3/19/2024

ރަމަޟާންމަހުގެ ފަހު 10 ގައި މަސައްކަތްކުރާ ގޮތް

ރަމަޟާންމަހަކީ، އެމަހެއްގައި ޤުރުއާން ބާވައިލެއްވި، އަޅުކަމުގެ މައްސަރެކެވެ. ދިވެހިންނަކީ، ޒަމާނުއްސުރެ ރަމަޟާން މަހަށް ޚާއްޞަ ތައްޔާރީތަކެއް ވަމުން އަންނަ ބައެކެވެ. ރިސޯޓުތަކުގެ ޢިމާރާތްކުރުމުގެ މަސައްކަތުގައި އުޅޭ މީހުން، އެމަސައްކަތް މަޑު ޖައްސާލައެވެ. މަހަށްދާ މީހުން މަހަށް ދިއުން މަޑުޖައްސައިލައެވެ. މިއީ ދިވެހި އާދަކާދައެވެ. މިއީ، ދީނާ ގުޅިފައި އޮތް ކަމެކޭ ބުނެވޭކަށް ނެތެވެ. އެއީ، އިސްލާމް ދީނަކީ، ރަމަޟާން މަހު ވަކި ގޮތަކަށް މަސައްކަތްތައް މަޑުޖައްސާލަން ބާރުއަޅާ ދީނެއްކަމަށް އެއްވެސް ދަލީލެއް އަދި ފެންނަން ނެތީމައެވެ. އެފަދަ ދަލީލެއް ފެނުނު އިރަކުން، އެކަމަށް އަޅުގަނޑު އެއްބަސްވާނަމެވެ. މިހިނދަށް އިސްލާމީ ތާރީޚުން ފެންނަން އޮތީ އަޅުކަމަށް އިސްކަންދިނަސް، މަސައްކަތްކުރުމުގެވެސް މަހެއްގެ ގޮތުގައެވެ.  


އެންމެ ދަލީލެކެވެ. އިސްލާމީ ތާރީޚުގައި ބަދުރު ހަނގުރާމަ (17 ރަމަޟާން، ހ 2)، ވާދިލްޤުރާ ހަނގުރާމަ (ހ 6)، މައްކާ ފަތަޙަކުރެއްވުން (ހ 8) އަންދަލުސް ހަނގުރާމަ (92 ހ) ޖެރޫސަލަމް ހަނގުރާމަ (ޞަލާޙުއްދީން އަލްއައްޔޫބީ، ހ 582)، މޮންގޮލް މީހުން ބަލިކުރި ޢައިން ޖާލޫތު ހަނގުރާމަ (ހ 658) ހިނގީ ރަމަޟާން މަހުއެވެ. ވީމާ، ރަމަޟާން މަހަކީ އިސްލާމީ އާދަކާދައިގެ ގޮތުން މަސައްކަތްނުކުރާ މަހެއްނަމަ، ހަނގުރާމައެއްވެސް އެމަހަކު ނުހިނގީހެވެ. އަމުދުން ރަސޫލުﷲ (ޞ) ބައިވެރިވެވަޑައިގެންނެވި ދެ ހަނގުރާމައެވެ. އެހެން ދަލީލެއް ފެންނަންދެން، އަޅުގަނޑުގެ ރައުޔުގައި އަޅުގަނޑު ހުންނާނަމެވެ.  


