
6/28/2023
މިއަހަރުގެ އޭޕްރީލް މަހު ރަސްމީ މަސައްކަތާގުޅޭ ދަތުރެއްގައި ސައުތު ކޮރެއާގެ ސިއޯލްއަށް ދަތުރެއް ކުރީމެވެ. ސިއޯލުން އަޅުގަނޑު ޙައިރާންވީ، އެޤައުމުގެ ފާޚާނާއާއި ނަރުދަމާ ނިޒާމު ތަރައްޤީ ވެފައި އޮތް މިންވަރުންނެވެ. ތަރައްޤީއާއި ތަމައްދުނު ގުޅިފައިވަނީ ފާޚާނާކުރުމުގެ (އަދި ނަރުދަމާ) ނިޒާމާއެވެ.
ތަރައްޤީ ވަޒަންކުރާ މިންގަނޑަކީ، ތިމާއާއި ތިމާގެ ބޮޑުކަމުދާތަކެތި ގޮސް ނިމޭ ހިސާބާ އޮންނަ ދުރުމިނުންނެވެ. ބޮޑުކަމުދާތަނާއި ބޮޑުކަމުދާތަކެތި ގޮސް ނިމޭ ހިސާބާ ކައިރިނަމަ، ތަރައްޤީގެ މިންވަރު ކުޑައެވެ. ބޮޑުކަމުދާތަކެތި ގޮސް ނިމޭ ހިސާބު، ތިމާ ބޮޑުކަމު ދިޔަ ހިސާބާ ދުރުވާ ވަރަކަށް ތަރައްޤީވެފައިވާކަން ރަމްޒުކޮށްދެއެވެ.
2030 ގެ ކުރިން، ކޮންމެ އިންސާނަކަށް ރައްކާތެރި ފާޚާނާއެއް ލިބުން – ޔޫއެންގެ އަމާޒު
1 ގްރާމް ބޮޑުކަމުދާތަކެތީގައި، 10 މިލިއަން ވައިރަސްއާއި، 1 މިލިއަން ބެކްޓީރިއާއި 1000 ޕެރަސައިޓިކް ސިސްޓު ހުންނަ ކަމަށްވެއެވެ. ބޮޑުކަމުދާތަކެތީގައި ޖައްސާ މެއްސާއި ބަލިފަތުރާ ސޫފިސޫފާސޫފީގެ ސަބަބުން އިންސާނުންނަށް ބަލީގެ އަސަރު ކުރެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބު ދައްކާ ގޮތުން، 5 އަހަރުން ދަށުގެ 1.5 މިލިއަން ކުޑަކުދިން، ބޮޑުކަމުދާތަކެތި ރައްކާތެރިކަމާއެކު ނައްތާނުލެވުމާ ގުޅިގެން އުފެދޭ ބަލިތަކުން މަރުވެއެވެ. މިސަބަބަށްޓަކައި، ޔުނައިޓެޑް ނޭޝަންސްގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސްގެ 6.2 ގައި، 2030 ގެ ކުރިން، ކޮންމެ އިންސާނަކަށް ރައްކާތެރި ފާޚާނާއެއް ލިބުމަކީ، ދުނިޔޭގެ އެންމެން ޙާޞިލުކުރަން ކަނޑައަޅާ އަމާޒެއްކަމަށް ލިޔެފައިވެއެވެ. 2021 ވަނަ އަހަރު ނިމުނުއިރު، އަދިވެސް، ދުނިޔޭގެ އާބާދީގެ 3.6 ބިލިއަން މީހުންނަށް ރައްކާތެރި ފާޚާނާއެއް ނެތެވެ.
