2/18/2023

ރާއްޖޭ މީހުން މޮޅަށް ކުރާ ކަންކަން – 1 [ކާވެނި ނުކުރެވޭނެ ދުވަސްތަކުގެ ލިސްޓު]

އަޅުގަނޑު އަބަދުވެސް ހިތަށް އަރާ ކަމެއް އޮވެއެވެ. ދިވެހިރާއްޖޭގެ މީހުން، އާދަޔާ ޚިލާފަށް މޮޅަށް ކުރާ ކަމަކީ ކޮބައިތޯއެވެ. މިދުވަސްވަރު، އަޅުގަނޑުގެ މަސައްކަތް ބޮޑަށް ބިނާވެފައި އޮތީ މެނޭޖްމަންޓް ދާއިރާއަށް ކަމަށްވާތީ، މެނޭޖްމަންޓް ދާއިރާއިން މިސުވާލު އަބަދުވެސް ހިތުގައި އޮވެއެވެ. މިސިލްސިލާއަކީ، ދިވެހިރާއްޖޭގައި، މީހުން އާދަޔާ ޚިލާފަށް މޮޅަށް ކުރާ ކަންކަން ދެނެގަނެ، ދިރާސާކޮށް، އެކަންކަމަށް ވާޞިލުވިގޮތް ބަލައި، ހޯދައި، ޑޮކިއުމަންޓް ކުރުމުގެ ބޭނުމުގައި ލިޔާ ސިލްސިލާއެކެވެ. މިސިލްސިލާގައި، ދައުލަތުގެ އިދާރާތަކުން ކުރިން ރަނގަޅަށް ކުރުމަށްފަހު، މިހާރު ބޮއްސުންލާފައި ހުރި ކަންކަމާބެހޭ ގޮތުންވެސް ލިޔެވޭތޯ ބަލާނަމެވެ.

 

ކާވެނިކޮށްދޭ ދުވަސްތައް ދުރާލާ އިޢުލާންކުރުން

ކާވެންޏަކީ އުފާވެރި މުނާސަބަތެކެވެ. އާދަކާދައިގެ ގޮތުން، ވަރަށް ގިނަ ތައްޔާރީތައްވެސް ވާންޖެހޭ މުނާސަބަތަކެވެ. އެތައްޔާރީތަކުގެ ތެރޭގައި، ޤާނޫނީ ގޮތުން ކުރަންޖެހޭ ކަންކަންވެސް ހިމެނެއެވެ. އެންމެ މުހިންމު އެއް ކަމަކީ ކާވެނި ކުރާ ދުވަހެވެ. ރީތި ތާރީޚުތަކާއި، ފަލަކީ ގޮތުން ޚާއްޞަ ދުވަސްތަކާއި، ނުޖޫމީ ޢިލްމުވެރިން ލަފާދޭ ދުވަސްތަކުގައި ކާވެނިކުރުމަކީ ދިވެހިރާއްޖޭގައިވެސް އާދައެކެވެ.

 

ޢާއިލާއާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ޢާއިލާއާބެހޭ ގަވާއިދުގެ 100 ވަނަ މާއްދާ (ކައިވެނިކޮށްދޭ ދުވަސްތައް އިޢުލާން ކުރުން) ގައި އޮންނަނީ، "ކޮންމެ މީލާދީ އަހަރެއް ނިމުމުގެ 15 ދުވަސް ކުރިން ޖެހިގެން އަންނަ އަހަރުގެ ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތައް ކޯޓުން އިޢުލާންކުރަންވާނެ" ކަމަށެވެ. މިގަވާއިދާއެކު، 2011 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރަކު، ފެމިލީ ކޯޓުން ކައިވެނިކޮށްނުދޭ ދުވަސްތައް ދުރާލާ އިޢުލާންކުރެއެވެ. އެވާހަކަ ނޫސްތަކުގައިވެސް ލިޔެއެވެ.

