11/13/2022

ޢުންޞުރު

ތަޙުޤީޤުކުރާ އެކިއެކި އިދާރާތަކުން ހުށަހަޅާ ހެއްކާއި ޤަރީނާ ވަޒަންކޮށް، ދަޢުވާއެއް އުފުލާންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމަކީ، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ށ) އިން ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިފައިވާ ބާރެކެވެ. މީހެއްގެ މައްޗަށް ކުށެއް ސާބިތުނުވާހާ ހިނދަކު، އެމީހަކީ ކުށެއް ނުކުރާ މީހެއްކަމަށް ބަލަންޖެހޭނެކަމަށްވެސް ޤާނޫނުއަސާސީގައި އޮވެއެވެ.

 

ހެއްކާއި ޤަރީނާ ވަޒަން ކުރުމުގެ މާނައަކީ، ތަޙުޤީޤުގެ ލިޔުންތައް ދިރާސާކޮށް، އެމައްސަލައެއްގައި ކުށެއްގެ ދަޢުވާއެއް ކުރެވެން އޮތްކަން ނުވަތަ ނޫންކަން ކަނޑައެޅުމެވެ. މިއީ ޕްރޮސިކިއުޓަރުގެ ޒިންމާއެވެ. ދެން އޮންނާނީ، އެމައްސަލައެއް ކޯޓުގައި ސާބިތުކުރަން ވަކާލާތު ކުރުމެވެ. ބައެއް މީހުން ބުނެއެވެ. މައްސަލަ ސާބިތުވުމާއި ނުވުމަކީ ޝަރީޢަތުގައި ހިނގާ ކަމެކެވެ. އެއީ ތެދެކެވެ. ނަމަވެސް، ޤާނޫނުއަސާސީގައި ހެކި ވަޒަންކުރުމުގެ ޒިންމާއެއް ޕްރޮސިކިއުޓަރާ މަތިކޮށްފައި އޮތުމުން، އެއީ ކޮންމެވެސް މިންގަނޑެއް ގެންގުޅެންޖެހޭ ކަމެއްކަން އެނގެއެވެ. ދަޢުވާ ކުރާ މިންގަނޑާއި ސާބިތުވާ މިންގަނޑާ މިއީ ތަފާތު ދެ މިންގަނޑެއްކަން އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. ނަމަވެސް، ދަޢުވާއެއްކުރެވޭ މިންވަރަށް ދެވޭނީ، ހެކި ވަޒަންކުރާއިރު ކުށެއް އޮވެގެންނެވެ. ކުށެއް ނެތީސް ކޯޓަށް މައްސަލައެއް ހުށަހެޅީމާ، ފުރަތަމަ މަރްޙަލާގައި ކޮށްލާނީ ބޭރެވެ.

 

ހެއްކާއި ޤަރީނާ ވަޒަންކުރުމުގައި ބަލަންޖެހޭ ކަންކަން ކިޔައިދެނީ ކުށް ބަޔާންކުރާ ޤާނޫނުތަކުގައެވެ. ޤާނޫނުލްޢުޤޫބާތުގެ 15 ވަނަ މާއްދާގައި ބުނަނީ، މީހަކު ކުށްވެރިވެއްޖެކަމަށް ކަނޑައެޅޭނީ، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށުގެ ކޮންމެ ރުކުނެއް އެމީހެއްގެ މައްޗަށް ސާބިތު ކުރެވިގެން ކަމަށެވެ. ސާބިތުކޮށްދިނުމުގައި ޒިންމާ އޮންނާނީ ދަޢުވާކުރާ މީހާގެ މައްޗަށް ކަމަށްވެސް އެމާއްދާގައި ބުނެއެވެ. ޖިނާއީ މައްސަލަތަކުގައި ދަޢުވާކުރާނީ ޕްރޮސިކިއުޓަރ ޖެނެރަލެވެ. ނުވަތަ އޭނާގެ ފަރާތުން ކޯޓަށް ދާމީހެކެވެ. މިވާހަކަ އޮތީ، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ނ) ގައެވެ.

 

ވީމާ، ޕްރޮސިކިއުޓަރުގެ ޒިންމާއަކީ، ތަޙުޤީޤީ އިދާރާތަކުން ފޮނުވާ ލިޔުންތަކާއި، ޤާނޫނުގައި ކުށްކަމަށް އޮތް ކަންތަކާ ދެކަންތައް އެއްކޮށް ބަލައި، ދިރާސާކޮށް، ޤާނޫނުގައި ބުނާ ރުކުންތައް، ލިބިފައިވާ ލިޔުންތަކުގެ އަލީގައި ސާބިތުކޮށްދެވޭކަން ނުވަތަ ނޫންކަން ކަނޑައެޅުމެވެ. ހެކި ވަޒަން ކުރުމަކީ މިއެވެ.

