިމް އިބްރާހީމް، އެއްވެސް ސަބަބަކާހުރެ އެ ޓްވީޓު ޑިލީޓު ކުރައްވައިފިނަމަ، ޖުމްހޫރީ ޕާޓީގެ ސްޓޭންޑު ހޯދާނީ ކޮންތާކުން ކަމާމެދު އަޅުގަނޑުގެ ހިތުގައި އެވަގުތުވެސް ސުވާލު އުފެދުނެވެ. ފޯޅަވަހި މައްސަލައިގައި، ނުވަތަ އެނޫންވެސް މައްސަލައެއްގައި، ޖުމްހޫރީ ޕާޓީގެ ސްޓޭންޑު ކޮންމެ ގޮތަކަށް އޮތް ނަމަވެސް ވަރިހަމައެވެ. އެވާހަކަ އޮންނަންވީ ޖުމްހޫރީ ޕާޓީން ކޮންޓްރޯލްކުރާ، ޢާންމުކޮށް އިޢުލާނުކުރެވޭ ޕްލެޓްފޯމެއްގައެވެ.
ހަމަ އެގޮތަށް، ދިވެހި ސަރުކާރުގެ ރަސްމީ ތަރުޖަމާނުގެ ވެބްސައިޓެއްވެސް ނެތެވެ. އެކި ކަންކަމުގައި ތަރުޖަމާނު ވިދާޅުވާން ބޭނުންފުޅު ވާހަކަތައް، ކުރުކޮށް ނަމަވެސް، ވިދާޅުވާނެ އަމިއްލަފުޅު ޕްލެޓްފޯމެއް (ވެބްސައިޓެއް) އޮންނަނަމަ، ތާރީޚަށްޓަކައިވެސް ފެންނާން އޮންނާނެއެވެ. މަޞްދަރެއްވެސް ނުގެއްލޭނެއެވެ. އެމަނިކުފާނު ދައްކަވާ ވާހަކަފުޅު އޮޅުވާލައިގެން ލިޔުމުގެ ފުރުޞަތުވެސް ހަނިވާނެއެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާއާއި ނައިބް ރައީސްގެ ޚަބަރުތައް، ރައީސް އޮފީހުގެ ވެބްސައިޓުގައި ބަރާބަރަށް ޝާއިޢުކޮށްފައިހުރެއެވެ.
ކޮމިއުނިކޭޝަން ސްޓެރެޓަޖީއެއްގެ އަސާސީ އެއް ކަމަކީ ތާރީޚަށްޓަކައި، ކަންކަން ޑޮކިއުމަންޓު ކުރުމެވެ. އެކަން ކުރަން ބޭނުންކުރާ ޕްލެޓްފޯމަކީ، މީހެއްގެ އަމިއްލަ ވިޔަފާރިއެއްގެ މިލްކުގައި އޮތް، ދައުލަތުގެ އެއްވެސް އިދާރާއެއްގެ އެއްވެސް ބާރެއް ނުހިނގާ ޕްލެޓްފޯމަކަށްވީމާ، މިދެންނެވި އަސާސީ މަޤްޞަދު ޙާޞިލުކުރެވިދާނެތޯ ސުވާލު އުފެދެއެވެ.
މިހާރަކަށް އައިސް ފެންނަ ކަމެކެވެ. ދައުލަތުގެ އިދާރާއަކުން ވަކި ޚިދުމަތެއް ފޯރުކޮށްދޭ ގޮތާމެދު ހިތްހަމަނުޖެހިގެން ޢާންމުންގެ މީހަކު ޓްވިޓަރގައި ޒުވާބެއް ކުރިމަތިކޮށްފިނަމަ، އެއިދާރާއެއްގެ 'ސޯޝަލް މީޑިއާ އެކްޓިވިސްޓު' އެމެސެޖަކަށް ޖަވާބުދީ، އެކަމެއް ކޮށްދެވޭތޯ މަސައްކަތްކުރެއެވެ. މިއީ ރަނގަޅު ކަމެކެވެ. ނަމަވެސް، މިޚިދުމަތް ދޭންވީ ހަމައެކަނި ޓްވިޓަރ ބޭނުންކުރާ މީހުންނަކަށް ނޫނެވެ. މިކަން ކުރާންވީ ވަކި ނިޒާމަކުންނެވެ. ޓްވިޓަރ ބޭނުންކުރިއަސް ނުކުރިއަސް، ޝަކުވާއެއް ކޮށްފިނަމަ، އެޝަކުވާއަކަށް ތަސައްލީއެއް ހޯދައިދޭން ތިބޭ ބަޔަކު ދައުލަތުގެ އިދާރާތަކުގައި ތިބޭންވީއެވެ. އެކަމަށް 'ސޯޝަލް މީޑިއާ އެކްޓިވިސްޓުން' ކޮންމެހެން މުހިންމު ނުވެދާނެއެވެ.
މިވާހަކަ އަޅުގަނޑު ލިޔުމުން، މިއާޓިކަލްގެ ސުރުޚީ ވިދާޅުވުމަށްފަހު، މުޅި ލިޔުމުގެ ނުކުތާއަށް ވިސްނާވަޑައިގަތުމެއް ނެތި ޓްވިޓަރުގައި އަޅުގަނޑަށް އެއްޗެތި ކިޔުމުގެ ފުރުޞަތުވެސް އޮންނާނެއެވެ. ނަމަވެސް، އެއެކައުންޓަކީވެސް، އެއެކައުންޓުގައި ލިޔާ މީހާގެ ކޮންޓްރޯލްގެ ދަށުގައި އޮތް އެއްޗެއް ނޫނެވެ. އަޅުގަނޑަކީ ޓްވިޓަރގައި އުޅޭ މީހަކަށް ނުވާތީ، އެލިޔުއްވާ އެއްޗެއް އަޅުގަނޑަކަށް ނުވެސް ފެންނާނެއެވެ.
މަޢުލޫމާތު ހާމަކުރުން ވ މަޢުލޫމާތު ފެތުރުން
މަޢުލޫމާތު ހާމަކުރުމާއި މަޢުލޫމާތު ފެތުރުމާ މިއީ ތަފާތު ދެކަމެކެވެ. ޓްވިޓަރއަކީ މީހުން ބޭނުންކުރާ މުހިންމު ޕްލެޓްފޯމަކަށް ވެގެން، އެޕްލެޓްފޯމް ބޭނުންކޮށްގެން މަޢުލޫމާތު ފަތުރަން ދައުލަތުގެ އިދާރާތަކުން ބޭނުންނަމަ، އެކަން ނުކުރާންވީ އެއްވެސް ސަބަބެއް ނެތެވެ. އަޞްލު ޚަބަރު، އަމިއްލަފުޅު ކޮންޓްރޯލް އޮންނަ ވެބްސައިޓުގައި ޝާއިޢު ކުރެއްވުމަށްފަހު، އެޚަބަރުގެ ލިންކު ޓްވީޓު ކުރައްވަންވީއެވެ. ނަމަވެސް، މަޢުލޫމާތު ހާމަކުރާ މައިގަނޑު މަޞްދަރަކީ، ނުވަތަ އަސާސީ ވަޞީލަތަކީ ޓްވިޓަރަށް ވުމަކީ ހަމަޖެހޭ ކަމެއް ކަމަކަށް ނުފެނެއެވެ. އެއީ، އެޕްލެޓްފޯމްގެ އެއްވެސް ކޮންޓްރޯލެއް ދައުލަތަށް ނޯންނާތީއެވެ.
The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author