9/12/2026

އެންޓި ކޮރަޕްޝަން ކޮމިޝަނުން ސަރުކާރަށް ލަފާ ދިނުން؟ އެތަނުން ސަރުކާރަށް ދޭނެ ލަފައެއް ނޯންނާނެ!

މިއަދުގެ ހޫނު މައުޟޫއެވެ. އަޙްމަދު ޒާހިރަށް ހުޅުމާލޭގެ ފޭސް 2 އިން 1،250 އަކަފޫޓުގެ ބިމެއް 468،750ރ. އަށް ވިއްކަން ނިންމާފައިވާކަން ހާމަވާ ލިޔުންތަކެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ. އެކަމާ ގުޅިގެން ހައުސިންގ މިނިސްޓްރީ ބަޔާނެއް ނެރިއްޖެއެވެ. އެބަޔާނުގައި، ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމަކީ ޙައްސާސް މައްސަލައަކަށްވާތީ، އެފަދަ ކަންކަމުގައި ޢަމަލުކޮށްފައިވަނީ ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމަކީ މުހިންމުކަމެއްކަމަށް ލިޔެފައި އެބައޮތެވެ. އެއީ ތެދެކެވެ. ނަމަވެސް، އެބަޔާން ކިޔާލުމުން އުފެދޭ ސުވާލު، ލިބޭ ޖަވާބަށްވުރެ ގިނައެވެ. މިއީ އެ ސުވާލުތަކާއި ޖަވާބުލިބުން އެދޭ ކަންކަން ސާފުވޭތޯ ލިޔުނު ލިޔުމެކެވެ.

 

ފުރަތަމަ އޮތީ ޝަކްލީ ކަމެކެވެ. މިމައްސަލައިގައި މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް ބުނާތީ، އެބަޔާން ހޯދަން މިނިސްޓްރީގެ ވެބްސައިޓު ބެލިއިރު، ވެބްސައިޓުގެ "ޝާއިޢުކުރުންތައް" އަކު ނެތެވެ. އެބައިގެ ޚަބަރަކުވެސް، އިޢުލާނަކުވެސް ނެތެވެ. އެ ނޫސްބަޔާން ނެރެފައި އޮތީ ސޯޝަލް މީޑިއާގައެވެ. އަޅުގަނޑަށް އެ ނޫސްބަޔާން ފެނުނީ މާކް ޒުކަބާގްގެ އަމިއްލަ ވިޔަފާރި ޕްލެޓްފޯމެއް ކަމުގައިވާ ފޭސްބުކުންނެވެ. ދިވެހި ދައުލަތުގެ ރަސްމީ މުޢާމަލާތުތައް، އަމިއްލަ މީސްމީހުންގެ ވިޔަފާރިތަކަށް ބަރޯސާވުމުގައި އޮތް ނުރައްކާތެރިކަމާބެހޭ ގޮތުން މީގެ ކުރިން އަޅުގަނޑު ލިޔެފައިވާނެއެވެ. މާކް ޒުކަބާގް، މިނިސްޓްރީގެ އެކައުންޓް ބްލޮކްކޮށްފިނަމަ، ތާރީޚަށްޓަކައި މިނޫސްބަޔާނާބެހޭ އެއްވެސް މަޢުލޫމާތެއް އެއްވެސް ތަނެއްގައި ޝާއިޢުވެފައެއް ނޯންނާނެއެވެ. މިކަމަކީ ޤައުމީ ސަލާމަތާއި އާކައިވްކުރުމުގެ ވިސްނުމުން ބެއްޔަސް، ނުރައްކާތެރިކަމެކެވެ. ސަރުކާރުގެ ރަސްމީ މުޢާމަލާތުތައް ހުންނަންވާނީ ދިވެހި ސަރުކާރުގެ އަމިއްލަ ވެބްސައިޓުގައެވެ. މީހުންގެ ވިޔަފާރި ޕްލެޓްފޯމްތަކަކު ނޫނެވެ.

