11/26/2023
މޯލްޑިވްސް މީޑިއާ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި، ނޫސްވެރިންނަށް އިނާމުދިނުމުގެ ޖަލްސާ ރޭގައި އޮތެވެ. މިއީ ނޫސްވެރިންގެ އޮސްކާ އެވޯޑެވެ. ރޭގެ ޙަފްލާގައި އިނާމު ޙާޞިލުކުރެއްވި ހުރިހާ ނޫސްވެރިންނަށް މަރްޙަބާއާއި މުބާރިކްބާދީ އަރިސްކޮށް، ތިޔަ ދާއިރާގައި އިތުރު ކާމިޔާބު ލިބުން އެދި ދުޢާކުރަމެވެ. އެޖަލްސާގެ ދަޢުވަތު އަޅުގަނޑަށް ލިބުނުވެސްމެއެވެ. ނަމަވެސް، އަޅުގަނޑުގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ރޭގަނޑު އޮންނަ ޙަފްލާތަކަށް ދިއުމަކީ ދަތިކަމަކަށްވާތީ، ދެވޭގޮތެއް ނުއްވެވެ. އަޅުގަނޑުގެ ވެރިކަމެއްގައި، އެންމެ އާދަޔާ ޚިލާފު ޙާލަތުތަކުގައި މެނުވީ، ރޭގަނޑު ޖަލްސާތައް ބޭއްވުމާއި، ހަފްތާ ބަންދުގައި ރަސްމީ ދަތުރުކުރުން ހުއްޓާލާނަމެވެ.
މިހަފްތާ ބަންދުގައި ޓީވީން ދެއްކި ޚަބަރެއް ބަލައިލީމެވެ. ހަފްތާ ބަންދުގައި، ދިވެހި ބަހާބެހޭ ވަޒީރު އުޅުއްވީ ބ. ތުޅާދޫގައެވެ. އެރަށު ސްކޫލް ކުދިންނާ ބައްދަލުކުރައްވައި، އެކުދިންގެ ކިޔެވުމުގެ ކަންކަން ބެއްލެވިއެވެ. ނަޞްރުގެ ދުވަސް ފާހަގަކުރުމަށް އެ ރަށު ކައުންސިލުން ބޭއްވެވި ބައްދަލުވުމެއް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުވެސް ދެއްކެވިއެވެ. ޖަލްސާ އޮތީ ރޭގަނޑެވެ. އެޓޮލްސް މިނިސްޓަރ އަލްފާޟިލް އާދަމް ޝަރީފް އުޅުއްވާތަން ފެނުނީ ބ. ކަމަދޫގައެވެ. ރޭގަނޑުގެ ފަރިއްކޮޅެއްގައި ބޮޑުބެރު ޖައްސަވާން ހުންނަވަނިކޮށް ޓީވީން ފެނުނެވެ. ފިލިޕީންސްގެ ލޯކަލް ގަވަރނަންސްއާބެހޭ ވަފުދެއްގެ ޝަރަފުގައި އޮތް ފަރިއްކޮޅެއްކަމަށްވެއެވެ. އެވަފުދާއި ދިވެހި ރަށު ކައުންސިލްތަކާއެކު މަސައްކަތު ބައްދަލުވުންތަކެއް ހަފްތާ ބަންދުގައި ހިނގިކަމަށް ޓީވީން ގޮވިއެވެ. ވަޒީރުން މިދަތުރުތައް ކުރެއްވީ، މިނޫން އެހެން ގޮތެއް ނެތިގެންކަން އަޅުގަނޑަށް ހަމަ ޔަޤީނެވެ. މަޤްބޫލު ޢުޛުރެއް އޮންނާނެއެވެ. އެހެން ނޫންނަމަ، ހަފްތާ ބަންދުގައި ރަސްމީ މަސައްކަތެއް ޢާންމު ގޮތެއްގައި ނުކުރައްވާނެއެވެ.