މިދެންނެވި ސަޤާފީ އަދި ތާރީޚީ ޙަޤީޤަތްތަކަށް ބުރަވެ، ޕީޖީ އޮފީހުގެ ރަމަޟާންމަހުގެ މަސައްކަތުގެ ސަޤާފަތު ބައްޓަންކުރެވޭތޯ އަޅުގަނޑުމެން މިދަނީ މަސައްކަތްކުރަމުންނެވެ. އަޅުގަނޑުމެންގެ އަމާޒަކީ ލަގްޒަރީ ޕަބްލިކް ސަރވިސްއެއް ދިނުމެވެ. އެފަދަ ޚިދުމަތްތަކަކީ އަހަރަކު 11 މަހު ދޭނެ ޚިދުމަތެއް ނޫނެވެ. އަހަރުގެ ކޮންމެ ދުވަހަކުވެސް، ލަގްޒަރީ ޚިދުމަތް ލިބެންވާނެއެވެ. މިވިސްނުމުގައި، މޭޒުތަކުގެ ވަށައިގެންތިބެ، ސިކުނޑިތަކުން ތެޔޮ ހާނައިގެން، ނިތްކުރި ތަކުން އޮށްދާ އޮހޮރުވައިގެން، ހަރުދަނާ މޮޅު ވިސްނުންތަކެއް ނެރެ، މޮޅު ގޮތްތައް ރޭވޭތޯ އަބަދުވެސް މަސައްކަތް ކުރަމެވެ.  


ވޭތުވެދިޔަ 1444 ވަނަ އަހަރުގެ ރަމަޟާންމަހު އަޅުގަނޑުމެން ތަޢާރަފްކުރީ 4 ދުވަހު މަސައްކަތްކުރާ ނިޒާމެކެވެ. ކޮންމެ މުވައްޒަފަކަށްވެސް، ހަފްތާއަކު މަސައްކަތްކުރަންޖެހޭނީ 4 ދުވަހެވެ. މާނައަކީ، ކޮންމެ މުވައްޒަފަކަށްވެސް ރަމަޟާންމަހު 3 ދުވަހުގެ ހަފްތާބަންދެއް ލިބޭނެއެވެ. އަމިއްލަ އުފަން ރަށަށް ގޮސް، ޢާއިލާގެ މީހުންނާއެކު ވަގުތު ހޭދަކޮށްލުމުގެ ފުރުޞަތު ހަމަ ކޮންމެ ބޭފުޅަކަށްވެސް ލިބުނެވެ. 

 

ނިކަން މޮޅަށް މިކަން ކޮށްކޮށް ތިއްބާ މިއަހަރު މިއޮތީ އައު ގޮންޖެހުމެކެވެ. ސަރުކާރުގެ ސިޔާސަތެއްގެ ގޮތުން ރަމަޟާން މަހުގެ ފަހު ދިހަ ދުވަސް ބަންދުދުވަސްތަކެއް ކަމުގައި ހަމަޖެއްސެވީއެވެ. މިހިސާބުން އަނެއްކާ މޭޒުދޮށުގައި އިށީންނާން ޖެހުނީއެވެ. ސަރުކާރުގެ މިނިންމެވުމާއެކު، އަޅުގަނޑުމެން ޤަޞްދުކުރީ، ރަމަޟާން މަހުގެ ފަހު ދިހަ ދުވަސް ބަންދުކުރުމާބެހޭ އުޞޫލެއްގެ ބަދަލުގައި، ދިގު މުއްދަތަކަށް ސަރުކާރު ބަންދުކުރާނަމަ، އެކަމާ ގުޅިގެން ޕީޖީ އޮފީހުން ޢަމަލުކުރާނެ އައު އުޞޫލެއް ތަޢާރަފުކުރުމެވެ. މިވިސްނުމުން ފައިދާވި ކަމަކީ މިއީއެވެ.


1445 ވަނަ އަހަރުގެ ރަމަޟާން މަހަށް ޕީޖީ އޮފީހުގައި މަސައްކަތް ކުރަން ހަމަޖެއްސީ އަންނަނިވި ގޮތަށެވެ. 


1. ރަމަޟާންމަހުގެ ފަހު 10 ދުވަހަކީ އޮފީސް ބަންދުދުވަސްތަކެއް ނޫނެވެ.