 

ދެން އޮތީ ބަޔާނުގެ މައުޟޫޢެވެ. މި ލިޔުން ބިނާކޮށްފައި މިއޮތީ ނޫސްބަޔާނުން ލިބެން ހުރި މަޢުލޫމާތަށެވެ. އަޙްމަދު ޒާހިރަށް ގޯއްޗެއް ދިނުމަކީ އަދި ވިއްކުމަކީވެސް މައްސަލައެއް ނޫނެވެ. ނަމަވެސް، ނޫސްބަޔާނުގެ 3 ވަނަ ޕެރެގްރާފުން އެނގެނީ، އަޙްމަދު ޒާހިރަށް "ވިއްކަން" ސަރުކާރުން ނިންމީ ބަންޑާރަ ބިމެއްކަމެވެ. ބަންޑާރަ ބިމެއް، ސަރުކާރަކަށްވެސް ނުވަތަ އެހެން މީހަކަށްވެސް، ވިއްކުމަކީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު ދަންނަ ކަމެއް ނޫނެވެ. ވިއްކޭނީ ބިން އަމިއްލަކުރުމަށްފަހުއެވެ. ވީމާ، ބަންޑާރަ ގޯއްޗެއް އަޙްމަދު ޒާހިރަށް "ވިއްކުމަށް" ސަރުކާރުން ނިންމީ ޤާނޫނާ އެއްގޮތަށްކަމަށް ބުނެވޭކަށް ނެތެވެ.

 

މީގެ ކުރިން އަޙްމަދު ޒާހިރަށް "ވިއްކަން" ނިންމާފައި އޮތީ މޯލްޑިވްސް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓު ބޯޑުގެ ބިމެކެވެ. އަޅުގަނޑު ހަނދާންވާގޮތުން، އޭރު އެ ބިންތަކަކީ ބަންޑާރަ ބިންތަކެއް ނޫނެވެ. ބޯޑުގެ އަމިއްލަ ބިމެވެ. ވީމާ، އޭރު އެބިންތައް ވިއްކުމަށް ހުރަހެއް ނެތީކަމަށް ވެދާނެއެވެ.

 

ތިންވަނަ ޕެރެގްރާފުގައި އިތުރަށް އޮތީ، ބިންވެރިޔާ ސްކީމުގެ ބިމެއް އަޙްމަދު ޒާހިރަށް "ވިއްކުމަށް" ނިންމީ، "23 އަހަރުވީ މައްސަލައަކަށް ޙައްލެއް ހޯދައިދިނުމަށް މި ސަރުކާރުގައިވެސް އެފަރާތުން އެދެމުންދާތީ، އެފަރާތަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، އެފަރާތުގެ ދިރިއުޅުމުގެ ޙާލަތަށް ބަލައިގެން" ކަމަށެވެ. ބިންވެރިޔާ ސްކީމާއި އެނޫންވެސް ގެދޮރުވެރިކަމުގެ ސްކީމްތަކުން މީގެކުރިން މީހުންނަށް ބިން ދީފައި އޮތީ، ތަފާތު އެކި ގަވާއިދުތަކާއި އުޞޫލުތަކާއި ޕޮއިންޓްދޭނެ ގޮތްތަކަށް ބަލައިގެންނެވެ. އަޙްމަދު ޒާހިރަށް ބަންޑާރަ ބިމެއް "ވިއްކަން" ނިންމުމުގައި، އޭނާ ސަރުކާރުގައި އެދެމުން ދިއުން އެއީ އަޞްލަކަށް ބަލާފައި އޮތުމުން، އެފަދަ ޙާލަތެއްގައި ހުރި އެހެން މީހަކަށް، ސަރުކާރުގައި އެދެން ޖެހޭ ގޮތާއި، އެދެން ޖެހޭ މިންވަރާއި، އެކަމުގައި ހިނގާންވީ މަގެއް ސާފެއް ނުވެއެވެ. އަޙްމަދު ޒާހިރަށް ކާމިޔާބު ލިބުނީ ކޮން ގޮތަކަށް އެދިގެންކަމެއް، ކޮން އުޞޫލެއްގެ ދަށުން އޭނާގެ ދިރިއުޅުމުގެ ޙާލަތަށް ބަލައިގެންކަމެއްވެސް ނޫސްބަޔާނަކުން ސާފެއް ނުވެއެވެ. އަޙްމަދު ޒާހިރާމެދު ޢަމަލުކުރީ އެހެން މީހުންނާމެދުވެސް ޢަމަލުކޮށްފައި އޮތްގޮތަށްކަމަށް ދޭހަކޮށްދޭން ނޫސްބަޔާނުން މަސައްކަތްކުރާއިރު، އެކަމުގައި ސަރުކާރުން ޢަމަލުކުރި ލިޔެފައި އޮތް މިންގަނޑެއް ކިޔައެއް ނުދެވެއެވެ. ނުވަތަ ލިޔެފައި އޮތް މިންގަނޑެއް އޮތްނަމަ، އެ މިންގަނޑު އޮތީ ކޮންތަނަކުކަމެއް ކިޔައިނުދެވޭތީ، މި ނިންމުމުގެ ދެފުށެއް ނުފެނެއެވެ. ދެފުށް ނުފެންނަނަމަ، މި ނިންމުން އިންޞާފުވެރިކަމާމެދު ގޮތް ނިންމަން އުނދަގޫވާނެއެވެ.