ވަޒީފާއާބެހޭ ޤާނޫނު ބުނާގޮތުން، ކޮންމެ މުވައްޒަފަކަށްވެސް، ހަފްތާއަކު އަރާމުކުރާނެ ވަގުތު ދޭންޖެހެއެވެ. އެއީ، ރަސްމީ މަސައްކަތް ނިންމާލާފައި ޢާއިލާއާއެކު ވަގުތު ހޭދަކޮށްލަން ލިބޭ ދެދުވަހެވެ. އެވަގުތަކީ ޢާންމު ގޮތެއްގައި ހަފްތާ ބަންދެވެ. ހަފްތާ ބަންދުގެ ދެ ދުވަހަކީ ވަޒީރުގެ ނުވަތަ އޮފީހުގެ ރަސްމީ ދަތުރުތައް އޮންނަ ދުވަސްތަކަށް ވެއްޖެނަމަ، ވަޒީރު އަރިހުގައި ދަތުރުކުރާ ޓީމަކަށްވެސް ހަފްތާ ބަންދު ނުލިބެއެވެ. ޢާއިލާއާއެއްކޮށް ހޭދަކުރަން ލިބޭ ވަގުތު ގެއްލެނީއެވެ. ޤާނޫނުގައި ބުނާ އަރާމުކުރާ ވަގުތު ދެވޭކަމާމެދު ސުވާލު އުފެދެނީއެވެ. ހަފްތާ ބަންދުގައި ބާއްވާ ޖަލްސާތައް ދުވާލު ބޭއްވިޔަސް، އެޖަލްސާއަށް ވާންޖެހޭ ތައްޔާރީތައް ކުރުމުގައި އުޅުއްވާ މުވައްޒަފުންނަށް ހަފްތާ ބަންދެއް ނުލިބެއެވެ. މިއީ، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރާނެ ނިޒާމެއް ނޫނެވެ. ޙާލަކުން ފަހަރަކު، ކަމެއް ދިމާވެދާނެއެވެ. ނަމަވެސް، މިއީ، އާދައަކަށް ހަދައިގެނެއް ނުވާނެއެވެ.
ދައުލަތުގެ މަސައްކަތުގައި ހިނގާ ގިނަ މަސައްކަތަކީ، މިޒަމާނުގެ މަސައްކަތު ކެޓަގަރީތަކުން ބަލާއިރު، ސިކުނޑި ބޭނުންކޮށްގެން ކުރާ މަސައްކަތެވެ. ސިކުނޑިއަކީވެސް، އަތާއި ފަޔާއި ހަށިގަނޑުގެ އެހެން މަސްތަކެކޭ އެއްގޮތަށް މަސްގަނޑެކެވެ. އެއީ މެޝިނެއް ނޫނެވެ. ސިކުނޑި، އޭގެ ފުރިހަމަ ގޮތުގައި މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ އަރާމު ލިބެންޖެހެއެވެ. ސިކުނޑީގެ ފުރިހަމަ ބޭނުންކުރެވޭނީ، އެ ބޭނުންކުރާ ވަގުތު ރަނގަޅަށް ބޭނުންކުރުމަށްފަހު، އަރާމުކުރުމަށް ވަގުތު ދީގެންނެވެ. އަރާމުނުލިބި، ދުވާލަކު 15 ގަޑިއިރު ސިކުނޑި ލައްވާ މަސައްކަތް ކުރުވާނަމަ، މާގިނަ ދުވަހެއް ނުވެ، ސިކުނޑީގެ ބާރާއި ތޫނުފިލިކަން ދަށްވާން ފަށާނެއެވެ. އާދައިގެ މީހަކު، ދުވާލަކު މެރަތަންއެއް ދުވަންވެއްޖެނަމަ، އިސާހިތަކު އޭނާގެ ފައިގެ ބާރު ދަށްވާންފަށާނެއެވެ. ސިކުނޑިވެސް ހަމަ އެހެނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ ހައިސިއްޔަތުން، ދުނިޔޭގެ އެހެން ޤައުމުތަކަށް ދަތުރުކޮށް އުޅޭއިރު، އިޖްތިމާޢީ ޙަފްލާއެއް ފިޔަވައި އެހެން ޙަފްލާއެއް ރޭގަނޑު ބާއްވާތީއެއް ނުފެނެއެވެ. ރަސްމީ ޖަލްސާތަކާއި ބައްދަލުވުންތައް އޮންނަނީ ދުވާލުއެވެ. އެންމެ ލަސްވެގެން ހަވީރު ފަހެއް ޖަހަންވާއިރަށް ނިމެއެވެ. އިޖްތިމާޢީ ޙަފްލާތައްވެސް ރޭގަނޑު 7 ޖަހަންވާއިރަށް ނިންމާލައެވެ. އިނގިރޭސި ވިލާތުގައިވެސް، ރޭގަނޑު 7 ޖަހަންވާއިރަށް މީސްމީހުން ގެއަށްވަދެ ނިދަން އޮށޯވެއެވެ. ހަފްތާ ބަންދަކާ ދިމާކޮށް، ބޭރަށް ގޮސްލާ ނޫޅެއެކޭ ނޫނެވެ.