އޮފީހަށް ޙާޟިރުވެ މަސައްކަތްކުރާން ކޮންމެހެން ޖެހޭ މުވައްޒަފުން ފިޔަވައި، އެހެން މުވައްޒަފުންް މަސައްކަތްކުރާނީ ގެއިންނެވެ. ޤާނޫނުގައި ބުނާ މުއްދަތު ހަމަވާތީ ވަކި ދުވަހެއްގައި ކޯޓަށް ހުށަހަޅަންޖެހޭ މައްސަލަތަކާއި ކޯޓުތަކަށާއި ތަޙްޤީޤީ އިދާރާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭ މުވައްޒަފުން މަސައްކަތް ކުރާނެއެވެ. އެކަން ކުރާނެ މީހުންގެ ވަކި ޑިއުޓީއެއް އޮންނާނެއެވެ. ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ ޚިދުމަތްވެސް އޮންލައިންކޮށް ލިބޭނެއެވެ. އެއްވެސް ކަމެއް ނުހުއްޓޭނެއެވެ.   


2. ކޮންމެހެން ނިންމަންޖެހޭ ކަންތައްތަކެއް ކަނޑައަޅައި، އެކަންކަން ނިންމުން.

ކޮންމެ ޔުނިޓަކުންވެސް، ރަމަޟާން މަހުގެ ފަހު 10 ގެ ކުރިން ޙާޞިލުކުރާނެ ކަންތައްތަކެއް ކަނޑައަޅަންޖެހެއެވެ. އޭގެ ތެރޭގައި ހިމެނޭނީ، މަސައްކަތްތައް ހުންނަ ގޮތުން، ޢާންމު މަސައްކަތު ދުވަހެއްގައި ކުރަން ދަތި ކަންކަމެވެ. މިސާލަކަށް، ދުވަސްވީ މައްސަލަތައް ފައިލްކޮށް ނިންމައިލުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ފައިލްތައް ތަރުތީބުކުރުމާއި، ކޯޓުތަކުގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް ގޮސްފައިވާ ހިސާބު ސާފުކުރުން ފަދަ ކަންކަމެވެ. އެކަންތައްތަކުގެ ލިސްޓެއް، ރަމަޟާންމަސް ފެށުމުގެ ކުރިން، ސުޕަވައިޒަރަށް ހުށަހަޅައި، ފާސްކުރަންޖެހެއެވެ. އެކަންތައްތައް ކުރެވޭ މިންވަރު ސުޕަވައިޒަރު ދާނީ ބަލަމުންނެވެ. ރަމަޟާންމަހުގެ 20 ވަނަ ދުވަހާ ހަމައަށް، އެލިސްޓުގައި ހުރި ކަންކަން ނިންމައިލެވިއްޖެނަމަ، ފަހު 10 ގައި (އެމަޖެންސީކަމެއް ފިޔަވައި، އެހެން) މަސައްކަތެއް ނޯންނާނެއެވެ. އެކަންތައްތައް ނުނިންމިއްޖެނަމަ، ފަހު 10 ގައި ނުކުމެގެންވެސް އެމަސައްކަތްތައް ނިންމަވަން ޖެހޭނެއެވެ. މިގޮތަށް ހެދުމުން، އާދައިގެ ދުވަހެއްގައި ނުނިމި ހުރި ކަންތައްތަކެއް ރަމަޟާންމަހުގެ ތެރޭގައި ނިންމައިލުމަށް ބާރުލިބެއެވެ. 