ދިވެހިރާއްޖެއާއި ފާޚާނާކުރުން
ދިވެހިރާއްޖޭގައި، އެންމެ ފުރަތަމަ މީހުން ބޮޑުކަމު ގޮސް އުޅުނީ، ގޭގައި ހުންނަ ގިފިލީގެ ކަނެއްގައި ވަޅެއް ކޮނެގެންނެވެ. އެވަޅުގަނޑުގެ ފުންމިނަކީ ޢާންމު ގޮތެއްގައި ހައެއްކަ އިންޗިއެވެ. ގިފިއްޔަށާއި ފެން ލިބޭ ހިސާބަށް ބޮޑުކަމުދަނީ ސާފުކުރަން ފަސޭހައަކަށެވެ. ގިފިއްޔަށް ބޮޑުކަމުދިއުމުން، ބޮޑުކަމުދާތަކެތީގެ އަސަރު، ބިމުގެ ތެރެއިން ގޮސް، ގިފިލީގައި ހުންނަ ފެނަށް (ވަޅަށް) ކުރެއެވެ. ރަށުގެ ފެންފަށަލައަށްވެސް ނަޖިހުގެ އަސަރު ކުރެއެވެ. އެފެން، ބުއިމަށާއި، ފެންވެރުމާއި އެކި ކަންކަމުގައި ބޭނުންކުރާއިރު، ފެނުގައި ހުންނަ ނަޖިހުގެ އަސަރު ހަށިގަނޑުގެ ތެރެއަށްގޮސް، ތަފާތު ބަލިތައް ޖެހި، ފަސޭހަކުރެވޭ ޒާތުގެ ބަލިތަކުގައި މީހުން މަރުވެއެވެ.
ރާއްޖޭގައި ފާޚާނާކުރި ދެވަނަ ގޮތަކީ 'އަތިރިއަށް' ދިއުމެވެ. އަތިރިއަށް ދިއުމުންވެސް، ރަށުގެ ފެންފަށަލައަށް ކުރާ އަސަރު ކުރެއެވެ. ނަމަވެސް، ބޮޑުކަމުދާތަކެއްޗާއި ތިމާ ދިރިއުޅޭ ތަނާ ކުޑަކޮށް ދުރުވިއެވެ. ކުޑަކުޑަ ތަރައްޤީއެކެވެ. އެއަށްފަހު އައީ ނަރުދަމާ ނިޒާމުގެ ޒަމާނެވެ. ފުރަތަމަ، ގިފިލީގައި ޖަންކްޝަނެއް ބަހައްޓައިގެންނެވެ. އެއަށްފަހު، އެ ޖަންކްޝަން ގިފިލިން ނެރެގެން، މަގުމައްޗަށެވެ. ނަޖިސް ހިންދަނީ އަދިވެސް ރަށުގެ ފެންފަށަލައަށެވެ. ނަމަވެސް، ގޭތެރެއިން ނެރެ، ގެއަށްވުރެ ތަންކޮޅެއް ދުރަށެވެ. އެއަށްފަހު، ނަރުދަމާ ނިޒާމު ތަރައްޤީވެ، ރަށުގެ ބިމުގެ ފަށަލައިން ބޭރަށް، ކަނޑަށް ނަޖިސް ދޫކުރަން ފެށިގެއެވެ. މިއަދުވެސް، ރާއްޖޭގެ ގިނަ ރަށްރަށުގައި ނަރުދަމާ ނިޒާމު މަސައްކަތްކުރަނީ މިގޮތަށެވެ. ކަނޑަށް ނަޖިސް ފޮނުވުމުން، ކަނޑުގެ ދިރުމަށް ކޮންމެވެސް އަސަރެއް ކުރުން އެކަށީގެންވެއެވެ. ނަމަވެސް، އިންސާނުންގެ ބަލިމަޑުކަމަށްވުރެ ރަނގަޅީ އެގޮތް ކަމަށްވާތީ، އެގޮތަށް އެކަން ކުރަނީއެވެ. މިހާރު، މޫސުމް ބަދަލުވެ، އޮއިވަރު ބަދަލުވާއިރު، ބައެއް ފަހަރު މޫދުން ނަޖިހުގެ އަސަރު ފެނުން ފިޔަވައި، ރަށުގެ ފެން ފަށަލައަށް ނަޖިހުން ކުރާ އަސަރު ކުޑަކުރެވިފައިވެއެވެ. ބޮޑުކަމުދާތަކެތީގެ ސަބަބުން ޖެހޭ ބަލިތައް މަދެވެ. ބޮޑުކަމުދާތަކެތި ގޮސް ނިމެނީ ތިމާއާ ދުރަށް ކަމަށްވާތީ، ތަރައްޤީގެ މަގުގައި ކުޑަ ކުރިއެރުމެއް ލިބިފައިވެއެވެ.