 

ނޫސްބަޔާން ކިޔުމުން ޖަވާބު ނުލިބޭ ސުވާލަކީ، އަދި އަޅުގަނޑު ބޮޑަށް ޝައުޤުވެރިވީ، 22 ޑިސެމްބަރ 2003 ގައި، ސަރުކާރުގެ ރަސްމީ ލިޔުމަކުން އަޙްމަދު ޒާހިރަށް ވިއްކަން ނިންމި ގޯތި، 23 އަހަރުވީއިރުވެސް އެ ނިންމުން ސަރުކާރަށް ތަންފީޒުނުކުރެވުނު ސަބަބު ސާފުކުރާށެވެ. އެ ނިންމުމަކީ އޭގެ ޒާތުގައި ރަނގަޅު ނިންމުމެއްނަމަ، 23 އަހަރުވަންދެން އެ ނިންމުން ތަންފީޒުނުވެ އޮތީ ކީއްވެހެއްޔެވެ؟ މިދިޔަ 23 އަހަރު ތެރޭގައި ތަންފީޒުނުކުރެވި އޮތް ކިތައް ނިންމުން އެބައޮތް ހެއްޔެވެ؟ މިއީ ހިންގުމުގެ ދާއިރާގެ ކާކުގެ ސަބަބުން ދިމާވި ކަމެއް ހެއްޔެވެ؟ އެމީހަކާ ނުވަތަ ބަޔަކާމެދު އެޅި ފިޔަވަޅަކީ ކޮބައި ހެއްޔެވެ؟ ޤާނޫނީ ގޮތުން ތަންފީޒުކުރެވޭނެ ލިޔުމެއް އޮވެމެ، ކޯޓުތަކުގެ ދޮރުގައި އަޙްމަދު ޒާހިރު ޓަކި ނުޖެހީ ކީއްވެގެން ހެއްޔެވެ؟

 

ދައުލަތުގެ އިދާރާއަކުން ޢާންމު މީހަކަށް ދޭ ލިޔުމަކީ އޭގައި ޤާނޫނީ އަދި ތަންފީޒީ ބާރު ހުންނާނެ ލިޔުމެކެވެ. އަޙްމަދު ޒާހިރަށް ވިއްކުމަށް ސަރުކާރުން 2003 ގައި ނިންމި ގޯތި، އޭނާއަށް ލިބެންޖެހެއެވެ. އެ ނިންމުން ތަންފީޒުކުރުމަކީ ކޮންމެ ސަރުކާރަކުންވެސް ކުރަންޖެހޭނެ ކަމެކެވެ. މިސަރުކާރުންވެސް މިކަން ކުރަން އުޅެނީ އެ ނިންމުން ތަންފީޒުކުރުމުގެ ހެޔޮ ނިޔަތުގައިކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. އަޙްމަދު ޒާހިރުގެ ޙައްޤު އޭނާއަށް ހޯދައިދެވޭނެ އެތައް ގޮތެއް އޮންނާނެއެވެ. މައްސަލައަކީ އޭނާއަށް ގޯއްޗެއް ވިއްކުމަށް ނިންމުމެއް ނޫނެވެ. އެކަމުގެ ވަށައިގެން ހުރި އިދާރީ އަދި ޤާނޫނީ މައްސަލަތައް ޙައްލުނުވާނޭހެން އެކަން ކުރަން ނިންމުމުން އޭނާގެ ޙައްޤުތަކަށް އިތުރަށް ގެއްލުންވުމުގެ ފުރުޞަތު އޮތުމެވެ. މިސާލަކަށް، ސަރުކާރުން ނިންމި ގޮތަށް، ބަންޑާރަ ބިމެއް އަޙްމަދު ޒާހިރަށް ވިއްކައިގެން، އެބިމަށް އޭނާ ފައިސާ ދައްކާ ފަހުން، އެއީ ޤާނޫނީ ގޮތުން ޞައްޙަ ނިންމުމަކަށް ނުވެގެން އޭނާ އަލުން އެކަމާ އުޅެންޖެހިއްޖެނަމަ، ޙަޤީޤަތުގައި އެއީ އޭނާއަށް ކުރެވޭ އިތުރު ގޯނާއަކަށް ނޫނީ ނުވާނެއެވެ. ކަމެއް ކުރަންޏާ ކުރަންވާނީ ރަނގަޅަށެވެ. އިޙްސާންތެރިކޮށެވެ. ފޭރާން ހެޔޮކޮށެވެ.