3. އެއްވެސް ބައްދަލުވުމަކަށް މޯބައިލް ފޯނު ނުވެއްދުންް 

އެކި ބައްދަލުވުންތަކުގައާއި ޢާންމު މަސައްކަތުގައި އުޅޭއިރު، މޯބައިލް ފޯނާ ނުލައި އުޅެން ދަސްކުރުމުގެ ގޮތުން، ރަމަޟާން މަހު އެއްވެސް ބައްދަލުވުމަކަށް، މިއޮފީހުގެ މުވައްޒަފަކު މޯބައިލް ފޯނެއް ނުވައްދާނެއެވެ. އެ ބައްދަލުވުމެއްގައި ދެކެވޭ ވާހަކައާއި ކުރާން އުޅޭ ކަމަކަށް ފުރިހަމައަށް ފޯކަސްކުރާނެއެވެ. ލަގްޒަރީ ޕަބްލިކް ސަރވިސްއެއް ދިނުމަށްޓަކައި، މަސައްކަތުގެ ފެންވަރު ރަނގަޅުކުރަންޖެހެއެވެ. އެކަން ކުރެވޭނީ، އެކުރާ ކަމަކަށް އާދަޔާ ޚިލާފު ބޮޑު ފޯކަސްއެއް، ސަމާލުކަމެއް ދީގެންނެވެ. ސަމާލުކަން ދެވޭނީ، ފޯނުން ސަމާލުކަން އަތުލައިގަންނަންކުރާ މަސައްކަތަށް ހުރަސް އަޅައިގެންނެވެ. އެއްޗެއް ނޯޓުކުރާނަމަ، ނޯޓުކުރާ ފޮތް ހުންނާނެއެވެ. އިންޓަރނެޓުން ކަމެއް ކުރަންވެއްޖެނަމަ، ކޮމްޕިއުޓަރާއި ލެޕްޓޮޕް ހުންނާނެއެވެ. ފޯނެއް ކުރަންވެއްޖެނަމަ، ލޭންޑް ލައިން ހުންނާނެއެވެ.  


4. ފިރިހެން މުވައްޒަފުން ޓައީ އަޅަން ނުޖެހުން 

މި ރަމަޟާންމަހު، ކޯޓަށް ހާޒިރުވާންޖެހޭ މުވައްޒަފުންނާއި، ރަސްމީ ބައްދަލުވުންތަކުގައި ބައިވެރިވާންޖެހޭ މީހުން، އެ ބައްދަލުވުމުގެ ވަގުތުގައި ފިޔަވައި، އެހެން ވަގުތުތަކުގައި ޓައީ އަޅަން ނުޖެހޭ ގޮތަށްވެސް ހަމަޖައްސައިފީމެވެ. މިއީވެސް ތަޖުރިބާކުރުމުގެ ގޮތުން ކުރާ ކަމެކެވެ. މިބަދަލާއެކު، މަސައްކަތުގެ ނަތީޖާއަށް އެއްވެސް ބަދަލެއް އާދޭތޯ މިދަނީ ބަލަމުންނެވެ. ޓައީ ނުއެޅިޔަސް، ގަމީސްލައި، ދަށަށް ޖަހައި، ބޫޓަށް އަރަންޖެހެއެވެ. ހުންނަންޖެހޭނީ ރީތިކޮށެވެ.  


5. ދިވެހި ބަހަށް ޚާއްޞަ އިސްކަމެއް ދިނުން 

ޕީޖީ އޮފީހަކީ، ސާފު، ރީތި ދިވެހި ބަހުން ވާހަކަ ދައްކައި، ލިޔެ، މުޢާމަލާތުކުރާ ތަނަކަށް ހެދުމަށްޓަކައި ކުރާ މަސައްކަތް، މި ރަމަޟާންމަހުވެސް ކުރިއަށް ގެންދާނެއެވެ. ވަކިން ޚާއްޞަ ގޮތެއްގައި، ލިޔެފައި ހުންނަ ލިޔުންތަކުގެ ދިވެހި ބަހުގެ ފެންވަރު ރަނގަޅުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް މިމަހު ކުރާން ޤަޞްދުކޮށްފައިވެއެވެ.  


އަޅުގަނޑުގެ އެދުމަކީ ރަމަޟާން މަހަކީ، އަޅުކަމާއި މަސައްކަތާއި، ޢާއިލީ ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާ މަހަކަށްވުމެވެ. ދިވެހި ޤައުމަށް އަބަދުމެ ރޯޝަންކަން ލިބިލިބި ހުރުމެވެ. 

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author