ރާއްޖޭގައި މިބަލަނީ ނަޖިސް، ވީހާވެސް ދުރަށް ފޮނުވޭތޯއެވެ. އެހެން ޤައުމުތަކުންވެސް ފުރަތަމަ ކަންތައް ކުރި އެހެނެވެ. ނަމަވެސް، މިހާރު، ސައުތުކޮރެއާ މީހުން، ނަޖިހުގެ ގޮތުގައި ބޭރުކުރާ ތަކެތި ދިރާސާކޮށް، އޭގެ ތެރެއިން އަލުން ބޭނުންކުރެވެން ހުރި ބައިތައް ބަލައި، އެބައިތައް ދަނީ އިޢާދަކުރަނިވި ގޮތަކަށް ބޭނުންކުރަމުންނެވެ. ނަޖިހުގެ ގޮތުގައި ބޭރުކުރާ ފެން، ޓްރީޓްކޮށްގެން، އެކި ކަންކަމަށް ބޭނުންކުރެއެވެ. ބޮޑުކަމުދާތަކެތި ޓްރީޓްކޮށްގެން، ގަސްކާނާއާއި ތަފާތު ކަންކަމަށް ބޭނުންކުރެއެވެ. ސައުތު ކޮރެއާގެ ފާޚާނާތައްވެސް އާދަޔާ ޚިލާފަށް ސާފެވެ. ބޮޑުކަމުދިއުމަށްފަހު، ޓެކްނޮލޮޖީގެ އެހީގައި، ފާޚާނާ ތަށީގައި ހަރުކޮށްފައި ހުންނަ ބަޓަންތަކުގެ ބޭނުންކޮށްގެން، ފެނުގައި އަތް ނުލައި، ފާޚާނާކޮށް، ދޮވެ، ހިއްކައިގެން ނުކުމެވެއެވެ. މިއީ، ފިނި މޫސުމުގައި ވަކިން ބޭނުންތެރި ޚިދުމަތެކެވެ. ސައުތުކޮރެއާ މީހުން، ނަޖިހުގެ ދާއިރާގައި ތަރައްޤީގެ ބޮޅު ފުރިހަމަކޮށް، ނަޖިސް ވަށައި ޖައްސައިފިއެވެ!
ނަރުދަމާ ނިޒާމު
ކޮންމެ ޤައުމެއްގެ ބަހާއި ބަސްމަގަކީ، އެޤައުމުގެ ކަންކަން ދެނެގަންނަން ބޭނުންކުރާ ވަޞީލަތެކެވެ. ދިވެހިރާއްޖޭގައި ޖަންކްޝަންތަކާއި ނަރުދަމާގެ ނިޒާމު ތަޢާރަފުވީއިރު، އެއީ ކޯއްޗެއްކަމެއް މީހުންނަކަށް ނޭނގެއެވެ. އެއަށް ކިޔާނެ ދިވެހި ނަމެއް ނެތެވެ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން، ޖަންކްޝަންތައް ހެދިއިރު، ޖަންކްޝަން ސާފުކުރުމަށް ނަރެއް ލައްވައިގެން ދަމާ މަންޒަރު މީހުންނަށް ފެންނާތީ، ދިވެހި ބަހުން އެނިޒާމަށް ކީ ނަމަކީ "ނަރުދަމާ ނިޒާމެވެ". އެއީ، ޖަންކްޝަން ވަޅުގަނޑު ސާފުކުރަން، ނަރެއް ލައްވައިގެން ދަމާތީއެވެ.
