2/17/2024

ދިވެހިން މޮޅަށްކުރާ ކަންތައް: އިންތިޚާބުގެ ކުރިއަށް އަންނަ ކަންކަން ރަނގަޅުކުރުން

ރާއްޖޭ މީހުން މޮޅަށްކުރާ ކަންކަމުގެ ސިލްސިލާގައި، ރާއްޖޭގައި ބާއްވާ އިންތިޚާބުގެ މޮޅު ވާހަކަ މީގެ ކުރިން އަޅުގަނޑު ލިޔެފައިވާނެއެވެ. ދިވެހިރާއްޖޭގެ ޑިމޮކްރަޓިކް ޙަޔާތުގައި، 2008 އިން ފެށިގެން މިއަދާ ހަމައަށް ބޭއްވި އިންތިޚާބުތަކުގައި ލޭ އޮހޮރުވުމެއް، ހަމަނުޖެހުމެއް ނުހިނގައި، ޞުލްޙަވެރިކަމާއި އޮމާންކަމާއެކު ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ދުނިޔޭގެ ފެންވަރުގައެވެ. ނަމަވެސް، އިންތިޚާބުގެ ކުރިއަށް އަންނަ ކަންތައްތަކެއްގެ ސަބަބުން، މިނިޒާމާމެދު މީހުން ކުރާ އިތުބާރަށް އެބަ އަސަރު ކުރެއެވެ. މިކަމަކީ، ދިވެހިރާއްޖެދެކެ ލޯބިވާ ހަމަ ކޮންމެ މީހަކުވެސް ވިސްނާ ފިކުރުކުރަންޖެހޭ ކަމެއްކަމަށް އަޅުގަނޑަށް ފެނެއެވެ.


އިންތިޚާބީ ކޮރަޕްޝަނާއި ވޯޓު ވިއްކުން

ދިވެހިރާއްޖޭގެ އިންތިޚާބުގެ ކަންކަން ކިތަންމެ ހަރުދަނާ ވިޔަސް، އިންތިޚާބުގެ ކުރިން އަންނަ ކަންކަމުގެ ސަބަބުން، އިންތިޚާބުގެ ނަޒާހާތްތެރިކަމަށް އަސަރު ކުރެއެވެ. މިސާލަކަށް، އިންތިޚާބާ ގުޅުވައިގެން، އެވަގުތު ސަރުކާރުގައި އޮތް ބަޔަކު، ތަފާތު ނުފޫޒު ބޭނުންކުރާކަމުގެ ތުހުމަތު އަބަދުވެސް އޮވެއެވެ. ނަމަވެސް، މިހާރު އޮތް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެފަދަ ކަމެއް ނުކުރައްވާނެކަމުގެ ޔަޤީންކަން އެބަ ދެއްވައެވެ. އަޅުގަނޑުމެންނަށް އޮތީ އުއްމީދާއެކު ބަލަން ތިބުމެވެ.

 

ދެން އޮތީ ވޯޓު ވިއްކުމެވެ. ވޯޓު ވިއްކުމަކީ ދީނީ ގޮތުންނާއި އަޚްލާޤީ ގޮތުންނާއި ޤާނޫނީ ގޮތުން ކުށެއްކަން ނޭނގޭ ކުޑަކުއްޖަކުވެސް ރާއްޖޭގައި ނޫޅޭނެއެވެ. އެވަރަށް ހުކުރު ޚުޠުބާއާއި ޓީވީތަކާއި ރޭޑިއޯތަކާއި ޕޯސްޓަރުތައް މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކޮށްފައިވެއެވެ. ނަމަވެސް، އެކަންވެސް ހިނގައެވެ. ވޯޓު ވިއްކާމީހާއާއި ގަންނަ މީހާ ޖަލަށްލުމަކީވެސް، މުޅި މައްސަލައިގެ ޙައްލެއްނޫނެވެ. މިއީ، ދިވެހިންގައި ހަރުލާފައިވާ ނުބައި އާދައެކެވެ. މިމައްސަލަ ޙައްލުކުރާނެ ގޮތެއް އަޅުގަނޑުގެ ވިސްނުމަކަށް އަދި ނާދެއެވެ.