އިސްލާމީ ފަލްސަފާއަށް ބަލާއިރުވެސް އެކަން އޮތީ އެހެނެވެ. އިސްލާމްދީނުގެ ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަންކުރަން ބޭނުންކުރާ އެއް ވަޞީލަތަކީ ނަމާދެވެ. ނަމާދު ވަގުތުތައް ތަރުތީބުވެފައި ހުރި ގޮތަށް ބެލުމުން، ފަތިހު އަވަހަށް ހޭލައިގެން މަސައްކަތްކުރުމަށާއި، ރޭގަނޑު އަވަހަށް ނިދުމަށް ބާރު އަޅާފައިވާކަން އެނގެއެވެ. ޢިޝާގެ ޖަމާޢަތް ލައްވާނުލައިފިނަމަ، ދެން އޮންނަ ގޮތަކީ، އަވަހަށް ނިދާފައި، ދަމު ނަމާދަށް ހޭލައި، ޢިޝާނަމާދާއި ދަމުނަމާދު ކޮށް، ފަތިސް ނަމާދަށް އިންތިޒާރުކޮށްގެން އިނުމެވެ. ރޭގަނޑާއި ދުވާލުގެ ދައުރާބެހޭ ގޮތުން ޤުރުއާނުގެ ސާފު ނައްޞެއް އެބައޮތެވެ. ނަބައާ ސޫރަތުގެ 9 ވަނަ އާޔަތުން ފެށިގެން އޮތީ، وَجَعَلْنَا އަދި ލެއްވީމޭ، نَوْمَكُمْ ތިޔަބައިމީހުންގެ ނިދި، سُبَاتًۭا އަރާމެއް ކަމުގައި. وَجَعَلْنَا އަދި ލެއްވީމޭ، ٱلَّيْلَ ރޭގަނޑު، لِبَاسًۭا ފޭރާމެއް ކަމުގައި، وَجَعَلْنَا އަދި ލެއްވީމޭ، ٱلنَّهَارَ ދުވާލު، مَعَاشًۭا ދިރިއުޅުމަށް މަސައްކަތްކުރާ ވަގުތެއް ކަމުގައި، މިހެންނެވެ. އަންބިޔާއު ސޫރަތުގެ 16 ވަނަ އާޔަތުގައި އޮތީ، وَمَا خَلَقْنَا އަދި ތިމަން ރަސްކަލާނގެ ނަހައްދަވަމޭ، ٱلسَّمَآءَ އުޑާއި وَٱلْأَرْضَ ބިމާއި وَمَا بَيْنَهُمَا އެދެމެދުގައި ވާހާތަކެތި لَـٰعِبِينَ ކުޅިވަރެއްގެ ގޮތުގައި، މިހެންނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި، އަޅުގަނޑުގެ ސިޔާސަތަކީ، ދަތުރުފަތުރު ހުންނަ ގޮތުން ހަފްތާ ބަންދުގައި ކުރަން ޖެހިގެން މެނުވީ، ހަފްތާ ބަންދާ ދިމާވާގޮތަށް ރަސްމީ ދަތުރުނުކުރުމެވެ. ރަސްމީ ދަތުރެއްގައި އުޅޭއިރުވެސް ރަސްމީ ވަގުތު ނިމުމުން އިތުރަށް މަސައްކަތް ނުކުރުމެވެ. ކުޅުދުއްފުށީގައިވެސް، ނ. މަނަދޫގައިވެސް، ގދ. ތިނަދޫގައިވެސް މެންދުރުފަހު 3 ގެ ފަހުން، ރަސްމީ މަސައްކަތް ނުކުރުމެވެ. ކުރަންޖެހޭ މަސައްކަތްތަކާއި، ބައްދަލުކުރަންޖެހޭ މުއައްސަސާތަކާ ރަސްމީ ގަޑީގައި ބައްދަލުކޮށް ނިންމުމެވެ. މީގެ އިތުރުން، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ފިޔަވައި، އެހެން މަސައްކަތްތައްވެސް ހަފްތާ ބަންދުގައި ނުކުރުމެވެ. ކޮންމެހެން ގުޅަންޖެހިގެން މެނުވީ، އޮފީހުގެ މުވައްޒަފަކަށް ހަފްތާ ބަންދުގައި ނުގުޅުމެވެ.
އަޅުގަނޑުގެ ވެރިކަމެއްގައި، ނޫސްވެރިންގެ އޮސްކާ އެވޯޑު އޮންނާނީ ހަވީރުއެވެ. އެންމެ ލަސްވެގެން އިރުއޮއްސި 7 ޖަހަންވާއިރަށް ނިމޭނެއެވެ. އެކަން އޮންނާނީ ހަފްތާ ބަންދަކު ނޫނެވެ. ސްކޫލްކުދިންގެ ޓޮޕްޓެން އިނާމު ދިނުންވެސް އޮންނާނީ ދުވާލުއެވެ. ދައުލަތުގެ ރަސްމީ ހުރިހާ ކަމެއް އޮންނާނީ ދުވާލުއެވެ. ހަފްތާ ބަންދުގައި ރަސްމީ ދަތުރުކުރުމެއް ނޯންނާނެއެވެ. ހަފްތާ ބަންދުގައި ރަސްމީ ޙަރަކާތެއް ބާއްވަން ޖެހިއްޖެނަމަ، އޭގެ ބަދަލުގައި އަރާމުކުރާނެ ދުވަހެއް، ހަފްތާގެ ތެރެއިން މުވައްޒަފުންނަށް ލިބޭނެއެވެ.
____
ފޮޓޯ: ޢަދަދު ނޫސް
The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author