 

އަޙްމަދު ޒާހިރުގެ ގޯތީގެ މައްސަލައަށްވުރެ ބޮޑަށް މި ނޫސްބަޔާނުން އަޅުގަނޑު ކަންބޮޑުވީ އެންޓި ކޮރަޕްޝަންގެ ރޯލާމެދު ސަރުކާރަށް އަރާފައި އޮތް އޮޅުމެވެ. ނޫސްބަޔާނުގައި ބުނަނީ، "މިމައްސަލައިގައި ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފަށް މިނިސްޓްރީއިން ޢަމަލުކޮށްފައިވޭތޯ ބަލައިދިނުމަށް އެދި މި މިނިސްޓްރީން އިސްވެ، މިމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައި" ވާ ކަމަށެވެ.

 

އެންޓި ކޮރަޕްޝަން ކޮމިޝަނަކީ ސަރުކާރުގެ ވަކި އިދާރާތަކަށް ލަފާދީ ހެދުމުގެ ޤާނޫނީ އިޚްޠިޞާޞް އޮތް ތަނެއް ނޫނެވެ. ޤާނޫނު ނަންބަރު 2008/13 (އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 22 ވަނަ މާއްދާ (ކޮމިޝަނުގެ ބާރުތައް) ގެ (ކ) ގައި އޮތީ؛ "ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް، ދައުލަތުގެ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ލަފާ ދިނުމާއި، ކަމާގުޅޭގޮތުން އަންގަންޖެހޭ އެންގުންތައް އެ އިދާރާތަކަށް އެންގުން." މިހެންނެވެ. އޭސީސީއިން ޤަބޫލުކުރަނީ މިއަކުރުގެ ދަށުން ސަރުކާރުގެ އިދާރާތަކަށް ލަފާ ދިނުމަކީ އެ ކޮމިޝަނަށް ކުރެވިދާނެ ކަމެއް ކަމަށެވެ. ޤާނޫނު އޮތީ ދިވެހިބަހުން ކަމަށްވާތީ، މިމާއްދާގައި ލަފާ ދިނުން އޮތުމުން ލަފާ ދެވޭނެ ކަމަށެވެ.

 

ނަމަވެސް، ޤާނޫނުގެ މާއްދާތައް ކިޔަންވާނީ ފަންނީ ވިސްނުމަކުންނެވެ. ޤާނޫނު ލިޔެފައި ހުންނަނީ ޤާނޫނު މާނަކުރާއިރު ނުކުންނާނެ ނަތީޖާއަށް ވިސްނައިގެން ކިޔާށެވެ. މިމާއްދާގައި ލަފާ ދިނުމުގެ ވާހަކައިގެ ކުރިއަށް، އެ މާއްދާގެ ޞަދުރުގައި އޮތީ "ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް" އެއަށްފަހު، "ދައުލަތުގެ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ލަފާ" ދޭ ވާހަކައެވެ. މުސްތަޤިއްލުކޮށް، ވަކިވަކި މައްސަލަތަކުގައި ލަފާދޭ ވާހަކައެއް ނޫނެވެ. އަދި، މިމާއްދާ އޮތް ގޮތުން، ދިރާސާއެއް ނުކޮށްވެސް ލަފައެއް ނުދެވޭނެއެވެ. މީގެ އިތުރުން، ޤާނޫނީ ދާއިރާގައި ކަމެއްގެ ލަފައެއް ހޯދުމުގެ މާނައަކީ އެކަމެއް އެގޮތަކަށް ކުރަން މަޖުބޫރުވުމެއްވެސް ނޫނެވެ. ލަފައާ އެއްގޮތަށް ޢަމަލުކުރުމާއި ނުކުރުމަކީ ލަފާ ލިބޭ ފަރާތުގެ ކަމެކެވެ. ވަކި ގޮތަކަށް ޢަމަލުކުރަން އަންގާނަމަ، އެއަށް ކިޔާނީ އެންގުމެވެ. ލަފައެއް ނޫނެވެ.