އިންތިޚާބުގެ ޚަރަދުކުޑަކުރުން – އިންތިޚާބު އެއްފަސްކުރުން / ކަރުދާހުގެ ޚަރަދު ކުޑަކުރުން

ޑިމޮކްރަސީއަކީ އަގުބޮޑު ނިޒާމެކެވެ. ފެންވަރު ރަނގަޅު އިންތިޚާބެއް ބޭއްވުމަކީ ޚަރަދު ހިނގާ، އަގުބޮޑު ކަމެކެވެ. ނަމަވެސް، ޚަރަދު ކުޑަކުރަން ކުރެވެން ހުރި ކަންކަން ދެނެގަނެ، އެމަގަށް މަސައްކަތްކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. މިސާލަކަށް، ޤާނޫނަށް ގެންނަ ބަދަލަކުން، ރިޔާސީ އިންތިޚާބު ބާއްވާތާ 2 އަހަރު ބައި ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަކީވެސް ކުރެވިދާނެކަމެކެވެ. މިހާރު ކޮންމެ ފަސް އަހަރަކުން ބޮޑު 3 އިންތިޚާބު އެބަ ބާއްވަންޖެހެއެވެ. މިބަދަލާއެކު، އެ ޢަދަދު 2 އަކަށް މަދު ކުރެވި، ޚަރަދު ކުޑަކުރެވޭނެއެވެ. ޑިމޮކްރަޓިކް ނިޒާމަށްވެސް އެކަމުން ލިބޭނީ ކުރިއެރުމެވެ. އެއީ، ސަރުކާރުގެ މަސައްކަތް، ޓަރމުގެ މެދުތެރެއިން ވަޒަންކޮށް، ރައްޔިތުންނަށް ވޯޓު ފޮށި މެދުވެރިކޮށް ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ލިބޭނެތީއެވެ.


2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަށް85,619,761.00 (އަށްޑިހަ ފަސް މިލިއަން، ހަލައްކަ ނަވާރަހާސް ހަތްސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ) ޚަރަދުވެފައިވެއެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް (އެއް ބުރަށް) 65،829،595.00 (ފަސްދޮޅަށް ފަސް މިލިއަން، އަށްލައްކަ އޮނަތިރީސް ހާސް ފަސްސަތޭކަ ނުވަދިހަ ފަސް ރުފިޔާ) ޚަރަދުވިއެވެ. 2019 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް 45،440،227.00 (ސާޅީސް ފަސްމިލިއަން، ހަތަރުލައްކަ ސާޅީސް ހާސް ދުއިސައްތަ ހަތާވީސް ރުފިޔާ) އާއެކު 5 އަހަރު ތެރޭގައި ޖުމްލަ، 196،889،583.00 (ސަތޭކަ ނުވަދިޔަ ހަ މިލިއަން، އަށްލައްކަ އަށްޑިހަ ނުވަހާސް ފަސްސަތޭކަ އަށްޑިހަ ތިން ރުފިޔާ) ޚަރަދުވެއްޖެއެވެ. މަތީގައި އޮތް ފޯމިއުލާއާއެކު ފަހަރަކު 2 އިންތިޚާބު ބާއްވާނަމަ، މަދުވެގެން 140 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ޚަރަދު ކުޑަކުރެވޭނެކަމަށް އަންދާޒާކުރެވެއެވެ. 140 މިލިއަން ރުފިޔާއަކީ ޕީޖީ އޮފީސް ހިންގުމަށް ދެއަހަރު ދުވަހަށް ޚަރަދުވާނެކަމަށް ލަފާކުރާ ބަޖެޓާ އެއްވަރުގެ ޢަދަދެކެވެ.