 

މިސާލަކަށް، މާރާމާރީގެ މައްސަލައެކެވެ. ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ މާއްދާގައި އެއަށް ކިޔަނީ ޖެހުމެވެ. މީހަކު، މީހެއްގައި ޖެހުން ކުށަކަށްވަނީ، "މީހެއްގެ ރުހުމަކާ ނުލައި، އެނާގެ ގައިގާ އަތްލުން ނުވަތަ އޭނާއަށް އަނިޔާއެއް ކުރުމުން" ނެވެ. މިޢިބާރާތުގައި ބުނާ ހުރިހާ ކަމެއް، ލިބިފައިހުރި ހެކިތަކުގެ ބޭނުންކޮށްގެން ސާބިތުކޮށްދޭންޖެހޭނީ ޕްރޮސިކިއުޓަރެވެ. އެކަމުގައި އޭނާ ބަރޯސާވާނީ ތަޙުޤީޤުން ހޯދާފައިވާ ހެކިތަކަށެވެ.

 

"މީހެއްގެ ރުހުމަކާ ނުލައި، އޭނާގެ ގައިގާ އަތްލުން" މިއީ ކުށެވެ. މިކުށުގެ ޢުންޞުރުތަކަކީ ނުވަތަ އެލެމެންޓްސް ތައް ފުރިހަމަ ވުމަށްޓަކައި، ޖެހުމުގެ ޙަރަކާތެއް އޮންނަންޖެހެއެވެ. އަނިޔާ ލިބުނު މީހާގެ ރުހުން ނެތެންޖެހެއެވެ. މިދެޢުންޞުރު ހަމަނުވާނަމަ، ޤާނޫނީ ގޮތުން ޖެހުމެއް ނެތެވެ. ގައިގާ އަތްލާފައި އޮވެދާނެއެވެ. ނަމަވެސް، އެކަން ކުރީ އަތްލެވުނު މީހާގެ ރުހުމުގައި ނަމަ، ޢުންޞުރު ގެއްލުނީއެވެ. އަތްލެވުނު މީހާގެ ރުހުން ނެތުން އެއީ ޢުންޞުރެކެވެ. ހުރިހާ ޢުންޞުރަކާ ނުލައި ވަކި ޢަމަލެއް، ޤާނޫނީ ގޮތުން ކުށަކަށް ނުވާނެއެވެ. މީގެ އިތުރުން، ޖެހުމުގެ ޤަޞްދެއް އޮތްކަމާއި، ޖެހިދާނެކަމާމެދު ފަރުވާލެއް ނުބެހެއްޓުންވެސް ސާބިތުކޮށްދޭންޖެހޭނެއެވެ. މިއަށް، ޤާނޫނީ މީހުން ކިޔަނީ މެންސް ރެއާއެވެ. މިއީވެސް، ޢުންޞުރުގެ ވައްތަރެކެވެ. 

 

ޕްރޮސިކިއުޓަރުން (އާއި ދިފާޢީ ވަކީލުން) ގެ ތިބޭނީ ދެ ބެސްޓް ފްރެންޑެވެ. އެއީ، ކުށް ބަޔާންކުރާ ޤާނޫނާއި ޖިނާއީ އިޖުރާއަތު ބަޔާންކުރާ ޤާނޫނެވެ. މި ދެޤާނޫނުގައި ބުނާ ގޮތް ނޫން ގޮތަކަށް ކަމެއް ކުރުމަކީ ޕްރޮސިކިއުޓަރަށް ކުރެވޭނެ ކަމެއް ނޫންކަމަށް ޤާނޫނުއަސާސީގައި އޮވެއެވެ. ކުށް ބަޔާންކުރާ ޤާނޫނުގައި އޮންނާނީ ކުށުގެ ޢުންޞުރުތަކެވެ. ކުށެއް، ކުށަކަށްވާ ގޮތެވެ. ސާބިތުކޮށްދޭންޖެހޭ ކަންކަމެވެ. އިޖުރާއަތުގެ ޤާނޫނުގައި އޮންނާނީ، އެކަންކަން ސާބިތުކުރުމަށްޓަކައި ހިނގާންޖެހޭ މަގެވެ. މިދެކަންތައް ރަނގަޅަށް އެނގުމަކީ ޤާނޫނީ ވަކީލުންގައި ކޮންމެހެން ފުރިހަމަވާންޖެހޭ އަސާސީ ސިފައެވެ. އެއީ ޕްރޮސިކިއުޓަރަކަސް، ދިފާޢީ ވަކީލަކަސްވެހެވެ. ޢުންޞުރު ދެނެގަނެ، އެއާ ބެހޭ ގޮތުން ދިގުކޮށް، ފުންކޮށް ވާހަކަ ދައްކަން ނޭނގޭ ވަކީލަކީ ރަނގަޅު ވަކީލެއް ނޫނެވެ.