ސައުތު ކޮރެއާ – ވަރލްޑް ޓޮއިލެޓް އެސޯސިއޭޝަން އުފެއްދި ޤައުމު
ވަރލްޑް ޓޮއިލެޓް އެސޯސިއޭޝަނަކީ ފާޚާނާގެ ކަންކަމަށް ވަކާލާތުކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. ސައުތު ކޮރެއާ ޕްރައިމް މިނިސްޓަރުގެ ސީދާ ހުއްދައާއެކު، 2007 ވަނަ އަހަރު، ވަރލްޑް ޓޮއިލެޓް އެސޯސިއޭޝަން (ޑަބްލިއު.ޓީ.އޭ) ގެ އެންމެ ފުރަތަމަ އަހަރީ ޖަލްސާ އެޤައުމުގައި ބާއްވާފައިވާތީ، އެޤައުމުގެ ސަރުކާރުންވެސް ފާޚާނާއާމެދު ދެކޭގޮތް އެނގެއެވެ. 66 ޤައުމަކުން 250 އަށްވުރެ މީހުން ބައިވެރިވި މި ބައްދަލުވުން ބޭއްވުމުގެ ހުއްދަ ލިބުނީ، ކޮރެއާގެ ސުވޮން ސިޓީގެ މޭޔަރު ސިމް ޖައެ ޑަކްއަށެވެ. އޭނާއަކީ ފާޚާނާއަށް އިންތިހާއަށް އަހައްމިއްޔަތުކަމަކާއި ލޯތްބެއް ދިން، ސައުތު ކޮރެއާގެ (އަދި ދުނިޔޭގެ) ފާޚާނާއާ ގުޅޭ ސަޤާފަތް ބަދަލުކުރުމުގެ އެއް މޭސްތިރިއެވެ. އޭނާގެ އެންމެ ފުރަތަމަ އަމާޒަކަށްވީ، 1996 ގެ ފީފާ ވަރލްޑްކަޕް، ކޮރެއާއާއި ޖަޕާނުގައި ބޭއްވިއިރު، ސުވޮން ސިޓީގެ ފާޚާނާ ސަޤާފަތް ބަދަލުކުރުމެވެ. އެގޮތުން، އެމުބާރާތަށް، ސުވޮން ސިޓީގައި ހުރި 700 ޕަބްލިކް ފާޚާނާ އެއްކޮށް އައުކުރިއެވެ. ބޮޑުކަމުދާ ތިރި ތަށީގެ ބަދަލުގައި، ވަރލްޑްކަޕް ބަލަން އަންނަ ޔޫރަޕު މީހުންނަށް ފަސޭހަވާނޭ ގޮތަށް އުސްތަށި ހަރުކޮށް، ފާޚާނާތަކުގެ ކުލަ ބަދަލުކޮށް، ކުރެހުންތަކާއި، އެއަރފްރެޝްނަރާއި، ރީތި ފަރުނީޗަރާއި ފިޓިންގްސްއިން ފާޚާނާތައް ޒީނަތްތެރިކުރިއެވެ.
2007 ގައި، ސިމް ޖައެ ޑަކް، އޭނާގެ އަމިއްލަ ގެ، ފާޚާނާ ތައްޓެއްގެ ޑިޒައިނަށް ބަދަލުކުރިއެވެ. 2009 ގައި އޭނާ ނިޔާވުމުން، އޭނާގެ ވަޞިއްޔަތާ އެއްގޮތަށް، އެގެއަކީ ފާޚާނާގެ ދާރުލްއާސާރަކާއި ތީމް ޕާކެއްގެ ގޮތުގައި ސުވޮން ސިޓީ ކައުންސިލުން ކަނޑައެޅިއެވެ.
The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author