 

އިންތިޚާބުގައި ބޭނުންކުރާ ކަރުދާހުގެ ޚަރަދަކީވެސް ބޮޑު ޚަރަދެކެވެ. މިހާރު ޗާޕުކުރާ ކަރުދާހަކީ ފައިސާގެ ނޫޓެކޭ ދާދި އެއްފެންވަރުގެ ކަރުދާހެކެވެ. ވޯޓު ކަރުދާހާމެދު 2008 ގައި އޮތް ނުތަނަވަސްކަމެއް މިހާރަކު ނެތެވެ. ވީމާ، ސެކިއުރިޓީ ފީޗަރތައް މަދުކޮށް، ޚަރަދު ކުޑަކުރެވޭނެ ގޮތަކަށް ވޯޓުކަރުދާސް ޗާޕުކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. ފަހަރަކު ދެ އިންތިޚާބަށް އެކުގައި ވޯޓު ކަރުދާސް ޗާޕުކުރާނަމަ، އެކަމުންވެސް ޚަރަދު ކުޑަކުރެވޭނެއެވެ.

 

މަޢުލޫމާތު ޢާންމުކުރުން – އެއްތަނަކުން މަޢުލޫމާތު ފެނުން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާގުޅޭ ޞަފްޙާއެއްވެސް ވެބްސައިޓުގައި އެބައޮތެވެ. އޭގައި އޮތީ ހަމައެކަނި އިޢުލާނުތަކެވެ. ޚަބަރުތަކެއް ނެތެވެ. މިސާލަކަށް، އިންތިޚާބަށް ކުރިމަތިލީ މީހުންގެ ރަސްމީ ޢަދަދެއް، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓަކު ނެތެވެ. ހުކުރު ދުވަހު ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައިވާކަމަށް ޚަބަރުގައި އޮތަސް، އެކަމާބެހޭ އެއްވެސް މަޢުލޫމާތެއް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓަކު ނެތެވެ. އިންތިޚާބުގެ އަދާހަމަ މަޢުލޫމާތުތައް، ވަގުތުން ވަގުތަށް ފެންނަ ވެބްސައިޓެއް ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް އަޅުގަނޑަށް ފެނެއެވެ. މިވެބްސައިޓުގައި، އިންތިޚާބާގުޅިގެން އިލެކްޝަނުންކުރާ ހުރިހާ ކަމެއް ފެންނަން ހުންނަންވާނެއެވެ. ޢާންމު ނޫސްތަކުގައި ހުންނަ ވާހަކަތަކުގެ މަޞްދަރަކަށް ވާންވާނީ މިދެންނެވި ވެބްސައިޓެވެ. ސޯޝަލް މީޑިއާއެއް ނޫނެވެ.


ކެނޑިޑޭޓުންގެ މަޢުލޫމާތު ޢާންމުކުރުން

އިންތިޚާބެއްގެ ބޭނުމަކީ، ޢާންމުންނަށް ޚިދުމަތްކުރަން ބަޔަކު އިންތިޚާބު ކުރުމެވެ. ކެނޑިޑޭޓުންނާބެހޭ މަޢުލޫމާތު ހޯދައި، އެމީހުންގެ ތެރެއިން އެންމެ ރަނގަޅު މީހެއް ދެނެގަތުމަކީ ވޯޓުލާ މީހާގެ ޒިންމާއެކެވެ. ނަމަވެސް، އެޒިންމާ އަދާކުރުން ފަސޭހަކުރުމަށްޓަކައި، އިންތިޚާބުގައި ވާދަކުރާ ކޮންމެ ކެނޑިޑޭޓަކު ހުށަހަޅާ މަޢުލޫމާތުތައް، ޢާންމުންނަށް ފޯރުކޮށްދިނުމަކީ އިލެކްޝަންސް ކޮމިޝަނަށް ކުރެއްވިދާނެ ކަމެކެވެ.