 

ޕްރޮސިކިއުޓަރަކަށް ޢުންޞުރާ ނުލައި ކޯޓުގައި ދައްކާނެ ވާހަކައެއް ނޯންނާނެއެވެ. އެއްވެސް ޢުންޞުރެއް ސާބިތުކޮށް ނުދެވިއްޖެނަމަ، ކުށެއް ސާބިތު ނުވީއެވެ. ޢުންޞުރާ ނުލައި ދަޢުވާ ކުރީމާ ދެނަތީޖާއެއް ނުކުމެއެވެ. ފުރަތަމަ ނަތީޖާއަކީ، ހަމަ ކަށަވަރުކަމާއެކު ކުށް ސާބިތު ނުވުމެވެ. ދެވަނަ ނަތީޖާއަކީ، ދެން އެކުށަކަށް ދަޢުވާއެއް ނުކުރެވުމެވެ. މިވާހަކަވެސް ޤާނޫނުއަސާސީގައި އޮވެއެވެ. ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުނުވާކަމަށް ކޯޓަކުން ޙުކުމް ކޮށްފިނަމަ، ދެވަނަ ފަހަރަށް ހަމަ އެ ކުށުގެ ނުވަތަ އެކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާއެއް އެމީހެއްގެ މައްޗަކަށް ނުއުފުލޭނެކަމަށް 60 ވަނަ މާއްދާގެ (ހ) ގައި އޮވެއެވެ.

 

ވީމާ، ޢުންޞުރު ހަމަނުވަނީސް ދަޢުވާއެއް ކުރުމަކީ، އެދަޢުވާ ލިބޭ މީހަކަށް ކޮށްދެވޭ ހެޔޮކަމެކެވެ. އެއީ، ކުށެއް ސާބިތެއް ނުވާނެއެވެ. އޭގެ ފަހުން، ހެކި ލިބުނަސް، ޢުންޞުރު ފެނުނަސް، ފަހުން ދަޢުވާއެއްވެސް ނުކުރެވޭނެއެވެ. އޭނާގައި އޭގެ ފަހަކުން އަތެއް ނުލެވޭނެއެވެ. އަނެއް ގޮތަކުން ބަލާއިރު، ޢުންޞުރު ނުފެންނަނީސް ދަޢުވާ ކުރުމަކީ ބޭއިންޞާފެކެވެ. އެއީ، ބޭކާރު ކަމެއްގައި މީހެއްގެ އަބުރު ނަގާލުމެވެ. ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއަށް މީހަކު ވެއްދުމަކީ ވަރަށް ބޮޑު ނިންމުމެކެވެ. ޒިންމާދާރުކަމާއެކު ނިންނަންޖެހޭ ނިންމުމެކެވެ. ހަމަ ކަނޑައެޅިގެން އެނގިހުރެ، އެނިޒާމުގެ ތެރެއަށް ވައްދަން ނުޖެހޭ މީހަކު ވައްދައި، އޭނާއަށް އެތައް ތަކުލީފުތަކެއް ކުރިމަތި ކުރުވުމަކީ އަޚްލާޤީ ގޮތުން ހެޔޮވާނެ ކަމެއް ނޫނެވެ. ތަކުލީފުތަކުގެ ތެރޭގައި ޤާނޫނީ ވަކީލަކު ހޯދުމާއި، ނަފްސާނީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް ހިމެނެއެވެ.

 

އެކި ކުށުގެ ޢުންޞުރުތައް، ނުވަތަ ރުކުންތައް، އެކުށެއްގެ ގޮތުން ތަފާތުވެދާނެއެވެ. ތަޙްޤީޤުކުރާ މީހާ، ތަޙްޤީޤުގެ މިސްރާބު ގެންގުޅެންޖެހޭނީ ޢުންޞުރުތަކާ ދިމާލަށެވެ. ތަޙްޤީޤު ފުރިހަމަކޮށް ކާމިޔާބު ކުރެވޭނީ އޭރުންނެވެ. ޖިނާއީ ޢަދުލުގެ ނިޒާމުގެ ފެށުން އޮތީ ޢުންޞުރު ހޯދުމުގައެވެ. އެހެންކަންކަން ތަރުތީބުވަނީ އެކަމުގެ މައްޗަށެވެ. 


-------------


މިލިޔުން އެންމެ ފުރަތަމަ ޝާއިޢު ކުރެވުނީ 28 މާރިޗު 2021 ގައެވެ. އައު ވެބްސައިޓް ތަޢާރަފްވެގެން، ކުރީގެ ލިޔުންތައް އައު ވެބްސައިޓަށް ހިޖުރަކުރިއިރު، މިލިޔުން ހިޖުރަނުކުރެވި އޮއްވާ ފެނިގެން އަލުން ޝާއިޢުކުރީއެވެ. މިލިޔުން ފުރަތަމަ ޝާއިޢުކުރިފަހުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބައެއް ނިންމެވުންތަކުގައި ޢުންޞުރު ދިމާކުރާނެ ގޮތް ބަޔާންކޮށްދެއްވާފައިވެއެވެ. އޭގެ ފަހުން ފާސްކުރެވުނު ހެއްކާބެހޭ ޤާނޫނުގައިވެސް، ޢުންޞުރުގެ ވާހަކަ ތަކުރާރުކޮށް ގެނެސްފައިވެއެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author