 

2023 ވަނަ އަހަރު ކައިވެނިކޮށްނުދޭ ދުވަސްތަކާބެހޭ މަޢުލޫމާތު، 15 ޑިސެމްބަރ 2022 ދުވަހު ނެރެފައިވާ އިޢުލާނު ގައި އެބައޮތެވެ. އެހެންކަމުން، މިއަހަރު ކާވެނިކުރަން ޤަޞްދުކުރާ އެންމެނަށްވެސް، ކާވެނިކުރެވޭނެ ދުވަސްތަކާއި ގަޑިތައް ސާފުކޮށް އެނގޭން އެބައޮތެވެ. އެކަންކުރަން އޮތީ، 'މީހަކަށް ގުޅައިގެން' ކަމެއް ކުރާނެ ފުރުޞަތެއް ނެތް، މީހެއްގެ ނުފޫޒެއް ނެތި ކަންކަން ކުރެވޭނެ ނިޒާމެކެވެ. ކާވެނީގެ ރަޖިސްޓްރާރގެ މަޤާމުގައި ނުވަތަ ފެމިލީ ކޯޓުގެ އިސްޤާޟީގެ މަޤާމުގައި ކޮންމެ ބޭފުޅަކު ހުއްޓަސްވެސް، ކާވެނިކުރެވޭނެ ދުވަސްތައް ކަމަށް ދުރާލާ އިޢުލާންކޮށްފައިވާ ދުވަސްތައް ނޫން ދުވަހެއްގައި ކާވެންޏެއް ކުރެވިދާނެކަމަކަށް ނުފެނެއެވެ. އިސްތިސްނާ ޙާލަތެއްގައި ޢަމަލުކުރާނެ ގޮތެއް ގަވާއިދަކު ނެތެވެ. ވީމާ، ކައިވެނި ކޮށްނުދޭނެކަމަށް އިޢުލާންކޮށްފައިވާ ދުވަހެއްގައި ކައިވެންޏެއް ކޮށެއް ނުވެސް ދެވޭނެއެވެ. މިއީ، ކޮރަޕްޓް ވުމުގެ ފުރުޞަތު ކުޑަ، ކޮރަޕްޝަނާ ބީރައްޓެހި ނިޒާމެކެވެ.

 

މިބާވަތުގެ އަނެއް ކަމަކީ، ސަރުކާރު ބަންދު ދުވަސްތައް އަހަރުގެ ކުރީކޮޅު އިޢުލާނުކުރުމަށް ރައީސް އޮފީހުން މިހާރު ގެންގުޅުއްވާ އާދަކާދައެވެ. ޗީފް އޮފް ސްޓާފް ސޮއިކުރައްވައި، އަހަރުގެ ކުރީކޮޅު ނެރުއްވާ ދެންނެވުމުގައި، މިއަހަރު ރަސްމީކޮށް ސަރުކާރު ބަންދު ދުވަސްތަކުގެ ބޭރުން، ރައީސަށް ފެނިވަޑައިގެން ސަރުކާރު ބަންދުކުރައްވާ ދުވަސްތަކުގެ ލިސްޓެއް ނެރުއްވައެވެ. ޢާއިލާއާބެހޭ ކޯޓުން ނެރުއްވާ ލިސްޓާ ޚިލާފަށް، ރައީސް އޮފީހުގެ ލިސްޓަށް ދޭތެރެދޭތެރެއިން، މަދުމަދުން ބަދަލު އާދެއެވެ. ނަމަވެސް، މަސައްކަތަށް ދަތިވާވަރުގެ ބަދަލެއް ނޫނެވެ.

 

އަޅުގަނޑަށް ފެނުނީ، ގަވާއިދަކުން މަތިކޮށްގެން ވިޔަސް، ފެމިލީ ކޯޓުން ނެރުއްވާ ކާވެނިކޮށްނުދެވޭނެ ދުވަސްތަކުގެ ލިސްޓަކީ، މީހުންގެ ނުފޫޒުން ނިޒާމު މިނިވަންކޮށް، ވަކި މީހަކަށް ނުބަލައި، ކަންކަން ކުރެވޭނެ އުޞޫލެއް ޤާއިމުކުރި ނިޒާމެއް ކަމަށެވެ. ޢާންމުންގެ އިތުބާރު ލިބިފައިވާ ނިޒާމެއް ކަމަށެވެ.


ކާވެނިކޮށްނުދޭ ދުވަހެއްކަމަށް ޢާންމުކޮށް އިޢުލާންކޮށްފައިވާ ދުވަހެއްގައި ކާވެނިކޮށްފިނަމަ، އެކާވެންޏަކީ 'ކޮންމެވެސް މީހަކަށް ގުޅައިގެން'، ނިޒާމާއި 'ޗާޓުން' ބޭރުން، ކޮރަޕްޝަނަށްވެސް ކޮންމެވެސް ވަރަކަށް ތުހުމަތު ކުރެވޭ ގޮތަށް ކޮށްފައިވާ ކައިވެންޏެއްކަމަށް ބެލުމުގެ ފުރުޞަތު އޮވެދާނެއެވެ.


__


ފޮޓޯ: ރާއްޖެ.އެމްވީ

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author