 

މިސާލަކަށް، އިންތިޚާބަށް ކުރިމަތިލާން ހުށަހެޅި ފޯމު، ކަމާބެހޭ ވެބްސައިޓެއްގައި ޢާންމުންނަށް ފެންނަ ގޮތް ހެދިދާނެއެވެ. އޭގައި އޮތް ކުށުގެ ރެކޯޑާއި ތަޢުލީމީ ފެންވަރު އެކަނި ބަލައިލިޔަސް، ވޯޓުލާ މީހާއަށް ބޭނުންތެރި މަޢުލޫމާތުކޮޅެއް ލިބޭނެއެވެ. މިމަޢުލޫމާތަކީ ސިއްރު މަޢުލޫމާތެއްވެސް ނޫނެވެ. އަޅުގަނޑަށް މިހާރު ފެންނަ މަންޒަރުތަކުންވެސް، ޖިނާއީ ކުށް ސާބިތުވެފައިވާ މީހުންނާއި ކުށުގެ ތުހުމަތުގައި ތިބި މީހުންވެސް އިންތިޚާބުގައި އެބަ ވާދަކުރެއެވެ. އެއިން މީހަކު އިންތިޚާބު ވުމަކުން ވަކި ތަފާތެއް އަންނާނީއެއް ނޫނެވެ. ނަމަވެސް، ވޯޓުލާ މީހާއަށް ތިމަންނާ މި އިންތިޚާބުކުރާ މީހާއަކީ ކޮންކޮން ކުށްތަކެއްގެ ތުހުމަތެއް އޮތް މީހެއްކަން އެނގިހުރެ ވޯޓުލުމުގެ ފުރުޞަތު އޮތުމަކީ ބޭނުންތެރި ކަމެއްކަމަށް ވެދާނެކަމަށް އަޅުގަނޑަށް ފެނެއެވެ.


އިންތިޚާބުގެ އިދާރީ ކަންކަމުގެ ފުރިހަމަކަން

އިލެކްޝަންސް ކޮމިޝަނަށް ޢާންމުންގެ އިތުބާރު އޮންނަ މިންވަރުގެ ބޮޑުކަމުން، އިންތިޚާބުގެ އިދާރީ އިންތިޒާމުތައް ހަރުދަނާ ވާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮވެއެވެ. ކޮންމެ ދުވަހަކު އިންތިޚާބު ބޭއްވިޔަސް، އިންތިޚާބުގެ ކަންކަމުގައި ދައުލަތުގެ ހުރިހާ އިދާރާއަކުން، އިލެކްޝަންސް ކޮމިޝަނަށް މިހާތަނަށް އައީ ފުރިހަމަ އެއްބާރުލުން ދެމުންނެވެ. އެކަމަށްޓަކައި، ޤައުމީ ލަފާދޭ ކޮމިޓީއެއްވެސް ކޮމިޝަނުގައި އޮވެއެވެ. އެކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ބައްދަލުވުންތަކުގައި ބައިވެރިވެވޭތީ، ކޮމިޓީގެ ތެރޭގައި އޮތް އެއްބައިވަންތަކަން އިޙުސާސްކުރެވެއެވެ. ވީމާ، އިންތިޚާބުގެ އިދާރީ ކަންކަން ފުރިހަމަވާނެކަމާމެދު ޝައްކެއް ނެތެވެ.

 

ނަމަވެސް، އިންތިޚާބުގެ ކުރިއަށް އަންނަ ކަންކަން ރަނގަޅުކޮށްގެން، އިންތިޚާބީ ނިޒާމަކީ ދިވެހިރާއްޖެއިން ބޭރު ޤައުމުތަކަށް ވިއްކާ، ދުނިޔޭގެ ފެންވަރުގެ ޕްރޮޑަކްޓަކަށް ހެދުމަކީ އަޅުގަނޑު ނުހަނު ދެކެން ބޭނުންވާ ދުވަހެކެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author