 

މިމާއްދާގައި އޭސީސީއަށް އޮތީ މިނިސްޓްރީއަށާއި ސަރުކާރަށް ވަކިވަކި މައްސަލަތަކުގައި ލަފާ ދިނުންކަމަށް ބަލައިފިނަމަ، ދެން ނުކުންނަ މައްސަލަ މާ ނުރައްކާތެރިއެވެ. އެއީ، އޭސީސީއަކީ ސަރުކާރުގެ އިދާރާކަށްވުމެވެ. ސަރުކާރުގެ ހިންގުމުގެ ދާއިރާއަށް ވަންނަންނުޖެހޭ މިންވަރަށް ވަނުމެވެ. ދައުލަތުގެ އިދާރާތަކަށް ފާރަވެރިވުމުގެ ސިފަ، އޭސީސީއަށް ދާއިމީ ގޮތެއްގައި ގެއްލުމެވެ.

 

ބަހުސްގެ ބޭނުމަށް، (ޤާނޫނާ ޚިލާފަށް ވިޔަސް) އަޙްމަދު ޒާހިރުގެ މައްސަލައިގައި އޭސީސީއިން މިނިސްޓްރީއަށް ލަފައެއް ދީގެން، އެލަފައާ އެއްގޮތަށް ސަރުކާރުން ޢަމަލުކޮށްފިނަމަ، އޭސީސީއަކަށް އެމައްސަލައެއް ދެނެއް ނުއެއް ބެލޭނެއެވެ. އެއީ، އެމައްސަލައިގެ ތަޙްޤީޤެއް ހިންގުމުގެ ކުރިން، އޭސީސީއިން އެމައްސަލައިގައި ގޮތެއް ނިންމާފައި އޮތުމުންނެވެ. އެ ލަފައާ ޚިލާފަށް ސަރުކާރުން ކަމެއް ކޮށްފިނަމަ، އޭސީސީއަށް އޮންނާނީ އެމައްސަލަ ބަލައި ފިޔަވަޅު އެޅުމެވެ. ނަމަވެސް، އޭރުން، މައްސަލައެއް ބެލުމުގެ ކުރިން، އެމައްސަލައިގައި ވަކި ގޮތެއް އެއޮތީ ނިންމިފައެވެ. ޤާނޫނުގައި ވަކިވަކި އިދާރާތަކަށް ލަފާ ދިނުމުގެ މަސައްކަތް އޭސީސީއާ މަތިކޮށްފައި ނެތީ، މިދެންނެވި ބާވަތުގެ ފަންނީ މައްސަލަތައް ނުކުންނާނެތީއެވެ. އޭސީސީއަކީ ލަފާދޭ ޠަބީޢަތުގެ މަސައްކަތްކުރާ ތަނަކަށް ނުވާތީއެވެ. އަދި، ޢަމަލީ ގޮތުން ބަލާއިރު، ސަރުކާރަށް ސުވާލު އުފެދޭ ކޮންމެ ކަމެއް ދިމާވާއިރަށް އޭސީސީއަށް ލިޔަންވެއްޖެނަމަ، ސަރުކާރެއްވެސް ނުހިންގޭނެއެވެ. ސަރުކާރަށް ޤާނޫނީ ލަފާދޭނީ ބަންޑާރަ ނައިބެވެ. އޭސީސީއަކުން ނޫނެވެ. އޭސީސީއަކީ ސަރުކާރަށް ނުވަތަ އެނޫންވެސް ތަނަކަށް ޤާނޫނީ ލަފާ ދިނުމުގެ ޤާނޫނީ ހައިސިއްޔަތެއްވެސް، ޤާބިލުކަމެއްވެސް އޮތް ތަނެއް ނޫނެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author